ސަޖިދާކުރާ އިރު ފުރަތަމަ ޖައްސަން ޖެހޭނީ އަތްތިލަތޯ ނުވަތަ ކަކޫތޯ؟

ނަމާދުގައި ސަޖިދަކުރާއިރު އެންމެ ފުރަތަމަ ޖައްސަން ޖެހޭނީ ދެއަތްތޯ ނުވަތަ ދެކަކޫތޯ މިއީ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވާ މައްސަލައެކެވެ. ދެ ޤައުލަކަށެވެ. އެގޮތުން
1- އެންމެ ފުރަތަމަ ޖައްސަންޖެހޭނީ ކަކުލެވެ. މިގޮތަށް ވިދާޅުވަނީ އިމާމު އަބޫ ޙަނީފާ، އިމާމު ޝާފިޢީ، އިމާމު އަޙްމަދު(އެއްރިވާޔަތުގައި) އަދި އިބްނު ތައިމިއްޔާ، އިބްނުލް ޤައްޔިމްއެވެ. އަދި ފަހުގެ ޢިލްމުވެރިންގެ ތެރެއިން ޝައިޚް ބިންބާޒްއާއި ޝައިޚް ޢުޘައިމީން އިޚްތިޔާރުކުރެއްވީވެސް މި ބަސްފުޅެވެ. الموسوعة الفقهية الكويتية ގައި މި މިމައްސަލާގައި ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅަކީވެސް މިއީ ކަމުގައި ގެންނަވާފައިވެއެވެ.
މި ބޭކަލުންގެ މައިގަނޑު ދަލީލަކީ، އަންނަނިވި ޙަދީޘްފުޅެވެ.

حديث وائل بن حجر قال : رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا سَجَدَ يَضَعُ رُكْبَتَيْهِ قَبْلَ يَدَيْهِ وَإِذَا نَهَضَ رَفَعَ يَدَيْهِ قَبْلَ رُكْبَتَيْهِ . رواه أبوداود والترمذي والنسائي وابن ماجة والدارقطني (1/345) وقال البيهقي في السنن (2/101) : إسناده ضعيف . وضعفه الألباني في المشكاة (898) وفي الإرواء (2/75)

ވާއިލު ބިން ޙުޖުރު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޖިދަކުރައްވާނަމަ، އެކަލޭގެފާނުގެ ދެއަތްތިލައިގެ ކުރިން ދެކަކޫ ޖައްސަވާތީ އަދި ސަޖިދައިން ތެދުވަންނަވާނަމަ، ދެކަކުލުގެ ކުރިން ދެއަތް ނަންގަވާތީ، އަހުރެން ދުށީމެވެ.
މި ޙަދީޘް ވަރަށް ގިނަ ޢިލްމުވެރިން ޟަޢީފުކުރައްވައެވެ. އަދި އަނެއްބައި ބޭކަލުން މިސާލަކަށް އިބްނުލް ޤައްޔިމް ޒާދުލް މަޢާދުގައި މި ޙަދީޘް ޞައްޙަކުރެއްވިއެވެ.

2- އެންމެ ފުރަތަމަ ޖައްސަންޖެހޭނީ ދެއަތްތިލައެވެ. މިހެން ވިދާޅުވަނީ އިމާމު މާލިކާއި އިމާމު އައުޒާޢީއާއި އަދި ޙަދީޘް ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުންނެވެ. ޝައިޚް އަލްބާނީ ރަޙިމަހުﷲ ޞިފަތު ޞަލާތިއްނަބިއްޔި މިފޮތުގައިވެސް އިޚްތިޔާރުކުރައްވާފައިވަނީ މި ބަސްފުޅެވެ. މި ބޭކަލުންގެ ދަލީލަކީ،

أبو هريرة رضي الله عنه قال : قال رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: إذَا سَجَدَ أَحَدُكُمْ فَلَا يَبْرُكْ كَمَا يَبْرُكُ الْبَعِيرُ, وَلَكِنْ يَضَع يَدَيْهِ قَبْلَ رُكْبَتَيْهِ – . رواه أحمد (2/381) وأبوداود والترمذي والنسائي وقال النووي في المجموع (3/421) : رواه أبو داود والنسائي بإسناد جيد .وصححه الشيخ الألباني في الإرواء (2/78) وقال : وهذا سند صحيح رجاله كلهم ثقات رجال مسلم غير محمد بن عبدالله بن الحسن وهو المعروف بالنفس الزكية العلوي وهو ثقة .

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންކުރެ މީހަކު ސަޖިދަކުރާނަމަ، ޖަމަލު ބަނޑުޖަހާގޮތަށް (ތިރިވާގޮތަށް) ތިރިނުވާށެވެ. އެކަމަކު ދެކަކުލުގެ ކުރިން ދެއަތްތިލަ ޖައްސާހުށިކަމެވެ.”

މި މައްސަލައާ ގުޅިގެން ފާހަގަކޮށްލެވޭ ނުކުތާތައް
1- މި މައްސަލާގައި ވާރިދުވެފައިވާ ދަލީލުތަކުގެ ޞައްޙަ ކަމާމެދު ޚިޔާލު ތަފާތުވުން އުފެދިފައިވެއެވެ. އަދި ވާރިދުވެފައިވާ ބައެއް އަޘަރުތަކުގެ ޞައްޙަ ކަމާމެދުވެސް އިޚްތިލާފު އުފެދިފައިވެއެވެ.
2- ޖަމަލު ބަނޑުޖަހާ ގޮތް ނުވަތަ ޖަމަލު ތިރިވާ ގޮތާމެދުވެސް ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައިވެއެވެ.
3- ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ މި މައްސަލާގައި ވަރަށް އަގުހުރި ވާހަކަފުޅެއް ދައްކަވާފައިވެއެވެ. ވިދާޅުވިއެވެ. “މީގެން ކޮންމެ ގޮތަކަށް ސަޖިދަކުރިކަމުގައިވިޔަސް ދެގޮތްވެސް ޢިލްމުވެރިންގެ އިއްތިފާޤުން ޞައްޙައެވެ. ނަމާދުކުރާ މީހާ ބޭނުންނަމަ އޭނާ ކަކުލުގެ ކުރިން އަތްތިލަ ޖައްސަންވީއެވެ. އޭނާ ބޭނުން ނަމަ އަތްތިލައިގެ ކުރިން ކަކޫ ޖައްސަންވީއެވެ. ދެ ޙާލަތުގައިވެސް އޭނާގެ ނަމާދު ޞައްޙަވާނެ ކަމަށް ޢިލްމުވެރިން އިއްތިފާޤުވެއެވެ. އިޚްތިލާފުވީ މީގެން އެންމެ މޮޅު އިތުރު ގޮތަކީ ކޮބައިކަމާ މެދުގައެވެ.” الفتاوى (22/449)

4- ޝައިޚް ޢަބްދުލްކަރީމް ޙުޟައިރު ވިދާޅުވިއެވެ. “ޙަދީޘް ވާއިލްއަށްވުރެ ޙަދީޘް އަބޫ ހުރައިރާ މާ ބާރުގަދައެވެ. އަދި ޙަދިޘް އަބޫ ހުރައިރާއަށް ދަލާލަތުކުރާ އެހެން ޙަދީޘެއްކަމުގައިވާ ޙަދީޘް އިބްނު ޢުމަރު، މި ޙަދީޘަކީ ޞައްޙަ ޙަދީޘެއްކަމަށް އިބްނު ޙުޒައިމާ ވިދާޅުވެއެވެ. އަދި އިމާމު ބުޚާރީ މުޢައްލަޤު، މައުޤޫފު ރިވާޔަތެއްގެ ގޮތުގައި ޙަދީޘް އިބްނު ޢުމަރު ގެންނަވާފައިވެއެވެ. މި ދެ ޙަދީޘް އޭގެ ބޭރު ފުށުން ތަޢާރަޟު ފެންނަން ހުރުމާއެކު ރާޖިޙުކުރުން އުނދަގޫކަމަކަށްވާތީ، މި މައްސަލަ ޙައްލުކުރުމަށްޓަކައި ދެ ޙަދީޘް ޖަމާކުރަން ބަލާއިރު،
ޢަރަބި ބަހުގައި برك البعير ޖަމަލު ބަނޑުޖެހުން (ޖަމަލު ތިރިވުން) ބޭނުން ކުރަނީ ބިންގަނޑަށް ޖަމަލު ބާރަށް ކުއްލިއަކަށް ޖެހިގަތުމަށެވެ. ހިރަފުސް އަރައި ކުދި ހިލަތައްވެސް ބުރައިގެން ދެއެވެ. ޙަދީޘްގައި ނަހީވެފައިވަނީ މިގޮތަށް ތިރިވުމެވެ. ޙަދީޘްގެ މާނައަކީ، މަޑު މަޑުން ތިރިވާށެވެ. ފުރަތަމަ އަތް ޖައްސާށެވެ. ދެން ކަކޫ ޖައްސާށެވެ. އަދި ހަމައެގޮތަށް މީހަކު ކަކޫ މާ ބާރަށް ޖައްސައި އޭގެ ފަހުގައި އަތް ޖައްސައި ސަޖިދަކޮށްފިނަމަ އެއީ ޙިމާރު ތިރިވާގޮތަށް ތިރިވުމެވެ. ނަމާދުގައި ޖަނަވާރުތަކާ އެއްގޮތްވުން ނަހީވެގެންވެއެވެ.
މިތަނުގައި ޖަމަލު ތިރިވާގޮތަށް ޖެހިގަތުމާ، މަޑުމަޑުން ތިރިވުމާ ދެކަން ފަރަޤުކުރަން ޖެހެއެވެ. ނަހީވެފައިވަނީ ބާރަކަށް ކުއްލިއަކަށް ޖެހިގަތުމެވެ.
މިސާލަކަށް މުޞްޙަފު ބިންމަތީގައި ބޭއްވުމާ މުޞްޙަފު ބިންމައްޗަށް އެއްލާލުމާ ތަފާތެވެ. މުޞްޙަފު ބިންމަތީގައި ބޭއްވުމަކީ ހުއްދަކަމެކެވެ. އެކަމަކު މުޞްޙަފު ބިންމައްޗަށް އެއްލާލުމަކީ ހުއްދަކަމެއް ނޫނެވެ.
އެހެންކަމުން، ދެ ޙަދީޘްގައި ތަޢާރުޟެއް ނެތެވެ. އަބޫ ހުރައިރާގެ ޙަދީޘް ރާޖިޙުކުރާ މީހުން ކަކުލުގެ ކުރިން އަތް ޖައްސަންވީއެވެ. އެއީ ބާރަށް ވެއްޓިގަތުމަކާ ނުލައެވެ. އަދި ވާއިލުގެ ޙަދީޘް ރާޖިޙު ކުރާ މީހުން އަތުގެ ކުރިން ކަކޫ ޖައްސަންވީއެވެ.
އެންމެ ރާޖިޙު ޤައުލެއްކަމުގައި އަހުރެން ދެކެނީ ކަކުލުގެ ކުރިން އަތް ޖެއްސުމެވެ. އެއީ ޖަމަލު ވެއްޓިގަންނަގޮތާ ވައްތަރުނުވާ ގޮތަށް މަޑުމަޑުން ތިރިވުމެވެ.”

މަރްޖިޢު
إتحاف الكرام، ببيان كيفية الهوي إلى السجود وكيفية القيام، علي بن أمِير المالكي

«الموسوعة الفقهية الكويتية» (24/ 205-206 ) و(27/ 96 )
https://islamqa.info/ar/answers/2108