1- ޝުކުރުގެ ސަޖިދަ
ޝުކުރުގެ ސަޖިދައަކީ ނިޢުމަތެއް ލިބުމުގެ ސަބަބުން ނުވަތަ ދަތިކަމަކުން ސަލާމަތްވުމުގެ ސަބަބުން ނުވަތަ އުފާވެރި ޚަބަރެއް ލިބުމުން ކުރުން ސުންނަތް ވެގެންވާ ސަޖިދައެކެވެ. އޭގެ ދަލީލަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އަބޫ ބަކްރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ މި ޙަދީޘެވެ.
(أَنَّهُ كَانَ إِذَا جَاءَهُ أَمْرُ سُرُورٍ أَوْ بُشِّرَ بِهِ خَرَّ سَاجِدًا شَاكِرًا لِلَّهِ) {رواه الترمذي (1578) وابن ماجه (1394)أبو داود (٢٧٧٤) وصححه الشيخ الألباني رحمه الله في ” صحيح أبي داود “}
މާނައީ: “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އުފާވެރިކަމެއް މެދުވެރިވުމުން ނުވަތަ އެފަދަ އުފާވެރި ޚަބަރެއްލިބުމުން ﷲއަށް ޝުކުރުއަދާކުރުމުގެ ގޮތުން ސަޖިދައަށް ތިރިވެވަޑައިގަންނަވައެވެ.”
2- ޝުކުރުގެ ސަޖިދާ ކުރާނެ ގޮތް
ސަޖިދައަށް ދާނީއެވެ. އަދި ސަޖިދަކުރާނީ ސަޖިދަކުރުމަށް ވާރިދުވެފައިވާ 7 ގުނަވަނުގެ މައްޗަށެވެ. ސަޖިދައަށް ދަމުން އަދި ސަޖިދައިން ތެދުވަމުންވެސް ﷲ އަކްބަރު ކިޔާކަށް ނުޖެހޭނެއެވެ. އަދި ސަލާމްދޭކަށް ނުޖެހޭނެއެވެ. ކުރާނީ އެއްސަޖިދައެވެ.
3- ޝުކުރުގެ ސަޖިދާގައި ކިޔާ ޛިކްރު
ޝުކުރުގެ ސަޖިދާގައި ސީދާ މިވެނި ޛިކުރެއް ކިޔުން ވާޖިބު އެއްވެސް ޛިކުރެއް ޞައްޙަ ގޮތުގައި ވާރިދުވެފައި ނުވެއެވެ. މިކަމުގައި ޢިލްމުވެރިން ވިދާޅުވަނީ الحمد للّه ނުވަތަ މިފަދަ ޙަމްދުކުރުމުގެ ޢިބާރާތެއް ޢަރަބި ބަހުން ކިޔިދާނެކަމަށެވެ. ނުވަތަ ތަސްބީޙަ، ދުޢާ އަދި އިސްތިޣްފާރުވެސް މި ސަޖިދާގައި ކުރެވިދާނެއެވެ.
4- ޝުކުރުގެ ސަޖިދަކުރުމުގައި ޠަހާރަތުމަތީގައި ހުރުން، ޤިބުލައަށް ކުރިމަތިލުން، ޢައުރަ ނިވާކުރުން
ޝުކުރުގެ ސަޖިދަކުރުމުގައި، ޠަހާރަތު މަތީގައި ހުރުމާއި، ޤިބުލައަށް ކުރިމަތިލުމާއި، ޢައުރަ ނިވާކުރުން ޝަރުޠެއް ނޫނެވެ. އޭގެ މާނައަކީ މިސާލަކަށް އަންހެނަކު ބުރުގާ ނާޅައިވެސް ޝުކުރުގެ ސަޖިދަކުރެވިދާނެއެވެ.
5- ޖަމާޢަތުގައި (އެންމެން އެއްކޮށް) ޝުކުރުގެ ސަޖިދަކުރުން
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެގޮތަށް ޖަމާޢަތުގައި ޝުކުރުގެ ސަޖިދަކުރުމަކީ ބިދުޢައެކެވެ. އެހެނީ ދަލީލެއް ނެތި އަޅުކަމުގެ ކައިފިއްޔަތު ބަދަލުކުރުމެވެ. ޝުކުރުގެ ސަޖިދަ ކުރާނީ ފަރުދީކޮށެވެ.
މަރްޖިޢުތައް
سجود الشكر وأحكامه في الفقه الإسلامي ” ، إعداد : الدكتور : عبد الله بن عبد العزيز الجبرين.
اللجنة الدائمة للبحوث العلمية والإفتاء7/266
” فتاوى اللجنة الدائمة ” ( 7 / 263 ) .
” مجموع الفتاوى لشيخ الإسلام ابن تيمية – رحمه الله ” ( 21 / 277 ) .
https://islamqa.info/ar/140804