ކަހްފު ސޫރަތުގައި ވާ ހަތަރު ވާހަކަ

ސޫރަތުލް ކަހްފުގައި ބަޔާންވެގެންވާ މި ހަތަރު ވާހަކައަކީ އިންސާނާގެ ދިރިއުޅުމުގައި ކުރިމަތިވާނެ އެންމެ ބޮޑު ހަތަރު އިމްތިޙާނުގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެކެވެ.

1. ދީނުގެ އިމްތިޙާނު (ކަހްފުބާގައިގެ މީހުންގެ ވާހަކަ):މިއީ އެބައިމީހުންގެ އީމާންކަން ހިމާޔަތްކުރުމަށްޓަކައި، އަނިޔާވެރި ރަސްކަލެއްގެ ކިބައިން ސަލާމަތްވުމަށް ހޮހަޅައަކަށް ވަން ޒުވާނުންތަކެއްގެ ވާހަކައެވެ. މި ވާހަކައިން ދަސްކޮށްދެނީ ދީނުގެ މަގުގައި ސާބިތުވެ ތިބުމުގެ މުހިންމުކަމާއި، ދަތި އުނދަގޫ ހާލަތްތަކުގައިވެސް މާތްﷲއަށް ވަކީލުކުރުމުން އެކަލާނގެ ރަޙްމަތް ފުޅާވެގެންވާ ކަމެވެ.

2. މުދަލުގެ އިމްތިޙާނު (ދެ ބަގީޗާގެ ވެރިޔާގެ ވާހަކަ):މިއީ ވަރަށް ތަނަވަސް، މުއްސަނދި ދެ ބަގީޗާގެ ވެރިއަކު އޭނާގެ މުދަލަށް ފަޚުރުވެރިވެ، ބޮޑާވެގަތް ވާހަކައެވެ. އޭނާ ހީކުރީ އެ މުދަލަކީ އޭނާގެ އަމިއްލަ މޮޅުކަމުން ލިބުނު އެއްޗެއް ކަމަށާއި އެ ދުވަހަކުވެސް ފަނާވެ ނުދާނެ އެއްޗެއް ކަމަށެވެ. ނަތީޖާއަކީ އޭނާގެ މުދާ ހަލާކުވެ ދިއުމެވެ. މި ވާހަކައިން ބުނެދެނީ ދުނިޔޭގެ މުދަލަކީ އިމްތިޙާނެއް ކަމާއި، ހުރިހާ ނިޢުމަތެއްގެ ވެރިފަރާތަކީ މާތްﷲ ކަން ހަނދާންކުރަން ޖެހޭނެ ކަމެވެ.

3. ޢިލްމުގެ އިމްތިޙާނު (މޫސާގެފާނާއި ޚިޟްރުގެފާނުގެ ވާހަކަ):މޫސާގެފާނު އެކަލޭގެފާނަށްވުރެ ޢިލްމުވެރި މީހަކު ހުރިތޯ ކުރެވުނު ސުވާލަކާ ގުޅިގެން، ޚިޟްރުގެފާނުގެ އަރިހުން ޢިލްމު ހޯއްދެވުމަށް ކުރެއްވި ދަތުރުފުޅުގެ ވާހަކައެވެ. މި ވާހަކައިން ދަސްކޮށްދެނީ އިންސާނާއަށް ކިތަންމެ ގިނަ އެއްޗެއް އެނގުނަސް، މާތްﷲގެ ޢިލްމުފުޅުގެ ކުރިމަތީގައި އެއީ ވަރަށް ކުޑަ މިންވަރެއް ކަމެވެ. އަދި ކަންކަން ހިނގާ ބޭރުފުށަށް ބަލައި ގޮތް ނިންމުމުގެ ބަދަލުގައި، ކޮންމެ ކަމެއްގެ ފަހަތުގައިވެސް މާތްﷲގެ ފޮރުވިފައިވާ ޙިކުމަތްތަކެއް ވާނެކަމަށް އީމާންވުމެވެ.

4. ވެރިކަމާއި ބާރުގެ އިމްތިޙާނު (ޛުލްޤަރްނައިނި ރަސްގެފާނުގެ ވާހަކަ) :މިއީ މުޅި ދުނިޔޭގެ އިރުމައްޗާއި ހުޅަނގަށް ވެރިކަން ކުރެއްވި، ބޮޑު ބާރެއް ލިބިވަޑައިގެންފައިވާ އިންސާފުވެރި ރަސްކަލެއްގެ ވާހަކައެވެ. އެކަލޭގެފާނު އެ ބާރުގެ ބޭނުންކުރެއްވީ މީސްތަކުންނަށް ހެޔޮކޮށް ހިތުމަށާއި، ދީން ފެތުރުމަށެވެ. މި ވާހަކައިން އަންގައިދެނީ ވެރިކަމާއި ބާރަކީ މާތްﷲ ދެއްވާ އަމާނާތެއް ކަމާއި، އެ ބާރުގެ ބޭނުންކުރަންވާނީ ޢަދުލުވެރިކަމާއެކު ހެޔޮ ގޮތުގައި ކަމެވެ.

ކޮންމެ ހުކުރު ދުވަހަކު މި ސޫރަތް ކިޔެވުމަށް އަންގަވާފައިވަނީ، މި ފިތުނަތަކުން ރައްކާތެރިވެ، ދުނިޔޭގެ ޙަޤީޤަތް ވަޒަންކުރުމުގެ ނޫރެއް (އަލިކަމެއް) މުއުމިނާގެ ހިތުގައި އުފެއްދުމަށެވެ.

ކަހަފްސޫރަތް ކިޔެވުމަކީ ހަމައެކަނި ހަތިމުގެ ދެލިގަނޑު ކިޔަވާލުމެއް ނޫނެވެ. އެ ސޫރަތް ކިޔަވައި އެސޫރަތަށް ޢަމަލުކުރުމެވެ. މި ފިތުނަތަކުގައި ނުޖެހި އޭގެން ރައްކާތެރިވުމެވެ. މަޤްޞަދަކީ އެއީއެވެ.