ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ފިޠުރު ޒަކާތް ދެއްކުން

ފިޠުރު ޒަކާތުގެ އަޞްލަކީ އެމީހަކު ދިރިއުޅޭ ރަށެއްގައި ދިރިއުޅޭ ފަޤީރު މިސްކީނުންނަށް ދިނުމެވެ. އެހެން ނަމަވެސް އަންނަނިވި ޙާލަތްތަކުގައި ތިމާ ދިރިއުޅޭ ރަށްނޫން އެހެން ރަށްރަށުގެ މީހުންނަށް ފިޠުރު ޒަކާތް ދެވިދާނެއެވެ.
ހ- ދިރިއުޅޭ ރަށުގައި ފަޤީރުން/ މިސްކީނުން ޒަކާތަށް ބޭނުންޖެހިގެންވާ މީހުން ނެތުން.
ށ- އެކަމުގައި މަޞްލަޙަތު އޮތުން (މިސާލަކަށް ހަނގުރާމައެއްގެ ސަބަބުން، ނުވަތަ ކާރިސާއެއްގެ ސަބަބުން ޙާލުގައި ޖެހި ކާބޯތަކެއްޗަށް ބޭނުންވެފައިވާ ބަޔަކު ތިބުން)
ނ- ކުރިމަތިވެފައިވާ ޙާލަތެއްގެ ސަބަބުން ދިރި އުޅޭ ރަށުގައި ޒަކާތް ނެރެވެން ނެތުން (މިސާލަކަށް މިހާރު ކުރިމަތިވެފައިވާ ޙާލަތު (ކޮވިޑް 19) ގެ ސަބަބުން ބައެއް ރަށްރަށުގައި ގެއިން ބޭރަށް ނުކުމެ އުޅުން މަނާވެފައިވުމާއެކު ފަޤީރުންނަށް ޒަކާތް ދެވޭނެ ގޮތެއް ނެތުން.
ޝައިޚް ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
ފިޠްރު ޒަކާތް އެ ނެރޭ ޤައުމު ނޫން އެހެން ޤައުމަކަށް ނަޤްލުކުރުން، އެކަމުގައި ޙާޖަތެއް އޮތްނަމަ، މިސާލަކަށް އެ ނެރޭ ޤައުމުގައި ފަޤީރުން ނެތުން، އެކަމުގައި މައްސަލައެއް ނެތެވެ. އަދި އެކަމުގައި ޙާޖަތެއް ނެތް ނަމަ (މިސާލަކަށް އެއަށް ބޭނުން ޖެހިފައިވާ މީހުން އެއުޅޭ ރަށެއްގައި ތިބިނަމަ،) އެހެން ރަށަކަށް އެ ނެރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.) – مجموع فتاوى ابن عثيمين (18 / سؤال 102)
ސަޢޫދީ ފަތަވާ ކޮމެޓީގެ ފަތުވާގައިވެއެވެ.
“ފިޠުރު ޒަކާތް ދައްކަން ދޭނީ، ޒަކާތް ނެރޭ ރަށެއްގައި ތިބި ފަޤީރުންނަށެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ފަދައިންނެވެ.
(فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنْ اللَّغْوِ وَالرَّفَثِ وَطُعْمَةً لِلْمَسَاكِينِ ) – أخرجه أبو داود في «الزكاة» بابُ زكاةِ الفطر (١٦٠٩)، وابنُ ماجه في «الزكاة» بابُ صدقةِ الفطر (١٨٢٧)، مِنْ حديثِ ابنِ عبَّاسٍ رضي الله عنهما. وصحَّحه الألبانيُّ في «صحيح الجامع» (٣٥٧٠).
(ރޯދަވެރިޔާއަށް ބުނެވިފައިވާ ބޭކާރު ބަސްތަކާއި ފާޙިޝް ވާހަކަތަކުން ޠާހިރު ކޮށްދޭ އެއްޗެއްގެ ގޮތުގައި އަދި މިސްކީނުންނަށް ދެވޭ ކެއުމެއްގެ ގޮތުގައި ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފިޠުރު ޒަކާތް ފަރްޟު ކުރެއްވިއެވެ.)
މާބޮޑަށް ޙާޖަތަށް ޖެހިފައިވާ ފަޤީރުން، އެހެން ރަށެއްގައި އުޅޭ ނަމަ، އެރަށަކަށް ފިޠްރު ޒަކާތް ނަޤުލުކުރުން ހުއްދަވެއެވެ. މިސްކިތް ބިނާކުރުމާއި އެހެނިހެން ހެޔޮކަމުގެ މަޝްރޫޢުތަކަށް އެ ބޭނުންކުރުން ހުއްދަވެގެން ނުވެއެވެ.” اللجنة الدائمة للبحوث العلمية والإفتاء

https://islamqa.info/ar/answers/12938