
ބަހުގެ ގޮތުން ބަލާއިރު “އިލްޙާދު” މި ބަހުގެ މާނައަކީ ސީދާ މަގުން ކައްސާލުން ނުވަތަ މަޤްޞަދުން އެއްކިބާވުން ނުވަތަ ކަސިޔާރުވުމެވެ.
ޝަރުޢީ ނުވަތަ އިޞްޠިލާޙީ ގޮތުން އިލްޙާދަކީ، މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވާކަމަށް އިންކާރު ކުރުމެވެ.
މުލްޙިދުންނަކީ (Atheists) މާތްﷲ ވޮޑިގެންވާކަމަށް މުޅިން އިންކާރުކޮށް، އެއްވެސް ކަލަކު ނުވަތަ ޚާލިޤަކު ވާކަމަށް ގަބޫލުނުކުރާ މީހުންނެވެ. ކަލަކު ވޮޑިގެންވާކަމާއި، އެކަލާނގެ އެއްކައުންވަންތަކަމާއި، ރުބޫބިއްޔަތާއި އުލޫހިއްޔަތަށް އީމާންވުމުން އެއްކިބާވެގަންނަ މީހުންނެވެ.
މިފަދަ މީހުން ދެކޭގޮތުގައި، މި ކާއިނާތަކީ އެއްވެސް ޚާލިޤަކާ ނުލައި އުފެދިފައިވާ އެއްޗެކެވެ. އަދި މާއްދާއަކީ އަބަދަށް ދެމިގެންވާ (އަޒަލީ) އެއްޗެއް ކަމަށާއި، އަދި މާއްދާއަކީ އުފެއްދި ފަރާތްވެސް އަދި އުފެއްދުންވެސް ކަމަށް އެމީހުން ދަޢުވާކުރެއެވެ. މި ސަބަބަށްޓަކައި، އެމީހުން ރަސޫލުންނަށް ކާފިރުވެ، ދީންތަކަކީ އިންސާނުން އަމިއްލައަށް ކަނޑައަޅާފައިވާ އެއްޗެއް ކަމަށް ބުނެއެވެ.
ޖުމްލަކޮށް ބަލާއިރު މުލްޙިދުން ނުވަތަ އެތީސްޓުން ދެ ބަޔަކަށް ބެހިގެންވެއެވެ.
ފުރަތަމަ ބަޔަކީ: މާތް ﷲ ވޮޑިގެންވާކަމަށް އިންކާރުކޮށް، އެކަލާނގެ ވޮޑިގެންނުވާކަމަށް ގަބޫލުކުރާ މީހުންނެވެ. އާދެ! އެކަން ޔަގީންކޮށްގެން ތިބޭ މީހުންނެވެ.
ދެވަނަ ބަޔަކީ: “އެގްނޮސްޓިކްސް” (Agnostics) ނުވަތަ “ލާއަދްރިއްޔާ” އޭ ކިޔޭ މީހުންނެވެ.
މިއީ ރައްބު ވޮޑިގެންވާކަން ނުވަތަ ނޫންކަން، ތިމަންމެންނަކަށް ނޭނގެއޭ ބުނާ މީހުންނެވެ.
މި ދެބައިމީހުންގެ މެދުގައި އޮތް އެއްގޮތް ކަމަކީ، މާތްﷲ ވޮޑިގެންވާކަމަށް އީމާންނުވުމެވެ. ނަމަވެސް، ފުރަތަމަ ބައިގެ މީހުން އެކަމަށް އިންކާރުކުރަނީ ކަނޑައެޅިގެން ޔަޤީންކަމާއެކު ބުނާ ބުނުމެއްގެ ގޮތުގައެވެ. އަދި ދެވަނަ ބައިގެ މީހުން ތިބީ އެކަމާ މެދު ޝައްކެއްގެ މަތީގައެވެ.
—
الإلحاد: وسائله، وخطره، وسبل مواجهته –
د. صالح بن عبد العزيز بن عثمان سندي
އިލްޙާދު: އޭގެ ވަސީލަތްތަކާއި، ނުރައްކާތެރިކަމާއި، އެއާ ކުރިމަތިލާނެ ގޮތްތައް- ލިޔުއްވީ: ޑރ. ޞާލިޙް ބިން ޢަބްދުލްޢަޒީޒް ބިން ޢުޘްމާން ސިންދީ
ތަރުޖަމާ: ޝައިޚް މުޙައްމަދު ޝާފިޢު



