ރޯދަޔަށް ހުރެ އަރިދަފުސް ދިރުވުމުން ރޯދަ ގެއްލޭނެ ހެއްޔެވެ؟

ރޯދަވެރިޔާ އަރިދަފުސް ދިރުވުމުން ރޯދަ ގެއްލޭނެތޯ ނުވަތަ ނޫންތޯ މިކަމާ މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފުހުއްޓެވެ. ޞައްޙަވެގެންވާ ބަހަކީ އެކަމުގެ ސަބަބުން ރޯދަ ނުގެއްލޭނެ ކަމަށް ބުނާ ބަހެވެ. އެހެނީ އެއީ ކެއުމާއި ބުއިމުގެ މާނާގައިވާ ކަމެއް ނޫނެވެ.
އައްޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ. “ޢިލްމުވެރިން ކަމެއްގައި އިޚްތިލާފުވެއްޖެނަމަ އަހަރެމެން ރުޖޫޢަވަނީ ކީރިތި ޤުރްއާނާއި ސުންނަތަށެވެ. މިކަމުން ރޯދަ ފާސިދުވާނެތޯ ނޫންތޯ ޚިލާފު އުފެދިއްޖެނަމަ، ބަލާއިރު، އަޞްލަކީ މިކަމުން ރޯދަ ފާސިދުނުވުމެވެ. އެހެންކަމުން މި އަޞްލަށް ބިނާކުރާއިރު އަރިދަފުސް ދިރުވުމުގެ ސަބަބުން ރޯދަ ފާސިދެއް ނުވާނެއެވެ.
މުހިއްމު ކަމަކީ އަރިދަފުސް ކަރުގެ ތެރޭގައި ހުރިތަނުގައި ބެހެއްޓުމެވެ. އަނގަތެރެއަށް ގެންނަން މަސައްކަތް ނުކުރުމެވެ. އަދި އެ އަނގަތެރެއަށް އައިސްފިނަމަ އެ ބޭރުކުރަން ޖެހޭނެއެވެ. އެއީ އޭނާ ރޯދަޔަށް ހުރިކަމުގައިވިޔަސް އަދި ރޯދަވެރިޔަކުކަމުގައި ނުވިޔަސް މެއެވެ. އެކަމުގެ ސަބަބުން ރޯދަ ގެއްލޭނެކަމަށް ބުނާނަމަ އެކަމަށް ދަލީލެއް (ﷲ ގެ ޙަޟްރަތުގައި ދައްކާނެ ޙުއްޖަތެއް) ބޭނުން ވާނެއެވެ.” -مجموع الفتاوى (19/356)
އަދި ވިދާޅުވިއެވެ. ” ރާޖިޙު ބަސްފުޅަކީ، އަރިދަފުހުގެ ސަބަބުން ރޯދަ ނުގެއްލުމެވެ. އަނގަޔަށް އެ ވާޞިލްވެ އިންސާނާ އެ ދިރުވިޔަސް މެއެވެ. އެކަމަކު އިންސާނާ އެ ދިރުވައިގެން ނުވާނެއެވެ. ފަހެ ޢިލްމުގެ އަހުލުވެރިން އެކަން ޙަރާމްކަމަށް ވިދާޅުވެއެވެ. އެހެނީ އެއީ މުޑުދާރު އެއްޗެކެވެ. އިންސާނާ އެ ދިރުވުމަކީ ކޮށްގެންވާނެކަމެއް ނޫނެވެ.” “لقاء الباب المفتوح” لقاء رقم (153) .

މަރްޖިޢު
https://islamqa.info/ar/answers/172499