ސުވާލު: އަހުރެންނަށް ޢީދުނަމާދު ގޭގައި އެކަނި ކުރެވިދާނެހެއްޔެވެ؟ ސިއްޙީ ސަބަބަކާހުރެ މިސްކިތަށް ދިޔުން އަހަރެންނަށް ކުޅަދާނަވެގެން ނުވެއެވެ.
ޖަވާބު:
الحمد لله
ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން އެންމެ ޞައްޙަ ބަހުގައި، ކުޅަދާނަކަން ލިބިގެންވާ ކޮންމެ ފިރިހެނެއްގެ މައްޗަށް، ޢީދު ނަމާދަކީ ޢައިނިއްޔަ ފަރުޟެކެވެ.
ތިބާއަށް ކުރިމަތިވެފައިވާ ސިއްޙީ ކަމެއްގެ ސަބަބުން މިސްކިތައް ނުދެވޭނަމަ އެކަމުގައި ތިބާއަށް އެއްވެސް މައްސަލައެއް ނެތެވެ. ދެން އޮތް ސުވާލަކީ ތިބާ ޢީދުނަމާދު ގޭގައި ކުރުން ޝަރުޢުވެގެންވޭ ހެއްޔެވެ، މި މައްސަލާގައި ފިޤުހުވެރިންގެ މެދުގައި ޚިލާފުއުފެދިފައިވެއެވެ. ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ އެކަން އެގޮތަށް ކުރުން ޝަރުޢުވެގެންވާކަމުގައެވެ. ޙަނަފީ މަޛްހަބުގެ ޢިލްމުވެރިން ވިދާޅުވަނީ ނުކުރެވޭނޭކަމުގައެވެ.
އިމާމު ޝާފިޢީ ރަޙިމަހުﷲ ގެ ކިބައިން އިމާމު އަލްމުޒަނީ ރަޙިމަހުﷲ، އަލްމުޒަނީ ގެ ފޮތް “މުޚްތަޞަރުލް އުއްމި” ގައި މިފަދައިން ލިޔުއްވާފައިވެއެވެ. “އެކަހެރިކޮށް ނަމާދުކުރާ މީހާ އަދި ދަތުރުވެރިޔާއާއި އަޅުމީހާ އަދި އަންހެނުން ދެ ޢީދު ދެނަމާދު ގޭގައި ކުރާނީއެވެ.” “مختصر الأم” (8/125) : ”
މާލިކީ މަޛްހަބުގެ ޢިލްމުވެރިއެއް ކަމުގައިވާ الخرشي ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އިމާމާއާއެކު ޖަމާޢަތުގައި ޢީދުނަމާދުކުރުން ފާއިތުވިމީހާ ޢީދުނަމާދު ކުރުން މުސްތަޙައްބުވެގެންވެއެވެ. އެފަދައިން ދިމާވެއްޖެނަމަ ޢީދުނަމާދުކުރާނީ ޖަމާޢަތެއް ހަދައިގެންތޯ ނުވަތަ އެކަހެރިގޮތުގައިތޯ އެކަމުގައި ދެ ޤައުލުވެއެވެ.” “شرح الخرشي” (2/104)
ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިއެއް ކަމުގައިވާ المرداوي ރަޙިމަހުﷲ އޭނާގެ ފޮތް الإنصاف ގައި ވިދާޅުވެފައިވެއެވެ. “ޢީދު ނަމާދު ފާއިތުވެއްޖެނަމަ، ހަމަ ޢީދު ނަމާދު (އިމާމާއާ އެކު) އަދާއަށް ކުރި ކައިފިއްޔަތުގައި އެގޮތަށް ޢީދު ނަމާދު ޤަޟާކުރުން މުސްތަޙައްބުވެގެންވެއެވެ.”
ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިއެއް ކަމުގައިވާ ابن قدامة ރަޙިމަހުﷲ އޭނާގެ ފޮތް المغني ގައި ވިދާޅުވެފައިވެއެވެ. “އޭނާއަށް އެކަމުގައި އިޚްތިޔާރު ލިބިގެންވެއެވެ. އޭނާ ބޭނުންނަމަ އެކަހެރިކޮށް ނަމާދުކުރެވިދާނެއެވެ. އަދި އޭނާ ބޭނުންނަމަ ޖަމާޢަތުގައިވެސް ކުރެވިދާނެއެވެ.”
ޙަނަފީ މަޛްހަބުގެ ފޮތެއްކަމުގައިވާ الدر المختار مع حاشية ابن عابدين ގައި ވެއެވެ. “އިމާމާއެކު ނަމާދުކުރުން ފާއިތުވެއްޖެނަމަ އޭނާ އެނަމާދު ކުރުމެއް ނުވެއެވެ.” الدر المختار مع حاشية ابن عابدين (2/175)
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ އިޚްތިޔާރުކުރެއްވީ ޙަނަފީ މަޛްހަބުގެ މި ބަސްފުޅެވެ. އަދި މި ބަސްފުޅު ރާޖިޙުކަމުގައި ޝައިޚު އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ. “الشرح الممتع” (5/156)
ސަޢުދީ ފަތުވާ ކޮމެޓީގެ ފަތުވާގައި ވެއެވެ. ދެ ޢީދު ދެ ނަމާދަކީ ކިފާޔަތުގެ ފަރުޟެކެވެ. އެއްބަޔަކު އެ ނަމާދު ޤާއިމުކޮށްފިނަމަ ބާކީތިބި އެންމެންގެ ކިބައިން އެކަން ކެނޑިދިޔައީއެވެ. އެނަމާދު ފާއިތުވެއްޖެމީހާ އަދި އޭނާ އެނަމާދު ޤަޟާކުރަން ބޭނުންވެއްޖެނަމަ އޭނާ އެނަމާދު ޤަޟާކުރުން މުސްތަޙައްބުވެގެންވެއެވެ. އޭނާ އެނަމާދު ކުރާނީ ހަމަ ޖަމާޢަތުގެ ނަމާދުވެސް ކުރާ ކައިފިއްޔަތަށެވެ. އެކަމަކު އޭގެ ފަހުގައިވާ ޚުޠުބާއާ ނުލައެވެ. މިއީ ޢިލްމުގެ އަހުލުވެރިންގެ ތެރެއިން އިމާމު މާލިކު، އިމާމު ޝާފިޢީ، އިމާމު އަޙްމަދު، އަދި އިމާމު އައްނަޚަޢީގެ ބަސްފުޅެވެ. އެކަމުގެ ދަލީލަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ބަސްފުޅެވެ. : (إِذَا أَتَيْتُمُ الصَّلَاةَ فَامْشُوا وَعَلَيْكُمُ السَّكِيْنَةَ وَالْوَقَارَ فَمَا أَدْرَكْتُمْ فَصَلُّوا وَمَا فَاتَكُمْ فَاقْضُوا) މާނައީ: “ތިޔަބައިމީހުން ނަމާދަށް އަންނަނަމަ ހިނގާފައި އަންނާށެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް މަޑުމައިތިރިކަމާ، ލަސްލަހުން އައުންވެއެވެ. ތިޔަބައިމީހުންނަށް (ނަމާދުން) ލިބުނު މިންވަރެއް ކުރާށެވެ. އަދި ފާއިތުވިބައި ފުރިހަމަ ކުރާށެވެ.” (ބުޚާރީ: 636، މުސްލިމް: 602)
އަދި އަނަސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު އިމާމާއާއެކު ޢީދު ނަމާދު ފާއިތުވެއްޖެނަމަ، އެކަލޭގެފާނުގެ ޢާއިލާއާއި މިނިވަންކުރެއްވި އަޅުން އެއްކުރައްވައެވެ. އަދި އެކަލޭގެފާނުގެ މިނިވަންކުރެއްވި އަޅުންގެ ތެރެއިން ޢަބްދުﷲ ބިން އަބީ ޢުތުބާ އަނަސްގެފާނާއި އެ ޖަމާޢަތައިގެން ދެ ރަކުޢަތްކުރައްވައެވެ. އެ ދެ ރަކްޢަތުގައި ތަކުބީރު ވިދާޅުވެއެވެ. ޢީދު ނަމާދުގެ ޚުޠުބާ ކިޔަނިކޮށް ޢީދުނަމާދަށް ދެވިއްޖެނަމަ އޭނާ ޚުޠުބާ އަޑުއަހާނީއެވެ. ދެން އޭގެ ފަހުގައި އަމިއްލައަށް ވަކިން ޢީދުނަމާދު ކުރާނީއެވެ. އޭރުން ދެފައިދާ ޙާޞިލްކުރެވުނީއެވެ.”
فتاوى اللجنة الدائمة للإفتاء (8/306)
والله أعلم .
މަރްޖިޢު
https://islamqa.info/ar/answers/96922