ޤަޟާ ރޯދަ ހިފާއިރު ފިރިމީހާގެ އިޛުނަ ހޯދަން ޖެހޭނެތޯ؟

ޢުޛުރެއްގެ ސަބަބުން ފާއިތުވެގެންދާ ފަރުޟު ރޯދަ ހިފުމަކީ ވާޖިބެކެވެ. ވާޖިބު ރޯދަ ހިފާއިރު ފިރިމީހާގެ އިޛުނަ ހޯދުމަކީ ޝަރުޠެއް ނޫނެވެ. ވާޖިބު ނޫން ރޯދަ ހިފާއިރު، ފިރިމީހާ ޙާޟިރުވެ ހުރިނަމަ ފިރިމީހާގެ އިޛުނަ ހޯދަން ޖެހޭނެއެވެ.
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( لَا يَحِلُّ لِلْمَرْأَةِ أَنْ تَصُومَ وَزَوْجُهَا شَاهِدٌ إِلَّا بِإِذْنِهِ {رواه البخاري (5191) ومسلم (1026} އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އަންހެނަކަށް، އެކަނބުލޭގެ ފިރިމީހާ ޙާޟިރުވެ ހުއްޓާ، އޭނާގެ އިޛުނައާ ނުލައި ރޯދަ ހިފުން (އެބަހީ ސުންނަތް ރޯދަ) ހުއްދަވެގެން ނުވެއެވެ.”
މިތަނުގައި މިބުނާ ރޯދައަކީ ސުންނަތް ރޯދަކަން އަންނަނިވި ރިވާޔަތުން އެނގެއެވެ.
( لَا تَصُومُ الْمَرْأَةُ وَبَعْلُهَا شَاهِدٌ إِلَّا بِإِذْنِهِ غَيْرَ رَمَضَانَ ) {.أبو داود (4258) والترمذي (782)صححه الألباني في صحيح الترمذي .} “އަންހެނަކު، އޭނާގެ ފިރިމީހާ ޙާޟިރުވެހުއްޓާ، އޭނާގެ އިޛުނައާ ނުލައި، ރަމަޟާންމަހުގެ ރޯދައެއް މެނުވީ ނުހިފާ ހުށިކަމެވެ.”
ޤަޟާ ރޯދައަކީ ރަމަޟާން މަހުގެ ރޯދައެކެވެ. އަދި އެހެނިހެން ވާޖިބު ރޯދަތަކަށްވެސް އަންނާނީ މި ޙުކުމެވެ. މިސާލަކަށް ކައްފާރާގެ ރޯދައާއި، ނަދުރު ރޯދަފަދަ ވާޖިބު ރޯދަތައް ހިފާއިރުވެސް ފިރިމީހާގެ ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ.
ސަބަބު: ވާޖިބު ރޯދާގައި ފިރިމީހާގެ ހުއްދަ ހޯދަން ނުޖެހޭ ސަބަބަކީ، ވާޖިބު ރޯދައަކީ ﷲ އަށްޓަކައި ވާ ދަރަންޏަކަށް ވާތީއެވެ. ﷲ އަށް ކިޔަމަން ގަތުމާއި ފިރިމީހާއަށް ކިޔަމަންގަތުމާއި ދެކަމަކީވެސް ވާޖިބަށް ވާ ހިނދު، މީގެ ތެރެއިން ބޮޑަށް އިސްކަން ދޭން ޖެހެނީ ﷲ ގެ ޙައްޤަށެވެ.
ސުންނަތް ރޯދަ ހިފާއިރު ފިރިމީހާގެ އިޛުނަ ހޯދަން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ އެ ސަބަބަކީ ފިރިމިހާއަށް ކިޔަމަން ވުމަކީ ވާޖިބަކަށް ވެފައި ސުންނަތް ރޯދަ ހިފުމަކީ ސުންނަތަކަށް ވާ ހިނދު، ސުންނަތަށް ވުރެ ވާޖިބަށް އިސްކަން ދޭން ޖެހޭނެތީއެވެ. ވާޖިބު އަޅުކަމަކާއި ސުންނަތް އަޅުކަމަކާ ދެކަން އެއްފަހަރާ ކުރަން ޖެހިއްޖެނަމަ އަބަދުވެސް އިސްކަން ދޭން ޖެހޭނީ ވާޖިބު އަޅުކަމަށެވެ.

މަރްޖިޢު
فتاوى اللجنة الدائمة للبحوث العلمية والإفتاء” (10/353) .
https://islamqa.info/ar/answers/106484