ޕެންޝަން އެކައުންޓުގައި ޖަމާވެފައި ހުރި ފައިސާއިން މުދަލު ޒަކާތް ދައްކަންޖެހޭނެތޯ ؟

ޕެންޝަން އެކައުންޓަކީ، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގައި ހިމެނޭ ފަހަށް ރައްކާކުރާ ބާވަތުގެ އެކައުންޓެކެވެ. އެ އެކައުންޓަށް ފައިސާ ޖަމާކުރަނީ ވަޒީފާ ދޭ ފަރާތުން، އެ ފަރާތުގެ ވަޒީފާގައި އުޅޭ ފަރާތްތަކުގެ މުސާރައިން ކޮންމެ މަހަކުވެސް ކޮންމެވެސް މިންވަރެކެވެ. ވަޒީފާގައި އުޅޭ ފަރާތްތަކުގެ ޚާއްޞަ ބޭނުމަކަށް ވަކި ޝަރުޠުތަކަކާއެކު ވަކި މުއްދަތެއްގެ ފަހުން އެ ފައިސާ ނެގިދާނެއެވެ. އަދި އެކައުންޓުތަކަކީ ފައިސާ ޖަމާކުރާ މީހާ ބޭނުންވާ އިރަކު ފައިސާ ނެގޭގޮތަށް ހުންނަ އެކައުންޓަކަށްނުވާތީ ވަޒީފާ އަދާކުރާ މީހާގެ ފުރިހަމަ މިލްކުވެރިކަމުގެ ދަށުގައި އެފައިސާ ހުރިކަމަށްނުވެއެވެ. އަދި އެފައިސާއަކީ ވަކި މުއްދަތެއް ފަހުން ނެގޭގޮތަށް ހުންނަ ފައިސާކަމަށްވާތީ އެފަދަ އެކައުންޓުތަށް ޒަކާތުގައި ބެލެވެނީ ރެސްޓްރިކްޓެޑް އެކްސެސް އެކައުންޓުގެގޮތުގައެވެ. މިފަދަ އެކައުންޓުތަކުން ޒަކާތް ދައްކާނީ އެފައިސާ އަތަށް ލިބުނު ދުވަހަކުން ހަމައެކަނި އެއް އަހަރުގެ ޒަކާތް އެކަންޏެވެ.
މިސާލަކަށް ޕެންޝަން ފަންޑަށް ޖަމާވެފައި ހުރީ ޖުމްލަ 100000 (އެއްލައްކަ) ރުފިޔާ ނަމަ، އެ ފައިސާ އަތަށް ލިބުނު ދުވަހަކުން އެ ފައިސާގެ 2.5 ޕަސެންޓަށްވާ 2500 ރުފިޔާއެވެ.

މަރްޖިޢު:
ޤަރާރާތު ވަ ތަވްސިއްޔާތު މަޖްމަޢިލް ފިޤްހިލް އިސްލާމީ ( ޞަފްހާ: 265 )
“مجموع فتاوى ابن عثيمين” (18/174)