އަހަރެމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތްތަކުގެ ތެރޭގައި އަހަރެމެންގެ ގޭގެއާ ގުޅިފައިވާ ސުންނަތްތައް ހިމެނެއެވެ. އެގޮތުން އެފަދަ ސުންނަތްތަކުގެ ތެރޭގައި މިހާރަކަށް އައިސް ދޫކޮށްލެވިފައިވާ ސުންނަތެއްކަމުގައިވާ ގޭތެރޭގައި މިސްކިތް ހެދުން ހިމެނެއެވެ. އަދި އެ މިސްކިތްތަކަށް މަސާޖިދުލް ބުޔޫތި (ގޭގެ މިސްކިތްތައް) ގެނަމުން ނަން ދިނުންވެސް މިދެންނެވި ސުންނަތުގެ ތެރޭގައި ހިމެނެއެވެ.
ގޭތެރޭގެ ކުޑަ ކޮޓަރިއެއް ނޫނީ ހުސް ޖާގަ ކޮޅެއް ނަގައި އެތާގައި ސުންނަތް ނަމާދުތައް ކޮށް، ޤުރުއާން ކިޔަވައި، ގޭގެ އަންހެން ކަނބަލުން އެތާގައި ނަމާދުކޮށް، ކުޑަ ކުދީންގެ ތެރެއިން ޖަމާޢަތުގެ ނަމާދު ގެއްލޭ ކުދިން ޖަމާޢަތުގައި ނަމާދު ކޮށްލުމަށް ތަންކޮޅެއް ހެދުން މިއީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ޙަޔާތްޕުޅުގައި މަޝްހޫރުވެފައިވާ ސުންނަތެކެވެ.
ގެތަކުގެ މިސްކިތްތަކުގެ ދަލީލަކީ ޢިތްބާން އަލްއަންޞާރީ ރަޟިޔަ ﷲ ޢަންހުގެ ޙަދީޘްއެވެ.

عن عِتْبَانَ بْنَ مَالِكٍ الْأَنْصارِيَّ قَالَ : كُنْتُ أُصَلِّي لِقَوْمِي بَنِي سَالِمٍ فَأَتَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقُلْتُ إِنِّي أَنْكَرْتُ بَصَرِي وَإِنَّ السُّيُولَ تَحُولُ بَيْنِي وَبَيْنَ مَسْجِدِ قَوْمِي فَلَوَدِدْتُ أَنَّكَ جِئْتَ فَصَلَّيْتَ فِي بَيْتِي مَكَانًا حَتَّى أَتَّخِذَهُ مَسْجِدًا فَقَالَ ( أَفْعَلُ إِنْ شَاءَ اللَّهُ ) فَغَدَا عَلَيَّ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبُو بَكْرٍ مَعَهُ بَعْدَ مَا اشْتَدَّ النَّهَارُ فَاسْتَأْذَنَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَذِنْتُ لَهُ فَلَمْ يَجْلِسْ حَتَّى قَالَ ( أَيْنَ تُحِبُّ أَنْ أُصَلِّيَ مِنْ بَيْتِكَ ) فَأَشَارَ إِلَيْهِ مِنْ الْمَكَانِ الَّذِي أَحَبَّ أَنْ يُصَلِّيَ فِيهِ فَقَامَ فَصَفَفْنَا خَلْفَهُ ثُمَّ سَلَّمَ وَسَلَّمْنَا حِينَ سَلَّمَ .- رواه البخاري ( 804 ) ومسلم ( 33 ) .

ޢިތުބާން ބިން މާލިކް އަލްއަންޞާރީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. އަހުރެންގެ ޤަބީލާ ބަނޫ ސާލިމް ވަންހައިގެ މީހުންނައިގެން އަހުރެން އިމާމުވެ ނަމާދު ކުރަމުން ދިޔައީމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް އަހުރެން ދެންނެވީމެވެ. އަހުރެންގެ ލޮލުގެ ފެނުން ބަލިކަށިވެއްޖެއެވެ. އަދި ބައެއްފަހަރު ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން އަހުރެންނަށް އަހުރެންގެ ޤަބީލާގެ މީހުން ނަމާދުކުރާ މިސްކިތަށް ދިޔުމަށް ހުރަސްއެޅެއެވެ. ކަލޭގެފާނު އަހުރެންގެ ގެއަށް ވަޑައިގެން ގޭގެ ތަނެއްގައި ނަމާދުފުޅު ކުރެއްވުމަށް އަހުރެން އެދެމެވެ. އެއީ ކަލޭގެފާނު ނަމާދުކުރެއްވި ތަން، އަހުރެން މިސްކިތެއްގެ ގޮތުގައި ހެދުމަށްޓަކައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ﷲ އިރާދަކުރެއްވިއްޔާ އަހުރެން ތިޔަކަން ކުރާނަމެވެ.” އަނެއް ދުވަހު އިރު ދަމަކަށް އެރިފަހުން، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަބޫބަކުރުގެފާނާއެކު އަހުރެންގެ ގެއަށް ވަޑައިގެން ވަދެވަޑައިގަތުމުގެ އިޛުނައަށް އެދިވަޑައިގަތުމުން އަހުރެން އިޛުނަދެއްވީމެވެ. އެކަލޭގެފާނު މިފަދައިން ޙަދީޘްކުރެއްވުމަށް ދަންދެން އިށީނދެވަޑައިނުގަންނަވައެވެ. “ތިބާގެ ގެއިން އަހުރެން ނަމާދުކުރުމަށް ތިބާ އެންމެ ލޯބިކުރަނީ ކޮންތަނެއްގައި ހެއްޔެވެ؟” ދެން ގެއިން އެކަލޭގެފާނު ނަމާދު ކުރެއްވުމަށް އަހުރެން ބޭނުންވިތަނަށް އިޝާރާތްކުރެއްވުމުން އެކަލޭގެފާނު ނަމާދުކުރެއްވުމަށް ތެދުވެވަޑައިގެންނެވިއެވެ. ދެން އަހުރެމެން އެކަލޭގެފާނުގެ ފަހަތުގައި ޞަފުހަދައިފީމެވެ. އެކަލޭގެފާނު ސަލާމްދެއްވުމުން އަހުރެމެންވެސް ސަލާމްދީފީމެވެ.

އަދި މިޙަދީޘްފުޅުގެ މައްޗަށް، އިމާމު ބުޚާރީ ރަޙިމަހު ﷲ އެކަލޭގެފާނުގެ ޞަޙީޙުގައި ވަކިން ޙާއްސަކޮށް ބާބެއް ބަންނަވައި އެބާބުގެ ނަމަކަށް بَابٌ: الْمَسَاجِدُ فِي الْبُيُوتِ “ގެތަކުގައި މިސްކިތްތައް” މިކަން ދެއްވާފައިވެއެވެ.
އަލްޙާފިޡު އިބްނު ރަޖަބު ރަޙިމަހު ﷲ ވިދާޅުވެފައި ވެއެވެ: “ގެތަކުގެ މިސްކިތްތަކަކީ (ގޭގައި) އެތަންތާގައި ނަމާދު ކުރެވޭ ތަންތަނެވެ. އަދި ސަލަފުއްޞާލިޙުންގެ އާދަތަކުގެ ތެރެއިން، އެބޭކަލުންގެ ގެތަކުގައި ނަމާދު ކުރާނެ ތަނެއް ފުރިހަމައަށް ތައްޔާރު ކުރެއްވުން ވިއެވެ.”
އަދި ގެތަކުގެ މިސްކިތްތަކަކީ ޞަޙާބީންގެ (ރަޟިޔަ ﷲ ޢަންހުމްގެ) ޙަޔާތްޕުޅުގައި ވެސް މަޝްހޫރުވެފައިވާ ކަމެކެވެ. ފަހެ ޢުމަރުގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނުގެ ދެމުވައްޒަފުން ކަމުގައިވާ އަބޫ ޢުބައިދާ ރަޟިޔަﷲ ޢަންހު އަދި މުޢާޛު ރަޟިޔަﷲ ޢަންހުގެ އަރިހަށް ފައިސާއާއިގެން ޢުމަރުގެފާނު ޕިޔޯނަކު ފޮނުއްވި އެވެ. ފަހެ ޕިޔޯނު ފައިސާއާއިގެން އަބޫ ޢުބައިދަތުގެފާނުގެ އަރިއަހަށް ވަޑައިގެންނެވި އިރު އެކަލޭގެފާނު ހުންނެވީ އެކަލޭގެފާނުގެ ގޭގެ މިސްކިތުގައި ނަމާދު ކުރައްވާށެވެ. އަދި މުޢާޛުގެފާނުގެ އަރިއަހަށް ވަޑައިގެންނެވި އިރު އެކަލޭގެފާނު ވެސް ހުންނެވީ އެކަލޭގެފާނުގެ ގޭގެ މިސްކިތުގައި ނަމާދު ކުރައްވާށެވެ.

عن أم حميد امرأة أبي حميد الساعدي : ” أنها جاءت النبي صلى الله عليه وسلم فقالت : يا رسول الله إني أحب الصلاة معك قال : قد علمت أنك تحبين الصلاة معي وصلاتك في بيتك خير لك من صلاتك في حجرتك وصلاتك في حجرتك خير من صلاتك في دارك وصلاتك في دارك خير لك من صلاتك في مسجد قومك وصلاتك في مسجد قومك خير لك من صلاتك في مسجدي قال : فأمرت فبني لها مسجد في أقصى شيء من بيتها وأظلمه فكانت تصلي فيه حتى لقيت الله عز وجل ” . رواه أحمد ( 26550 ) .والحديث : صححه ابن خزيمة في ” صحيحه ” ( 3 / 95 ) وابن حبان ( 5 / 595 ) والألباني في ” صحيح الترغيب والترهيب ” ( 1 / 135 ) .

އަބޫ ޙުމައިދު އައްސާޢިދީގެ އަނބިކަނބަލުން އުންމު ޙުމައިދު ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. ކަލޭގެފާނާއެކު (މިސްކިތުގައި) ނަމާދުކުރުމަށް ތިމަންނާ ލޯބިކުރައްވަމެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނާއެކު ނަމާދުކުރެއްވުމަށް ކަމަނާ ލޯބިކުރައްވާނެކަން ތިމަންކަލޭގެފާނަށް އެނގެއެވެ. ކަމަނާގެ ކޮޓަރީގައި ނަމާދު ކުރެއްވުން ކަމަނާގެ ކޯޓްޔާރޑްގައި ނަމާދު ކުރެއްވުމަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި ކަމަނާގެ ކޯޓްޔާރޑްގައި ނަމާދުކުރެއްވުން ކަމަނާގެ ގޭގައި ނަމާދު ކުރެއްވުމަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި ކަމަނާގެ ގޭގައި ނަމާދު ކުރެއްވުން ކަމަނާގެ އަވަށު މިސްކިތުގައި ނަމާދު ކުރެއްވުމަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި ކަމަނާގެ އަވަށު މިސްކިތުގައި ނަމާދު ކުރެއްވުން، ކަމަނާގެ ނަމާދު ތިމަންކަލޭގެފާނުގެ މިސްކިތުގައި ކުރެއްވުމަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ. ދެން އެކަމަނާގެ ގޭގެ އެންމެ އެތެރޭގައި އެންމެ އަނދިރި ހިސާބުގައި މިސްކިތެއް ބިނާކުރުމަށް އެކަމަނާ އަމުރުކުރެއްވިއެވެ. އަދި އެކަމަނާއަށްޓަކައި އެކަންކުރެވުނެވެ. ފަހެ އެކަމަނާ ﷲ އާ ބައްދަލުކޮށްފުމަށް ދަންދެން (މަރުވެއްޖައުމަށް ދަންދެން) އެތާގައި ނަމާދުކުރައްވާ ކަމުގައިވިއެވެ.”
އަދި ޢަބްދު ﷲ ބުން މަސްޢޫދު ރަޟިޔަ ﷲ ޢަންހު، ގޭގައި މިސްކިތް ހަދާފައި ހުއްޓަސް ފަރްޟު ނަމާދުގެ ޖަމާޢަތަށް ފިރިހެނުން މިސްކިތަށް ދިޔުމަށް ބާރު އެޅުއްވުމުގެ ގޮތުން ދެންނެވި ބަސްފުޅެއްގެ ތެރޭގައި ވިދާޅުވިއެވެ. “ތިމަން ކަލޭގެފާނު އުއްމީދުކުރައްވަނީ ތިޔަބޭކަލުންގެ ތެރޭގައި އެމީހަކަށް އެމީހެއްގެ ގޭގައި މިސްކިތެއް ނުވާ ބޭކަލަކު ތިޔަ ބޭކަލުންގެ ތެރޭގައި ނުވާނެ ކަމަށެވެ.” ……. (ރިވާކުރެއްވީ އަޙްމަދު އަދި އަންނަސާއީ)
ގެތަކުގައި މިހެދޭ މިސްކިތްތަކުގައި އަންހެނުން ފަރުޟު ނަމާދާއި ސުންނަތް ނަމާދުކުރެއެވެ. އަދި ފިރިހެނުންވެސް ހުރިހާ ސުންނަތް ނަމާދެއް ކުރުން މޮޅުއިތުރީ ގޭގައި ކަމުން ފިރިހެނުންނަށްވެސް މިފަދަ ތަންތަނުގައި ނަމާދުކުރެވޭނެއެވެ. މިސާލަކަށް ފިރިހެނުން ކުރާ ނަމާދު ތަކުގެ ތެރެއިން ރަވާތިބު ސުންނަތްތަކާއި، ޟުޙާ ނަމާދާއި، ދަމުނަމާދާއި ވިތުރި ހިމެނެއެވެ. އަބޫބަކްރުގެފާނުވެސް ދަމުނަމާދު ކުރެއްވީ އެފަދަ ގޭގެ މިސްކިތެއްގައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވާފައިވާ ގޮތުގައި، ފަރްޟު ނަމާދު ފިޔަވައި ދެން ހުރި ނަމާދުތައްވެސް ފިރިހެނުންނަށް މޮޅު އިތުރީ ގޭގައި ކުރުމެވެ.
އަދި މިގޮތަށް މިސްކިތްތައް ހަދާފައި ހުންނައިރު، އާދަޔަކަށް ނުހަދާ ބައެއް ރޭރޭ ޖަމާޢަތުގައި ދަމު ނަމާދުވެސް ކޮށްލެވިދާނެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުއާއި އެކުގައި ކުރެއްވިފަދައިންނެވެ.
ސަލަފުއް ޞާލިޙުން އެބޭކަލުންގެ ގެތަކުގައިވާ މިސްކިތާ ބެހެއްޓެވި ގުޅުމާއި އެބޭކަލުން އެތާގައި ކުރެއްވި ނަމާދުގެ ގިނަކަމާ މެދު ވިސްނައިފި މީހަކު ޢަޖައިބުވާނެތެވެ. މުސްލިމު ބުން ޔަސާރު ރަޙިމަހު ﷲ އެކަލޭގެފާނުގެ ގޭގެ މިސްކިތަށް ނަމާދު ކުރަން ވަދެވަޑައިގަންނަވަމުން ގޭގެ އަހުލުވެރިންނަށް ވިދާޅުވެއެވެ: “ތިޔަބައިމީހުން ވާހަކަ ދެއްކި ކަމުގައިވިއަސް މައްސަލައެއްނެތެވެ. ފަހެ އަހަރެންނަށް ތިޔަބައިމީހުން ދައްކާ ވާހަކައިގެ އަޑެއް ނީވެއެވެ.”
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ގޭގައި މިސްކިތެއް ތައްޔާރު ކުރުމުގެ ސުންނަތް އަލުން ދިރުވަމާ ހިނގާށެވެ! އެކަމުގެ ސަބަބުން އަހަރުމެންގެ ޙަޔާތުންނާއި އަހަރެމެންގެ އަނބިދަރިންގެ ޙަޔާތަށް ވަރަށް ބޮޑު ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. އިން ޝާ ﷲ

މުހިއްމު ނުކުތާތަކެއް
– މިގޮތަށް ހަދާ މިސްކިތްތަކަކީ އަޞްލު މިސްކިތްތަކަށް އަންނަ ޙުކުމް އަންނަ ތަންތަނެއް ނޫނެވެ. އެގޮތުން އެއީ ވަޤްފު ބިމަކަށް ނުވެއެވެ. ގޭގެ ވެރިމީހާގެ މިލްކެކެވެ. ބޭނުން ނަމަ އެހެން ތަނަކަށް ވެސް ހެދިދާނެއެވެ.
– މިފަދަ މިސްކިތްތަކުގައި ފަސްވަޤުތު ބަންގި ގޮވާކަށް ނުޖެހޭނެއެވެ.
– މިފަދަ މިސްކިތަށް ވަންނަ މީހާ ތަޙިއްޔަތުލް މަސްޖިދު (މަސްޖިދު ސުންނަތް) ކުރާކަށްވެސް ނުޖެހޭނެއެވެ.
– ޙައިޟުވެރިންނާއި ނިފާސްވެރިންނާއި ޖުނުބުވެރީންނަށްވެސް މިފަދަ ތަންތަނުގައި މަޑުކުރެވޭނެއެވެ.
– ލޮނުމެދު ފިޔާފަދަ ތަކެތި ކައިގެންވެސް މި މިސްކިތަށް ވަދެވޭނެއެވެ.
– މިފަދަ މިސްކިތެއްގައި އިޢުތިކާފަށް އިނުންވެސް ޞައްޙައެއް ނުވާނެއެވެ. އެއީ މިސްކިތުގެ ޙުކުމް ނުހިނގާތީއެވެ.