
އާދެ، ބޫޓު ނުވަތަ ޚުއްފު (ހަމުން ފަހާފައި ހުންނަ އިސްޓާކީނު ފަދަ ތަކެތި) މަތީގައި ފެން ފޮހުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެކެވެ. ނަމަވެސް މިގޮތަށް ފެންފުހޭނަމަ ވުޟޫ ޞައްޙަވާނީ ތިރީގައިވާ ޝަރުތުތައް ފުރިހަމަވެގެންނެވެ.
1- ޠަހާރަތުގެ މަތީގައި ބޫޓަށް އެރުން: އޭގެ މާނައަކީ ވުޟޫކޮށްގެން ވުޟޫ މަތީގައި ހުރެ ބޫޓަށް އެރުމެވެ.
2- ބޫޓަކީ ފައިން ދޮވުން ފަރުޟުވެގެންވާ ހިސާބު ފޮރުވޭ އެއްޗެއްކަމުގައި ވުން: އޭގެ މާނައަކީ ތަނބިކަށި ނިވައިވުމެވެ. ބޫޓަކީ ފައިގެ ތަނބިކަށި ހިމެނޭހެން އެއަށްވުރެ މައްޗަށް ހުންނަ އެއްޗަކަށް ވާންޖެހޭނެއެވެ.
3- ސާފުތާހިރު އެއްޗަކަށްވުން: ބޫޓަކީ ނަޖިހުން ސާފުވެގެންވާ އެއްޗަކަށް ވާންޖެހޭނެއެވެ.
4- ފެން ފުހުމުގެ ވަގުތު ހަމަނުވުން: ރަށުގައި ހުންނަ މީހެއްނަމަ ބޫޓަށް އެރިފަހުން ފުރަތަމަ ވުޟޫ ގެއްލޭ ވަގުތުން ފެށިގެން 24 ގަޑިއިރު (އެއް ދުވަހާއި އެއް ރޭ) ވަންދެން ފުހެވޭނެއެވެ. ދަތުރުވެރިއެއްނަމަ 72 ގަޑިއިރު (ތިން ދުވަހާއި ތިން ރޭ) ވަންދެން ފުހެވޭނެއެވެ.
ފެން ފުހޭނެ ގޮތް: ވުޟޫކުރާއިރު ފައި ދޮވުމުގެ ބަދަލުގައި، ދެއަތް ތެންމާލުމަށްފަހު ބޫޓުގެ މަތީ ފަރާތުގައި (އިނގިލިތަކާ ދިމާލުން ފެށިގެން މައްޗަށް) އެއްފަހަރު އަތް ހާކާލާނީއެވެ. ބޫޓުގެ ދަށްފަރާތުގައި ނުވަތަ ފަސްފަހަތުގައި ފުހޭކަށްނުޖެހޭނެއެވެ.
ޖުނުބުވެރިވުން ފަދަ ހިނައިގަންނަންޖެހޭ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ، ބޫޓު ބާލައި ފައި ދޮންނަން ޖެހޭނެއެވެ. އެފަދަ ޙާލަތްތަކުގައި ފެންފުހުން ފުދިގެންނެއް ނުވެއެވެ.
ފުންނާބު ފޮރުވޭވަރަށްވުރެ ކުރު ބޫޓަކަށް އަރައިގެން ހުންނަ މީހާ، ބޫޓާއި އިސްޓާކީނު މަތީގައި ފެން ފުހުމާ ގުޅޭގޮތުން ތިން ހާލަތެއް ވެއެވެ.
ފުރަތަމަ ހާލަތު: ހަމައެކަނި ބޫޓުގެ މަތީގައި ފެން ފުހުން. މިއީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ސަބަބަކީ ފައިން ދޮންނަން ލާޒިމުވާ މިންވަރު ބޫޓުން ނިވާނުވާތީއެވެ.
ދެވަނަ ހާލަތު: ހަމައެކަނި އިސްޓާކީނުގެ މަތީގައި ފެން ފުހުން. އެއީ ބޫޓު ބޭލުމަށްފަހު އިސްޓާކީނުގެ މަތީގައި ފެން ފުހެ، އަލުން ބޫޓަށް އެރުމެވެ. މިއީ ހުއްދަ ކަމެކެވެ. އަދި މިގޮތަށް ކަންތައް ކުރުމަށްފަހު، ބޫޓު ބޭލި ކަމުގައިވިޔަސް އޭނާގެ ވުޟޫއެއް ނުގެއްލޭނެއެވެ.
ތިންވަނަ ހާލަތު: ބޫޓާއި އިސްޓާކީނު، މި ދެ އެއްޗާ އެކީގައި ފެން ފުހުން. މިއީވެސް ހުއްދަވެގެންވާ ގޮތެކެވެ. މިގޮތަށް ކުރު ބޫޓުގެ މަތިން ފެން ފުހެން ފަށައި، އިސްޓާކީނުގެ މަތިން ފުހެ ނިންމާލައިފިނަމަ، އެ ދެ އެއްޗަކީވެސް ފެން ފުހުމުގެ ޙުކުމް ހިނގާނެ ދެ އެއްޗެވެ. އެހެންކަމުން، ބޫޓު އެކަނި ބޭލި ކަމުގައިވިޔަސް ނުވަތަ ބޫޓާއި އިސްޓާކީނު ދެއެތި އެކުގައި ބޭލި ކަމުގައިވިޔަސް، އޭނާގެ ޠަހާރަތެއް (ވުޟޫއެއް) ނުގެއްލޭނެއެވެ. އަދި އެ ވުޟޫގައި ނަމާދުކުރުން ހުއްދަވާނެއެވެ. ނަމަވެސް، ފައި ދޮވެގެން ފުރިހަމަ ވުޟޫއެއް އަލުން ކުރަންދެން، ދެން އަންނަ ފަހަރަކު އެދެއެތީގެ މަތީގައި ފެން ފުހުމަކީ ހުއްދަވާނެ ކަމެއް ނޫނެވެ.
ވަﷲ އަޢުލަމު
މަރްޖިޢު
https://islamqa.info/ar/answers/228515



