އެންމެ ފުރަތަމަ ކަމަކަށް އަހަރެމެން ޤަބޫލުކުރާ ޢަޤީދާގައި ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ މީސްތަކުންގެ ތެރެއިން ހޮއްވަވާ، އެބޭކަލުންނަކީ އެހެނިހެން މީސްތަކުންނަށްވުރެ މާތް ކުރައްވާ މަތިވެރި ކުރައްވާފައިވާ ބޭކަލުންނެވެ. އަދި އެބޭކަލުންނަށް ނަޞްރުދެއްވި އެބޭކަލުންގެ އަންޞާރުންނަކީވެސް މާތް ﷲ ހިދާޔަތު ދެއްކެވުމަށް ހޮއްވަވާ މާތްކުރައްވާފައިވާ ބަޔެކެވެ.
އަހަރެމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފަހުގައި މި އުންމަތުގައި ދެން އެންމެ މާތް ވެގެންވަނީ އެކަލޭގެފާނަށް ނަޞްރުދެއްވުމަށްޓަކައި ﷲ ތަޢާލާ ހޮއްވަވާ، ހިދާޔަތު ދެއްވައި، އެކަލޭގެފާނުގެ ޞުޙްބަތު އެބޭކަލުންނަށް ދެއްވި މި އުންމަތުގެ މާތް ޞަޙާބީންނެވެ.
ރަސޫލުބޭކަލުން ފިލްމުތަކުގައި ތަމްޘީލު ކުރުމަކީ ހުއްދަކަމެއް ނޫނެވެ. އެއީ އެބޭކަލުންގެ މާތްކަމާއި މަތިވެރިކަމާއި ޤަދަރަށް ކުރެވޭ ބޭ އިޙްތިރާމެކެވެ.
ރަސޫލުބޭކަލުން ފިލްމުތައް ދެއްކުން ޙަރާމް ކަމުގެ މައްޗަށް މިޒަމާނުގެ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވެއެވެ. ސަޢޫދީ ޢަރަބިއްޔާގެ ދާއިމީ ފަތުވާ ކޮމެޓީން މި މޭރުމުން ފަތުވާއެއް ނެރެފައިވެއެވެ. (ބައްލަވާ فتاوى اللجنة الدائمة (1 /712) ) އަދި މައްކާގައި ބޭއްވި މަޖްމަޢުލް ފިޤްހުލް އިސްލާމީ (އިސްލާމީ ފިޤްހު ކައުންސިލް) ގެ ބައްދަލުވުމެއްގައިވެސް އެކަން ޙަރާމްކަމަށް ބަޔާންކޮށް ޤަރާރެއް ނެރެފައިވެއެވެ.
ފިލްމުތަކުގައި ޞަޙާބީން ތަމްޘީލު ކުރުމަކީ ހުއްދަކަމެއް ނޫނެވެ. އެއީވެސް އެބޭކަލުންގެ މާތްކަމާއި މަތިވެރިކަމާއި ޤަދަރަށް ކުރެވޭ ބޭ އިޙްތިރާމެކެވެ. މިކަން ޙަރާމް ކަމުގެ މައްޗަށްވެސް ސަޢޫދީ ފަތުވާ ކޮމެޓީއާއި އިސްވެ ދެންނެވުނު ފިޤްހު ކައުންސިލުން ބަޔާން ނެރެފައިވެއެވެ. (ބައްލަވާ ” أبحاث هيئة كبار العلماء (3/328). )
މީގެ އިތުރުން މިފަދަ ފިލްމުތަކުގައި އެ ބެލުން ހުއްދަނުވާ އަދި އޭގެ ސަބަބުން އެ ބަލާމީހާގެ ޢަޤީދާއި ވިސްނުމަށް އަސަރުކުރުވައި، މާތް ބައެއް ބޭކަލުންނާމެދު ނުބައި ތަޞައްވުރު ދޭ ވަރަށް ގިނަ މަންޒަރުތައް އެފަދަ ފިލްމުތަކުގައި ހިމެނިގެން ވެއެވެ.
1- މި ބާވަތުގެ ބައެއް ފިލްމުތަކުގައި ޢަޤީދާގެ ވަރަށް ގިނަ މައްސަލަތައް ހުރެއެވެ. އަދި ޢަޤީދާގެ ގޮތުން މުސްލިމަކަށް މަޖްބޫރު ޙާލަތެއްގައި މެނުވީ ކުރުން ހުއްދަވެގެން ނުވާ ކަންކަން، މިސާލަކަށް ބުދަށް ސަޖިދަކުރުމާއި، ޝިރްކުގެ ބަސްތައް ކިޔުން ފަދަ ކަންކަން މިފަދަ ފިލްމުތަކުގައި ދައްކުވައިދެއެވެ. އަދި ބައެއް ﷲ އަށް އެއްޗެހި ކިޔާ ހަދައެވެ. މިތީ ތަމްޘީލު ކުރުމަށްޓަކައިވެސް ހުއްދަ ކަންކަމެއް ނޫނެވެ.
2- މި ބާވަތުގެ ހުރިހާ ފިލްމެއްގައިވެސް ﷲ ޙަރާމް ކުރެއްވި މިއުޒިކު ހިމަނާފައި ހުރެއެވެ. މިއުޒިކު އަޑުއެހުމަކީ ހުއްދަކަމެއް ނޫނެވެ.
3- ބެލުން ހުއްދަނޫން މަންޒަރުތައް، އަންހެނުންގެ ޢައުރަ، ބޮލާއި އިސްތަށިގަނޑު، ކަނދުރާ ނިވާނުކޮށް ތިބޭ އަންހެނުންނާއި، ރާ ބޯ މަންޒަރުތަކާއި، ނަށާ މަންޒަރުތައް ފަދަ މަންޒަރުތައް މިފަދަ ފިލްމުތަކުގައި ހުރެއެވެ.
4- މިފަދަ ފިލްމުތަކުގައި އަޞްލު ޙަޤީޤީ ވާހަކަ ދައްކާދިނުމުގެ ތެރޭގައި، ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ޞައްޙަ ގޮތުގައި ޘާބިތުނުވާ ވަރަށް ގިނަ ބައިތައް، އެއީ އެ ވާހަކަ ހިނގާދިޔަ ގޮތް ކަމަށް ދައްކައި، ކަރަންފޫ ކާފޫރު ތޮޅި އަޅައި، މައްސުނިކޮށް، ތާރީޚީ ޙަޤީޤަތްތައް މައްސުނިކޮށް، ބައެއް ފަހަރު ޤުރުއާނުގެ ޞަރީޙަ ބަސްފުޅާވެސް ޚިލާފަށް، އަނެއްބައި ފަހަރު އިސްރާއިލީ ރިވާޔަތްތަކަށް ބަރޯސާވެ އެ ފަދަ ރިވާޔަތްތަކުގައި ޔަހޫދީންނާއި ނަޞާރާއިންގެ ބަދަލުކުރެވިފައިވާ ފޮތްތަކުން ނަގައި އޭގައިވާ ގޮތަށް ފިލްމުގައި ދައްކާދީފައި ހުރެއެވެ. އެއީ އޭގައި ތެދެއް ދޮގެއް ނޭނގޭ އެއްޗެކެވެ. އަދި ގިނަ ފިލްމުތަކުގައި ކޮންމެވެސް ހެއްވާ މަޖާ ބައެއްވެސް ހިމަނާފައި ހުރެއެވެ.
5- މިނޫންވެސް ވަރަށް ގިނަ މުންކަރާތްތައް އެފަދަ ފިލްމުތަކުގައި ހުރެއެވެ. އަދި ބައެއް ފިރްޤާތަކުގެ މީހުން ފިލްމު ހަދާއިރު ފިލްމު ހަދަނީ އެމީހުންގެ ޢަޤީދާއާއި އެމީހުން ޤަބޫލުކުރާ ޤަބޫލުކުރުންތަކުގެ މައްޗަށް ބިނާކޮށެވެ. މިގޮތުން ޝިޢައީން ފިލްމެއް ހަދާނަމަ، އޭގައި ޢަލީގެ ފާނާއި ޙަސަނުގެފާނާއި ޙުސައިނުގެފާނު އުފުލަން ނުޖެހޭ މިންވަރަށް އުފުލައި، ހަތަރު ޚަލީފާއިންގެ ތެރެއިން ޢަލީގެފާނު ފިޔަވައި ދެން ތިއްބެވި ތިން ޚަލީފާއިންގެ މައްޗަށް ދޮގު ހަދައެވެ. އަދި މުޅި ޝީޢަތު ބިނާވެފައިވަނީ ބަނޫ އުމައްޔާއާ މެދު ޙަސަދަވެރިވުމުގެ މައްޗަށެވެ.
ރަސޫލުންގެ ފިލްމު ނުކުޅުނަސް ފިލްމު ނުބެލިޔަސް ރަސޫލުންނާއި ނަބީންގެ ވާހަކަތައް އަހަރެމެންނަށް އެނގޭނެއެވެ. ރަސޫލުންނާއި ނަބީންގެ ވާހަކަތައް މީސްތަކުންނާ ހަމައަށް ގެނެސްގަތުމަކީ އެއީ އެބޭކަލުން ތަމްޘީލުކޮށް، ޞަޙާބީން ތަމްޘީލްކޮށް، މިފަދަ ޙަރާމް ކަންކަން ކޮށް، އެބޭކަލުންގެ މައްޗަށް ދޮގުހަދައި، އޮޅުވާލައިގެން ކުރަން ޖެހޭ ކަންކަމެއް ނޫނެވެ. އިސްލާމްދީން ފާޅުވެ 1400 އަހަރުވެގެން މިއަދާ ހަމައަށް އައިއިރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅާއި، އެކަލޭގެފާނުގެ ސީރަތާއި، އޭގެ ކުރީގެ ނަބީބޭކަލުން ވާހަކަތައް މިހުރިހާ ޖީލުތައް ދަސްކޮށް، އެއިން ޢިބުރަތް ޙާޞިލްކޮށް، އަހަރެމެންނަށްވުރެ ރަނގަޅަށް އެޖީލުތައް އެއަށް ޢަމަލުކޮށްފައިވަނީ ފިލްމު ކުޅެގެން ފިލްމު ބަލައިގެންނެއް ނޫނެވެ.
ވީމާ ބަޔާންވެދިޔަ ކަންކަމަށް އެކަނި ރިޢާޔަތްކުރިއަސް ރަސޫލުބޭކަލުން ދައްކުވައިދޭ ފިލްމުތަކުގެ ޙަޤީޤަތް ވަރަށް ރަނގަޅަށް ސާފުވާނެއެވެ. އެހެންކަމުން އެފަދަ ފިލްމު ކުޅުމަކީވެސް ދެއްކުމަކީވެސް އަދި ބެލުމަކީވެސް ހުއްދަކަމެއް ނޫނެވެ. އެންމެ މާތް މަތިވެރި ބޭކަލުންގެ މާތް ކަމާއި ޤަދަރާއި ކަރާމާތް ދެމެހެއްޓުމަށްޓަކައެވެ.
މަރްޖިޢު
https://islamqa.info/ar/answers/163107/
https://islamqa.info/ar/answers/14488