ޙަރާމް ގޮތުގައި ހޯދާފައިވާ ފައިސާއަށް ތައުބާވުމަށްފަހު ހަދާނީ ކިހިނެއް؟

ޙަރާމް ގޮތުގައި ފައިސާ ހޯދުމަކީ ބޮޑު ފާފައެކެވެ. ޙަރާމްގޮތުގައި ހޯދާފައިވާ ފައިސާއިން ގެދޮރު ބިނާކޮށް، ސަވާރީތައް ގަނެ، އެފައިސާ އިންވެސްޓުކޮށް، ވިޔަފާރި ފަށާފައިވާނަމަ، އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ، އެކުރި ފާފައަށް ތައުބާވެ އިސްތިޣްފާރު ކުރުމެވެ.
އެއަށްފަހު ދެން ހިތުގައި އުފެދޭ ސުވާލަކީ، ޙަރާމްގޮތުގައި ހޯދާފައިވާ ފައިސާއަށް ހަދާނީ ކިހިނެއް ހެއްޔެވެ؟ ޙަރާމްގޮތުގައި ހޯދާފައިވާ ފައިސާއިން ގަނެފައިވާ އެއްޗިއްސަށް ހަދާނީ ކިހިނެއް ހެއްޔެވެ؟ ޙަރާމް ގޮތުގައި ހޯދާފައިވާ ފައިސާއިން ފަށާފައިވާ، މިހާރުވެސް ހިނގަހިނގާ ހުރި ވިޔަފާރިއާމެދު ޢަމަލުކުރަންވީ ކިހިނެއް ހެއްޔެވެ؟
ނަޤްދުގެ ގޮތުގައި ހުރި ޙަރާމް ފައިސާ: އެކަމުގައި ޢަމަލުކުރާނެ ގޮތަކީ އެފަދަ ފައިސާއިން ޚަލާޞްވެގަތުމެވެ. އެއީ އެފައިސާތައް މުޖުތަމަޢަށް ފައިދާ ހުރި ކޮންމެވެސް ކަމަކަށް ހޭދަކޮށްގެންނެވެ. މިސާލަކަށް ޢުމުރާނީ ތަރައްޤީގެ މަޝްރޫޢަކަށް ހޭދަކޮށްގެންނެވެ. މަގު ހެދުމާއި، ފާޚާނާބަރިތައް ހެދުން، ސްކޫލްތައް، ހޮސްޕިޓަލްތައް ހެދުން ފަދަ ކަމަކަށްވެސް އެފަދަ ފައިސާތައް ޚަލާޞްކުރުމުގެ ގޮތުން ދެވިދާނެއެވެ. ނުވަތަ ފަޤީރަކަށް، މުހުތާދުވެގެންވާ މީހަކަށް ދީގެންނެވެ. ޙަރާމް ގޮތުގައި ހޯދާފައި ހުރި ފައިސާއެއް އޭނާ ތައުބާވިޔަސް އެއީ ޙަލާލު އެއްޗަކަށް ބަދަލެއް ނުވާނެއެވެ. (ބައްލަވާ: “فتاوى اللجنة الدائمة” (14/32) އަދި “اللقاء الشهري” (67/ 19، بترقيم الشاملة آليا). އަދި ޢިލްމުވެރިން ވިދާޅުވާގޮތުގައި، ތައުބާވާ މީހާއަކީ ފަޤީރެއްކަމުގައިވާނަމަ އެފައިސާއިން އޭނާއަށް ޙާޖަތް ޖެހިގެންވާ މިންވަރަށް ބޭނުން ކުރުން ހުއްދައެވެ. ޚަލާޞްކުރާނީ ބާކީ ބައެވެ. (ބައްލަވާ زاد المعاد” (5/778) )
ޙަރާމް ފައިސާއިން ގަނެފައިވާ ތަކެތި: އެފަދަ ތަކެތި ވިއްކާލާކަށް ނުޖެހޭނެއެވެ. މިސާލަކަށް ރިބާގެ ލޯނެއް ނަގައިގެން ބިނާކޮށްފައިވާ ގެދޮރު ވިއްކާލާކަށް، ލާޒިމެއް ނުވާނެއެވެ. އަދި ގަނެފައިވާ ކާރު، ސައިކަލު އަދި އެފަދަ ހަރުމުދާވެސް ވިއްކާލާކަށް ނުޖެހޭނެއެވެ. ތެދުވެރި އިޚްލާޞްތެރި ތައުބާއަކުން ތައުބާވީމާ، އިން ޝާ ﷲ، ފާފަ ފުއްސަވާނެއެވެ.
ޙަރާމް ފައިސާއިން ފެށި ވިޔަފާރި: އެކަމުގައި ޢިލްމުވެރިން ވިދާޅުވަނީ ތައުބާވުމަށް، ފަހު އެ ވިޔަފާރި ހުއްޓާލަން ނުޖެހޭނެކަމަށެވެ. ތައުބާވުމަށް ފަހު ވިޔަފާރި ކުރިޔަށް ގެންދާނީއެވެ. އެހެނީ ޢިލްމުވެރިން ވިދާޅުވާގޮތުގައި، ތައުބާވާ މީހާގެ މުޅި މިލްކިއްޔާތު ދޫކޮށްލަން ޖެހުމަކީ އޭނާ ތައުބާއަށް ނަފުރަތުވާނޭ، އަދި ތައުބާވުމަށް ފަސްޖެހޭނޭ ކަމަކަށް ވެދާނެއެވެ. އަދި ކާފިރަކަށްވެސް އޭނާ ކާފިރުކަމުގައި ހޯދާފައިވާ މުދާ އެއީ ޙަރާމް މުދާ ކަމުގައިވިޔަސް އިސްލާމްވުމާއެކު އޭނާ އެ މުދަލުން ތަޚައްލުޞުވާކަށް ނުޖެހޭނެއެވެ. އެހެނީ އެގޮތަށް މީސްތަކުންގެ މުޅި މުދާ ދޫކުރަންޖެހޭނަމަ، ކާފިރުކަން އެމީހުންގެ ކައިރީގައި އިސްލާމްކަމަށްވުރެ ލޯބިވާ ކަމަކަށް ވެދާނެއެވެ. އަދި މުސްލިމަކުވެސް ތައުބާނުވެ ޙަރާމް ގޮތުގައި ވިޔަފާރިކޮށްގެން އުޅުން، ތައުބާވުމަށް ވުރޭ އޭނާ ރުހޭ ކަމަކަށްވެދާނެއެވެ. ވީމާ މިކަމުގައި ޢިލްމުވެރިން ވިދާޅުވާ ގޮތަކީ އެފަދަ ވިޔަފާރި ހުއްޓާލާކަށް ނުޖެހޭނެއެވެ. އަދި އޭގެން ތައުބާވީމާ ފުދޭނޭ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އަދި އެކަމުގައި ހިތަށް ނުތަނަވަސްކަން ވެރިވާނަމަ، ހިތް އެއްކޮށް ހަމަޖެއްސުމަށްޓަކައި، ވިޔަފާރި ފެށި ޢަދަދާ (ރައުސްމާލާ) އެއް މިންވަރެއްގެ ފައިސާ ޞަދަޤާތްކުރުމަށް ކުޅަދާނަވެގެން ވާނަމަ އެ ޢަދަދަށް ފައިސާ ޞަދަޤާތްކުރުން މޮޅުއިތުރު ކަމުގައި ބައެއް ޢިލްމުވެރިން ދެކިލައްވައެވެ. (ބައްލަވާ ޝައިޚުލް އިސްލާމްގެ “مجموع الفتاوى” (22/21) )
( وَإِنِّي لَغَفَّارٌ لِمَنْ تَابَ وَآمَنَ وَعَمِلَ صَالِحاً ثُمَّ اهْتَدَى ) طـه/82
މާނައީ: “އަދި، ތައުބާވެ، އީމާންވެ، ހެޔޮ ޢަމަލުކޮށް ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން، ތިމަންއިލާހީ، ގިނަގިނައިން ފާފަފުއްސަވާ އިލާހުކަން ކަށަވަރެވެ.”
ޚުލާޞާ:
* ޙަރާމް ގޮތުގައި ހޯދާފައިވާ ފައިސާ ހޯދީ އެކަމުގެ ޙަރާމްކަން ނޭނގިހުރެ ނަމަ އެފައިސާ ބޭނުން ކުރާނީއެވެ. އެ ޚަލާޞްކުރާކަށް ނުޖެހޭނެއެވެ.
ޙަރާމް ކަން އެނގިހުރެ ޙަރާމް ގޮތުގައި ހޯދާފައިވާ ފައިސާ ހޭދަކޮށްނިމިފައިވާނަމަ، އެކަމުން ތައުބާވީމާ ނިމުނީއެވެ.
* ޙަރާމް ގޮތުގައި ހޯދާފައިވާ ފައިސާއަތުގައި ބާކީ ހުރި ނަމަ އެ ޚަލާޞްކުރަންޖެހޭނެއެވެ. އެއަށް މުހުތާދުވެގެންވާ ފަޤީރަކު ކަމުގައިވާނަމަ އޭގެން މުހުތާދު ފުދޭވަރަށް ބޭނުން ކުރެވިދާނެއެވެ. މުހުތާދު ފުދޭވަރަށް ނަގާފައި ބާކީބައި ޚަލާޞްކުރާނީއެވެ.
* ޙަރާމް ގޮތުގައި ހޯދި ފައިސާއިން ފަށާފައިވާ ވިޔަފާރިއެއް ނަމަ، އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމާއެކު އެ ވިޔަފާރި ކުރިޔަށް ގެންދާނީއެވެ.

މުހިއްމު ނުކުތާއެއް: ޙަރާމް ގޮތުގައި އާމްދަނީ ހޯދާ މަސައްކަތެއް ކުރުމާއި، މީހެއްގެ ޙައްޤަކަށް އަރައިގަނެގެން ޙަރާމް ފައިސާ ހޯދުމާއި މިއީ ތަފާތު ދެކަމެކެވެ. މިސާލަކަށް ރާ ވިއްކައިގެން އާމްދަނީ ހޯދާ މީހާ، މަސްތުވާތަކެތި ވިއްކައިގެން އާމްދަނީ ހޯދާ މީހާ، މިއުޒިކް ކުޅެގެން އާމްދަނީ ހޯދާ މީހާ، އޭނަ އާމްދަނީ ހޯދާ ގޮތް ޙަރާމް ވަނީއެވެ. މިޔާ ޚިލާފަށް މީހެއްގެ އަތުން ފޭރިގަންނަ މީހާ، ވައްކަންކުރާ މީހާ، މީނާގެ ތަފާތަކީ މިފަދަ މީހަކު ތައުބާވާއިރު، އޭގެ ޙައްޤުވެރިޔާއަށް އެފައިސާ ރައްދުކޮށްދޭން ޖެހޭނެއެވެ. عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( مَنْ كَانَتْ لَهُ مَظْلَمَةٌ لِأَخِيهِ مِنْ عِرْضِهِ أَوْ شَيْءٍ فَلْيَتَحَلَّلْهُ مِنْهُ الْيَوْمَ قَبْلَ أَنْ لَا يَكُونَ دِينَارٌ وَلَا دِرْهَمٌ ) . رواه البخاري (2449) އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އެމީހެއްގެ އަޚާއަށް އެއަޚާގެ އަބުރުގައި ނުވަތަ އެނޫންވެސް އެއްޗެއްގައި ގެއްލުމެއްދީފައިވާނަމަ، މިއަދު އެކަމަށް އޭނާގެ ކިބައިން މާފަށް އެދޭށެވެ. ދީނާރަކުން ދިރުހަމަކުން ފައިދާއެއް ނުކުރާނޭ ދުވަހުގެ(ޤިޔާމަތް ދުވަހުގެ) ކުރިންނެވެ.” އަދި މިބާވަތުގެ ޙައްޤެއް އަތުލައިގަނެގެން ވިޔަފާރިކޮށްފިނަމަ ޢިލްމުވެރިންގެ އަރިހުގައި އޭގެން ލިބޭ ފައިދާއިން ވިޔަފާރި ކުރާ މީހާ ނަގާ މިންވަރުގެ ފައިދާއެއް އެ ފައިސާގެ އަޞްލުވެރި މީހާއަށްވެސް ރައްދުކޮށްދޭންޖެހޭނެއެވެ. ވެރިމީހާ ނޭނގޭނަމަ ވެރިމީހާއަށް ވާ ފައިދާގެ ނިސްބަތް ވެރިމީހާއަށް އަޖުރު ލިބުން އަދައިގެން ޞަދަޤާތްކުރާނީއެވެ.
އެކަމަކު މަސައްކަތްކޮށްގެން ޙަރާމް އާމްދަނީ ހޯދާ މީހާ، ރާ ވިއްކާ މީހާ، މަސްތުވާ ތަކެތި ވިޔަފާރިކުރާ މީހާ، މިއުޒިކު ކުޅެގެން އާމްދަނީ ހޯދާ މީހާ، ތައުބާވާއިރު އެހެން މީހަކަށް ރައްދުކޮށްދޭންޖެހޭ ޙައްޤެއް ނޯންނާނެއެވެ. ތައުބާވެ، އޭނާ އެ ފައިސާ ޚަލާޞްކުރީމަ ނިމުނީއެވެ.
ކުރުކޮށް:
* މީހެއްގެ ޙައްޤަކަށް އަރައިގަނެގެން މިސާލަކަށް ވައްކަން ކޮށްގެން، ފޭރިގަނެގެން ހޯދި ޙަރާމް ފައިސާއިން ތައުބާވާއިރު، ޙައްޤު އަދާކޮށްދޭން ޖެހޭނެއެވެ. އެގޮތަށް ހޯދާފައި ހުރި ފައިސާ ޚަލާޞްކުރަންވެސް ޖެހޭނެއެވެ.
* މީހެއްގެ ޙައްޤަކަށް އަރައިނުގަނެ، މިސާލަކަށް ރާ ވިއްކައިގެން، ހޯދި ޙަރާމް ފައިސާއިން ތައުބާވާއިރު، ޙައްޤު އަދާކުރާކަށް ނުޖެހޭނެއެވެ. އެކަމަކު އެގޮތަށް ހޯދާފައި ހުރި ފައިސާ ޚަލާޞްކުރަންޖެހޭނެއެވެ.

މަރްޖިޢުތައް
https://islamqa.info/ar/126045
https://islamqa.info/ar/81915
https://islamqa.info/ar/226586
https://islamqa.info/ar/121252
https://islamqa.info/ar/288163
https://islamqa.info/ar/175812
https://islamqa.info/ar/101418
https://islamqa.info/ar/142235