ސުއާލު: ރަމަޟާން މަހުގެ ދުވަހެއްގައި ރޯދަ ވީލުމަށް ފަހު، ކުޑަ ވަޤުތު ކޮޅެއްގެ ފަހުން އަހަރެންނަށް ޙައިޟުގެ ލޭ ފެނުނެވެ. އަހަރެން ޙައިޟުވެރިވީ ރޯދަ ވީލުމުގެ ކުރިންކަމެއް ނޫނީ ރޯދަ ވީއްލުމުގެ ފަހުން ކަމެއް ނޭނގެއެވެ. ވީމާ އެދުވަހުގެ ރޯދަ އަޅުގަނޑަށް ލިބޭނެތޯއެވެ؟ ނޫނީ އެރޯދަ ޤަޟާ ކުރަން ޖެހޭނެ ތޯއެވެ؟
ޖަވާބު: އިސްލާމީ ޝަރީޢަތުގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ފިޤުހީ ޤަވާޢިދުތަކުގެ ތެރޭގައި ވެއެވެ. ކޮންމެ ކަމެއް ވެސް ހިނގިކަމަށް ބަލާނީ އެކަމެއް ހިނގި އެންމެ ކައިރި ކަމަށް ބެލެވޭ ވަޤުތުގައެވެ.
الأصل في كل حادث تقديره بأقرب زمن .
Every incident is presumed to have begun at the closest time
މިޤަވާޢިދުގެ މާނައަކީ ކަމެއް މެދުވެރިވެއްޖެނަމަ، އެކަމެއް މެދުވެރިވީ، ފަހުގެ ވަޤުތެއްގައި ކަން ނޫނީ ކުރީގެ ވަޤުތެއްގައިކަމަށް ވެސް ވެދާނެއެވެ. އަދި އެ ދެ ވަޤުތުގެ ތެރެއިން ކަން ހިނގީ ކޮން ވަޤުތެއްގައި ކަން ބުނެދޭނެ އެއްވެސް ދަލީލެއް ނެތިދާނެއެވެ. މިޙާލަތުގައި ބެލެވޭނީ އެކަން ހިނގީ އެ ދެ ވަޤުތުގެ ތެރެއިން އެންމެ ފަހުގެ ވަޤުތުގައި ކަމަށެވެ. އެހެނީ ފަހުގެ ވަޤުތުގައި އެކަން ހިނގައިފައި ވާކަން ޔަޤީނެވެ. އެހެނެއްކަމަކު ކުރީގެ ވަޤުތުގައި އެކަން ހިނގި ކަމާއި މެދު ޝައްކު އުފެދެއެވެ.
މީހަކަށް އޭނާގެ ހެދުމުން މަނި ފެނި، އެއީ އިޙްތިލާމު ވުމުގެ ސަބަބުން ކަން އެނގި، އެހެނަސް އިޙްތިލާމު ވީ ވަޤުތެއް ނޭނގޭނަމަ، އޭނާގެ އެންމެ ފަހުގެ ނިދީގެ ތެރޭގައި ވީކަމެއްކަމަށް ބަލައި، ނިދުނު އިރާއި ދޭތެރޭގައި ކުރެވުނު ނަމާދުތައް ޤަޟާކުރުން ވެސް މިޤަވާޢިދުގެ ތެރެއަށް ވަދެގެންދެއެވެ.
އަދި ޒަރްކަޝީ އެބޭފުޅާގެ ފޮތެއް ކަމުގައިވާ: “އަލްމަންޘޫރު ފިލް ޤަވާޢިދް” އަދި ސުޔޫޠީ އެބޭފުޅާގެ ފޮތެއް ކަމުގައިވާ: “އަލްއަޝްބާހު ވައްނަޡާއިރް” ގައި މިޤަވާޢިދާއި ބެހޭ ބައެއް މައްސަލަތަކާމެދު ވާހަކަ ދައްކަވާފައި ވެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިދެފޮތް ބައްލަވާށެވެ.
ދެން ފަހެ، މިކަމުގެ މައްޗަށް ބިނާކޮށް އަންހެނާއަށް ޙައިޟުގެ ލޭ ފެނި، ޙައިޟުވި ވަގުތެއް ނޭނގި، އެހެނީ ޙައިޟުވީ، އިރު އޮއްސުމުގެ ކުރިން ތޯ ނޫނީ އޭގެ ފަހުން ކަން ނޭނގޭ ޙާލަތުގައި، އަންހެނާ ބަލަން ޖެހޭނީ އެ ދެ ވަޤުތުގެ ތެރެއިން އެންމެ ފަހުގެ ވަޤުތަކަށެވެ. ތިބާ ތި ދެންނެވި ޙާލަތުގައި އެންމެ ފަހުގެ ވަޤުތަކީ އިރު އޮއްސުމުގެ ފަހުންނެވެ.
“އަލްމައުސޫޢަތުލް ފިޤްހިއްޔާ” (26/194) ގައި އައިސްފައިވެއެވެ:
“މިފަދަ ކަންކަމާ ބެހޭގޮތުން ޢިލްމުވެރިން ވާހަކަ ދައްކަވާފައިވެއެވެ. ފަހެ އަންހެނަކަށް ޙައިޟުގެ ލޭ ފެނި، ޙައިޟުވީ ވަގުތެއް ނޭނގޭނަމަ، އެ އަންހެނާގެ މިސާލަކީ ފިރިހެނަކަށް އޭނާގެ ހެދުމުން މަނި ފެނި، އެ ބޭރުވި އިރެއް ނޭނގި، އޭނާ ހިނައިގަނެ އެންމެ ފަހުން ނިދި އިރަކާއި ދެމެދު ކުރެވުނު ނަމާދުތައް ޤަޟާކުރާ މީހެއްގެ މިސާލެވެ. އަދި މިއީ ޢިލްމުވެރިންގެ މެދުގައި އެންމެ ސާފުކޮށް އެންގެން އޮތް(ވާޟިޙު) ރައުޔެވެ.
އައްޝައިޚް މުޙައްމަދު ބިން އަލްމުޚްތާރުލް އައްޝިންޤީޠީއާ ސުއާލުކުރެވުނެވެ.
“އަންހެނަކަށް މަޢްރިބު ނަމާދަށްފަހު ޙައިޟުގެ ލޭ ފެނި، ޙައިޟުވީ އިރު އޮއްސުމުގެ ކުރިން ކަން ނޫނީ ފަހުން ކަން އޭނާއަށް ނޭނގޭ ޙާލަތުގައި އޭނާގެ ނަމާދާއި ރޯދައިގެ ޙުކުމަކީ ކޮބައިތޯއެވެ؟”
ޝައިޚް ޖަވާބު ދެއްވި އެވެ. “ފަހެ އޭނާއަށް ޙައިޟުގެ ލޭ ފެނި، ޙައިޟުވީ އިރު އޮއްސުމުގެ ކުރިންކަން ވަރަށް ބޮޑަށް ހީވާ ކަމުގައި ވަނީ ނަމަ، އެދުވަހުގެ ރޯދަ ފުރިހަމަ އެއް ނުވާނެއެވެ. އަދި އެރޯދަ ޤަޟާ ކުރަން ޖެހޭނެ ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ.
އަދި ޙައިޟުގެ ލޭ ހުރީ ތާޒާކޮށް ކަމާއި ލޭ އައީ އިރު އޮއްސުމުގެ ފަހުން ކަމުގައި އޭނާ އަށް ވަރަށް ބޮޑަށް ހީވާ ކަމުގައި ވަނީނަމަ، އެރޯދަ ޞައްޙަވާނެއެވެ. އަދި އެކަނބުލޭގެ ޠާހިރު ވުމުން މަޣްރިބު ނަމާދު ޤަޟާ ކުރަން ޖެހޭނެ ކަމާއި މެދުވެސް ޝައްކެއްނެތެވެ.
ދެން ފަހެ އޭނާއަށް ޝައްކުވާ ޙާލަތުގައި، ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ޤަވާޢިދުގެ ދަށުން ބެލެވޭނީ އެންމެ ފަހު ވަގުތަށެވެ. އަޞްލަކީ ރޯދަ ޞައްޙަ ނުވާނެ ކަމުގެ ދަލީލެއް ނާންނަހައި ހިނދެއްގައި އެރޯދަ ޞައްޙަ ވާނެކަމެވެ. އަދި އަޞްލަކީ އެކަނބުލޭގެ އެދުވަހުގެ ރޯދަ އެއްކޮށް ފުރިހަމަ ކޮށް ވާޖިބު އަދާކޮށްފައިވާ ކަމެވެ. އެއީ އެހެން ނޫންކަން ދަލީލު ކޮށްދޭނެ ދަލީލެއް ނާންނަހައި ހިނދެއްގައެވެ. އަދި އެޙައިޟުގެ ލޭގެ ސަބަބުން އެދުވާލުގެ ރޯދައަށް އަޘަރެއް ނުކުރާނެއެވެ.
އޭނާގެ ރޯދަ ޞައްޙަވާނެކަމުގައި ބުނާނަމަ މަޣްރިބު ނަމާދު ޤަޟާ ކުރަން އޭނާއަށް ޖެހޭނެ އެވެ. އެހެނީ އޭނާ އެ ޙައިޟުވީ މަޣްރިބް ނަމާދުގެ ވަޤުތު ވީފަހުންނެވެ. ނަމާދު ވަޤުތުވީފަހުން ޙައިޟުވެއްޖެނަމަ އެ ނަމާދަކީ އޭނާގެ ޛިންމާގައި ޘާބިތުވެފައިވާ ނަމާދެކެވެ.
އަދި ތިބާގެ ރޯދަ ޞައްޙަ ނުވާނެ ކަމުގައި ބުނާކަމުގައި ވާނަމަ މަޣްރިބު ނަމާދު ޤަޟާ ކުރުމެއް އޭނާގެ މައްޗަކަށް ނުވެއެވެ. އެހެނީ ނަމާދު ވަޤުތުވުމުގެ ކުރީން އޭނާ އެވަނީ ޙައިޟުވެފައެވެ.” شرح زاد المستقنع للشيخ الشنقيطي
ޖުމްލަކޮށް ބުނާ ނަމަ، ތިބާއަށް މަޣްރިބުގެ ކުރިން ޙައިޟުވީކަން ޔަޤީން ނުވާހާ ހިނދަކު ތިބާގެ ރޯދަ ޞައްޙަ ވާނެއެވެ.
މަރްޖިޢު
https://islamqa.info/ar/answers/191684