ދަމުނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ. އެއީ ކުރުމުން ޘަވާބު ލިބޭ ނުކޮށް ދޫކޮށްލިޔަސް ޢަޛާބު ނުލިބޭ ކަމެކެވެ. މޮޅު އިތުރުވެގެންވާ ގޮތަކީ ކޮންމެ ރެއަކުވެސް ދަމުނަމާދު ދާއިމީގޮތެއްގައި ކުރުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ.
ނިދުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާ ހެދީ ދަމުނަމާދު ދޫވެއްޖެނަމަ، ޢާއްމުކޮށް ދަމު ނަމާދުކުރާ މީހާއަށް އެ ނަމާދު ފަހުންވެސް ކުރެވިދާނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.
އަންނަނިވި ޙަދީޘްގައިވާ ފަދައިންނެވެ.
عن عَائِشَةَ، قَالَتْ: كَانَ نَبِيُّ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا صَلَّى صَلَاةً أَحَبَّ أَنْ يُدَاوِمَ عَلَيْهَا، وَكَانَ إِذَا غَلَبَهُ نَوْمٌ أَوْ وَجَعٌ عَنْ قِيَامِ اللَّيْلِ صَلَّى مِنَ النَّهَارِ ثِنْتَيْ عَشْرَةَ رَكْعَةً – رواه مسلم 746
ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ.
“ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދެއް ކުރައްވާނަމަ، އެ ނަމާދު ދާއިމީގޮތެއްގައި ކުރެއްވުމަށް ލޯބިކުރައްވައެވެ. އެކަލޭގެފާނަށް ނިދީގެ ސަބަބުން ނުވަތަ ތަދެއްގެ (ބައްޔެއްގެ) ސަބަބުން ދަމުނަމާދު ނުކުރެވިއްޖެނަމަ، ދުވާލުގައި ބާރަ ރަކްޢަތް ކުރައްވައެވެ.”
މި ޙަދީޘުން އެނގޭ ގޮތުގައި، ދުވާލު ދަމު ނަމާދު ޤަޟާކުރާނަމަ، މުސްތަޙައްބު ވެގެންވާ ގޮތަކީ، ރޭގަނޑު ޢާއްމުގޮތެއްގައި ދަމުނަމާދުގައި ކުރާ ޢަދަދަށް އެއްރަކްޢަތް އިތުރުކޮށްލައި ހިރި ޢަދަދަކަށް ބަދަލުކުރުމެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޭގަނޑު ދަމު ނަމާދުގައި ޢާއްމުގޮތެއްގައި ކުރައްވަނީ 11 ރަކްޢަތެވެ. އެހެންކަމުން ދުވާލު ދަމު ނަމާދު ކުރައްވާނަމަ 11 އަށް 1 ރަކްޢަތް އިތުރު ކުރައްވައި 12 ރަކްޢަތް ކުރައްވަނީއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްގައިވާ ފަދައިންނެވެ.
عن عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: ( مَا كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَزِيدُ فِي رَمَضَانَ وَلاَ فِي غَيْرِهِ عَلَى إِحْدَى عَشْرَةَ رَكْعَةً: يُصَلِّي أَرْبَعًا، فَلاَ تَسَلْ عَنْ حُسْنِهِنَّ وَطُولِهِنَّ، ثُمَّ يُصَلِّي أَرْبَعًا، فَلاَ تَسَلْ عَنْ حُسْنِهِنَّ وَطُولِهِنَّ، ثُمَّ يُصَلِّي ثَلاَثًا ) رواه البخاري (1147) ومسلم (738).
ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ރަމަޟާންމަހުގައިވެސް އަދި އެނޫން މަހެއްގައިވެސް 11 ރަކްޢަތަށްވުރެ އިތުރަށް ނުކުރައްވައެވެ. އެކަލޭގެފާނު 4 ރަކްޢަތް ކުރައްވައެވެ. އެ ރަކްޢަތްތަކުގެ ރިވެތިކަމާއި ދިގުކަމުގެ ވާހަކައިން ސުވާލުނުކުރާށެވެ. އޭގެ ފަހުގައި 4 ރަކްޢަތް ކުރައްވައެވެ. އެ ރަކްޢަތްތަކުގެ ރިވެތިކަމާއި ދިގުކަމުގެ ވާހަކައިން ސުވާލުނުކުރާށެވެ. އޭގެ ފަހުގައި 3 ރަކްޢަތް ކުރައްވައެވެ.”
މިގޮތަށް ނަމާދުކުރާއިރު، ރޭގަނޑުގައި ދަމު ނަމާދުގައި ޚަތިމުކުރަން ކިޔަވާނަމަ، އެ ފާއިތުވި ރޭ ކިޔަވަން ކަނޑައެޅުނުބައި ދުވާލުކުރާ ނަމާދުގައި ކިޔަވާނީއެވެ. އަންނަނިވި ޙަދީޘްގައިވާ ފަދައިންނެވެ.
( مَنْ نَامَ عَنْ حِزْبِهِ، أَوْ عَنْ شَيْءٍ مِنْهُ، فَقَرَأَهُ فِيمَا بَيْنَ صَلَاةِ الْفَجْرِ وَصَلَاةِ الظُّهْرِ، كُتِبَ لَهُ كَأَنَّمَا قَرَأَهُ مِنَ اللَّيْلِ ) رواه مسلم (747) .
“އެމީހަކު އެރޭގައި (ދަމު ނަމާދުގައި) ޤުރްއާނުން ކިޔަވަންކަނޑައަޅާފައި އޮންނަ ބައި ނުވަތަ އޭގެން ބައެއް ނުކިޔެވި ނިދިއްޖެމީހާ (ދަމު ނަމާދަށް ނުހޭލެވިއްޖެމީހާ) ފަތިސް ނަމާދާއި މެންދުރު ނަމާދާ ދެމެދު (ނަމާދުގައި) ކިޔަވާހުށިކަމެވެ. އޭރުން އޭނާ އެ (ފާއިތުވި) ރޭގައި ކިޔެވި ފަދައިން ލިޔުއްވޭ ހުއްޓެވެ.”
ދަމު ނަމާދު ޤަޟާކުރާ މީހާ ކުރާނީ ކޮން އިރަކު؟
ޙަދިޘްގައި އައިސްފައިވަނީ ދުވާލުގައި ކުރުމަށެވެ. އެހެނީ ފަތިސް ނަމާދުގެ ފަހުން އިރު އަރަންދެން އެއީ ސުންނަތް ނަމާދުކުރުން ނަހީވެފައިވާ ވަޤުތެކެވެ. ޝައިޚް ބިން ބާޒް ރަޙިމަހުﷲ ވިދާޅުވަނީ މެންދުރު ކުރިން ކުރުން ރަނގަޅުކަމަށެވެ. މެންދުރު ފަހުން ކުރިޔަސް މައްސަލައެއް ނެތެވެ. އެކަމަކު އެންމެ އައުލާވެގެންވާ ގޮތަކީ މެންދުރު ކުރިން ކުރުމެވެ. “فتاوى نور على الدرب” (10 / 198).
ރޭގަނޑު ދަމު ނަމާދުގައި ވަޤުތު ހޭދަކުރާވަރަށް ދުވާލުގެ ދަމުނަމާދު ޤަޟާކުރާއިރު ވަޤުތު ހޭދަކުރުން، ދުވާލުގެ މަސައްކަތުގެ ސަބަބުން އުނދަގޫމީހަކަށް އެއަށްވުރެ ކުރު ކުރުމަކީ މައްސަލައެއް ނޫނެވެ.
މަރްޖިޢު
https://islamqa.info/ar/answers/280804