ސުންނަތް ހިނެއިންތައް އަދި ހިނައިގަތުން ވާޖިބުވާ މީހާގެ މައްޗަށް ބިނާވާ ޙުކުމްތައް

ސުންނަތްހިނެއިންތައް
ވާޖިބު ހިނެއިންތައް ބަޔާންވެހިނގައްޖެއެވެ. ސުންނަތްވެގެންވާ ނުވަތަ މުސްތަޙައްބު ވެގެންވާ ހިނެއިންތަކަކީ:

1- ޖިމާޢުވާ ކޮންމެ ވަޤުތެއްގައި ހިނައިގަތުން: އެއީ އަބޫ ރާފިޢު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ ޙަދީޘުގެ ސަބަބުންނެވެ. ރާފިޢު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. كَانَ ذَاتَ لَيْلَةٍ يَغْتَسِلُ عِنْدَ هَذِه وَعِنْدَ هَذِهِ قَالَ: فَقُلْتُ يَا رَسُولَ اللهِ أَلَا تَجْعَلُهُ وَاحِدًا؟ قَالَ ((هَذَا أَزْكَى وَأَطْيَبُ)) [رواه أبو داود برقم 216 وابن ماجة برقم وحسنه 590الألباني – صحيح ابن ماجة برقم 486 ] މާނައީ: “އެއްރެއަކު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަނބިކަނބަލަކާ ޖިމާޢުވެވަޑައިގެން ހިނައިވަޑައިގަތުމަށްފަހު، އަނެއް އަނބިކަނބަލަކާ ޖިމާޢުވެވަޑައިގަތުމަށްފަހު ހިނައިވަޑައިގެންފިއެވެ. އަހަރެން ބުނީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. ހިނައިވަޑައިގަތުން އެއްފަހަރަށް ނުހައްދަވަނީ ކީއްވެތޯއެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. “އެންމެ ބޮޑަށް ޠާހިރުވެފައި، އެންމެ ރިވެތިކަންބޮޑީ މިގޮތެވެ.”

2- ހުކުރު ނަމާދަށް ހިނައިގަތުން: ދަލީލަކީ ((إِذَا جَاءَ أَحَدُكُم الْـجُمْعَةَ فَلْيَغْتَسِلْ)) [أخرجه البخاري برقم 877 ] މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު ހުކުރުނަމާދަށް އަންނަނަމަ ހިނައިގަންނަހުށިކަމެވެ.”

3- ދެ ޢީދު ނަމާދަށް ހިނައިގަތުން.

4- ޙައްޖާއި ޢުމުރާއަށް އިޙްރާމު ބަނުމަށްޓަކައި ހިނައިގަތުން. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިޙްރާމު ތުރުކުރެއްވުމަށްޓަކައި ހިނައިވަޑައިގަތެވެ.

5- މައްޔިތަކު ހިނަވާމީހާ ހިނައިގަތުން: ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘެވެ. ((مَنْ غَسَّلَ مَيِّتًا فَلْيَغْتَسِلْ)) [أخرجه البخاري برقم 877 ] މާނައީ: “މައްޔިތަކު ހިނަވައިފިމީހާ ފަހެ ހިނައިގަންނަހުށިކަމެވެ.”

ހިނައިގަތުން ވާޖިބުވާ މީހާގެ މައްޗަށް ބިނާވެގެންވާ ޙުކުމްތައް
ހިނައިގަތުން ވާޖިބުވާ މީހާގެ މައްޗަށް ބިނާވެގެންވާ ވާ ޙުކުމްތައް އިޖުމާލީގޮތެއްގައި ތިރީގައި މިވަނީއެވެ.

1- (ޖުނުބުވެރިންގެ ތެރެއިން) މަގުހުރަސްކުރާ މީހަކަށް މެނުވީ، މިސްކިތުގައި މަޑުކުރުން ހުއްދަވެގެންނުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَلاَ جُنُبًا إِلَّا عَبِرِيْ سَبِيْلٍ حَتَّى تَغْتَسِلُوا﴾ [النساء 43] މާނައީ: “އަދި ތިޔަބައިމީހުން ޖުނުބުވެރިޙާލު، ހިނައިގެންފުމަށް ދަންދެން މަގުހުރަސްކުރާމީހެއްގެ ގޮތުގައި މެނުވީއެވެ.” (އެބަހީ މިސްކިތަށްނާރާށެވެ)
އޭނާ ވުޟޫކޮށްފިނަމަ މިސްކިތުގައި މަޑުކުރުން ހުއްދަވެގެންވެއެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި، ބައެއް ޞަޙާބީންގެ ކިބައިން އެކަންތައް އެގޮތަށް ކުރެއްވިކަމަށް ޘާބިތުވެފައިވާތީއެވެ. އަދި ވުޟޫކުރުމަކީ ޙަދަޘްވެރިކަން ލުއިކުރާ ކަމަކަށްވާތީއެވެ. ވުޟޫއަކީ ދެ ޠަހޫރުގެ ތެރެއިން އެއް ޠަހޫރެވެ.

2- މުޞްޙަފުގައި ބީހުން އޭނާއަށް ހުއްދަވެގެންނުވެއެވެ. މީގެ ދަލީލަކީ ﷲ ތަޢާލާގެ މިބަސްފުޅެވެ. ﴿لَا يَمَسُّهُ إِلَّا الْـمُطَهَّرُونَ ﴾ [الواقعة :79] މާނައީ: “ޠާހިރުވެގެންވާ ބަޔަކުމެނުވީ އޭގައި ނުބީހެއެވެ.” އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((لاَ يَمَسُّ القُرآنَ إلاّ طَاهِرٌ)) [ أخرجه مالك (1 (199/ والدارقطني (1 (121/ والبيهقي (1/87) والحاكم( 1 395/)وصححه- وصححه الألباني (الإرواء برقم 122) ]. މާނައީ: “ޠާހިރު ވެގެންވާ މީހަކު މެނުވީ ޤުރްއާނުގައި ނުބީހޭހުށިކަމެވެ.”

3- ކީރިތި ޤުރުއާން ކިޔެވުން އޭނާގެ މައްޗަށް ހުއްދަވެގެންނުވެއެވެ. ޖުނުބުވެރިޔާ ޤުރުއާނުން އެއްވެސް މިންވަރެއް، އޭނާ ހިނައިގެންފުމަށް ދަންދެން ކިޔަވައިގެންނުވާނެއެވެ. އެއީ ޢަލީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ މި ޙަދީޘުގެ ސަބަބުންނެވެ. ޢަލީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. كَانَ عَلَيْهِ الصَّلَاةُ وَالسَّلَامُ لَا يَمْنَعُهُ مِنْ قِرَاءَةِ الْقُرآنِ شَيْءٌ إِلّاَ الْجَنَابَةُ [ رواه الإمام أحمد برقم 1014 وابن ماجة برقم 594 والترمذي برقم 146 قال الترمذي حسن صحيح وصححه الحاكم في المستدرك 107/4 ونقل الحافظ ابن حجر تصحيحه عن ابن السكن و عبد الحق والبغوي وأن شعبة حسنه (التلخيص الحبير 139/1) ].މާނައީ: “ޖުނުބުވެރިޙާލަތް ފިޔަވައި އެއްވެސްޙާލަތެއް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކީރިތި ޤުރުއާން ކިޔަވައިވިދާޅުވުން މަނާއެއްނުކުރެއެވެ.”
އެހެނީ އެ ޤުރުއާން ކިޔެވުމުން އޭނާ މަނާކުރުމުން، އަވަހަށް ހިނައި ޠާޙިރުވެ، ކިޔެވުން މަނާވީކަންތައް ފިލުވައިލުމަށް އޭނާއަށް ބާރުއެޅުމަށްޓަކައެވެ.
އަދި ހަމަ އެހެންމެ އޭނާގެ މައްޗަށް އަންނަނިވި ކަންކަންވެސް ޙަރާމްވެގެންވެއެވެ

4- ނަމާދުކުރުން

5- ޠަވާފުކުރުން

މިކަމާ ބެހޭ އިތުރު މަޢުލޫމާތު “ވުޟޫކުރުން ވާޖިބުވާކަންކަން” މިބައިގައި ބަޔާންވެ ހިނގައްޖެއެވެ.
(ހިނައިގަތުމުގެ ބާބު ނިމުނީ)

الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد- المملكة العربية السعودية