ރަމަޟާން މަހުގެ ރޯދަ ޤަޟާނުކޮށް ޝައްވާލުމަހުގެ 6 ރޯދަ ހިފިދާނެތޯ؟

ރަމަޟާންމަހުގެ ރޯދަ ޤަޟާނުކޮށް ޝައްވާލުމަހުގެ ރޯދަ ހިފިދާނެ ހެއްޔެވެ؟
މިއީ ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުރި މައްސަލަ އެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ – رواه مسلم (1164) “ރަމަޟާން މަހު ރޯދަ ހިފާފަ، އޭގެ ފަހުގަ އެއާއި ވިދިގެން ޝައްވާލު މަހުގެ 6 ރޯދަ ހިފައިފި މީހާ މުޅި އަހަރު ރޯދަ ހިފި ފަދަ އެވެ.”
ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި މި ޙަދީޘްގައި ރަމަޟާން މަހު ރޯދަ ހިފާފަ އޭ އޮތުމުގެ މުރާދަކީ ރަމަޟާންމަހުގެ ރޯދަ ފުރިހަމައަށް ހިފުން އަދި “ޘުންމަ”ގެ މާނައަކީ “އޭގެ ފަހުގައޭ” އޭގެ މާނަ އަކީ ރޯދަ ޤަޟާކޮށް ނިންމާފަ އޭގެ ފަހުގަ ޝައްވާލު މަހުގަ 6 ރޯދަ ހިފުމެވެ. އެހެންނަމަވެސް ޢުޛުރުވެރިޔަކަށް ޝައްވާލުމަހުގެ ރޯދަ ޤަޟާ ރޯދައިގެ ކުރިޔަށް ގެނެވިދާނެއެވެ. މިސާލަކަށް މުޅި ރަމަޟާން މަސް ނުވަތަ ރަމަޟާން މަހުން ބޮޑު ބައެއް ނިފާސް ނުވަތަ ޙައިޟުގެ ސަބަބުން ފާއިތުވި މީހެއް އެމީހާ ޝައްވާލުމަސް ނިމޭއިރުވެސް ފަރުޟު ރޯދަ ޤަޟާ ނުކުރެވޭ ވަރަށް ރޯދަ ދޫވެފައިވާ މީހެއް ނަމަ އެމީހާ ޤަޟާ ރޯދައިގެ ކުރިން ޝައްވާލު މަހުގެ 6 ރޯދަ ހިފިދާނެއެވެ.

އަދި ހަމައެހެންމެ ޢުޛުރެވެރިއެއް ނޫން މީހާއަށްވެސް،  ރަމަޟާންމަހުގެ ރޯދަތައް ޤަޟާކުރުމުގެ ވަަގުތު އަނެއް ރޯދަމަހާ ޖެހެންދެން ތަނަވަސްވެފައިވާތީ، އޭނާ އެ ރޯދަތައް ޤަޟާނުކޮށްވެސް ޝައްވާލުމަހުގެ ރޯދަތައް ހިފިދާނެއެވެ. އަދި އޭނާ ޝައްވާލުމަހުގެ 6 ރޯދަ މިހާރު ހިފާފައި ފަހުން ރަމަޟާންމަހުގެ ރޯދަތައް ޤަޟާކޮށް ހަމަކުރިޔަސް ހަމަ އެއްއަހަރު ދުވަހުގެ ރޯދަހިފުމުގެ ޘަވާބު އިންޝާ ﷲ ލިބޭނެއެވެ.

ސުވާލު: ޝައްވާލުމަހުގެ 6 ރޯދަ ހިފަން ޖެހެނީ ޖައްސަޖައްސައިގެން ތޯ ވަކި ތަރުތީބަކުންތޯ އަދި ވަކި ވަކިންވެސް ހިފިދާނެތޯ؟
ޖަވާބު: ޙަދީޘްގައި އައިސްފައިވަނީ ޝައްވާލުމަހުގެ 6 ރޯދައިގެ ވާހަކައެވެ. ވަކި ގޮތެއް ވަކި ތަރުތީބެއް ބަޔާން ނުކުރައްވައެވެ. އެހެންވީމަ ޝައްވާލު މަހުން ކޮންމެވެސް 6 ރޯދަ އެއް ލިބުނީމަ އެ ރޯދަ ހިފުމުގެ ޘަވާބު ލިބޭނެ إن شاء الله. ޙަދީޘްގައި ވަނީ ( مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ ) ، رواه مسلم (1164) މާނަ: “ރަމަޟާން މަހު ރޯދަ ހިފާފަ، އޭގެ ފަހުގަ އެއާއި ވިދިގެން ޝައްވާލު މަހުގެ 6 ރޯދަ ހިފައިފި މީހާ މުޅި އަހަރު ރޯދަ ހިފި ފަދަ އެވެ.” ޝައްވާލުމަހުގެ 6 ރޯދަ ހިފާއިރު ޖައްސަޖައްސައިގެން ހިފުމަކީ ޝަރުޠެއް ނޫންނެވެ. ވަކި ވަކިން ހިފިޔަސް إن شاء الله ރަނގަޅުވާނެއެވެ. މިއީ ވަރަށް ތަނަވަސްކޮށް ކުރެވެން އޮތް ޢަމަލެކެވެ.

ސުވާލު: ޤަޟާ ރޯދަ ހިފަމުން ދާއިރު ޝައްވާލު މަހުގެ 6 ރޯދަޔާއި އެއްކޮށް ނިޔަތްގަނެ ދެކަން ހާސިލް ކުރެވެދާނެތޯ؟
ޖަވާބު: ނޫނެކެވެ. ޤަޟާ ކުރަން ޖެހޭ ފަރުޟު ރޯދައާއި ޝައްވާލު މަހުގެ 6 ރޯދައިގެ ނިޔަތް ޖަމްޢު ނުކުރެވޭނެއެވެ. އެއީ ވަކި މުސްތަޤިއްލު ދެ ރޯދަ އެކެވެ. މުޅި އަހަރު ރޯދަ ހިފުމުގެ ޘަވާބު ލިބޭނެ ރޯދަ މަހުގެ ރޯދަ ހިފާ ނިންމާފަ އަދި އޭގެ އިތުރުން ޝައްވާލު މަހުގެ 6 ރޯދަ ހިފީމައެވެ. އެހެން ކަމުން ޤަޟާ ރޯދަ، ޝައްވާލު މަހު ހިފާ މީހާ އެ ހިފަނީ ރަމަޟާން މަހުން ފާއިތުވި ބައެވެ. އެއީ ޝައްވާލު މަހުގެ ސުންނަތް ރޯދަ އެއް ނޫނެވެ. އެއީ ފަރުޟު ރޯދަ އެކެވެ.

ސުވާލު: ޝައްވާލު މަހުގެ 6 ރޯދަ ޝައްވާލު މަހު ނުހިފިއްޖެ ނަމަ އެހެން މަހެއްގެ ދުވަސްތަކަކުން ހަމަކުރެވިދާނެތޯ؟
ޖަވާބު: އަޞްލަކީ މި 6 ރޯދަ ޝައްވާލުމަހު ހިފުމެވެ. ޢުޛުރުވެރިއަކު ޛުލްޤަޢިދާ މަހު އެރޯދަތައް ހިފިކަމުގައިވިޔަސް ޞައްޙަވެގެންވާ ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އެބޭކަލުން ވިދާޅުވާގޮތުގައި މަޤްބޫލު ޢުޛުރަކާ ހެދީ ނުހިފުނު މީހާ ދެން އޭނާ އެ ޢުޛުރު ފިލާދިޔަހާ އަވަހަކަށް ހިފާނީއެވެ.

ސުވާލު: ޝައްވާލު މަހުގެ 6 ރޯދަ ހިފާއިރު ބުނެފައިވާ ނަދުރު ރޯދަ އަކާއި އެއްކޮށް ދެ ނިޔަތް ގަނެގެން ހިފޭނެތޯ؟
ޖަވާބު: މިގޮތަކަށް ނުހިފޭނެއެވެ. ނަދުރު ރޯދަ އަކީވެސް ވަކިން ހިފަން ޖެހޭ ރޯދަ އެކެވެ. އެ ރޯދަ އަކީ ހަޤީޤަތުގައި ވާޖިބެކެވެ. އެހެންވީމަ ޝައްވާލު 6 ރޯދަޔާ އެއްކޮށް ނުހިފޭނެއެވެ.

މަރްޖިޢު

https://islamqa.info/ar/answers/40389/