ޙަސަދައަކީ ނުބައި ޞިފަތަކުގެ ތެރެއިން ޞިފައެކެވެ. މީހާގެ ހިތަށް ޖެހޭ ނުރައްކާތެރިކަން ބޮޑު ބައްޔެކެވެ. ޙަސަދައާ ވީހާވެސް ދުރުގައި ހުރުމަށް މުއުމިނު އަޅާ އަބަދުވެސް ސަމާލުކަން ދޭންޖެހޭނެއެވެ.

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((لَا يَجْتَمِعَانِ فِي جَوْفِ مُؤْمِنٍ: غُبَارٌ فِي سَبِيلِ اللَّهِ وَفَيْحُ جَهَنَّمَ، وَلَا يَجْتَمِعَانِ فِي قَلْبِ عَبْدٍ : الْإِيمَانُ وَالْحَسَدُ)) {رواه النسائي (3109) وحسنه الألباني في “صحيح النسائي”}.

މާނައީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “މުއުމިނެއްގެ (ހަށިގަނޑުގެ) ތެރޭގައި ﷲ ގެ މަގުގައި އަރާ ހިރަފުހާއި ނަރަކައިގެ ނޭވާ(ވައި) ޖަމަޢެއް ނުވާނެއެވެ. (ﷲ ގެ މަގުގައި ޖިހާދުކޮށް ޝަހީދުވާ މީހަކު ނަރަކައަށް ނުވަންނާނެއެވެ.) އަދި އަޅެއްގެ ހިތުގައި އީމާންކަމާއި ޙަސަދަވެރިކަން ޖަމަޢެއް ނުވާނެއެވެ.”

عَنْ أَبي هُرَيرَةَ رضي لله عنه أنه قَالَ: قَالَ رَسُولُ للهِ صلى لله عليه وسلم: ((لاَ تَحَاسَدوا، وَلاَتَنَاجَشوا، وَلاَ تَبَاغَضوا، وَلاَ تَدَابَروا …)) {رواه مسلم (2559)}

މާނައީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ޙަސަދަވެރިނުވާށެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ގެއްލުންދިނުމުގެ ގޮތުން މުދަލުގެ އަގު ބޮޑުނުކުރާށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ރުޅިވެރިނުވާށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ފުރަގަސްނުދޭށެވެ.”

އެސްފީނާއަކީ ވެސް ހަމަ މިފަދަ ކަމެކެވެ.

އެސްފީނާ އަކީ ޙަޤީޤަތެއް
عَنْ عَائِشَةَ، رَضِيَ اللَّهُ عَنْهَا قَالَتْ: قَالَ رَسُولُ اللَّهِ صَلَّى للهُ عَلَيْهِ وَسَلَّمَ: ((اسْتَعِيذُوا بِاللَّهِ تَعَالَى مِنَ الْعَيْنِ فَإِنَّ الْعَيْنَ حَقٌّ)) {رواه ابن ماجة (3508) والحاكم (7497)وصححه الألباني في “صحيح ابن ماجة”}

މާނައީ: ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުން އެސްފީނާއިން ރައްކާތެރިކޮށްދެއްވުމަށް ﷲ ގެ ޙަޟްރަތުން ޙިމާޔަތަށް އެދޭށެވެ. ފަހެ ހަމަކަށަވަރުން އެސްފީނާއަކީ ޙަޤީޤަތެކެވެ.”

އެސްފީނާ އަދި ޙަސަދައިގެ ނުރައްކާތެރިކަން ބޮޑުކަމުން އެދެކަމުން ރައްކާތެރިވުމަށްޓަކައި ދުޢާ ޝަރުޢުވެފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޞްޙާބުންނަށް އެ ދުޢާތައް އުނގަންނަވައިދެއްވިއެވެ.
މުސްނަދު އަޙްމަދުގައި ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢުޤުބަތު ބިން ޢާމިރު އަލްޖުހަނީއަށް ޙަދީޘްކުރެއްވިއެވެ.

((أَلَا أُخْبِرُكَ بِأَفْضَلِ مَا تَعَوَّذَ الْمُتَعَوِّذُونَ ؟)). قَالَ: قُلْتُ: بَلَى!! فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ((قُلْ أَعُوذُ بِرَبِّ الْفَلَقِ، وَقُلْ أَعُوذُ بِرَبِّ النَّاسِ: هَاتَيْنِ السُّورَتَيْنِ)) وفي رواية: ((مَا تَعَوَّذَ النَّاسُ بِأَفْضَلَ مِنْهُمَا)) {مسند الإمام أحمد (28/612ـ الرسالة) وغيره }

މާނައީ: “ރައްކާތެރިކޮށްދެއްވުމަށް ޙިމާޔަތަށް އެދޭމީހުން، ރައްކާތެރިކޮށްދެއްވުމަށް ޙިމާޔަތަށް އެދި ދަންނަވަނީ ކޮން އެއްޗެއް ކިޔައިގެންކަން ތިމަންކަލޭގެފާނު ތިބާއަށް ޚަބަރު ކުރަން ހެއްޔެވެ؟ އަހަރެން ބުނީމެވެ. އާއެކެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “قُلْ أَعُوذُ بِرَبِّ الْفَلَقِ އަދި قُلْ أَعُوذُ بِرَبِّ النَّاسِ މި ދެ ސޫރަތެވެ.” އެހެން ރިވާޔަތެއްގައިވެއެވެ. “ރައްކާތެރިކޮށްދެއްވުމަށް ޙިމާޔަތަށް އެދޭމީހުން އެ ދެ ސޫރަތަށްވުރެ ވަކި މޮޅު އިތުރު އެއްޗެއް ކިޔައިގެން ރައްކާތެރިކޮށްދެއްވުމަށް ޙިމާޔަތަށް އެދި ނުދަންނަވައެވެ.”

އެސްފީނާ ޖެހިދާނެކަމަށް ބިރުވެތިވާ މީހާ ކަންތައްކުރަންޖެހޭނީ ކިހިނެއް؟
އެމީހެއްގެ ސަބަބުން އެހެން މީހަކަށް އެސްފީނާ ޖެހިދާނެކަމަށް ބިރުވެތިވާ މީހާ، އޭނާގެ ސަބަބުން އެހެން މީހުންނަށް ނުބައިކަމެއް ނުވަތަ މިފަދަ އުނދަގުލެއް ފޯރާފާނެ ކަމަށް ހީވާމީހާ، އޭނާގެ ކިބައިން އެ ނުބައިކަން ފެތުރުނަ ނުދިނުމަށްޓަކައި އެއްވެސް މީހެއްގެ ކިބައިން ތިމާ ޙައިރާން ވާފަދަ ޢަޖައިބު ވާފަދަ، ޙަސަދަވެރިވެވިދާނެ ފަދަ މޮޅުކަމެއް، ރީތިކަމެއް ފެންނަ ހިނދު ބަރަކާތް ލެއްވުން އެދި ދުޢާ ކުރާނީއެވެ. އަންނަނިވި ޙަދީޘްގައިވާ ފަދައިންނެވެ.

عَنْ عَامِرِ بْنِ رَبِيعَةَ رَضِيَ اللَّهُ عَنْهُ قَالَ: ((إِذَا رَأَى أَحَدُكُمْ مِنْ أَخِيهِ، أَوْ مِنْ نَفْسِهِ، أَوْ مِنْ مَالِهِ مَا يُعْجِبُهُ، فَلْيُبَرِّكْهُ فَإِنَّ الْعَيْنَ حَقٌّ)) {رواه أحمد (15700) والحاكم (7500)وصححه الألباني في “الصحيحة” (2572)}

މާނައީ: ޢާމިރު ބިން ރަބީޢަތު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. “ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަޚާގެ ފަރާތުން، ނުވަތަ އޭނާގެ ނަފްސުގެ ފަރާތުން، ނުވަތަ އޭނާގެ މާލުގެ ފަރާތުން އޭނާ ޢަޖާއިބުވާފަދަ ކަމެއް ފެނިއްޖެނަމަ ފަހެ ބަރަކާތް ލެއްވުން އެދި ދުޢާކުރާ ހުށިކަމެވެ. ފަހެ ހަމަކަށަވަރުން އެސްފީނާއަކީ ޙަޤީޤަތެކެވެ.”

ބަރަކާތް ލެއްވުމަށް އެދި ދުޢާކުރާނީ ކިހިނެއް؟
ބަރަކާތް ލެއްވުން އެދި ތަފާތު އިބާރާތްތަކުން ދުޢާކުރެވިދާނެއެވެ. ދިވެހި ބަހުންވެސް ދުޢާކުރެވިދާނެއެވެ. މިސާލަކަށް ހާދަ މޮޅު ކުއްޖެކެވެ. ﷲ ބަރަކާތް ލައްވާށި! މިފަދަ ޢިބާރާތަކުން ނުވަތަ އެފަދަ މާނައެއް ދޭހަވާ ޢިބާރާތަކުން ބަރަކާތް ލެއްވުން އެދި ދުޢާކުރެވިދާނެއެވެ. މިތަނުގައި މި ބުނަނީ އެފަދައިން ބޭނުންކުރެވިދާނެ ބައެއް ޢިބާރާތްތަކެވެ.

1- بَارَكَ ﷲ عَلَيْكَ – ތިބާއަށް ﷲ ބަރަކާތް ލައްވާށި
بَارَكَ ﷲ عَلَيْكَ/عَلَيْكِ/عَلَيْكُمَا/عَلَيْكُمْ/عَلَيْكُنَّ – މުޚާޠަބުކުރެވޭ ޢަދަދު އަދި ޖިންސާގުޅޭގޮތުން ޢަރަބިބަހުގެ ޤަވާޢިދުގައިވާ ފަދައިން.

2- بَارَكَ ﷲ لَكَ – ތިބާއަށް ﷲ ބަރަކާތް ލައްވާށި
بَارَكَ ﷲ لَكَ/لَكِ/لَكُمَا/لَكُمْ/لَكُنَّ – މުޚާޠަބުކުރެވޭ ޢަދަދު އަދި ޖިންސާގުޅޭގޮތުން ޢަރަބިބަހުގެ ޤަވާޢިދުގައިވާ ފަދައިން.

3- اللَّهُمَّ بَارِكْ – ޔާ ﷲ ބަރަކާތް ލައްވާށި

4- اللَّهُمَّ بَارِكْ لَهُ– ޔާ ﷲ އޭނާއަށް ބަރަކާތް ލައްވާށި (ފިރިހެން 1)
اللَّهُمَّ بَارِكْ لَهُ /لَهَا/لَهُمَا/لَهُمْ/لَهُنَّ – ޢަދަދު އަދި ޖިންސާގުޅޭގޮތުން ޢަރަބިބަހުގެ ޤަވާޢީދުގައިވާ ފަދައިން.

5- بَارَكَ الله فِيْكَ– ﷲ ތިބާއަށް ބަރަކާތް ލައްވާށި (ފިރިހެން 1)
بَارَكَ الله فِيْكَ/فِيْكِ/فِيهِ/فِيهَا/فِيكُمَا/فِيكُمْ/فِيكُنَّ -ޢަދަދު އަދި ޖިންސާގުޅޭގޮތުން ޢަރަބިބަހުގެ ޤަވާޢީދުގައިވާ ފަދައިން.

މާޝާ ﷲ ކިޔުމުން ފުދޭނެތޯ؟
ވަރަށް ގިނަ މީހުންނަށް އެނގިފައި އޮންނަނީ އެސްފީނާ ޖެހިދާނެކަމަށް ކިޔާ ލަފުޒަކީ މާޝާ ﷲ ކަމަށެވެ. އެސްފީނާ ޖެހިދާނެ ކަމަށް މާޝާ ﷲ ކިޔުމާ ބެހޭގޮތުން އެއްވެސް ޞައްޙަ ޙަދީޘެއް އައިސްފައި ނުވެއެވެ. ޞައްޙަ ޙަދީޘްގައި އައިސްފައިވަނީ ބަރަކާތް ލެއްވުމަށް އެދި ދުޢާކުރުމަށެވެ.
މިކަމާ ބެހޭގޮތުން ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ ދެއްވާފައިވާ ފަތުވާއެއްގައި މާޝާ ﷲ ބާރަކަﷲ ކިޔިދާނެ ކަމަށް ވިދާޅުވެފައިވެއެވެ. ޝައިޚް ދަލީލު ނަންގަވަނީ ކަހްފު ސޫރަތުގެ 39 ވަނަ އާޔަތުންނެވެ.

﴿وَلَوْلَا إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاءَ اللَّهُ لَا قُوَّةَ إِلَّا بِاللَّهِ﴾ [الكهف 39]

މާނައީ: “އަދި ތިބާގެ ބަގީޗާއަށް، ތިބާ ވަންހިނދު، މާޝާ ﷲ (ﷲ އިރާދަކުރެއްވިކަމެއްވާނެއޭ) ބުނިނަމަ، ކޮންފަދަހެއްޔެވެ. އެއްވެސް ބާރެއް ﷲގެ ޙަޟްރަތުން މެނުވީ ނުވެއެވެ.”

މިތަނުގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ މިއީ މި އާޔަތުން ސީދާ ދަލީލުކުރާ ކަމެއް ނޫންކަމެވެ. އެއީ އެކަމުގައި މަޝްހޫރުވެފައި އޮންނަ ގޮތެވެ. ސީދާ ސުންނަތް ގޮތެއް ނޫނެވެ.

އަދި ހަމައެއާއެކު ޝައިޚް ވިދާޅުވެފައިވާ ގޮތުގައި މާޝާ ﷲ ކިޔުމާއެކު ބާރަކަﷲ ކިޔުމުން އޭރުން އެ ޙަދީޘަށްވެސް ޢަމަލު ކުރެވުނީކަމުގައެވެ.

އާޔަތުގެ އަޞްލު މަފްހޫމަކީ މާޝާ ﷲ ކިޔުން އޮންނަނީ މީހެއްގެ މިލްކުގައި ބައިވަރު ތަކެތި ހުރުމުގެ ސަބަބުން އެކަމާ ޢަޖައިބުވާނަމައެވެ.

އަދި ބައެއް މީހުން މާޝާ ﷲ ތަބާރަކަﷲ ވެސް ކިޔައެވެ. ތަބާރަކަﷲ މި ލަފުޒު ބުނުމުން އެ ބުނެވެނީ “ﷲ މަތިވެރިވެވޮޑިގެންފިއެވެ.” ނުވަތަ “ﷲގެ މަތިވެރިކަމާއެވެ.” މިހެންނެވެ. އެހެން ބުނުމަކުން ބަރަކާތް ލެއްވުން އެދި ދުޢާއެއް ނުކުރެވެއެވެ.

އެހެންކަމުން އެންމެ ޞައްޙަ ގޮތަކީ، އެސްފީނާ ޖެހިދާނެ ކަމުގެ ބިރަށް، މަތީގައިވާ ފަދަ ޢިބާރާތްތަކުން، ބަރަކާތް ލެއްވުން އެދި ދުޢާކުރުމެވެ.

ޙަސަދަ އަދި އެސްފީނާއިން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ
ޙަސަދަ އަދި އެސްފީނާފަދަ ނުރައްކާތެރި ބަލިތަކުން ހިތް ސަލާމަތްކޮށްދެއްވުމަށް އެދި ދުޢާކުރުމަކީ މިފަދަ ހިތަށް ޖެހޭ ބަލިތަކުން މީހާ ސަލާމަތްވުމަށް އޮތް އެންމެ ރައްކާތެރިކަން ބޮޑު މަގެވެ. ހިތަށް ޖެހޭ ބަލިތަކަކީ މިސާލަކަށް ޙަސަދައާއި ހިތް ހަރުވުންފަދަ ބަލިތަކަކީ ހަށިގަނޑަށް ޖެހޭ ޖިސްމާނީ ބަލިތަކަށްވުރެ ނުރައްކާތެރިކަން ބޮޑު ބަލިތަކެކެވެ.

1- اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ مُنْكَرَاتِ الأَخْلَاقِ، وَالأَعْمَالِ وَالأَهْوَاءِ {رواه الترمذي (3591) وحسنه ، وصححه الألباني}

މާނައީ: “ޔާ ﷲ! ނުބައިވެގެންވާ އަޚްލާޤުންނާއި ނުބައި ވެގެންވާ ޢަމަލުތަކުން އަދި ނުބައިވެގެންވާ އެދުންތަކުން ރައްކާތެރިކޮށްދެއްވުމަށް ހަމަކަށަވަރުން އަހަރެން އިބަ އިލާހުގެ ޙަޟްރަތުން ޙިމާޔަތަށް އެދެމެވެ.”
2- اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ سَمْعِي، وَمِنْ شَرِّ بَصَرِي، وَمِنْ شَرِّ لِسَانِي، وَمِنْ شَرِّ قَلْبِي، وَمِنْ شَرِّ مَنِيِّي. {رواه الترمذي (3492) وحسنه، وصححه الألباني في “صحيح الترمذي.}

މާނައީ: “ޔާ ﷲ! އަހަރެންގެ އަޑުއިވުމުގެ ނުބައިކަމުންނާއި، އަހަރެންގެ ފެނުމުގެ ނުބައިކަމުންނާއި، އަހަރެންގެ ދުލުގެ ނުބައިކަމުންނާއި، އަހަރެންގެ ހިތުގެ ނުބައިކަމުން އަދި އަހަރެންގެ ލަދުވެތި ގުނަވަނުގެ ނުބައިކަމުން އަހަރެން ރައްކާތެރިކޮށްދެއްވުމަށް ހަމަކަށަވަރުން އަހަރެން އިބަ އިލާހުގެ ޙަޟްރަތުން ޙިމާޔަތަށް އެދެމެވެ.”

3- اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْفَقْرِ، وَالْقِلَّةِ، وَالذِّلَّةِ، وَأَعُوذُ بِكَ مِنْ أَنْ أَظْلِمَ، أَوْ أُظْلَمَ {رواه أبو داود (1544) وصححه الألباني}.

މާނައީ: ”ޔާ ﷲ! ފަޤީރުކަމުންނާއި އުނިވުމުންނާއި ދެރަނިކަމެތިވުމުން، އަދި އަހަރެންގެ ފަރާތުން މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި އަހަރެންގެ މައްޗަށް އެހެންމީހަކު އަނިޔާވެރިވުމުން އަހަރެން ރައްކާތެރިކޮށްދެއްވުމަށް ހަމަކަށަވަރުން އަހަރެން އިބަ އިލާހުގެ ޙަޟްރަތުން ޙިމާޔަތަށް އެދެމެވެ.”
4- ((اللهُمَّ عَالِمَ الْغَيْبِ وَالشَّهَادَةِ، فَاطِرَ السَّمَاوَاتِ وَالْأَرْضِ – رَبَّ كُلِّ شَيْءٍ وَمَلِيكَهُ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ، أَعُوذُ بِكَ مِنْ شَرِّ نَفْسِي، وَشَرِّ الشَّيْطَانِ وَشِرْكِهِ)) {رواه أحمد (51) وصححه محققو المسند}

މާނައީ: “ޔާ ﷲ! ނުފެންނަ ކަންތައްތަކާއި ފެންނަ ކަންތައްތައް ދެނެވޮޑިގެންވާ އިލާހު! އުޑުތަކާއި ބިން ނެތުމުގެތެރެއިން ހެއްދެވި އިލާހު! ހުރިހާ އެއްޗެއްގެ ރައްބު އަދި އެތަކެތީގެ މިލްކުވެރި އިލާހު! އިބަﷲ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވާކަމަށް އަހަރެން ހެކިވަމެވެ. އަހަރެންގެ ނަފަސުގެ ނުބައިކަމާއި، ޝައިޠާނާގެ ނުބައިކަމާއި، އެޝައިޠާނާ (އިބަﷲއާ) ޝަރީކުކުރުމަށް ލައިދޭ ވަސްވާހުން ރައްކާތެރިކޮށްދެއްވުމަށް އިބައިލާހުގެ ޙަޟްރަތުން ޙިމާޔަތަށް އަހަރެން އެދެމެވެ.”

 

 

މަރްޖިޢު
https://islamqa.info/ar/answers/198616