ޢިލްމުވެރިން އިޖްމާޢުވެވަޑައިގެންފައިވާ ގޮތުގައި މިއުޒިކު ކުޅޭ ހުރޭ އާލާތްތައް ޙަރާމްވެގެންވެއެވެ. ތާރަ ތިން ޙާލަތެއްގައި ފިޔަވައެވެ.
މިއުޒިކުގެ ތެރެއިން ހުއްދަވެގެންވަނީ ތާރައެވެ. ނަމަވެސް މުޠްލަޤުގޮތެއްގައި (އިމެއް ނެތި ހުރިހާ ޙާލަތެއްގައި) ތާރަ ހުއްދަވެގެން ނުވެއެވެ. ތާރަ ހުއްދަވެގެންވަނީ އަންނަނިވި ތިން ޙާލަތުގައެވެ.
1. ކައިވެނީގެ ޙަފްލާގައި ތާރަޖެހުން، އަންހެނުންނަށް (ހިލޭ ފިރިހެނުންގެ ކުރިމަތީގައި ނޫން ގޮތަކަށް)
ދަލީލު:

عن الرُّبَيِّعِ بِنْتِ مُعَوِّذٍ بنِ عَفْرَاءَ جَاءَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَدَخَلَ حِيْنَ بُنِيَ عَلَيَّ – أي : دُخِلَ عَلَيْهَا فِي الزَّوَاجِ – فَجَلَسَ عَلَى فِرَاشِيْ كَمَجْلِسِكَ مِنِّيْ فَجَعَلَتْ جُوَيْرِيَّاتٌ ( أي بَنَاتٌ صَغِيْرَاتٌ ) لَنَا يَضْرِبْنَ بِالدُّفِّ وَيَنْدُبْنَ مَنْ قُتِلَ مِنْ آبَائِيْ يَوْمَ بَدْرٍ إِذْ قَالَتْ إِحْدَاهُنَّ :وَفِيْنَا نَبِيٌّ يَعْلَمُ مَا فِي غَدٍ فَقَالَ : دَعِيْ هَذِهِ وَقُولِي بِالَّذِيْ كُنْتِ تَقُولِيْنَ { .رواه البخاري ( 4852 ) }

ރުބައްޔިޢު ބިންތު މުޢައްވިޛް ބިން ޢަފްރާ ވިދާޅުވިއެވެ. “އަހަރެންގެ ކައިވެނި ކުރެވުމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަޑައިގެން އަހަރެންގެ އެނދުމަތީގައި އިށިއިނދެވަޑައިގެންނެވިއެވެ. ތިބާއާ އަހަރެންނާ އިށިއިނދެގެން މިތިބަ ގޮތަށެވެ. ދެން އަހަރެމެންގެ ކުދި އަންހެން ކުދީންތައް ތާރަޖަހައި، ބަދުރު ހަނގުރާމާގައި ނިޔާވެފައިވާ އަހަރެންގެ ބައްޕާގެ މައްޗަށް ހިތާމަ ފާޅުކޮށް ޅެންކިޔަން ފަށައިފިއެވެ. ދެން އޭގެން އެއްކުއްޖަކު މިފަދައިން ކިޔައިފިއެވެ. “މާދަމާ ކަންތައް ވާނޭގޮތް އެނގޭ ރަސޫލަކު އަހަރެމެންގެ ތެރޭގައި އެބަހުއްޓެވެ.” ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކުދީންނަށް ޙަދީޘްކުރެއްވިއެވެ. “ތިހެން ނުކިޔާށެވެ! ކުރީން ކިޔަމުން ދިޔަ ޅެން ކިޔާށެވެ!”

2. ޢީދުގައި ތާރަޖެހުން، އަންހެނުންނަށް (ހިލޭ ފިރިހެނުންގެ ކުރިމަތީގައި ނޫން ގޮތަކަށް)
ދަލީލު:

عَنْ عَائِشَةَ أَنَّ أَبَا بَكْرٍ رَضِيَ اللهُ عَنْهُ دَخَلَ عَلَيْهَا وَعِنْدَهَا جَارِيَتَانِ فِي أَيَّامِ مِنًى تُدَفِّفَانِ وَتَضْرِبَانِ ، والنَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ مُتَغَشٍّ بِثَوْبِهِ فَانْتَهَرَهُمَا أَبُو بَكْرٍ فَكَشَفَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنْ وَجْهِهِ فَقَالَ ‏”‏دَعْهُمَا يَا أَبَا بَكْرٍ فَإِنَّهَا أَيَّامُ عِيدٍ‏”‏‏.‏ وَتِلْكَ الأَيَّامُ أَيَّامُ مِنًى {رواه البخاري ( 944 ) – واللفظ له – ومسلم ( 892 ) .}

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. މިނާގެ ދުވަސްތަކުގައި، ކުޑަ ދެ އަންހެން ކުދިން ތާރަޖަހަން ތިއްބާ، އަބޫބަކުރު ރަޟިޔަﷲ ޢަންހު ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހަށް ވަދެވަޑައިގެންފިއެވެ. އޭރު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުންނެވީ އެކަލޭގެފާނުގެ ފޭރާންކޮޅުން އެކަލޭގެފާނުގެ މޫނުފުޅު ފޮރުއްވާފައެވެ. އަބޫބަކުރު ރަޟިޔަﷲ ޢަންހު އެ ތާރަޖަހަމުން ދިޔަ ދެކުދިންނަށް އެކަމާ ނުރުހުން ފާޅުކުރައްވައި ބަސްފުޅު ވިދާޅުވިއެވެ. އެހިނދު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ މޫނުފުޅު ކަޝްފުކުރައްވައި ޙަދީޘްކުރެއްވިއެވެ. “އޭ އަބޫ ބަކްރެވެ! އެކުދީން ދޫކޮށްލާށެވެ! މިއީ ޢީދުގެ ދުވަސްތަކެވެ.” އެ ދުވަސްތަކަކީ މިނާގެ ދުވަސްތަކެވެ.
ނޯޓު- މިތަނުގައި ހިލޭ ފިރިހެނުން ކުރިމަތީގައި ތާރަޖެހީ ކުޑަ ކުޑަ ދެ އަންހެން ކުދީންނެވެ. ބާލިޣްވެފައިތިބި އަންހެނުން ހިލޭ ފިރިހެނުންގެ ކުރިމަތީ ތާރަޖެހުން ހުއްދަކަމަށް މި ޙަދީޘުން ދަލީލެއް ނުނެގޭނެއެވެ.

3. ދުރުން ދަތުރެއްކޮށްފައި އަންނަ މީހަކަށް މަރުޙަބާ ކިޔުމުގެ ގޮތުން ތާރަޖެހުން
މީގެ ދަލީލު

عَنْ بُرَيْدَةَ قَالَ : خَرَجَ رَسُولُ اللَّهِ صلى الله عليه وسلم فِي بَعْضِ مَغَازِيهِ فَلَمَّا انْصَرَفَ جَاءَتْ جَارِيَةٌ سَوْدَاءُ فَقَالَتْ يَا رَسُولَ اللَّهِ إِنِّي كُنْتُ نَذَرْتُ إِنْ رَدَّكَ اللَّهُ سَالِمًا أَنْ أَضْرِبَ بَيْنَ يَدَيْكَ بِالدُّفِّ وَأَتَغَنَّى ‏.‏ فَقَالَ لَهَا رَسُولُ اللَّهِ صلى الله عليه وسلم ‏”‏ إِنْ كُنْتِ نَذَرْتِ فَاضْرِبِي وَإِلَّا فَلاَ ‏”‏ ‏.‏ فَجَعَلَتْ تَضْرِبُ فَدَخَلَ أَبُو بَكْرٍ وَهِيَ تَضْرِبُ ثُمَّ دَخَلَ عَلِيٌّ وَهِيَ تَضْرِبُ ثُمَّ دَخَلَ عُثْمَانُ وَهِيَ تَضْرِبُ ثُمَّ دَخَلَ عُمَرُ فَأَلْقَتِ الدُّفَّ تَحْتَ اسْتِهَا ثُمَّ قَعَدَتْ عَلَيْهِ ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ إِنَّ الشَّيْطَانَ لَيَخَافُ مِنْكَ يَا عُمَرُ إِنِّي كُنْتُ جَالِسًا وَهِيَ تَضْرِبُ فَدَخَلَ أَبُو بَكْرٍ وَهِيَ تَضْرِبُ ثُمَّ دَخَلَ عَلِيٌّ وَهِيَ تَضْرِبُ ثُمَّ دَخَلَ عُثْمَانُ وَهِيَ تَضْرِبُ فَلَمَّا دَخَلْتَ أَنْتَ يَا عُمَرُ أَلْقَتِ الدُّفَّ ‏”‏ ‏.‏{رواه الترمذي ( 3690 ) وصححه الألباني في صحيح الترمذي ( 2913 )}

ބުރައިދާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ބުރައިދާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ އެކަލޭގެފާނުގެ އަސްކަރީ ދަތުރުތަކުގެ ތެރެއިން ދަތުރެއްގައި ނުކުމެވަޑައިގަތެވެ. އެކަލޭގެފާނު އެނބުރި ވަޑައިގަތުމާއެކު، ކަޅު އަންހެން ކުއްޖަކު އައިސް ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނު ތިޔަ ދަތުރުފުޅުން ސަލާމަތުން އެނބުރިވަޑައިގެންފިނަމަ، ކަލޭގެފާނުގެ ކުރިމަތީގައި ތާރަ ޖަހައި ލަވަކިޔާން އަހުރެން ވަނީ ނަދުރުބުނެފައެވެ.” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ތިބާ އެކަންކުރުމަށް ނަދުރުބުނެފައިވާނަމަ ތިބާ އެކަން ކުރާށެވެ. އެހެން ނޫންނަމަ ނުކުރާށެވެ! ދެން އެކަނބުލޭގެ ތާރަޖަހަން ފަށައިފިއެވެ. އެކަނބުލޭގެ ތާރަޖަހަނިކޮށް އަބޫބަކުރުގެފާނު ވަދެވަޑައިގެންފިއެވެ. ދެން އެކަނބުލޭގެ ތާރަޖަހަމުން ދަނިކޮށް، ޢަލީގެފާނު ވަދެވަޑައިގެންފިއެވެ. ދެން އެކަނބުލޭގެ ތާރަޖަހަމުން ދަނިކޮށް، ޢުޘްމާނުގެފާނު ވަދެވަޑައިގެންފިއެވެ. ދެން އޭގެ ފަހުގައި ޢުމަރުގެފާނު ވަދެވަޑައިގެންފިއެވެ. އެކަލޭގެފާނު ވަދެވަޑައިގަތުމާއެކު ތާރަ (ފޮރުވުމަށްޓަކައި) އެއްލާލުމަށްފަހު އޭގެ މަތީގައި އިށީނދެއްޖެއެވެ. ފަހެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އޭ ޢުމަރެވެ! ހަމަކަށަވަރުން ޝައިޠާނާވެސް ކަލޭގެފާނު ދެކެ ބިރުގަނެއެވެ. ތިމަންކަލޭގެފާނު އިށީނދެވަޑައިގެން އިންނެވީވެސް އެކަނބުލޭގެ ތާރަޖަހަނިކޮށެވެ. އަބޫބަކުރުގެފާނު ވަދެވަޑައިގަތީވެސް އެކަނބުލޭގެ ތާރަޖަހަނިކޮށެވެ. އޭގެފަހުގައި ޢަލީގެފާނު ވަދެވަޑައިގަތީވެސް އެކަނބުލޭގެ ތާރަޖަހަނިކޮށެވެ. އޭގެ ފަހުގައި ޢުޘްމާނުގެފާނު ވަޑައިގަތީވެސް އެކަނބުލޭގެ ތާރަޖަހަނިކޮށެވެ. އޭ ޢުމަރެވެ! ކަލޭގެފާނު ހަމަ ވަދެވަޑައިގަތުމާއެކު އެކަނބުލޭގެ ތާރަ އެއްލާލައިފިއެވެ.”
މިއީ މިއުޒިކުގެ ތެރެއިން ހަމައެކަނި ތާރަ ހުއްދަވާ ތިން ޙާލަތެވެ. މި ޙާލަތްތަކުގައިވެސް ތާރަޖެހުން ހުއްދަވަނީ އަންހެނުންނަށް އެކަންޏެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު އެންމެ ޞައްޙަ ބަސްފުޅުގައި ތާރަޖެހުމަކީ އަދި ތާރަޖަހައި ލަވަކިޔުމަކީ އަންހެނުންނަށް ޚާއްޞަ ކަމެކެވެ. އަދި ފިރިހެނުން މިކަން ކުރުން ހިމެނެނީ ފިރިހެނުން އަންހެނުންނާ ވައްތަރުވުމުގެ ތެރެއިންނެވެ.
ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި، ދަރިއަކު އުފަންވުމުގެ އުފަލުގައި، އަދި ޚިތާނުކުރުމުގެ އުފަލުގައިވެސް ތާރަޖެހުމަކީ (އަންހެނުންނަށް) ހުއްދަކަމެކެވެ. (ބައްލަވާ انظر الموسوعة الفقهية 38 / 169)
އެކަމަކު މީގައި އެންމެ އައުލާވެގެންވާ ގޮތަކީ ސުންނަތުގައި ވާރިދުވެފައިވާ ކަންކަމުގައި މިކަން ހިފެހެއްޓުމެވެ.
ބައެއް މީހުން ހީކުރާ ގޮތާ ޚިލާފަށް އަންނަނިވި ޙާލަތްތަކުގައިވެސް މިއުޒިކު ޙަރާމްވެގެން ވެއެވެ.
ރޭޑިޔޯ ޓީވީގެ ޕްރޮގްރާމްތަކުގައި މިއުޒިކު ބޭނުން ކުރުމަކީ ޙަރާމް ކަމެކެވެ.
އިޝްތިހާރު ތަކުގައި މިއުޒިކު ބޭނުން ކުރުމަކީ ޙަރާމް ކަމެކެވެ.
އަސްކަރީ މިއުޒިކަކީވެސް ޙަރާމް އެއްޗެކެވެ. މިގޮތުން އަސްކަރީ އެކި އެކި ޙަފްލާތަކުގައި ސިފައިންގެ ބޭންޑުން އެ ކުޅޭ މިއުޒިކު އެއީ ޙަރާމް އެއްޗެކެވެ. މާރޗްކުރުމުގައި އަދި ސިފައިންގެ ޑްރިލްތަކުގައިވެސް މިއުޒިކް ބޭނުން ކުރުމަކީ ޙަރާމް ކަމެކެވެ.
މޯބައިލް ފޯނުގެ ރިންގްޓޯނުގެ ގޮތުގައި އަދި ކޯލް ޓޯންގެ ގޮތުގައިވެސް މިއުޒިކު ބޭނުންކުރުމަކީ ޙަރާމް ކަމެކެވެ.
މަރްޖިޢު
https://islamqa.info/ar/answers/20406