ފިޤްހު ޢިލްމުވެރިންގެ އަރިހުގައި އަންހެނާގެ ފަރުޖުން އަންނަ ލޭ ތިނެކެވެ. އެއީ
ޙައިޟުގެ ލޭ
ނިފާސްގެ ލޭ
އިސްތިޙާޟާގެ ލޭ
އިސްތިޙާޟާގެ ލެއަކީ ނިފާސްވެރިވުން އަދި ޙައިޟުވެރިވުން މި ދެ ސަބަބުވެސް ނެތި، ވަކި މުއްދަތެއް ނެތި އައިސް އައިސް ހުންނެ ލެއެވެ.
ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އިސްތިޙާޟާގެ ލޭ އަންނަ ތިން ޙާލަތެއް ވެއެވެ.
ފުރަތަމަ ޙާލަތު: ޙައިޟުގެ މުއްދަތު ބަޔާންވެގެން ރަނގަޅަށް އެނގޭ މީހާ އޭނާ ޢާއްމުކޮށް ޙައިޟުވާ މުއްދަތަށްވުރެ އިތުރަށް ލޭއައުން. މިސާލަކަށް ޢާއްމުގޮތެއްގައި ޙައިޟުގެ މުއްދަތުގެ ގޮތުގައި 6 ދުވަސްވާ މީހާކު އެއަށްވުރެ އިތުރަށް މެދުނުކެނޑި ލޭ އަންނަމުން ދިޔުން. އޭނާ ޢަމަލުކުރަންޖެހޭނެ ގޮތަކީ އޭނާ ޢާއްމުކޮށް ޙައިޟުވާ މުއްދަތު ނިމެންދެން (މިޙާލަތުގައި 6 ދުވަސް) ނަމާދާއި ރޯދަ ދޫކޮށްލުމަށްފަހު، އެމުއްދަތު ހަމަވުމުން ހިނައި ޠާހިރުވެ ނަމާދުކުރުން ފަށާނީއެވެ. އަދި އެމީހާގެ ޙައިޟުގެ މުއްދަތުގެ ފަހުން އަންނަ ލެއަކީ އިސްތިޙާޟާގެ ލެއެވެ. އޭގެ ދަލީލަކީ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެފައިވާ އަންނަނިވި ޙަދީޘެވެ.
جَاءَتْ فَاطِمَةُ بنْتُ أبِي حُبَيْشٍ إلى النبيِّ صَلَّى اللهُ عليه وسلَّمَ فَقالَتْ: يا رَسولَ اللَّهِ إنِّي امْرَأَةٌ أُسْتَحَاضُ فلا أطْهُرُ أفَأَدَعُ الصَّلَاةَ؟ فَقالَ رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ: لَا، إنَّما ذَلِكِ عِرْقٌ، وليسَ بحَيْضٍ، فَإِذَا أقْبَلَتْ حَيْضَتُكِ فَدَعِي الصَّلَاةَ، وإذَا أدْبَرَتْ فَاغْسِلِي عَنْكِ الدَّمَ ثُمَّ صَلِّي -. (رواه البخاري ( 226 ) ومسلم ( 333 )) ފާޠިމަތު ބިންތު އަބީ ޖުބައިޝް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. ހަމަކަށަވަރުން އަހުރެންނަކީ އިސްތިޙާޟާވާ މީހަކީމެވެ. ފަހެ އަހުރެން ލެއިން ޠާހިރެއް ނުވެއެވެ. (ލޭ އައުމެއް ނުހުއްޓެއެވެ.) އަހުރެން ނަމާދު ދޫކޮށްލަންވީ ހެއްޔެވެ؟” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ނޫނެކެވެ. އެ ލޭ(އިސްތިޙާޟާގެ ލޭ) އެއީ ނާރަކުން އަންނަ ލެއެއްކަމުގައި މެނުވީ ނުވެއެވެ. އަދި އެއީ ޙައިޟުގެ ލެއެއް ނޫނެވެ. ތިބާ ޙައިޟުވެއްޖެނަމަ ތިބާ ނަމާދު ދޫކޮށްލާށެވެ. އަދި ޙައިޟުގެ ދުވަސްތައް ނިމުމުން، (ލޭއަންނަ ކަމުގައިވަނީނަމަ) އެ ލޭ ދޮންނާށެވެ. އޭގެ ފަހުގައި ތިބާ ނަމާދުކުރާށެވެ.”
ދެވަނަ ޙާލަތު: ޙައިޟުގެ މުއްދަތު ބަޔާންވެ ނޭނގޭ، އެހެން ނަމަވެސް ލޭގެ ސިފަތަކަށް ބަލާފައި ވަކިކުރަން އެނގޭ މީހާ ލޭގެ ސިފަތަކަށް ބަލާފައި ޙައިޟު ނިމުނުކަން ފާހަގަ ކުރާނީއެވެ.
މި ޙާލަތުގެ މިސާލަކީ އަންހެނަކު ހައިޟުވެ، ދިހަ ދުވަސްވަންދެން ކަޅުކުލައިގެ ލޭ އައިސް އޭގެ ފަހުގައި ރަތްކުލައިގެ ލޭ އަންނަމުން ދިޔުމެވެ. ނުވަތަ ދިހަ ދުވަސްވަންދެން ވަރަށް ބޯކޮށް ލޭ އައިސް އޭގެ ފަހުގައި ތުނިކޮށް ލޭ އަންނަމުން ދިޔުމެވެ. ނުވަތަ ދިހަ ދުވަސްވަންދެން ނުބައިވަސް ދުވާ ލޭ އައިސް އޭގެ ފަހުގައި ނުބައިވަސް ނުދުވާ ލޭ އަންނަމުން ދިޔުމެވެ. މި ޙާލަތުގައި އޭނާގެ ޙައިޟުގެ މުއްދަތަކީ ކަޅުރަތްކުލައިގެ ލޭ އައި މުއްދަތެވެ ނުވަތަ ބޯކޮށް ލޭ އައި މުއްދަތެވެ ނުވަތަ ނުބައިވަސްދުވާ ލޭ އައި މުއްދަތެވެ. އޭގެ ފަހުގައި ލޭ އަންނަ ދުވަސްތަކަކީ އިސްތިޙާޟާގެ ލޭ އަންނަ ދުވަސްތަކެވެ. އެއީ ފާޠިމަތު ބިންތު އަބީ ޖުބައިޝްއަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި މި ބަސްފުޅުން ދަލީލުކުރާ ގޮތެވެ. (إِذَا كَانَ دَمُ الْحَيْضَةِ فَإِنَّهُ أَسْوَدُ يُعْرَفُ ، فَإِذَا كَانَ ذَلِكَ فَأَمْسِكِيْ عَنِ الصَّلَاةِ فَإِذَا كَانَ الْآخَرُ فَتَوَضَّئِيْ وَصَلِّيْ فَإِنَّمَا هُوَ عِرْقٌ ) رواه أبو داود والنسائي ، وصححه ابن حبان والحاكم . وهذا الحديث وإن كان في سنده ومتنه نظر ، فقد عمل به أهل العلم رحمهم الله ، وهو أولى من ردها إلى عادة غالب النساء . “ޙައިޟުގެލޭކަމުގައިވާނަމަ، ހުންނާނީ ކަޅުކުލައިގައެވެ. އަންހެނުންނަށް ރަނގަޅަށް އެނގޭނެއެވެ. ފަހެ އެ ލޭ އަންނަ ދުވަސްވަރު ނަމާދުން ތިބާ އެއްކިބާވާށެވެ. ދެން (އެ ލޭ ކެނޑި) އަނެއް ލެއަށް ބަދަލުވާހިނދު ފަހެ ތިބާ ވުޟޫކުރާށެވެ. އަދި ނަމާދުކުރާށެވެ. އެހެނީ ހަމަކަށަވަރުން އެއީ (ޙައިޟުގެ ލެއަށްފަހު އަންނަލެއަކީ) ނާރަކުން އަންނަލެއެކެވެ.”
ތިންވަނަ ޙާލަތު: ޙައިޟުގެ މުއްދަތު ބަޔާންވެ ނޭނގޭ، އަދި ލޭގެ ސިފަތަކުންވެސް ވަކިކުރަން ނޭނގޭ މީހާ، ޢާންމުގޮތެއްގައި މީހުން ޙައިޟުވާ މުއްދަތަށް ބިނާކޮށް ޠާހިރުވާނީއެވެ. ޙައިޟުގެ ޢާންމު މުއްދަތަކީ ހަދުވަސް ނުވަތަ ހަތްދުވަހެވެ. ދެން އެދުވަސްތައް ނިމުމުން ހިނައިގަންނާނީއެވެ. އޭގެ ފަހުގައި ލޭ އަންނަ ނަމަ އެ ލެޔާމެދު ޢަމަލުކުރާނީ އިސްތިޙާޟާގެ ލެއާމެދު ޢަމަލު ކުރާ ބީދައިންނެވެ.
މި ޙާލަތުގެ މިސާލަކީ މީހަކު މަހެއްގެ ފަސްވަނަ ދުވަހުގައި ޙައިޟުވާން ފަށާފައި ލޭ އައުން މެދު ނުކެނޑި ދެމިގެންގޮސް، ކުލަޔަކުންވެސް ވަހަކުންވެސް އެހެންގޮތަކުންވެސް އެއީ ޙައިޟުގެ ލޭކަން ނުވަތަ އިސްތިޙާޟާގެ ލޭކަންވެސް ވަކިކުރަން ނޭނގޭ ޙާލަތަށް ދިޔުމެވެ. މިފަދަ ޙާލަތުގައި އޭނާގެ ޙައިޟުގެ މުއްދަތު ކަމުގައި ބަލާނީ ހަ ދުވަސް ނުވަތަ ހަތް ދުވަހެވެ. އެ ދުވަސް ގުނަން ފަށާނީ ޙައިޟުވާ ދުވަސް (މި ޙާލަތުގައި މަހުގެ ފަސްވަނަ ދުވަސް) އިން ފެށިގެންނެވެ. އެއީ އަންނަނިވި ޙަދީޘް ދަލީލަކަށް ބަލައިގެންނެވެ.
لحَدِيْثِ حِمْنَةَ بِنْتِ جَحْشٍ رَضِيَ اللهُ عَنْهَا أَنَّهَا قَالَتْ : يَا رَسُولَ اللهِ , إِنِّيْ أُسْتَحَاضُ حَيْضَةً كَبِيْرَةً شَدِيْدَةً فَمَا تَرَى فِيْهَا قَدْ مَنَعَتْنِيَ الصَّلَاةَ وَالصِّيَامَ ؟ فَقَالَ : ( أنعتُ لَكِ [أصف لك استعمال] الكُرسفَ [وهو القطن] تَضَعِيْنَهُ عَلَى الْفَرْجِ ، فإنَّهُ يَذْهَبُ الدَّمَ، قَالَتْ : هُوَ أَكْثَرُ مِنْ ذَلِكَ . وَفِيْهِ قَالَ : ( إِنَّمَا هَذَا رَكْضةٌ من رَكَضاتِ الشَّيطانِ فتحيَّضي ستَّةَ أيَّامٍ أو سبعةَ أيَّامٍ في علمِ اللَّهِ ثمَّ اغتسِلي حتَّى إذا رأيتِ أنَّكِ قد طَهُرتِ واستنقَأتِ فصلِّي ثلاثًا وعشرينَ ليلةً أو أربعًا وعشرينَ ليلةً وأيَّامَها وَصُومِي) . الحديث رواه أحمد وأبو داود والترمذي وصححه ، ونقل عن أحمد أنه صححه ، وعن البخاري أنه حسنه
ޙިމްނާ ބިންތު ޖަޙުޝް ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ” އޭ ﷲ ގެ ރަސޫލާއެވެ! ހަމަކަށަވަރުން އަހުރެން ވަރަށްބޮޑަށް އިސްތިޙާޟާވެއެވެ. އެކަމާ ބެހޭގޮތުން ކަލޭގެފާނު ވިދާޅުވަނީ ކީކޭތޯއެވެ؟ އަދި ހަމަކަށަވަރުން އެކަމަކާހުރެ އަހުރެންނަށް މިހުންނަނީ ނަމާދުވެސް ނުކުރެވިފައެވެ. އަދި ރޯދަވެސް ނުހިފިފައެވެ. ފަހެ އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. “ތިމަންކަލޭގެފާނު ކަނބުލޭގެއަށް ކަފަގަނޑެއް ސިފަކޮށްދެމެވެ.” (އެބަހީ އެތާނގައި ކަފަގަނޑެއް ޖަހާށެވެ.) އަހުރެން ދަންނަވައިފީމެވެ. އެއަށްވުރެ ގިނައިން އާދެއެވެ. ދެން ޙަދީޘްފުޅުކުރެއްވިއެވެ. “ހަމަކަށަވަރުން ތިޔައީ ޝައިޠާނާކުރާ އުނދަގޫތަކުގެ ތެރެއިން އުނދަގުލެކެވެ. ފަހެ ﷲގެ ޢިލްމުފުޅުގައި ހަދުވަހާއި ހަތްދުވަސް އެއީ ކަނބުލޭގެ ޙައިޟުގެ މުއްދަތުކަމުގައި ބަލާށެވެ. ދެން ހިނައިގަންނާށެވެ. ދެން ކަނބުލޭގެއަށް ރަނގަޅަށް ހިނައިޠާހިރުވެވިއްޖެކަމަށް ފެނިއްޖެހިނދު، ފަހެ ތޭވީސްދުވަހު ނުވަތަ ސައުވީސްދުވަހު (ރޭތައްވެސް ހިމެނޭގޮތުން) ނަމާދުކުރަމުންދާށެވެ. އަދި (އެދުވަސްތަކުގައި) ރޯދަވެސްހިފާށެވެ.”
ޙައިޟުގެލެއާއި އިސްތިޙާޟާގެ ލޭގެ ފަރަޤު
ޙައިޟުގެލޭ ހުންނާނީ ކަޅުކުލައިގައެވެ. ނުވަތަ ގަދަ ރަތްކުލައިގައެވެ. އިސްތިޙާޟާގެ ލޭ ހުންނާނީ ރަތްކުލައިގައެވެ.
ޙައިޟުގެލޭ ބޯވެފައި ބަރުވާނެއެވެ. އިސްތިޙާޟާގެ ލޭ ތުނިވާނެއެވެ.
ޙައިޟުގެ ލޭގައި ނުބައި ވަހެއް ހުންނާނެއެވެ. އިސްތިޙާޟާގެ ލޭގައި ނުބައި ވަހެއް ނުހުންނާނެއެވެ.
ޙައިޟުގެ ލޭ ނުކުތުމަށްފަހު ގަނޑުނުވާނެއެވެ. އިސްތިޙާޟާގެ ލޭ ގަނޑުވާނެއެވެ.
އިސްތިޙާޟާވެރިޔާގެ ޢާއްމު ޙުކުމްތައް
ޙައިޟު ނިމުމުން ހިނައިގަތުމުން ނިމުނީއެވެ. ދެން އިސްތިޙާޟާގެ ލެއި އައި ކަމުގައިވިޔަސް އެ ލޭގެ ސަބަބުން ހިނައިގަންނާކަށް ނުޖެހޭނެއެވެ.
ކޮންމެ ނަމާދަކަށް ވަކިން ވުޟޫކުރަން ވާނެއެވެ. ވުޟޫ ކުރުމުގެ ކުރިން ދޮވެ ސާފުކޮށް ބަންދުކުރަން ވާނެއެވެ. ވުޟޫކުރާނީ ނަމާދު ވަޤުތުވަނުމުން ނަމާދު ކުރަން ބޭނުންވުމުންނެވެ. މި ޙާލަތުގައި ނަމާދަށް ހުއްޓައި ލޭ އައުމަކުން ނަމާދު ބާޠިލެއް ނުވާނެއެވެ. މިސާލަކަށް އިސްތިޙާޟާގެ ލޭ އަންނަ މީހަކު މެންދުރު ނަމާދަށްޓަކައި ވުޟޫކުރިއެވެ. ޢަޞްރުވަގުތާ ޖެހެންދެން އޭނާގެ ވުޟޫ ނުގެއްލި ހުރި ކަމުގައިވިޔަސް ޢަޞްރު ނަމާދު އޭނާކުރާނީ ދޮވެ ސާފުކޮށް ބަންދުކޮށް އަލުން އަސުރުނަމާދަށް ވުޟޫކޮށްގެންނެވެ.
އިސްތިޙާޟާވެރިޔާގެ ޙުކުމަކީ ހަމަ ޠާހިރު މީހެއްގެ ޙުކުމެވެ. މާނައަކީ އޭނާއަށް ދީނީގޮތުން ކުރުން މަނާ އެއްވެސް އަޅުކަމެއް ނުވެއެވެ. އެގޮތުން ރޯދަހިފުމާއި ނަމާދުކުރުމާއި، ކީރިތި ޤުރުއާނުގައި ބީހުމާއި، އެފޮތް ކިޔެވުމާއި، ޙައްޖުވުމާއި، ޢުމުރާވުމާއި، ޠަވާފުކުރުމާއި، އިޢުތިކާފުކުރުމައި، މިސްކިތަށްވަނުމާއި ޖިމާޢުވުން ފަދަ ކަންކަން ކުރެވިދާނެއެވެ. އެކަމުގައި ހަމައެކަނި އޭނާ ވިސްނަން ޖެހޭނެ ކަމަކީ ގުނަވަން ދޮވެ ސާފުކުރުމަށްފަހު ކޮންމެ ނަމާދަކަށް ވުޟޫއެއް ކުރުމެވެ. އިސްތިޙާޟާވެފައިވާ އަންހެނާއަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ފަދައިންނެވެ. ((ثُمَّ تَوَضَّئِي لِكُلِّ صَلاَةٍ …)) [رواه البخاري / كتاب: الوضوء / باب: غسل الدم / رقم: 228] މާނައީ: “ދެން، ކޮންމެ ނަމާދަކަށްވެސް ވުޟޫކުރާށެވެ.”
_____________________________________________
ބައްލަވާ
“رسالة في الدماء الطبيعية للنساء” للشيخ ابن عثيمين رحمه الله .
” فتاوى المرأة المسلمة ” ( 1 / 292 ، 293 ) .
فتاوى اللجنة الدائمة 5 / 412