ނިފާސް އަކީ ވިހެއުމާއި ގުޅިގެން އަންހެނާގެ ފަރުޖުން ބޭރުވާ ލެއެވެ.
ނިފާސްގެ މުއްދަތު
ނިފާސްގެ އެންމެ ކުރު މުއްދަތަކަށް ވަކި ޙައްދެއް ނެތެވެ. ވިހެއުމަށްފަހު ކިތަންމެ އަވަހަށް ލޭ ކެނޑި ޠާހިރުވުމުން ހިނައިގަނެ އަޅުކަންކުރަން ފަށަންވީއެވެ. ނިފާސްގެ އެންމެ ދިގު މުއްދަތާމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު ހުއްޓެވެ. ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި ނިފާސްގެ އެންމެ ގިނަ މިނީ 40 ދުވަހެވެ. މިއީ އެންމެ ޞައްޙަ ބަސްފުޅެވެ. ދަލީލުގެ ގޮތުން ބަލާއިރު އެންމެ ވަރުގަދަ ބަސްފުޅެވެ.
(كَانَتْ النُّفَسَاءُ تَجْلِسُ عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَرْبَعِينَ يَوْمًا ) {رواه أبو داود (139) وقال الألباني حسن صحيح} އުންމު ސަލްމާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ނިފާސްވެރިން އެކަނބަލުންގެ ނިފާސްކަމުގައި ސާޅީސްދުވަހު ތިބެއެވެ.”
އިމާމު ތިރްމިޛީ ރަޙިމަހުﷲ މި ޙަދީޘް ރިވާކުރެއްވުމަށްފަހު ވިދާޅުވިއެވެ.
” أَجْمَعَ أَهْلُ الْعِلْمِ مِنْ أَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَالتَّابِعِينَ وَمَنْ بَعْدَهُمْ عَلَى أَنَّ النُّفَسَاءَ تَدَعُ الصَّلَاةَ أَرْبَعِينَ يَوْمًا إِلَّا أَنْ تَرَى الطُّهْرَ قَبْلَ ذَلِكَ ، فَإِنَّهَا تَغْتَسِلُ وَتُصَلِّي ، فَإِذَا رَأَتْ الدَّمَ بَعْدَ الْأَرْبَعِينَ فَإِنَّ أَكْثَرَ أَهْلِ الْعِلْمِ قَالُوا لَا تَدَعُ الصَّلَاةَ بَعْدَ الْأَرْبَعِينَ ، وَهُوَ قَوْلُ أَكْثَرِ الْفُقَهَاءِ وَبِهِ يَقُولُ سُفْيَانُ الثَّوْرِيُّ وَابْنُ الْمُبَارَكِ وَالشَّافِعِيُّ وَأَحْمَدُ وَإِسْحَقُ ” “سنن الترمذي” (1/256) .
“ނިފާސްވެރިން އެކަނބަލުންގެ ނިފާސްކަމުގައި ސާޅިސްދުވަހު ނަމާދުނުކޮށް ތިބުމަށާއި އެކަމަކު އެއަށްވުރެކުރިން ޠުހުރުފެނިއްޖެނަމަ ހިނައިގަނެ ނަމާދުކުރަން ފަށަންޖެހޭނެކަމަށް ހުރިހައި އަޞްޙާބުބޭކަލުންނާއި ތާބިޢީކަލުންނާއި އެއަށްފަހުގައި ވަޑައިގެންނެވި ޢިލްމުވެރިބޭކަލުން އިޖުމާޢުވެވަޑައިގެންފައިވެއެވެ.” ދެން ސާޅީސްދުވަސްފަހުން ލޭފެނިއްޖެނަމަ ދަންނައެވެ. ފަހެ ގިނަޢިލްމުވެރިން ވިދާޅުވެފައިވަނީ އޭނާ ނަމާދު ދޫނުކުރާހުށިކަމެވެ. އެއީ ގިނަ ފިޤްހު ޢިލްމުވެރިންގެ ބަސްފުޅެވެ. އަދި ސުފްޔާނުއް ޘައުރީއާއި އިބްނުލް މުބާރަކާއި ޝާފިޢީ އަދި އަޙްމަދު އަދި އިސްޙާޤުވެސް ވިދާޅުވަނީ މިފަދައިންނެވެ.”
ސާޅީސް ދުވަސް ވުމަށްފަހުގައި ލޭ އަންނަ ނަމަ
1- އެއީ ނިފާސްގެ ލެއެއް ނޫނެވެ. އެހެނީ ނިފާސްގެ އެންމެ ދިގު މުއްދަތަކީ ސާޅީސް ދުވަހެވެ. އެހެންކަމުން ސާޅީސް ދުވަސްވުމުން ހިނައިގަނެ އަޅުކަންކުރަން ފަށާށެވެ. އޭގެ ފަހުގައި ލޭ އަންނަނަމަ ތިބާގެ ޙުކުމަކީ ހަމަ ޠާހިރު މީހެއްގެ ޙުކުމެވެ. ލެއަކީ ނިފާސްގެ ލެއެއް ނޫނެވެ. ފަސާދައިގެ ލެއެވެ. ނުވަތަ އިސްތިޙާޟާގެ ލެއެވެ. ކޮންމެ ނަމާދަކަށް ސާފުކޮށް، ވުޟޫކޮށް، ބަންދުކޮށް ނަމާދު ކުރަންޖެހޭނެއެވެ. ޖިމާޢުވުންވެސް ހުއްދައެވެ.
2- ފަހަރެއްގައި ޙައިޟުގެ ލެއަށްވެސް ވެދާނެއެވެ. އެސިފަތައް ލެއިން ފެންނަނަމަ، ޙައިޟުގެ މުއްދަތަށް ބަލާނީއެވެ. އަދި ޙައިޟު ރަނގަޅުވުމުން ހިނައިގަންނާނީއެވެ.
ނިފާސްގެ މުއްދަތު ގުނާނީ ކިހިނެއް؟
ނިފާސްގެ މުއްދަތު ގުނާނީ ވިހެއުމުގެ ލޭ ފައިބަން ފެށި ވަޤުތުން ފެށިގެންނެވެ. އެގޮތުން 40 ދުވަސް ހަމަކޮށް 41 ވަނަ ދުވަހު ހިނައިގަނެ އަޅުކަންކުރަން ފަށާނީއެވެ. މިސާލަކަށް ނިފާސްވެރިވީ ދުވަހެއްގެ މެންދުރު ވަޤުތުގައި ނަމަ 41 ވަނަ ދުވަހުގެ މެންދުރު ނަމާދު ވަޤުތުއެއީ ހިނައިގަނެ ނަމާދުކުރަން ފަށަންޖެހޭ ވަޤުތެވެ.
މަރްޖިޢުތައް
https://islamqa.info/ar/answers/128877
https://islamqa.info/ar/answers/31803