الحمد لله وحده،والصلاة والسلام على مَن لا نبيَّ بعده، وعلى آله وصحبه.
ޞައްޙަ ޢަޤީދާއަކީ އިސްލާމްދީނުގެ އަޞްލެވެ. އިސްލާމްދީނުގައި ވަރަށް ބޮޑު އަހައްމިޔަތުކަމެއް ޢަޤީދާއަށް ދީފައިވެއެވެ. އިސްލާމްދީން ބިނާވެފައިވަނީ ޢަޤީދާއާއި ޢަމަލުގެ މައްޗަށެވެ. ޢަޤީދާއާ ނުލާ ޢަމަލު ޞައްޙަވެގެން ނުވެއެވެ. ޞައްޙަ ޢަޤީދާއާ ނުލާ އެއްވެސް ހެޔޮ ޢަމަލެއްގެ ފައިދާއެއް ނެތެވެ. އެހެންކަމުން ޞައްޙަ ޢަޤީދާގެ މުހިއްމުކަމާއި، ޞައްޙަ ޢަޤީދާ އުނގެނުމުގެ ފައިދާތައް އަހަރެމެންނަށް އެނގެން ޖެހެއެވެ.
ޢަޤީދާގެ ޢިލްމު އުނގެނުމުގެ މުހިއްމުކަމަކީ ކޮބައި ހެއްޔެވެ؟ ޢަޤީދާ ކިޔަވަންވީ ކީއްވެ ހެއްޔެވެ؟ ޢަޤީދާ ކިޔެވުމުގެ ފައިދާތަކަކީ ކޮބައިހެއްޔެވެ؟
ޢިލްމުތަކުގެ ތެރެއިން މުހިއްމުކަން އެންމެ ބޮޑު ޢިލްމަކީ ޢަޤީދާގެ ޢިލްމެވެ. ޢަޤީދާއަކީ އަޚްލާޤާއި ރިވެތި އަދަބުތަކާއި، އަޅުކަމާއި މުޢާމަލާތަށްވުރެ މުހިއްމު އެއްޗެކެވެ. އެއީ މުކައްލަފުގެ މައްޗަށްވާ ފުރަތަމަ ވާޖިބެވެ. އިސްލާމްދީނަށް ވަންނަ ހިނދުން ފެށިގެން، އަޅުކަންއަދާކުރުމުގެ ކުރިން، ތައުޙީދަކީ ކޮން އެއްޗެއްކަން އިންސާނާ ދެނެގަތުމަކީ އޭނާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.
އިބްނު ޢައްބާސް ރަޟިޔަ ﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މުޢާޛު ރަޟިޔަ ﷲ ޢަންހު ޔަމަނަށް ފޮނުއްވަމުން ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
“إِنَّكَ تَأْتِي قَومًا مِنْ أَهْلِ الكِتَابِ، فَلْيَكُنْ أَوَّلَ مَا تَدْعُوهُم إِلَيْهِ شَهَادَةُ أَنْ لاَ إِلَهَ إِلاَّ اللهُ فَإِنْ هُمْ أَطَاعُوكَ لِذَلِكَ، فَأَعْلِمْهُم أَنَّ اللهَ افْتَرَضَ عَلَيْهِم خَمْسَ صَلَواتٍ فِي كُلِّ يَومٍ وَلَيْلَةٍ، فَإِنْ هُمْ أَطَاعُوكَ لِذَلِكَ، فَأَعْلِمْهُم أَنَّ اللهَ افْتَرَضَ عَلَيْهِمْ صَدَقَةً تُؤْخَذُ مِنْ أَغْنِيَائِهِم فَتُرَدُّ عَلَى فُقَرَائِهِم، فَإِنْ هُمْ أَطَاعُوكَ لِذَلِكَ، فَإِيَّاكَ وَكَرَائِـمَ أَمْوَالِهِمْ، وَاتَّقِ دَعْوَةَ المَظْـلُومِ فَإِنَهُ لَيْسَ بَيْـنَهَا وَبَيْنَ اللهِ حِجَابٌ” (رواه البخاري ومسلم) މާނައީ: “ހަމަކަށަވަރުން ކަލޭގެފާނު ތިޔަވަޑައިގަންނަވަނީ ފޮތުގެ އަހުލުވެރިންގެ ބައެއްގެ ގާތަށެވެ. އެންމެ ފުރަތަމަ އެބައިމީހުންނަށް “لاَ إِلَهَ إِلاَّ اللهُ” ގެ (އެބަހީ ﷲ މެނުވީ އަޅުކަން ވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވާކަމަށް) ހެކި ދިނުމަށް ދަޢުވަތު ދެއްވާށެވެ. ފަހެ އެކަމުގައި އެބައިމީހުން ކަލޭގެފާނަށް ކިޔަމަންތެރި ވެއްޖެނަމަ، ކޮންމެރެއަކާއި، ދުވާލު ފަސްނަމާދު އެބައިމީހުންގެ މައްޗަށް ﷲ ފަރުޟު ކުރެއްވިކަން އަންގަވާށެވެ. ފަހެ އެކަމުގައި އެބައިމީހުން ކަލޭގެފާނަށް ކިޔަމަންތެރި ވެއްޖެނަމަ، އެބައިމީހުންގެ މައްޗަށް ﷲ ޒަކާތް ފަރުޟު ކުރެއްވިކަން އަންގަވާށެވެ. އެޒަކާތް ނެގޭނީ އެބައިމީހުންގެ ތެރެއިން މުއްސަނދިންގެ އަތުންނެވެ. އަދި އެޒަކާތް ދެވޭނީ އެބައިމީހުންގެ ތެރެއިން ފަޤީރުންނަށެވެ. ފަހެ، އެކަމުގައި އެބައިމީހުން ކަލޭގެފާނަށް ކިޔަމަންތެރި ވެއްޖެނަމަ، އެބައިމީހުންގެ އަގުބޮޑު، މޮޅެތި މުދަލުން ޒަކާތް ނެގުމުން ރައްކައުތެރިވެލައްވާށެވެ. އަދި އަނިޔާ ލިބިފައިވާ މީހާގެ ބަދު ދުޢާއިން ސަލާމަތްވެލައްވާށެވެ. އެހެނީ ހަމަކަށަވަރުން އޭނާގެ އެ ބަދު ދުޢާ އާއި ﷲ އާ ދެމެދު އެއްވެސް ފަރުދާއެއް ނުވެއެވެ.”
ތައުޙީދުގެ މުހިއްމުކަމުގެ މައްޗަށް މި ޙަދީޘު ދަލާލަތުކުރެއެވެ. ތައުޙީދަކީ ޢަޤީދާގެ އެންމެ މުހިއްމު ބައެވެ. މި ޙަދީޘުގައި މުޢާޛު ރަޟިޔަ ﷲ ޢަންހުއަށް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، ޢަމަލުކުރުމަށް ދަޢުވަތު ދިނުމުގެ ކުރީގައި އެބައިމީހުންނަށް ތައުޙީދަށް ގޮވާލައި އެމީހުންގެ ޢަޤީދާ ޞައްޙަކުރުމަށް އިރުޝާދު ދެއްވިއެވެ. ދީނުގެ އެންމެ މުހިއްމުކަން ދެވިފައިވާ ނަމާދުގެ ރުކުނުގެ ކުރިޔަށްވެސް ތައުޙީދު ގެންނަވާފައިވާ ވެއެވެ.
ރަސޫލުކަމައިގެން ފޮނުއްވުމަށްފަހުގައި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މައްކާގައި މީސްތަކުންނަށް ޞައްޙަ ޢަޤީދާއަށް ދައުވަތު ދެއްވުމުގައި 13 އަހަރު ހޭދަކުރެއްވިއެވެ. ނަމާދު ފިޔަވައި ދީނުގެ ފަރުޟު އެއްވެސް އަޅުކަމެއް މައްކާގައި ފަރުޟުވެފައިނުވެއެވެ. މީގެން އެނގިގެންދަނީ ދަޢުވަތުދޭ މީހާ، ދީނަށްގޮވާލާ މީހާ އަދި ދީނަށް އުޅޭ މީހުން ފުރަތަމަ ކުރަންޖެހޭ ކަމަކީ ޞައްޙަ ޢަޤީދާ އުނގެނި ދަސްކުރުންކަމެވެ. ޢަޤީދާ ޞައްޙަކުރުމަށްފަހުގައި މެނުވީ އެމީހުންގެ ކިބައިން އެހެނިހެން ކަންކަން އެދިގެން ނުވާނެކަމެވެ.
ފާސިދު ޢަޤީދާތަކުން ރައްކާތެރިވުމަށްޓަކައި ޞައްޙަ ޢަޤީދާ އުނގެނެންޖެހެއެވެ. އަހަރެމެން ޢަޤީދާ ކިޔަވަނީ ޢަޤީދާ ޞައްޙަކުރުމަށްޓަކައެވެ. އެއީ އެންމެ މުހިއްމުކަމެވެ. އެހެނީ ޢަމަލުތައް އޭގެ މައްޗަށް ބިނާވެގެންވާ ކަމަކީ ޢަޤީދާއެވެ. ހެޔޮ ޢަމަލުތައް ޤަބޫލުވުމާއި ނުވުން ބިނާވެފައިވަނީ ޢަޤީދާ ޝިރުކާއި ކުފުރުން ސަލާމަތްވެފައި ވުމުގެ މައްޗަށެވެ. އެމީހެއްގެ ޢަޤީދާ ބޮޑު ކުފުރާއި ޝިރުކަށް ފޯރައްޖެނަމަ ހެޔޮ ޢަމަލުތަކުގެ ބޭނުމެއް އެފަދަ މީހަކަށް ނެތެވެ.
ޤިޔާމަތްދުވަހުގައި ކިތަންމެ ގިނަ ޞާލިޙު ޢަމަލުތަކެއް ކޮށްފައިވީނަމަވެސް އެއްވެސް ކާފިރަކަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އެއީ އެ ހެޔޮ ޢަމަލުތައް ކިތަންމެ ގިނަވެފައި ބޮޑު ވީކަމުގައިވެސް މެއެވެ. ޢަޤީދާ ޞައްޙަނުވެއްޖެނަމަ، އެ ޢަޤީދާގެ މައްޗަށް ބިނާވާ ހުރިހާ ކަމެއް، އެއީ ކުރާ ޢަމަލެއް ކަމުގައިވިޔަސް ދުލުން ބުނާ ބަހެއް ކަމުގައިވިޔަސް އެއީ ބާޠިލުވެގެންވާ އެއްޗެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
((وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ))- الزمر: 65
މާނައީ: “ހަމަކަށަވަރުން، ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށް ވަޙީކުރައްވާފައިވެއެވެ. ކަލޭގެފާނު ޝަރީކުކުރައްވައިފިނަމަ، ކަލޭގެފާނުގެ ޢަމަލުތައް ބާޠިލު ވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.”
އަދިވެސް އެއިލާހު އެއިލާހުގެ ނަބީންނާ ބެހޭގޮތުން ވަޙީކުރެއްވިއެވެ.
((وَلَوْ أَشْرَكُوا لَحَبِطَ عَنْهُمْ مَا كَانُوا يَعْمَلُونَ))- [الأنعام: 88]
“އެބޭކަލުންވެސް ޝިރުކުކުރެއްވިނަމަ އެބޭކަލުން ކޮށްއުޅުއްވި ޢަމަލުތައް ބާޠިލުވީހެވެ.”
މުޝްރިކުންގެ ޢަމަލުތަކާ ބެހޭގޮތުން، އެބައިމީހުންގެ ޢަމަލުތަކަކީ ނެތިގެންދާނޭ ޢަމަލުތަކެއްކަމުގައި އަދި އެކަމުގައި އެބައިމީހުންނަށް އެއްވެސް އަޖުރެއް ނުވާކަން ބަޔާންކުރައްވަމުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
((وَقَدِمْنَا إِلَى مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَنْثُورًا )) – الفرقان 23
“އަދި ޢަމަލުގެ ތެރެއިން އެއުރެންކުޅަ ކަންތަކަށް، ތިމަންއިލާހު ބައްލަވައި، އެ ޢަމަލުތައް ވަޔާބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ.”
(ނުނިމޭ)