ޒިނޭ އަށް މަގުފަހިވާ ސަބަބުތައް (ހަތަރުވަނަ ބައި) : ފިރިހެނުން ޣީރަތްތެރިކަން ނެތުން

4- ފިރިހެނުންގެ ޣީރަތްތެރިކަމެއް ނެތުން:

ޣީރަތްތެރިކަމަކީ މީހަކު ދެކެލޯބިވާތީ އަދި އެމީހާ ޙިމާޔަތްކުރުމުގެގޮތުން ރުޅިއައިސްގެން ތިމާގެ ހިތުގައި ނުތަނަވަސްކަމާއި ނުރުހުން އުފެދުމެވެ. ތިމާގެ އަނބިދަރީން ފާފަކުރާއިރު، ހިލޭ މީހުންނާއެކު ގުޅުންތައް ހިންގާއިރު ތިބާ އެކަމަށް ރުހިގެން ނުހުރެ އެކަމަށް ރުޅިވެރިކަން ފާޅުކުރުމެވެ. މިއީ ވަރަށް މާތް މަތިވެރި ޞިފައެކެވެ. އަދި މިކަމަކީ ދީނުގައި ޠަޢުރީފުކުރެވޭ އެކަމަށް ޘަވާބު ލިބޭ ކަމެކެވެ. އަދި މި ބާވަތުގެ ރުޅިވެރިކަމަކީ އެ ރުޅިއަންނަ މީހާއަށާއި އެމީހަކާ ހެދި ރުޅި އާދެވޭ މީހާއަށްވެސް ފައިދާ ހުރި ރުޅިވެރިކަމެކެވެ.
ޢިލްމުގެ އަހުލުވެރިން ވިދާޅުވެއެވެ.

مَنْ لَا غَيْرَةَ لَهُ لَا دِيْنَ لَهُ

ޣީރަތްތެރިކަމެއް ނެތް މީހެއްގެ ދީނެއް ނުވެއެވެ.

ޣީރަތްތެރިކަމުގެ މިސާލުތައް

عَنْ الْمُغِيرَةِ بْنِ شُعْبَةَ قَالَ : “قَالَ سَعْدُ بْنُ عُبَادَةَ لَوْ رَأَيْتُ رَجُلًا مَعَ امْرَأَتِي لَضَرَبْتُهُ بِالسَّيْفِ غَيْرُ مُصْفِحٍ عَنْهُ . فَبَلَغَ ذَلِكَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : ( أَتَعْجَبُونَ مِنْ غَيْرَةِ سَعْدٍ فَوَاللَّهِ لَأَنَا أَغْيَرُ مِنْهُ وَاللَّهُ أَغْيَرُ مِنِّي مِنْ أَجْلِ غَيْرَةِ اللَّهِ حَرَّمَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ ، وَلَا شَخْصَ أَغْيَرُ مِنْ اللَّهِ وَلَا شَخْصَ أَحَبُّ إِلَيْهِ الْعُذْرُ مِنْ اللَّهِ مِنْ أَجْلِ ذَلِكَ بَعَثَ اللَّهُ الْمُرْسَلِينَ مُبَشِّرِينَ وَمُنْذِرِينَ ، وَلَا شَخْصَ أَحَبُّ إِلَيْهِ الْمِدْحَةُ مِنْ اللَّهِ مِنْ أَجْلِ ذَلِكَ وَعَدَ اللَّهُ الْجَنَّةَ ” . {ورواه البخاري (7416) ومسلم (1499) – واللفظ له }

މުޣީރާ ބިން ޝުޢުބާގެ ކިބައިން ރިވާވެގެންވެއެވެ. ސަޢްދު ބިން ޢުބާދާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “އަހަރެންގެ އަނބިމީހާއާއެކު ފިރިހެނަކު ވަނިކޮށް (ފާޙިޝް ޢަމަލެއް ކުރަނިކޮށް) އަހަރެންނަށް ފެނިއްޖެނަމަ ކަނޑީގެ މިޔައިން އޭނާގެ ގައިގައި ޖެހީސްކަން ކަށަވަރެވެ.” އެކަލޭގެފާނުގެ މިބަސްފުޅު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ހަމައަށް ފޯރުމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ސަޢްދުގެ ޣީރަތްތެރިކަމުން ތިޔަބައިމީހުން ޢަޖައިބުވަނީ ހެއްޔެވެ؟ ފަހެ ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު ސަޢްދަށްވުރެ ޣީރަތްތެރިއެވެ. އަދި ﷲ ތަޢާލާ ތިމަންކަލޭގެފާނަށްވުރެ ބޮޑަށް ޣީރަތްތެރިވެވޮޑިގެންވެއެވެ. ﷲ ގެ ޣީރަތްތެރިކަމުގެ ސަބަބުން އެއިލާހު ފާޙިޝްކަންކަން ޙަރާމްކުރެއްވިއެވެ. އޭގެތެރެއިން ފާޅުވެގެންވާ ކަންކަމާއި ވަންހަނާވެގެންވާ ކަންކަމެވެ. ﷲ އަށްވުރެ ޣީރަތްތެރިކަންބޮޑު ފަރާތެއް ނުވެއެވެ. ﷲ އަށްވުރެ ބޮޑަށް ޢުޛުރު ޤަބޫލުކުރައްވާ ފަރާތެއްވެސް ނުވެއެވެ. ﷲ ތަޢާލާ، އުފާވެރި ޚަބަރުދޭ ބަޔަކު ކަމުގައި އަދި އިންޛާރުދޭ ބަޔަކު ކަމުގައި ރަސޫލުން  ފޮނުއްވާފައިވަނީ އެކަމަށްޓަކައެވެ. އަދި ﷲ އަށްވުރެ ބޮޑަށް ރިވެތި ޘަނާ ތަޢުރީފަށް ލޯބިކުރައްވާ ފަރާތެއް ނުވެއެވެ. ﷲ ތަޢާލާ ސުވަރުގެ ވަޢުދުކުރައްވާފައިވަނީ އެކަމަށްޓަކައެވެ.”
(عَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ ـ رضى الله عنهما ـ قَالَتْ تَزَوَّجَنِي الزُّبَيْرُ، وَمَا لَهُ فِي الأَرْضِ مِنْ مَالٍ، وَلاَ مَمْلُوكٍ، وَلاَ شَىْءٍ غَيْرَ نَاضِحٍ، وَغَيْرَ فَرَسِهِ، فَكُنْتُ أَعْلِفُ فَرَسَهُ، وَأَسْتَقِي الْمَاءَ، وَأَخْرِزُ غَرْبَهُ وَأَعْجِنُ، وَلَمْ أَكُنْ أُحْسِنُ أَخْبِزُ، وَكَانَ يَخْبِزُ جَارَاتٌ لِي مِنَ الأَنْصَارِ وَكُنَّ نِسْوَةَ صِدْقٍ، وَكُنْتُ أَنْقُلُ النَّوَى مِنْ أَرْضِ الزُّبَيْرِ الَّتِي أَقْطَعَهُ رَسُولُ اللَّهِ صلى الله عليه وسلم عَلَى رَأْسِي، وَهْىَ مِنِّي عَلَى ثُلُثَىْ فَرْسَخٍ، فَجِئْتُ يَوْمًا وَالنَّوَى عَلَى رَأْسِي فَلَقِيتُ رَسُولَ اللَّهِ صلى الله عليه وسلم وَمَعَهُ نَفَرٌ مِنَ الأَنْصَارِ فَدَعَانِي ثُمَّ قَالَ ‏ “‏ إِخْ إِخْ ‏”‏‏.‏ لِيَحْمِلَنِي خَلْفَهُ، فَاسْتَحْيَيْتُ أَنْ أَسِيرَ مَعَ الرِّجَالِ، وَذَكَرْتُ الزُّبَيْرَ وَغَيْرَتَهُ، وَكَانَ أَغْيَرَ النَّاسِ، فَعَرَفَ رَسُولُ اللَّهِ صلى الله عليه وسلم أَنِّي قَدِ اسْتَحْيَيْتُ فَمَضَى، فَجِئْتُ الزُّبَيْرَ فَقُلْتُ لَقِيَنِي رَسُولُ اللَّهِ صلى الله عليه وسلم وَعَلَى رَأْسِي النَّوَى، وَمَعَهُ نَفَرٌ مِنْ أَصْحَابِهِ، فَأَنَاخَ لأَرْكَبَ، فَاسْتَحْيَيْتُ مِنْهُ وَعَرَفْتُ غَيْرَتَكَ‏.‏ فَقَالَ وَاللَّهِ لَحَمْلُكِ النَّوَى كَانَ أَشَدَّ عَلَىَّ مِنْ رُكُوبِكِ مَعَهُ‏.‏ قَالَتْ حَتَّى أَرْسَلَ إِلَىَّ أَبُو بَكْرٍ بَعْدَ ذَلِكَ بِخَادِمٍ يَكْفِينِي سِيَاسَةَ الْفَرَسِ، فَكَأَنَّمَا أَعْتَقَنِي‏.) {رواه البخاري 5224}‏

އަސްމާ ބިންތު އަބޫބަކުރު ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. “ޒުބައިރު ތިމަންކަމަނާއާ ކައިވެނި ބައްލަވައިގަތެވެ.  އޭރު މިދުނިޔެމަތީގައި އޭނާގެ އެއްވެސް އަޅެއް އަދި މުދަލެއްވެސް ނުވެއެވެ. އެއީ ޖަމަލާއި އަސް ފިޔަވައެވެ. އެ އަސްތަކަށް ކާންދީ ފެންދީ ހަދަނީ ތިމަންކަމަނާއެވެ. އަދި އެކަލޭގެފާނު ފެންނެގުމަށް ބޭނުންކުރާ ބާލިދީތައް ވައު ބޭނުންކޮށްގެން ވިޔެ ހަދަމެވެ. އަދި ފުށްމޮޑެވެސް ހަދަމެވެ. ނަމަވެސް ރަނގަޅަށް ރޮށިފިހާކަށް ތިމަންކަމަނާއަކަށް އޭރަކު ނޭނގެއެވެ. އެކަން ތިމަންކަމަނާއަށް ކުރިން ކޮށްދެއްވާ އުޅުއްވީ އަވަށްޓެރި އަންޞާރިއްޔަ ބޭކަނބަލުން ތަކެކެވެ. އެއީ ވަރަށް އިޚްލާޞްތެރި ހެޔޮ ބަޔެކެވެ. ޒުބައިރު މަސައްކަތްކުރުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނަށް ދެއްވި ބިމުން ފެށިގެން ތިމަންކަމަނާ އުޅޭ ހިސާބަށް ކަދުރު އޮށްތައް ގެންނަނީ ބޯމަތީގައެވެ. އެއީ ގާތްގަނޑަކަށް ފަރްސަޚެއްގެ ތިންބައިކުޅަ ދެބައެވެ. (އެއީ ގާތްގަނޑަކަށް ދެ މޭލެވެ.) އެއްދުވަހަކު ކަދުރު އޮށްތައް ބޯމައްޗަށް ލައިގެން އަންނަނިކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ބައްދަލުވެއްޖެއެވެ. ރަސޫލާގެ އަރިހުގައި އަންޞާރުންގެ ތެރެއިން ބައެއް ބޭކަލުން ތިއްބެވިއެވެ. ފަހެ، ތިމަންކަމަނާއަށް އެކަލޭގެފާނު ގޮވާލެއްވުމަށްފަހު ދެން ‘އިޚް އިޚް’ އޭ ޙަދީޘްކުރެއްވިއެވެ. (އެއީ ޖަމަލު މަޑުކުރުވުމަށް ބުނާ ބަހެކެވެ) އެއީ އެކަލޭގެފާނާއެކު އެކަލޭގެފާނުގެ ފަހަތުގައި ޖަމަލުގެ ބުރަކަށިމަތީގައި ތިމަންކަމަނާ ގެންދެވުމަށެވެ. (އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޚާއްޞަ ކަމެކެވެ.)ފަހެ، ފިރިހެނުންތަކަކާ އެކު ދިޔުމަށް ތިމަންކަމަނާ ލަދުވެތިވީމެވެ. އަދި ޒުބައިރުގެ ޣީރަތްތެރިކަން ތިމަންކަމަނާއަށް ހަނދާންވިއެވެ. އެކަލޭގެފާނަކީ މީސްތަކުންގެ ތެރެއިން ޣީރަތްތެރިކަން ވަރަށް ބޮޑު ބޭކަލެކެވެ. ފަހެ، ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް، ތިމަންކަމަނާ ލަދުގަތީކަން އެނގިވަޑައިގަތުމުން އެކަލޭގެފާނު ވަޑައިގެންފިއެވެ. ޒުބައިރު  އަރިހަށްއައިސް ތިމަންކަމަނާ ދަންނަވައިފީމެވެ.ތިމަންކަމަނާއާ ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާ ބައްދަލުވިއެވެ. އޭރު ތިމަންކަމަނާގެ ބޯމަތީ ކަދުރުއޮށްތަކެއް ހުއްޓެވެ. އަދި އެކަލޭގެފާނާއެކު އެކަލޭގެފާނުގެ އަޞްޙާބުބޭކަލުން ތިއްބެވިއެވެ. ފަހެ ތިމަންކަމަނާ ސަވާރުވުމަށްޓަކައެކަލޭގެފާނު ޖަމަލު ތިރިކުރެއްވިއެވެ. ނަމަވެސް ތިމަންކަމަނާ ލަދުވެތިވީއެވެ. އަދި ކަލޭގެފާނުގެ ޣީރަތްތެރިކަން ތިމަންކަމަނާއަށްވަނީ އެނގިފައެވެ. ”ފަހެ ޒުބައިރު ވިދާޅުވިއެވެ. “ﷲގަންދީ ބުނަމެވެ. އެކަލޭގެފާނާއެކު އައުމަށްވުރެ ކަމަނާގެ ބޯމަތީގައި ކަދުރުއޮށްތައް އުފުލައިގެން އައުން އަހަރެންނަށް މާބޮޑުކަމަކަށްވެއެވެ.” ދެން އަސްމާ ވިދާޅުވިއެވެ. ”އޭގެފަހުގައި އަބޫބަކުރު ރަޟިޔަﷲ ޢަންހު ތިމަންކަމަނާއަށް ޚާދިމަކު ފޮނުވައިދެއްވިއެވެ. އޭގެ ފަހުން އަސްތައް ބަލަހައްޓަން ތިމަންކަމަނާއަކަށް ނުޖެހެއެވެ. ފަހެ އޭގެ ސަބަބުން ތިމަންކަމަނާ އަޅުވެތިކަމަކުން މިނިވަންވިފަދައެވެ.”
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(إِنّ َمِنْ الْغَيْرَةِ مَا يُحِبُّ اللَّهُ عَزَّ وَجَلَّ ، وَمِنْهَا مَا يَبْغُضُ اللَّهُ عَزَّ وَجَلَّ ، فَأَمَّا الْغَيْرَةُ الَّتِي يُحِبُّ اللَّهُ عَزَّ وَجَلَّ فَالْغَيْرَةُ فِي الرِّيبَةِ ، وَأَمَّا الْغَيْرَةُ الَّتِي يَبْغُضُ اللَّهُ عَزَّ وَجَلَّ فَالْغَيْرَةُ فِي غَيْرِ رِيبَةٍ) .{ رواه أبو داود (2659) والنسائي (2558) ، وصححه الألباني في “صحيح أبي داود” . }

“ހަމަކަށަވަރުން ޣީރަތްތެރިކަމުގެ ތެރޭގައި ﷲ ތަޢާލާ ލޯބިވެވޮޑިގެންވާ ޣީރަތްތެރިކަމާއި ﷲ ތަޢާލާ ނުރުއްސަވާ ޣީރަތްތެރިކަން ވެއެވެ. ﷲ ތަޢާލާ ލޯބިވެވޮޑިގެންވާ ޣީރަތްތެރިކަމަކީ ތުހުމަތުގެ މައްޗަށް ބިނާވެފައިވާ ޣީރަތްތެރިކަމެވެ. އަދި ﷲ ތަޢާލާ ނުރުއްސަވާ ޣީރަތްތެރިކަމަކީ ތުހުމަތުގެ މައްޗަށް ބިނާވެފައިނުވާ (ނުބައި ހީގެ މައްޗަށް ބިނާކުރެވޭ) ޣީރަތްތެރިކަމެވެ.”
އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ. “ލޯބިވާ މީހެއްގެ މައްޗަށް އިންސާނާ ހުންނަ ޣީރަތްތެރިކަން ދެބާވަތެކެވެ. އެއީ ﷲ ލޯބިވެވޮޑިގެންވާ “ތަޢުރީފުކުރެވޭ” (ރަނގަޅު) ޣީރަތްތެރިކަމާއި، ﷲ ނުރުއްސަވާ، “މަލާމާތްލިބިގެންވާ” (ނުރަނގަޅު) ޣީރަތްތެރިކަމެވެ. އޭގެ ތެރެއިން ﷲ ލޯބިވެވޮޑިގެންވާ ޣީރަތްތެރިކަމަކީ ތުހުމަތުގެ މައްޗަށް ބިނާވެފައިވާ ޣީރަތްތެރިކަމެވެ. އަދި ﷲ ނުރުއްސަވާ ޣީރަތްތެރިކަމަކީ ނުބައި ހީއެއްގެ މައްޗަށް ބިނާކުރެވޭ ޣީރަތްތެރިކަމެވެ. މި ބާވަތުގެ ޣީރަތްތެރިކަމަކީ ލޯބި ފަސާދަކުރާ ކަމެކެވެ. އަދި ލޯބިވެރިންގެ މެދުގައި ޢަދާވާތްތެރިކަން އުފައްދާ ޣީރަތްތެރިކަމެކެވެ.” “روضة المحبين” (ص 296) .
އަހަރެމެންގެ މުޖްތަމަޢުން ފެންނަ ޣީރަތްތެރިކަމެއް ނެތް މިސާލުތަކުގެ ތެރޭގައި، އަނބީން ހިލޭ ފިރިހެނުންނާއެކު ޗެޓުކޮށް ވާހަކަ ދައްކާއިރު އެނގޭކަމަށްވެސް ނުހަދާ ހުރުމާއި، ހިލޭ ފިރިހެނުންނާއެކު އަނބީން ދަތުރު ފޮނުވުމާއި، އޮފީސް ދަތުރުތަކުގައި ހިލޭ ފިރިހެނުންނާއެކު އަނބީން ފޮނުވުމާއި، ހިލޭ ފިރިހެނުންނާއެކު މާލެއަށް ނުވަތަ އެއްރަށުން އަނެއް ރަށަށް ދަތުރު ފަތުރު ކުރުމަށް އަނބީން ފޮނުވުމާއި، ހިލޭ ފިރިހެނުންގެ ސައިކަލު ފަހަތުގައި އަނބީން ފޮނުވުމާއި، ދަރީން މީހުންނާ ރައްޓެހިވެގެން އެކަހެރިކޮށް ބައްދަލުކޮށް، ގެއިން ބޭރަށް ތަންތަނަށް ގޮސް އުޅޭއިރު، ހިލޭ ފިރިހެނުންނާ ވާހަކަ ދައްކާ ބައްދަލުކޮށް، އެކި އެކި ދަރަޖަތަކުގެ ޒިނޭކޮށް ހަދާއިރުވެސް މައިންބަފައިން، އެކުދީންގެ ބެލެނިވެރިން އެކަމަށް ރުހިގެން ހަމަހިމޭނުން ތިބުންފަދަ ކަންތައްތައް ހިމެނެއެވެ.
މިފަދައިން ޢަމަލު ކުރާ މީހުންނަކީ ދައްޔޫޘުންނެވެ. ދިޔާޘަތަކީ ބޮޑު ފާފައެކެވެ. އެފަދަ މީހުންނާ ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘްތަކުގައި އެފަދަ މީހުން ސުވަރުގެ ނުވަންނާނޭ ކަމަށްވެސް އައިސްފައިވެއެވެ.
عن ابن عمر رضي الله عنهما أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ( ثَلَاثَةٌ قَدْ حَرَّمَ اللَّهُ عَلَيْهِمْ الْجَنَّةَ مُدْمِنُ الْخَمْرِ وَالْعَاقُّ وَالدَّيُّوثُ الَّذِي يُقِرُّ فِي أَهْلِهِ الْخَبَثَ) {رواه أحمد (5372) من حديث ابن عمر ، وصححه الألباني في “صحيح الجامع”، وصححه محققو المسند}.

އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ތިން މީހެއްގެ މައްޗަށް ﷲ ތަޢާލާ ސުވަރުގެ ޙަރާމް ކުރެއްވިއެވެ. (އެއީ) ރާ ބޯން ދެވިހިފާފައިވާ މީހާއާއި، މައިންބަފައިންނަށް އުރެދޭ މީހާއާއި، އެމީހާގެ އަހުލުވެރިން މުޑުދާރުކަންތައްތައް (ފާޙީޝްކަންތައްތައް) ކުރާއިރު އެކަމަށް ރުހިގެން ހުންނަ ދައްޔޫޘެވެ.”
عن عمار بن ياسر رضي الله عنه عن رسول الله صلى الله عليه وسلم قال: ( ثَلَاثَةٌ لَا يَدْخُلُونَ الْجَنَّةَ أَبَدًا : الدَّيُّوثُ وَالرَّجُلَةُ مِنَ النِّسَاءِ ، وَمُدْمِنُ الْخَمْرِ ) ، قَالُوا : يَا رَسُولَ اللَّهِ أَمَّا مُدْمِنُ الْخَمْرِ فَقَدْ عَرَفْنَاهُ ، فَمَا الدَّيُّوثُ ؟ ، قَالَ : ( الَّذِي لَا يُبَالِي مَنْ دَخَلَ عَلَى أَهْلِهِ ) ، قُلْنَا : فَمَا الرَّجُلَةُ مِنْ النِّسَاءِ ؟ قَالَ : ( الَّتِي تَشَبَّهُ بِالرِّجَالِ) {قال المنذري في الترغيب والترهيب: رواه الطبراني ورواته لا أعلم فيهم مجروحا وشواهده كثيرة. وقال الألباني: صحيح لغيره. انتهى من “صحيح الترغيب والترهيب” (2/299).}
ޢައްމާރު ބިން ޔާސިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ތިން މީހަކު ދުވަހަކުވެސް ސުވަރުގެ ނުވަންނާނެއެވެ. ދައްޔޫޘާއި އަންހެނުންގެ ތެރެއިން ފިރިހެންވަންތަ އަންހެނުންނާއި، ރާ ބޯން ދެވިހިފާފައިވާ މީހާއެވެ.” އެބައިމީހުން ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ! ރާ ބޯން ދެވިހިފުމަކީ ކޮބައިކަން އަހަރެމެންނަށް އެނގެއެވެ. ދައްޔޫޘަކީ ކޮބައި ހެއްޔެވެ؟” ޙަދީޘްކުރެއްވިއެވެ. “އެއީ އޭނާގެ އަހުލުވެރިންގެ ގާތަށް ވަންނަ މީހުންނާ މެދު ފަރުވާލެއް ނުބަހައްޓާ މީހާއެވެ.” އަހަރެމެން ދެންނެވީމެވެ. “އަންހެނުންގެ ތެރެއިން ފިރިހެންދުޅާ އަންހެނުންނަކީ ފަހެ ކޮބައިތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “އެއީ ފިރިހެނުންނާ ވައްތަރުވެގެންނަ އަންހެނުންނެވެ.”
عن عبد الله بن عمر رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ( ثَلَاثَةٌ لَا يَنْظُرُ اللَّهُ عَزَّ وَجَلَّ إِلَيْهِمْ يَوْمَ الْقِيَامَةِ: الْعَاقُّ لِوَالِدَيْهِ، وَالْمَرْأَةُ الْمُتَرَجِّلَةُ، وَالدَّيُّوثُ) { أخرجه أحمد في المسند (6180) ، والنسائي في سننه (2562) ، وحسنه ابن كثير في “مسند الفاروق” (2/185) ، وجود إسناده الشيخ الألباني في “السلسلة الصحيحة” (674)}

ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ޤިޔާމަތް ދުވަހު ﷲ ޢައްޒަ ވަޖައްލަ އެބަޔަކަށް ބައްލަވާވޮޑިނުގަންނަވާނޭ ތިން މީހަކު ވެއެވެ. (އެއީ) އެމީހެއްގެ މައިންބަފައިންނަށް އުރެދޭ މީހާއާއި، ފިރިހެންދުޅާ އަންހެނާއާއި، ދައްޔޫޘެވެ.”
ޣީރަތްތެރިކަމަށް ތަފްޞީލީގޮތެއްގައި ބަލާލަން މިޖެހުނީ މިކަމަކީ ދިވެހި މުޖްތަމަޢުގައި ޒިނޭއަށް މަގުފަހިވާ އެންމެ ބޮޑު އެއްސަބަބު ކަމަށް ވާތީއެވެ.

ޣީރަތްތެރިކަމާ ބެހޭ މުހިއްމު ނުކުތާތައް

ހ- ޣީރަތްތެރިކަމުގައި އެންމެ ރަނގަޅީ އޭގެ މެދުމިނެވެ. އެއީ ގަހަކަށް ފެން ދިނުން ފަދަ ކަމެކެވެ. މާ ގިނައިން ފެން ދިނުމަކީވެސް ގޯހެކެވެ. އޭގެ ސަބަބުން ގަހަށް ގެއްލުންވެދެއެވެ. އަދި މާމަދުން ފެން ދިނުމަކީވެސް ގަސްމަރުވެދާނޭ ކަމެކެވެ.
ށ- ﷲ ޙަރާމް ކުރެއްވި ކަންކަމަށް ޣީރަތްތެރިވުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ.
ނ- ފާފަކުރުމުގެ ސަބަބުން ޣީރަތްތެރިކަން ދަށްވެއެވެ. އަދި ދަށްވަމުން ދަށްވަމުން ގޮސް ޣީރަތްތެރިކަން އެއްކޮށް ނެތިވެސް ހިނގައިދާނެއެވެ. އެހާރުން ފާފަކުރުން އެއީ އޭނާކައިރީގައި ހަޑިކަމަކަށް ނުވާނެއެވެ. އަދި އޭނާގެ އަހުލުވެރިން ފާފަކުރުން ވެސް އެންމެ ފަހުން ހަޑިމުޑުދާރު ކަމަކަށްނުވެ، ހިތުގައި ޣީރަތްތެރިކަމުގެ ހުޅުކޮޅު ނިވި ދިޔާޘާގެ (ދައްޔޫޘަކަށްވުމުގެ) އަނދިރިކަން ހިތަށް ވެރިވެއެވެ.
ރ- ޣީރަތްތެރިކަމަކީ ފާފައިން ހިތް ޙިމާޔަތްކޮށް ރައްކާތެރިކުރާ ކަމެކެވެ. އަދި އެކަމުގެ ސަބަބުން ހަށިގަނޑުވެސް ފާފައިން ޙިމާޔަތްވެއެވެ. ޣީރަތްތެރިކަމެއް ނެތް މީހާގެ ހިތް އޮންނާނީ މަރުވެފައެވެ.

މަރްޖިޢު
https://islamqa.info/ar/answers/251104