ތާރާވީޙް ނަމާދުކޮށްފައި ފަހުން ދަމުނަމާދު ކުރެވިދާނެތޯއެވެ؟ ވިތުރި ކުރާނީ ކޮންއިރަކުތޯއެވެ؟

ތަރާވީޙް ނަމާދު، ދަމު ނަމާދު، ތަހައްޖުދު ނަމާދު، މިއީ ޤިޔާމުއްލައިލި (ރޭ އަޅުކަމަށް) ކިޔާ ތަފާތު ނަންތަކެވެ. އަޅުކަން ކުރެވޭ ވަޤުތުގެ ގޮތުން ނުވަތަ އަޅުކަން ކުރެވޭ ކައިފިއްޔަތުގެ ގޮތުން ނަންތައް ތަފާތުވިޔެއް ކަމަކު އަޅުކަމަކީ އެއް އަޅުކަމެކެވެ. އެއީ ރޭ އަޅުކަމެވެ.
“ތަރާވީޙު ނަމާދަކީ އޭ އަޅުކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ތަރާވީޙު ނަމާދޭ އެނަމާދަށް ކިޔެނީ ރަކްޢަތްތަކުގެ ދެމެދުގައި ކުޑަކުޑަ ރާޙަތެއް (ރެސްޓެއް) ނަގާތީއެވެ. އެހެންކަމުން އެކަން (އެބަހީ ރޭގަނޑުގެ ބޭނުން އިރަކު އެ އަޅުކަން ކުރުން) ތަނަވަސް ވެގެންވެއެވެ. މީހަކު އޭނާ ބޭނުން ވަރަކަށް ރޭގަނޑު އަޅުކަންކުރުން ހުއްދަވެގެންވެއެވެ. ރޭގަނޑުގެ ތެރެއިން ބޭނުން ވަގުތެއްގައެވެ.” “الموسوعة الفقهية” (34/123) :
ހަމައެފަދައިން ރޭއަޅުކަން ބައި ބަޔަށް ބަހާލައިގެން ކުރުންވެސް ހުއްދައެވެ. ރޭ އަޅުކަމުގެ ވަޤުތު ޢިޝާ ނަމާދުން ފެށިގެން ފަތިސްނަމާދާ ހަމައަށް ދެމިގެންވާއިރު، އެދެމެދުގައި އެމީހަކު ބޭނުން ވަރަކަށް ރޭ އަޅުކަން ކުރުން ހުއްދައެވެ. ޢިޝާ ނަމާދުގެ ފަހުގައި އަޅުކަން ކޮށްލާފައި ނިދާލާފައި ފަތިސްވުމުގެ ކުރިން ތެދުވެސް ރޭ އަޅުކަންކޮށްލެވިދާނެއެވެ. ބައެއް މީހުން، ތަރާޥީޙު ނަމާދު ކުރުމަށް ފަހުގައި ދެން ދަމު ނަމާދު ކުރެވިދާނެތޯ ސުވާލު ކުރެއެވެ. ތަރާވީޙު ނަމާދު ކުރުމަށްފަހުގައި ދަމު ނަމާދު ނުކުރެވޭންވީ ކީއްވެތޯއެވެ؟
ހަދީޘް ކުރައްވާފައި ވެއެވެ. صَلَاةُ اللَّيْلِ مَثْنَى مَثْنَى، فَإِذَا خَشِيَ أَحَدُكُمْ الصُّبْحَ صَلَّى رَكْعَةً وَاحِدَةً تُوتِرُ لَهُ مَا قَدْ صَلَّى- البخاري ومسلم. މާނައަކީ: “ރޭއަޅުކަން ވަނީ ދެރަކުޢަތުން ދެރަކުޢަތުންނެވެ. (ދެރަކުޢަތް ކޮށްފައި ސަލާންދީފައި އަނެއް ދެރަކުޢަތެވެ.) އަދި ފަތިސްވެދާނެ ކަމުގެ ބިރުހީވެއްޖެ ނަމަ އިސްވެ ދިޔަ ރަކުއަތްތަކަށް ވިތުރީގެ އެއް ރަކުޢަތް ކުރާށެވެ.”
އެހެންވީމާ، މިގޮތަށް ދެ ރަކްޢަތުން ކުރަމުން ގޮސް ރެސްޓެއް ނަގަން ބޭނުންވާ މީހާ ރެސްޓެއްނަގާފަ، ނިދާލަން ބޭނުންވާ މީހާ ނިދާލާފައި ތެދުވެ ވެސް ހަމަ ރޭ އަޅުކަން ކުރެވިދާނެއެވެ.

ތަރާވީޙު ނަމާދުކޮށްފައި ވިތުރިކޮށްފިނަމަ، ފަހުން ދަމު ނަމާދު ކުރެވޭނެތަ؟
ޢާއްމުގޮތެއްގައި ދަމު ނަމާދު ކުރާ މީހެއްނަމަ އޭނާއަށް އެންމެ ރަނގަޅީ ދަމުނަމާދުކޮށް ނިންމާފައި ވިތުރި ކުރުމެވެ.
عَنْ جَابِرٍ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: – مَنْ خَافَ أَنْ لَا يَقُومَ مِنْ آخِرِ اللَّيْلِ فَلْيُوتِرْ أَوَّلَهُ ، وَمَنْ طَمِعَ أَنْ يَقُومَ آخِرَهُ ، فَلْيُوتِرْ آخِرَ اللَّيْلِ ، فَإِنَّ صَلَاةَ آخِرِ اللَّيْلِ مَشْهُودَةٌ ، وَذَلِكَ أَفْضَلُ – رواه مسلم (755)
ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ރޭގަނޑުގެ ފަހުބައިގައި ހޭނުލެވިދާނެކަމަށް ބިރުވެތިވާ މީހާ، ރޭގަނޑުގެ ކުރީކޮޅުގައި ވިތުރިކުރާށެވެ. އަދި ރޭގަނޑުގެ ފަހުބައިގައި ހޭލައި ނަމާދުކުރުމަށް އެދޭމީހާ، ފަހެ ރޭގަނޑުގެ ފަހުބައިގައި ވިތުރި ކުރާށެވެ. ފަހެ ރޭގަނޑުގެ ފަހުބައިގައި ކުރާ ނަމާދަކީ އެ ނަމާދަކަށް މަލާއިކަތުން ޙާޟިރުވެވަޑައިގަންނަވާ ނަމާދެކެވެ. އަދި އެއީ އެންމެ މޮޅު އިތުރު ގޮތެވެ.”
ޖަމާޢަތުގައި ނަމާދު ކުރާ މީހާ އަންނަނިވި ޙަދީޘްގައި އައިސްފައިވާ މާތްކަން ލިބިގަތުމަށްޓަކައި، އިމާމު މީހާ ތަރާވީޙު ނަމާދުގައި ވިތުރި ކުރާނަމަ ވިތުރީގައި ބައިވެރިވެވިދާނެއެވެ. އަންނަނިވި ޙަދީޘްގައިވާ ފަދައިންނެވެ.
مَنْ قَامَ مَعَ الإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ – رواه الترمذي (806) وصححه وأبو داود (1375) والنسائي (1605) وابن ماجه (1327) . وصححه الألباني في “صحيح الترمذي” .
“އިމާމާއާއެކު އޭނާ ނިމެންދެން (ޖަމާޢަތުގައި) ނަމާދުކޮށްފިމީހާ އަށް މުޅިރޭ އަޅުކަންކުރުމުގެ ޘަވާބު ލިޔުއްވޭ ހުއްޓެވެ.”
އޭނާ ވިތުރި ކޮށްފިއެވެ. ދެން އޭނާ ފަހުން ތެދުވެ ނަމާދު ކުރަން ބޭނުންވާނަމަ ޢަމަލު ކުރަންޖެހޭނީ ކިހިނެއް ހެއްޔެވެ؟

ވިތުރީގެ އަޞްލަކީ ރޭ އަޅުކަމުގެ އެންމެ ފަހަތަށް ވިތުރި ލުމެވެ. ޙަދީޘްގައިވާ ފަދައިންނެވެ.
عن عبد الله بن عمر قال : قال رسول الله صلى الله عليه وسلم – اجْعَلُوا آخِرَ صَلَاتِكُمْ بِاللَّيْلِ وِتْرًا – . رواه البخاري ( 998 ) ، ومسلم ( 749 ) .
ޢަބްދުﷲ ބިން ޢުމަރު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ ރޭގަނޑުގެ އެންމެ ފަހު ނަމާދަކަށް ވިތުރި ހަދާށެވެ.”

ތަރާވީޙު ނަމާދު ކޮށް ވިތުރި ކޮށްފަ އަނެއްކާ ދަމު ނަމާދުކޮށް ވިތުރި ކުރީމާ ދެ ވިތުރި އެއްރޭ ކުރެވުނީއެވެ. ޙަދީޘްގައި އޮންނަނީ އެހެން ނުހަދާށެވެ.
وعن طلق بن علي قال : سمعت رسول الله صلى الله عليه وسلم يقول – لَا وِتْرَانِ فِي لَيْلَةٍ -رواه الترمذي ( 470 ) والنسائي ( 1679 ) وأبو داود ( 1439 ) .وصححه الشيخ الألباني في ” صحيح الجامع ” ( 7567 ) .
ތަލްޤު ބިން ޢަލީ ރަޟިޔަﷲ އަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން ޙަދީޘްކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ. “ރޭގަނޑެއްގައި ދެ ވިތުރިއެއް ނުވެއެވެ.”

ޙަދީޘްގައި އޮންނަނީ ވިތުރި އެންމެ ފަހު ނަމާދަކަށް ހަދާށޭ، އެކަމަކު ތިޔަ ބުނަނީ ވިތުރި ކޮށްފަ އަދި ފަހުންވެސް ނަމާދު ކުރެވިދާނޭ؟ ތިޔަށް ދަލީލެއް އެބަ އޮތްތަ؟
ޢިލްމުގެ އަހުލުވެރިން ވިދާޅުވާގޮތުން، ރޭގަނޑުގެ އެންމެ ފަހު ނަމާދަކަށް ވިތުރި ހެދުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާފައިވާ އަމުރަކީ އެއީ ވުޖޫބަށް (އެކަން ވާޖިބުކަމަކަށް ހެދުމަށް) އޮތް އަމުރުފުޅެއް ނޫނެވެ. ރޭގަނޑުގެ އެންމެ ފަހު ނަމާދަކަށް ވިތުރި ހެދުމަކީ އެއީ މުސްތަޙައްބު ކަމެކެވެ. އެއީ ވާޖިބެއް ނޫނެވެ. އެކަން އެނގެނީ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިތުރީގެ ފަހުގައިވެސް ނަމާދު ކުރެއްވިކަން ޞައްޙަގޮތުގައި ޘާބިތުވާން އޮތީމައެވެ.
عَنْ عَائِشَةَ رَضِيَ اللَّهُ عَنْها أن النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ كان يُصَلِّي رَكْعَتَيْنِ بعد الوتر وَهُوَ جَالِسٌ – صحيح مسلم (738)
ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. “ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިތުރިއަށް ފަހުގައި އިށީނދެވަޑައިގެން އިންނަވައި ދެ ރަކްޢަތް ކުރެއްވި ކަމުގައިވިއެވެ.”
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ވިތުރިއަށް ފަހުގައި ނަމާދު ކުރެއްވީ، އެކަން ކުރުމަކީ ހުއްދަކަމެއްކަން ބަޔާންކޮށްދެއްވުމުގެ ގޮތުން ކަމަށް، އިމާމު ނަވަވީ ރަޙިމަހުﷲ އަދި ޝައިޚް ބިން ބާޒް ރަޙިމަހުﷲ ވިދާޅުވިއެވެ. -فتاوى إسلامية 1/339
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބައެއް ޞަހާބީން އަދި އެނޫން ބައެއް ބޭކަލުން ވިދާޅުވެފައިވެއެވެ. “ރޭގަނޑުގެ ފުރަތަމަ ކޮޅުގައި ވިތުރިކޮށްފައި، އޭގެ ފަހުގައި ނިދާފައި ތެދުވެ ނަމާދު ކުރަން ބޭނުންނަމަ، އޭނާ ހަމަ ނަމާދުކުރަން ފަށަންވީއެވެ. ކުރިން ކުރި ވިތުރިން އޭނާއަށް ފުދޭނެއެވެ. މިއީ ސުފްޔާނުއް ޘައުރީއާއި މާލިކު ބިން އަނަސް އާއި އިބްނުލް މުބާރަކު އަދި އިމާމު ޝާފިޢީ އާއި ކޫފާގެ އަހުލުވެރިންނާއި އިމާމު އަޙްމަދުގެ ބަސްފުޅެވެ. މިއީ މިކަމުގައި އެންމެ ޞައްޙަ ބަސްފުޅެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިތުރި އަށް ފަހުގައި ނަމާދު ކުރެއްވިކަން، އެތައް ގޮތަކުން ރިވާވެގެންވެއެވެ. – سنن الترمذي (2 / 334) .

ޚުލާޞާ
• ތަރާވީޙު ނަމާދުކޮށްގެން ވިތުރި ކޮށްފިނަމަ، ދެން ދަމު ނަމާދުކޮށްފަ އަލުން ވިތުރި ކުރާކަށް ނުޖެހޭނެއެވެ.
• ވިތުރި ރޭގަނޑުގެ އެންމެ ފަހު ނަމާދަކަށް ހެދުމަށް އައިސްފައިވާ އަމުރަކީ ވާޖިބަށް އޮތް އަމުރެއް ނޫނެވެ. އެއީ މުސްތަޙައްބު ކަމެކެވެ.

މަރްޖިޢުތައް
مجموع فتاوى الشيخ ابن باز (11/311) .
https://islamqa.info/ar/answers/37729/
https://islamqa.info/ar/answers/232790
https://islamqa.info/ar/answers/293059