
ސުވާލު: އޮށޯވެ އޮވެގެން ޛިކްރު ކުރުމާއި ކީރިތި ޤުރްއާން ކިޔެވުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟
ޖަވާބު: الحمد لله والصلاة والسلام على رسول الله.
އޮށޯވެ އޮވެ ޛިކުރު ކުރުމަކީ ހުއްދަ ކަމެކެވެ. އަދި ކީރިތި ޤުރްއާން ކިޔެވުމަކީވެސް ހުއްދަ ކަމެކެވެ. އޭގެ ދަލީލަކީ އާލްޢިމްރާން ސޫރަތުގެ 191 ވަނަ އާޔަތެވެ.
﴿الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَى جُنُوبِهِمْ﴾
މާނައީ: “އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން، الله ހަނދުމަކޮށް، އުޅޭމީހުންނެވެ.”
ޤުރްއާން ކިޔެވުމަކީ ﷲ ހަނދުމަކުރުމުގެ (ޒިކުރުގެ) އެންމެ މަތިވެރި ބާވަތް ކަމަށްވާއިރު، މި އާޔަތުން އޮށޯވެގެން އޮވެ ކިޔެވުމުގެ ހުއްދަކަން އެނގެއެވެ.
އަދި ޞަޙީޙުލް ބުޚާރީ (7549) އަދި މުސްލިމް (301) ގައި ރަސޫލު الله ﷺ ޢާއިޝާ رضي الله عنها ގެ އުނގުފުޅުގައި އޮންނަވައިގެން ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވާ ކަމުގައި އައިސްފައިވެއެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَتَّكِئُ فِي حِجْرِي وَأَنَا حَائِضٌ ثُمَّ يَقْرَأُ القُرْآنَ މާނައީ: “ހަމަކަށަވަރުން ކީރިތި ރަސޫލާ ﷺ ތިމަންކަމަނާ ޙައިޟުވެރިވެގެން އިންނަވާއިރު، ތިމަންކަމަނާގެ އުނގުފުޅުގައި އޮށޯވެވަޑައިގެން އޮންނަވައި ކީރިތި ޤުރްއާން ކިޔަވައިވިދާޅުވެއެވެ.”
އިމާމް ނަވަވީ ރަޙިމަހުﷲ “ޞަޙީޙު މުސްލިމްގެ ޝަރަޙަ” ގައި ބަޔާންކުރައްވާފައިވެއެވެ.
“އޮށޯވެ އޮވެގެންނާއި، އެއްޗަކަށް ލެނގިލައިގެން އިނދެ ކީރިތި ޤުރުއާން ކިޔެވުމަކީ ހުއްދަވެގެންވާ ކަމެއްކަން މީގެއިން އެނގިގެންދެއެވެ.”
މި ޙަދީޘުން ވަރަށް ސާފުކޮށް އެނގެނީ އޮށޯވެ އޮވެގެން ޤުރްއާން ކިޔެވުމަކީ ކީރިތި ރަސޫލާ ﷺ ކުރައްވާފައިވާ ކަމެއް ކަމެވެ.
އެހެންކަމުން، ބަލިވެގެންވިޔަސް ނުވަތަ ވަރުބަލިވެގެންވިޔަސް ނުވަތަ ނިދަން އޮށޯވެ އޮވެގެންވިޔަސް ޤުރްއާން ކިޔެވުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ.
والله أعلم.



