ކޮޅަށް ހުރުމާއި، ރުކޫޢު ކުރުމާއި ސަޖިދަ ކުރުމަކީ ނަމާދުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މިފަދަ ރުކުންތަކަކީ މިފަދަ ރުކުންތަކާ ނުލާ ނަމާދު ޞައްޙަނުވާނޭ ރުކުންތައްކަމުގައި ޢިލްމުވެރިން އިޖުމާޢުވެވަޑައިގެންފައިވެއެވެ. އެއީ އެރުކުންތައް އަދާކުރުމުގެ ކުޅަދާނަކަން ލިބިގެންވުމާއެކު، އެއީ ރުކުނެއްކަން އެނގިހުރުމާ، އެކަމުގައި އިޚްތިޔާރު އޮތުމާއެކުގައެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَىٰ وَقُومُوا لِلَّـهِ قَانِتِينَ﴾ {البقرة 238}
މާނައީ: “ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) ކޮޅަށްތެދުވެ ތިބޭށެވެ.”
ނަމާދަށް ކޮޅަށް ހުރުމަށް ކުޅަދާނަވެގެންނުވާ ޙާލަތެއް އަތުވެއްޖެނަމަ، ނުވަތަ ގޮނޑިހުރި ސަވާރީއެއްގައި ދަތުރުކުރަމުން ދާއިރު ނަމާދުކުރަން ޖެހިއްޖެނަމަ، ނުވަތަ ނަމާދުގެ ބައެއް ޙަރަކާތްތައް ކުރުމަށް (މިސާލަކަށް ސަޖިދަކުރުމަށް) ކުޅަދާނަވެގެންނުވާނަމަ ގޮނޑީގައި ނަމާދުކުރުމަކީ ހުއްދަވެގެންވާ ކަމެކެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿لا يُكَلِّفُ الله نَفْسًا إلَّا وُسْعَهَا﴾ [البقرة:286]
“އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ކުޅަދާނަވެގެންވާ ވަރަށް މެނުވީ އަހުރެން ތަކުލީފު ނުޖައްސަމެވެ.”
عن عمران بن حصين رضي الله عنه قال : كانت بي بواسير فسألت النبي صلى الله عليه وسلم عن الصلاة فقال : (( صَلِّ قَائِمًا ، فَإِنْ لَمْ تَسْتَطِعْ فَقَاعِدًا، فَإِنْ لَمْ تَسْتَطِعْ فَعَلَى جَنْبٍ )) . {رواه البخاري ( 1066 )}
ޢިމްރާން ބިން ޙުސައިން ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. އަހަރެންގެ ފުރަގަސްފަރާތު ބަލި (ޕައިލްސް) ހުރުމުގެ ސަބަބުން (ނަމާދު ކުރުމަށް އުނދަގޫވާތީ) ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ އަހަރެން ސުވާލުކުރުމުން ޙަދީޘްކުރެއްވިއެވެ. “ތިބާ ކޮޅަށް ހުރި ނަމާދުކުރާށެވެ. ފަހެ ތިބާ އެކަމަށް ކުޅަދާނަވެގެން ނުވާނަމަ އިށީނދެ އިނދެގެންނެވެ. ފަހެ ތިބާ އެކަމަށް ކުޅަދާނަވެގެން ނުވާނަމަ އޮށޯވެއޮވެގެންނެވެ.”
އަދި އަންނަނިވި ފިޤުހީ ޤާޢިދާގައިވާ ގޮތުގެ މަތިންނެވެ.
المَشَقَّةُ تَجْلِبُ التَّيْسِيْرَ ދަތި އުނދަގޫތައް (މެދުވެރިވުމުން) ފަސޭހަގޮތް ހޯދައިދެއެވެ.
Hardship shall bring alleviation
لا وَاجِبَ مَعَ العَجْزِ. ނުކުޅެދުންތެރިކަމާއެކު ވާޖިބެއް ނުވެއެވެ.
Obligations are waived in the event of incapability.
ކޮޅަށް ނުހުރެވޭ މީހާ އިށިއިނދެ އިނދެގެން ނަމާދުކުރުން ހުއްދަކަމުގެ މައްޗަށް ޢިލްމުވެރިން އިޖްމާޢުވެވަޑައިގެންފައިވެއެވެ.
ގޮނޑީގައި އިނދެ ނަމާދު ކުރުން
1- ފަރުޟު ނަމާދަށް ކޮޅަށް ހުރުމަކީ ނަމާދުގެ ރުކުނެކެވެ. އިށީނދެ އިނދެ ނަމާދުކުރާ މީހާވެސް އަދި ގޮނޑީގައި އިނދެ ނަމާދު ކުރާ މީހާވެސް އެމީހާއަށް ކޮޅަށް ހުރުމުގެ ކުޅަދާނަކަން ލިބިގެންވާނަމަ ނަމާދު ކުރަން ފަށާނީ ކޮޅަށް ހުރެއެވެ. ނިޔަތް ގަނެ ތަކްބީރަތުލް އިޙްރާމް ކިޔާއިރު އެމީހާ ހުންނަން ޖެހޭނީ ކޮޅަށެވެ. ކޮޅަށް ހުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހަކު އިށީނދެ އިނދެ ފަރުޟު ނަމާދެއް ފަށައިފިނަމަ ނަމާދު ބާޠިލުވާނެއެވެ. އެހެނީ އޭނާ އެ ދޫކޮށްލީ ނަމާދުގެ ރުކުނެކެވެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ބައެއް މީހުން މިސްކިތަށް ހިނގާފައި ގޮސް، ގޮނޑީގައި ނަމާދު ކުރާއިރު، އިށީނދެ އިނދެ ނަމާދު ފަށާތީ ފެނެއެވެ. ޝައްކެއްވެސް ނެތް ގޮތުގައި މިއީ ވަރަށް ބޮޑު ގޯހެކެވެ. މިސްކިތަށް ހިނގާފައި ދާ މީހާއަކީ ކޮޅަށް ހުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހެކެވެ. އެފަދަ މީހާ ނަމާދު ފަށަންޖެހޭނީ ކޮޅަށް ހުރެއެވެ. އެއްވެސް ޙާލެއްގައި ކޮޅަށް ހުރުމުގެ ކުޅަދާނަކަން ލިބިގެންނުވާ މީހެއްނަމަ އިށީނދެ އިނދެ ނަމާދު ފެށިދާނެއެވެ.
2- ނަމާދު ކުރުމުގައި ގޮނޑި ބޭނުން ކުރާނީ ގޮނޑިއާ ނުލާ އަދާ ނުކުރެވޭ ޙަރަކާތެއް އަދާކުރުމަށް އެކަންޏެވެ. މިސާލަކަށް ހަމައެކަނި ސަޖިދަ ނުކުރެވޭ މީހާ، މުޅި ނަމާދު ގޮނޑީގައި ކޮށްގެން ނުވާނެއެވެ. އޭނާ ގޮނޑި ބޭނުން ކުރާނީ ހަމައެކަނި ސަޖިދަ ކުރާ ހިނދުއެވެ. އެފަދަ މީހާ ރުކޫޢުވެސް ކުރާނީ ގޮނޑީގައި ނީނދެއެވެ. ގޮނޑީގައި އިށިއިންނާނީ ސަޖިދައަށް ދާންޖެހުމުންނެވެ.
މީގައި އޮންނަ އުޞޫލަކީ
فالقاعدة في واجبات الصلاة : أن ما استطاع المصلي فعله ، وجب عليه فعله ، وما عجز عن فعله سقط عنه .
The basic principle with regard to the obligatory duties of prayer is that whatever the worshiper can do, he is obliged to do it, and whatever he is unable to do, is waived for him.
ނަމާދުގެ ވާޖިބުތަކުގައި އޮންނަ ގޮތަކީ ނަމާދުކުރާ މީހާއަށް ކުޅަދާނަވެގެންވާ ހުރިހާ ޙަރަކާތެއް އޭނާ ކުރުން ވާޖިބުވުމެވެ. އަދި އޭނާއަށް ނުކުރެވޭ ޙަރަކާތްތައް އޭނާގެ ކިބައިން މަޢާފުވުމެވެ. (މާނައަކީ އޭނާއަށް އެކަމުގައި ލުއިފަސޭހަކަން (މިސާލަކަށް ގޮނޑިބޭނުންކުރުން، ކުރެވުނު ގޮތަކަށް ކުރެވުނު މިންވަރަކަށް ކުރުން) ލިބިގެންވެއެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ﴾ التغابن: 16
މާނައީ: “ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުން ﷲއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ.”
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ.
((وَإِذَا أَمَرْتُكُمْ بِأَمْرٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ)) {رواه البخاري 7288 ومسلم 1337}
މާނައީ: “ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ކަމަކަށް އަމުރެއްކޮށްފި ނަމަ، ތިޔަބައިމީހުނަށް ކެރިކުޅަދާނަވީ މިންވަރަކުން އެކަންކުރާށެވެ.”
ގޮނޑީގައި ނަމާދު ކުރުމުގެ ތިން ގޮތެއް ވެއެވެ.
1- ސަޖިދަކުރުމުގެ ކުޅަދާނަކަން ހުރި މީހަކު، ގޮނޑީގައި އިނދެ މުޅި ނަމާދުކޮށްފިނަމަ އޭނާއަށް ނަމާދުގެ ގިނަ ރުކުންތަކެއް ގެއްލޭނެއެވެ. އެއީ ސަޖިދަކުރުމާއި، ދެސަޖިދަ ދެމެދު އިނުމާއި، އައްތަޙިއްޔާތަށް އިނުމެވެ. އެހެންކަމުން ސަޖިދަކުރުމުގެ ކުޅަދާނަކަން ހުރި މީހަކު ގޮނޑީގައި އިނދެގެން ނަމާދުކޮށްފިނަމަ (ސަޖިދަ ގޮނޑީގައި ކޮށްފިނަމަ) ނަމާދު ބާޠިލުވާނެއެވެ.
އެހެންކަމުން ނަމާދުގައި ލުއިފަސޭހަކަން ލިބިގަންނާނީ ގޮނޑީގައި އިނދެ މެނުވީ އަދާނުކުރެވޭ ރުކުންތަކުގައި އެކަންޏެވެ.
2- ކޮޅަށް ހުރެވޭ މީހެއް، ހަމައެކަނި ސަޖިދަ ނުކުރެވޭ މީހެއް، މުޅި ނަމާދު ގޮނޑީގައި އިނދެގެން ކޮށްފިނަމަ ނަމާދުގެ ރުކުންތަކުގެ ތެރެއިން ކޮޅަށް ހުރުމާއި، ރުކޫޢު ކުރުމާއި، ދެސަޖިދަ ދެމެދު އިނުމާއި، އައްތަޙިއްޔާތަށް އިނުން މި ރުކުންތައް ގެއްލޭނެއެވެ. ވީމާ އޭނާގެ ނަމާދުވެސް ބާޠިލުވާނެއެވެ.
އެފަދަ މީހާ ނަމާދު ކުރާނީ ކޮޅަށް ހުރެއެވެ. އަދި ރުކޫޢުވެސް ކުރާނީ ގޮނޑިބޭނުން ނުކޮށެވެ. ގޮނޑި ބޭނުން ކުރާނީ ހަމައެކަނި ސަޖިދަކުރުމަށެވެ. އެހެނީ އޭނާއަށް ގޮނޑިއާ ނުލާ ނުކުރެވެނީ ހަމައެކަނި ސަޖިދައެވެ.
3- (އައްތަޙިއްޔާތަށް ނުވަތަ ދެސަޖިދަ ދެމެދު) އިށީނދެ އިންނަން އުނދަގޫ މީހެއް، އޭނާ މުޅި ނަމާދު ގޮނޑީގައި ކޮށްފިނަމަ، ނަމާދުގެ ރުކުންތައް ކަމުގައިވާ ޤިޔާމް (ކޮޅަށްހުރުން) އަދި ރުކޫޢު އޭނާއަށް ގެއްލޭނެއެވެ. އެހެންކަމުން އޭނާގެ ނަމާދުވެސް ބާޠިލުވާނެއެވެ. އެފަދަ މީހާ ނަމާދު ކޮޅަށް ހުރެ ނަމާދުކޮށް، ރުކޫޢުވެސް ކޮށް ގޮނޑި ބޭނުންކުރާނީ ސަޖިދައަށް ދާއިރުއެވެ.
ނަމާދު ކުރުމައި ކޮޅަށް ހުރުމުގެ ކުޅަދާނަކަން ލިބިގެންނުވާ މީހާ ނަމާދު ކުރާނީ ބިންމަތީގައި އިށިނދެ އިދެގެންނެވެ. އެގޮތަށްވެސް އިށީނދެ ނީނދެވޭ މީހާ ގޮނޑި ބޭނުންކޮށްގެންނެވެ. އެހެނީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ގޮނޑިއާއި ނުލައި އެގޮތަށް އިށީނދެ އިނުމަކީ ގޮނޑީގައި ނަމާދު ކުރުމަށްވުރެ ރަނގަޅު ގޮތެކެވެ. އޭގެ ސަބަބުން ގިނަ ރުކުންތައް ގެނެސްގަނެވޭނެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހުން ވެއްޓިވަޑައިގަތުމުގެ ސަބަބުން މިގޮތަށް އިށިނދެވަޑައިގެން ނަމާދު ކުރެއްވިކަމަށް ޞަޙީޙުލް ބުޚާރީ އަދި މުސްލިމްގައި ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި ޙާލަތުގައި ގޮނޑި ބޭނުން ނުކުރައްވައެވެ.
ގޮނޑި ބޭނުންކުރާނީ ދެ ޙާލަތެއްގައެވެ.
1- ފުރަތަމަ ޙާލަތަކީ ކޮޅަށް ނުހުރެވޭ މީހުންނެވެ. މިސާލަކަށް ޕެރަލައިޒް ވުމުގެ ސަބަބުން ނުވަތަ މުސްކުޅި ބަލީގެ ސަބަބުން، ކަށީގައި ނުވަތަ ހުޅު ހުޅުގައި ރިއްސުމުގެ ސަބަބުން ކޮޅަށް ހުންނަން ދަތިވާ މީހުންނެވެ. މިފަދަ، އެއްގޮތަކަށްވެސް ކޮޅަށް ނުހުރެވޭ މީހުންނަށް ނަމާދު ފަށާއިރުވެސް އިށީނދެ އިނދެ ނަމާދު ފެށިދާނެއެވެ.
2- ދެވަނަ ޙާލަތަކީ ބިންމަތީގައި އިށީނދެ ނީނދެވޭ މީހުންނެވެ. އެއީ ބައްޔެއްގެ ސަބަބުން ނުވަތަ ފަލަވުމުގެ ސަބަބުން ހަށިގަނޑު އުފުލާ ހަދަން، އިށީންނަން އުނދަގޫ މީހުންނެވެ. ނުވަތަ އެހެން މީހެއްގެ އެހީއާ ލައިގެން މެނުވީ ކޮޅަށް ތެދުވަން އުނދަގޫ، އިށީންނަން އުނދަގޫ މިފަދަ މީހުންނެވެ. މިފަދަ މީހުން ނަމާދު ފަށާނީ ކޮޅަށް ހުރެއެވެ. ގޮނޑި ބޭނުން ކުރާނީ ގޮނޑީގައި އިނދެގެން މެނުވީ އަދާނުކުރެވޭ ޙަރަކާތްތައް ކުރުމަށެވެ.
ގޮނޑީގައި ނަމާދުކުރުމުގެ ކައިފިއްޔަތު
ނަމާދުކުރާ މީހާ ދެއަތް ދެކޮނޑާ ހަމައަށް އުފުލުމަށްފަހު ހަށަން ބާންނާނީއެވެ.
ރުކޫޢު ކުރުމަށްޓަކައި ﷲ އަކްބަރު ކިޔައި ކުޑަކޮށް ބޯ ތިރިކޮށްލާނީއެވެ. ރުކޫޢު ކުރާއިރު އަތް ބާއްވާނީ ދެކަކުލުގައެވެ.
سمع الله لمن حمد ކިޔައި ބޯ ތެދުކޮށްލުމަށްފަހު ދެއަތް ދެކޮނޑާ ހަމައަށް އުފުލައި އަތް ތިރިކުރާނީއެވެ.
الله أكبرކިޔައި ސަޖިދައަށް ދާނީއެވެ. ސަޖިދަ ކުރާއިރު، ރުކޫޢުގައި ބޯ ތިރިކޮށްލި ވަރަށް ވުރެ ބޮޑަށް ބޯ ތިރިކޮށްލަން ވާނެއެވެ. ގޮނޑީގައި ނަމާދު ކުރާ މީހާ ސަޖިދަ ކުރާއިރު ދެއަތްތިލަ ބާއްވާނީ ކޮންތާކުތޯ މިއީ ޢިލްމުވެރިންގެ މެދުގައި ޚިލާފު މައްސަލައެކެވެ. ޝައިޚް ބިން ބާޒް ރަޙިމަހުﷲ ފަތުވާ ދެއްވަނީ ދެއަތްތިލަ ބާއްވާނީ ދެ ކަކުލުގައިކަމަށެވެ. (ބައްލަވާ فتاوى ابن باز ( 12 / 245 ، 246 ) .) އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ ގޮނޑީގައި ރުކޫޢުކުރާއިރު އަތް ބާއްވަނީ ކަކުލުގައި ކަމަށްވާތީ ސަޖިދަކުރާއިރު އަތް ބާއްވާތަން ތަފާތުކުރަން ޖެހޭނެކަމަށެވެ. އެގޮތުން ދެ ފަރާތުގައި ނުވަތަ ކުރިމަތިން (ވައިގެ ތެރޭގައި) އަތް ބޭއްވުމަށް މި ބޭކަލުން ވިދާޅުވެއެވެ. (ބައްލަވާ ޝައިޚް މުނައްޖިދުގެ އަޙްކާމުލް ޤިޔާމް ފިއްޞަލާތި)
ދެސަޖިދަ ދެމެދު އިންނައިރުވެސް އަތް ބާއްވާނީ ފަލަމަސްގަނޑު މަތީގައެވެ. އަދި އައްތަޙިއްޔާތުގައި އިންނަ އިރުވެސް އަތްބާއްވާނީ ފަލަމަސްގަނޑު މަތީގައެވެ.
ޖަމާޢަތުގައި ނަމާދު ގޮނޑީގައި ނަމާދު ކުރާ މީހާ ގޮނޑި ބަހައްޓާނީ ޞަފުގެ ކޮންތާކު؟
ޢިލްމުވެރިން ބަޔާންކުރައްވާގޮތުގައި ގޮނޑީގައި ނަމާދުކުރާ މީހާ ސަފާ އެއްވަރުކުރަން ޖެހޭނީ އޭނާގެ ގޮނޑިއެވެ. އެހެނީ އޭނާގެ ހަށިގަނޑު އޭގެ މަތީގައި އިސްތިޤްރާރުވާ އެއްޗަކީ ގޮނޑިއެވެ. އެހެންކަމުން ގޮނޑި ޞަފުން ބޭރުކޮށް މާބޮޑަށް ކުރިއަށް ނެރެ އަދި ފަހަތަށް ޖައްސައި ހަދައިގެން ނުވާނެއެވެ. (ބައްލަވާ “أسنى المطالب” (1/222) ، “تحفة المحتاج” (2/157) ، “شرح منتهى الإرادات” (1/279) . )
މުޅި ނަމާދު ގޮނޑީގައި އިށިނދެ އިނދެ ކުރާނަމަ، ގޮނޑީގެ ފަހަތު ފައި ސަފާ އެއްވަރުކޮށްފައި ބަހައްޓާފައި ނަމާދު ކުރާނީއެވެ. އެ ޙާލަތުގައި ގޮނޑި ސަފުން ބޭރަށް ނުކުމެފައި ހުރުމަކީ މައްސަލައެއް ނޫނެވެ. އެގޮތަށް ހަދަންޖެހެނީ ފަހަތު ސަފުގައި ނަމާދުކުރާ މީހުންނަށް އުނދަގޫވިޔަ ނުދިނުމަށްޓަކައެވެ.
އަދި ނަމާދު ކޮޅަށް ހުރެ ފަށާފައި، ރުކޫޢު ނުވަތަ ސަޖިދަ ގޮނޑީގައި ހުރެ ކުރާނަމަ ނަމާދު ފަށާއިރު މީހާ ހުންނަން ޖެހޭނީ ޞަފާ އެއްވަރަށެވެ. އެހެން ހެދޭނީ ގޮނޑިތަންކޮޅެއް ފަހަތަށް ޖެއްސުމުންނެވެ. އެކަމަކު ފަހަތުގައި ނަމާދުކުރާ މީހުންނަށް އުނދަގޫނުވާ ވަރަށެވެ.
މުހިއްމު ނުކުތާތައް
1- ފަރުޟު ނަމާދަށް ކޮޅަށް ހުރުމުގެ ކުޅަދާނަކަށް ލިބިގެންވާ މީހާ ފަރުޟު ނަމާދު ކުރާނީ ކޮޅަށް ހުރެއެވެ. ކުޅަދާނަކަން ލިބިހުރެ ކޮޅަށް ނުހުރެ އިށީނދެ އިނދެ ނަމާދު ކޮށްފިނަމަ ނަމާދު ބާޠިލުވާނެއެވެ. ސުންނަތް ނަމާދު ކުރާއިރު، ކޮޅަށް ހުރުމުގެ ކުޅަދާނަކަން ލިބިގެންވާ މިހާއަށްވެސް އިށީނދެ އިނދެ ނަމާދު ކުރެވިދާނެއެވެ. އެކަމަކު ކުޅަދާނަކަން ލިބިހުރެ ކޮޅަށް ނުތެދުވެ ސުންނަތް ނަމާދު ކުރާނަމަ ލިބޭނީ ނަމާދުގެ ޘަވާބުގެ ދެބައިކުޅަ އެއްބައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިށީނދެ އިންނަވައި ސުންނަތް ނަމާދުކުރައްވާ ކަމުގައިވިއެވެ.
2- ގެއިން ހިނގާފައި މިސްކިތަށް އަންނަ މީހާވެސް ނަމާދު ފެށުނީއްސުރެ އިށީނދެ އިނދެ ނަމާދު ކުރާތަން ފެނެއެވެ. މިކަމަކީ ފަރުވާކުޑަކޮށްލައިގެން ވާން އޮތް ކަމެއް ނޫނެވެ. ޟަރޫރީ ޙާލަތުގައި މެނުވީ ގޮނޑީގައި ނަމާދު ނުކުރެވޭނެއެވެ. ޟަރޫރީ ޙާލަތަކީ އޭގެ ޟަރޫރީ މިންވަރު ކަނޑައަޅަންޖެހޭ ޙާލަތެކެވެ. އެހެނީ ޤާއިދާގައިވަނީ الضَّرورةُ تُقَدَّرُ بقدرِها Necessity must only be assessed and answered proportionately މިސާލަކަށް މީހަކަށް ނަމާދު ފަށައިގެން ވަކި ވަރަކަށް ކޮޅަށް ހުރެވޭނަމަ، އަދި ކޮޅަށް ހުންނަން އުނދަގޫވަނީ ވަކި އިރަކަށްފަހުގައި ނަމަ، އެ ކޮޅަށް ހުރެވޭ ހިނދުކޮޅުގައި ނަމާދުކުރާނީ ކޮޅަށް ހުރެގެންނެވެ. އިށިއިންނާނީ އޭގެ ފަހުންނެވެ.
މަރްޖިޢުތައް
تَنْبِيْهِ النَّاسِي بحُكْمِ صَلاةِ أهْلِ الكَرَاسِي ذياب بن سعد آل حمدان الغامدي
الأحكام الفقهية المتعلقة بصفة الصلاة على الكرسي علي بن إبراهيم بن محمد القصيِّر
كتاب أحكام الصلاة على الكراسي ومسائلها المستجدة (بحث محكم)، تأليف د.محمد بن أحمد واصل
https://islamqa.info/ar/answers/50684
https://islamqa.info/ar/answers/9209