ޒިނޭ އަށް މަގުފަހިވާ ސަބަބުތައް (ހަވަނަ ބައި) : ރައްޓެހިވުމުގެ ނުބައި ޘަޤާފަތް

 

އިސްލާމްދީނުގައި ކައިވެނީގެ ކުރީން އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކާ ދެމެދު ހިންގޭ އެންމެހާ ގުޅުންތަކަކީ ޙަރާމް ގުޅުންތަކެއް ކަމުގައި ލައްވާފައިވެއެވެ. އެއީ އެކަމުގެ ސަބަބުން ޒިނޭއަށް މަގުފަހިވާތީއެވެ.
މުޖުތަމަޢުގައި ބައެއް މައިންބަފައިންނަށްވެސް މި ޘަޤާފަތް މުޖުތަމަޢުގައި ފެތެރިފައިވާލެއް ބޮޑުކަމުން، ހީކުރެވިފައި އޮންނަނީ އަހަރެންގެ ދަރިފުޅު ކޮންމެހެންވެސް މީހަކާ ރައްޓެހިވާން ޖެހޭނެ ކަމަށެވެ. އަދި ބައެއް މައިންބަފައިން އެމީހުންގެ ދަރީން ކުދީންނާ ރައްޓެހިވުމަށް ސީދާގޮތުންނާ ނުސީދާގޮތުން ބާރުއަޅައެވެ. އެމީހުން ހީކުރަނީ ކުއްޖަކާ ރައްޓެހިނުވެ ކައިވެނި ކުރެވޭނެ ގޮތެއް ނޯންނަކަމަށެވެ. އަދި ރައްޓެހިނުވާނަމަ އިންނާނެ މީހަކުވެސް ނުލިބޭނޭ ކަމަށެވެ.
ދެން ހަމަ މިއާއެކު އެއަށްވުރެ ޢަޖައިބުވާންޖެހޭ ކަމަކީ ރައްޓެހިވެގެން އުޅޭ ދަރިފުޅު، އޭނާގެ ގަރލްފްރެންޑާ ނުވަތަ ބޯއީފްރެންޑާ ޗެޓުކޮށް، ވާހަކަދައްކައި، އެކަހެރިގޮތުގައި ބައްދަލުވެ، ސައިކަލު ބުރު ޖަހަންގޮސް، ދަތުރު ގޮސް، އެކުގައި ބޭރު ރަށްރަށަށާއި ބޭރު ޤައުމުތަކަށް ދަތުރުފަތުރުކޮށް ހެދުމަށްވެސް ބައެއް މައިންބަފައިން ރުހިގެން ތިބޭތީއެވެ. އެމީހުންގެ ބުއްދިއަކީ، ކައިވެންޏަކީ ދެމަފިރީން އެކުގައި މުޅި ޙަޔާތް ވޭތުކުރާ ކަމަކަށްވާތީ، ކައިވެނީގެ ކުރީން ދެމީހުން “ދަސްކޮށް” ހެދުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި ބުނުމެވެ. އަދި އެގޮތަށް “ދަސްނުކުރާނަމަ” ކައިވެނީގައި މައްސަލަތައް ޖެހި އަވަހަށް ކައިވެނި ރޫޅޭނޭކަމުގައިވެސް އެފަދަ މީހުން ޤަބޫލުކުރެއެވެ.
މުޖުތަމަޢުގައި ޅަޢުމުރުން ފެށިގެން ފުރާޢުމުރަށް ދަންދެން ދަރީންނަށް ފެންނަ ޘަޤާފަތަކީ ރައްޓެހިވުމުގެ ޘަޤާފަތެވެ. ދަރީންގެ ޤަބޫލުކުރުންތަކާއި އެމީހުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ސީދާ ގޮތެއްގައި ބާރު ފޯރުވާ އެކި އެކި ވަސީލަތްތަކުގެ ޒަރީޢާއިން ސިކުނޑީގައި ބިންވަޅުނެގިފައި ވަނީ މިއީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްގެ ގޮތުގައެވެ. ތަޢުލީމީ މަރުޙަލާތަކުގައި ދެޖިންސު މައްސުނިވެފައި އޮންނަ އޮތުން މި ރައްޓެހިވުމަށް ވަރަށް ބޮޑަށް މަގުފަހިކުރުވައެވެ. ގިނަ ކުދީން އެކުދީންގެ ބޯއީ ފްރެންޑު ނުވަތަ ގަރލް ފްރެންޑު ނަގަނީ އެކުދީން ތަޢުލީމު ޙާޞިލްކުރާ އިސްކޫލުންނެވެ. ތަޢުލީމީ މަންހަޖު ބިނާވެފައިވަނީ އިނގިރޭސިބަހުން ކިޔަވައިދޭ މަންހަޖަކަށް ކަމަށްވާތީ، އިނގިރޭސި ބަހަށް ދަރިވަރުން އަހުލުވެރިކުރުވުމަށްޓަކައި ފޮތްތެރިކަމުގެ އާދަ އަށަގެންނެވުމަށް ވަރަށް ބޮޑަށް ބާރު އަޅައެވެ. އަދި މިކަމަށް ބޭނުންކުރާ އެންމެ މައިގަނޑު ވަޞީލަތަކީ އިސްކޫލުތަކުގައި ހުންނަ ކުތުބުޚާނާތަކެވެ. މި ކުތުބުޚާނާތައް ފުރިފައިހުންނަނީ ފަރަންޖީ ލާދީނީ އާދަކާދަ ތަކާއި ފަރަންޖީ ބޭއަދަބީ ޘަޤާފަތްތަކުގެ ފޮތްތަކުންނެވެ. އެގޮތުން އެފަދަ ވާހަކަތައް ކިޔުމުގެ ސަބަބުން ކިޔަވާ ކުދިންގެ ފިކުރިއްޔާތަށް އެފަދަ ވާހަކަތަކުގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. އެފަދަ ވާހަކަ ތަކުގައި ގިނައިން ހުންނަނީ ލޯބިވުމާއި، ރައްޓެހިވުމާއި، ޒިނޭއާއި، މީހުން މެރުމާއި، މަސްތުވާތަކެއްޗާއި މިބާވަތުގެ ކަންކަމެވެ. ދަރިވަރުންގެ އަޚްލާޤަށް ރަނގަޅު ސުލޫކު ގެނެސްދޭނޭ ފޮތްތަކަށްވުރެ ގިނައީ ސެންސަރުކޮށްފިނަމަ ފާސްވެސް ނުވާނޭ ފޮތްތަކެވެ. އަދި މީގެ އިތުރުން ކުޑައިރުއްސުރެ، ޓީވީން ފެންނަ ފިލްމުތަކާއި ޑްރާމާތަކުންވެސް ސިކުނޑިއަށް ވައްދައިދެނީ އެއްކަލަ ބޯއީފްރެންޑް ގަރލްފްރެންޑް ކަންތައްތަކެވެ.
ކައިވެނީގެ ކުރިން ރައްޓެހިވުމާއި، ކައިވެނީގެ ކުރީން ޖިންސީ ގުޅުން ހިންގުމާއި، ކައިވެނީގެ ކުރީން ދަރީން ހޯދުމަކީ އިސްލާމްދީނާ އެންމެ ބީރައްޓެހި ހުޅަނގުގެ ޘަޤާފަތެކެވެ. އެއީ ފިކުރީ ހަނގުރާމައިގެ ކަޅު ބޯ ވިލާގަނޑުން އަޅުގަނޑުމެންގެ މުޖުތަމަޢަށް ވެހުނު ވިހަ ފެނެކެވެ. އެފެނުގެ ސަބަބުން ފަޅައި ހެދެނީ ޒިނޭގެ ގަސްތަކެވެ. މުޖުތަމަޢު އެކަމުން ސަލާމަތްކުރަން ޖެހިފައިވާ ބޮޑު ވަބާއެކެވެ. ކައިވެންޏާ ހަމައަށް ދާއިރު ރައްޓެހިވި ކުދިންގެ ޢަދަދު އަތުގެ އިނގިލިތަކުން ގުނާނުލެވޭހާ ގިނައެވެ. ރައްޓެހިވާ ކުއްޖާއާ ކައިވެނި ނުކޮށް ހުރި ކަމުގައިވިޔަސް އިންދެގެން އުޅޭފަދައެވެ. އަބުރުވެރިކަމާއި ޢިއްފަތްތެރިކަމާއި ލަދުވެތިކަމަކީ ނެތް އެއްޗެއް ފަދައެވެ.
މިފަދަ ރައްޓެހިވުންތަކުގެ އާޚިރު ނަތީޖާ އަކީ ބައެއްފަހަރު ޒިނޭކޮށް ނަހަލާލަށް ބަލިވެ އިނދެގެންނެވެ. އަދި އެކަން ފޮރުވުމަށްޓަކައި މީހަކު މެރުމުގެ ނުބައިކަންބޮޑު ފާފައަށްވެސް އަރައިގަނެގެންނެވެ. ބައެއް މީހުން ޒިނޭއިން ބަނޑުބޮޑުވެ އިންނަ ޙާލު ކައިވެނިކުރެއެވެ. އަދި އެ ބާޠިލު ކައިވެނީގެ މަތީގައި މުޅި ޙަޔާތް ހޭދަކުރެއެވެ. އަނެއްބަޔަކު ޒިނޭކޮށްކޮށް ތިބެ ޒިނޭކުރާ މީހާއާ ކައިވެނިކުރެއެވެ. އެކަމުގައި ދީނީގޮތުން އޮންނަ ޙުކުމް ބަލާވެސް ނުލައެވެ.
ޒިނޭކުރާ މީހަކާ ކައިވެނިކުރުމަކީ އޭނާ އިޚްލާޞްތެރި ތައުބާއަކުން ތައުބާ ނުވާހާ ހިނދަކު ޙަރާމް ކަމެކެވެ. އަންނަނިވި ޙާދިޘާއަކީ ގާރލްފްރެންޑުން ނެގުމާއި ޒިނޭކުރާ މީހަކާ ކައިވެނި ކުރުމާގުޅޭގޮތުން އައިސްފައިވާ ޙަދިޘާއެކެވެ.
مَرْثَدُ بْنُ أَبِي مَرْثَدٍ وَكَانَ رَجُلا يَحْمِلُ الأَسْرَى مِنْ مَكَّةَ حَتَّى يَأْتِيَ بِهِمْ الْمَدِينَةَ قَالَ وَكَانَتْ امْرَأَةٌ بَغِيٌّ بِمَكَّةَ يُقَالُ لَهَا عَنَاقٌ وَكَانَتْ صَدِيقَةً لَهُ وَإِنَّهُ كَانَ وَعَدَ رَجُلا مِنْ أُسَارَى مَكَّةَ يَحْمِلُهُ قَالَ فَجِئْتُ حَتَّى انْتَهَيْتُ إِلَى ظِلِّ حَائِطٍ مِنْ حَوَائِطِ مَكَّةَ فِي لَيْلَةٍ مُقْمِرَةٍ قَالَ فَجَاءَتْ عَنَاقٌ فَأَبْصَرَتْ سَوَادَ ظِلِّي بِجَنْبِ الْحَائِطِ فَلَمَّا انْتَهَتْ إِلَيَّ عَرَفَتْهُ فَقَالَتْ مَرْثَدٌ فَقُلْتُ مَرْثَدٌ فَقَالَتْ مَرْحَبًا وَأَهْلا هَلُمَّ فَبِتْ عِنْدَنَا اللَّيْلَةَ قَالَ قُلْتُ يَا عَنَاقُ حَرَّمَ اللَّهُ الزِّنَا .. فَأَتَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقُلْتُ يَا رَسُولَ اللَّهِ أَنْكِحُ عَنَاقًا فَأَمْسَكَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَلَمْ يَرُدَّ عَلَيَّ شَيْئًا حَتَّى نَزَلَتْ: الزَّانِي لا يَنْكِحُ إِلا زَانِيَةً أَوْ مُشْرِكَةً وَالزَّانِيَةُ لا يَنْكِحُهَا إِلا زَانٍ أَوْ مُشْرِكٌ وَحُرِّمَ ذَلِكَ عَلَى الْمُؤْمِنِينَ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَا مَرْثَدُ الزَّانِي لا يَنْكِحُ إِلا زَانِيَةً أَوْ مُشْرِكَةً وَالزَّانِيَةُ لا يَنْكِحُهَا إِلا زَانٍ أَوْ مُشْرِكٌ فَلا تَنْكِحْهَا . {رواه الترمذي 3101 وقَالَ : هَذَا حَدِيثٌ حَسَنٌ غَرِيبٌ}

މަރްޘަދު ބިން އަބީ މަރްޘަދަކީ މައްކާއިން މަދީނާއަށް މުސްލިމު އަސީރު ވަގަށް އެތެރެކޮށްދީ އުޅުނު މީހެކެވެ. މަރްޘަދުގެ ގަރލްފްރެންޑެއް ކަމުގައިވާ ޢަނާޤު އޭ ކިޔުނު ޒިނޭކުރާ އަންހެނަކު މައްކާގައި އުޅުނެވެ. މައްކާގެ އަސީރުންގެ ތެރެއިން މީހެއްގެ ގާތުގައި އޭނާ މައްކާއިން މަދީނާއަށް ގެންގޮސްދިނުމަށް މަރްޘަދު ވަނީ ވަޢުދުވެފައެވެ. މަރްޘަދު ވިދާޅުވިއެވެ. “ހަނދުވަރުދޭ ރެއެއްގައި މައްކާގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއެއްގެ ފާރެއްގެ ހިޔަނީގައި އަހަރެން މަޑުކޮށްގެން ހުއްޓާ ޢަނާޤު އައިސްފިއެވެ. އަދި ބަގީޗާގެ ތެރެއިން އަހަރެންގެ ހިޔަނި އޭނާއަށް ފެނުނުހިނދު، އަހަރެންގެ ކައިރިއަށް އެނާ އައެވެ. އަދި އެތާގައި ހުރީ އަހަރެންކަން އޭނާއަށް އެނގިއްޖެއެވެ.” ޢަނާޤު ބުންޏެވެ. “މަރްޘަދު ހެއްޔެވެ؟” އަހަރެން ބުނީމެވެ. “އާއެކެވެ މަރްޘަދެވެ.” ޢަނާޤު ބުންޏެވެ. “މަރްޙަބާއެވެ! މިރޭ އަހަރެންނާއެކު މަޑުކުރަންވީ ނޫންހެއްޔެވެ؟” މަރްޘަދު ވިދާޅުވިއެވެ. “އަހަރެން ބުނީމެވެ. “އޭ ޢަނާޤެވެ. ﷲ ތަޢާލާ ޒިނޭކުރުން ޙަރާމް ކުރައްވައިފިއެވެ.” އަހަރެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އެނބުރި އައިސްފައި ދެންނެވީމެވެ. “އޭ ﷲ ގެ ރަސޫލާއެވެ. އަހަރެން ޢަނާޤުއާ ކައިވެނިކުރަންވީ ހެއްޔެވެ؟” ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަނުހުންނަވައިފިއެވެ. މި އާޔަތް ބާވައިލައްވައިފުމަށް ދަންދެން ރަސޫލާ އަހަރެންނަށް ޖަވާބު ނުދެއްވައެވެ.

الزَّانِي لَا يَنكِحُ إِلَّا زَانِيَةً أَوْ مُشْرِكَةً وَالزَّانِيَةُ لَا يَنكِحُهَا إِلَّا زَانٍ أَوْ مُشْرِكٌ وَحُرِّمَ ذَٰلِكَ عَلَى الْمُؤْمِنِينَ {النور3}

“ޒިނޭކުރާ ފިރިހެނާ، ޒިނޭކުރާ އަންހެނަކާ، ނުވަތަ ޝަރީކުކުރާ އަންހެނަކާނޫނީ ނުއިންނާނެތެވެ. އަދި ޒިނޭކުރާ އަންހެނާ (ދަންނާށެވެ) ޒިނޭކުރާ ފިރިހެނަކު ނުވަތަ ޝަރީކުކުރާ ފިރިހެނަކު ނޫނީ އެކަނބުލޭގެއަކާ ނުއިންނާނެތެވެ. އަދި މުއުމިނުންގެ މައްޗަށް އެކަން ޙަރާމްކުރެވިގެންވެއެވެ.” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އޭ މަރްޘަދެވެ! ޒިނޭކުރާ ފިރިހެނާ، ޒިނޭކުރާ އަންހެނަކާ، ނުވަތަ ޝަރީކުކުރާ އަންހެނަކާނޫނީ ނުއިންނާނެތެވެ. އަދި ޒިނޭކުރާ އަންހެނާ (ދަންނާށެވެ) ޒިނޭކުރާ ފިރިހެނަކު ނުވަތަ ޝަރީކުކުރާ ފިރިހެނަކު ނޫނީ އެކަނބުލޭގެއަކާ ނުއިންނާނެތެވެ. ފަހެ ޢަނާޤުއާ ތިބާ ކައިވެނި ނުކުރާށެވެ!”
ޒިނޭކުރާ ސިއްރު އެކުވެރީން ގެ ވާހަކަ ކީރިތި ޤުރުއާނުގައިވެސް ބަޔާންކުރައްވާފައިވެއެވެ.
الْيَوْمَ أُحِلَّ لَكُمُ الطَّيِّبَاتُ وَطَعَامُ الَّذِينَ أُوتُوا الْكِتَابَ حِلٌّ لَّكُمْ وَطَعَامُكُمْ حِلٌّ لَّهُمْ وَالْـمُحْصَنَاتُ مِنَ الْـمُـؤْمِنَاتِ وَالْـمُحْصَنَاتُ مِنَ الَّذِينَ أُوتُوا الْكِتَابَ مِن قَبْلِكُمْ إِذَا آتَيْتُمُوهُنَّ أُجُورَهُنَّ مُحْصِنِينَ غَيْرَ مُسَافِحِينَ وَلَا مُتَّخِذِي أَخْدَانٍ – {المائدة 5 }

“މިއަދު ތިޔަބައިމީހުންނަށް ރަނގަޅު ތަކެތި ހުއްދަ ކުރައްވައިފިއެވެ. އަދި ފޮތް ދެވުނު މީހުންގެ ކާނާވެސް ތިޔަބައިމީހުންނަށް ހުއްދަ ވެގެންވެއެވެ. އަދި ތިޔަބައިމީހުންގެ ކާނާ އެއުރެންނަށް ހުއްދަ ވެގެންވެއެވެ. ޢިއްފަތްތެރި މުއުމިނު އަންހެނުންނާއި، ތިޔަބައިމީހުންގެ ކުރިން ފޮތް ދެވުނު މީހުންގެ ތެރެއިން ޢިއްފަތްތެރި މިނިވަން އަންހެނުން ތިޔަބައިމީހުންނަށް ހުއްދަ ވެގެންވެއެވެ. އެކަނބަލުންގެ ރަން ތިޔަބައިމީހުން އެކަނބަލުންނަށް ދީފިނަމައެވެ. ކާވެނީގެ ޢިއްފަތްތެރިކަން ހޯދާބަޔެއްގެ ގޮތުގައެވެ. ޒިނޭކުރާ ބަޔެއްގެ ގޮތުގައެއް ނޫނެވެ. ސިއްރުން ޒިނޭކުރާ އެކުވެރި އަންހެނުން ގެންގުޅޭ ބަޔެއްގެ ގޮތުގައެއްވެސް ނޫނެވެ.”

 

ކައިވެނިކުރަން ބޭނުން ވުމުން ކަންތައްކުރުން އިސްލާމްދީނުގައި އޮންނަނީ ކިހިނެއް؟

ކައިވެނިކުރަން ބޭނުން ވުމުން ކަންތައްކުރުން އިސްލާމްދީނުގައި އޮންނަ ގޮތަކީ ފިރިހެންކުއްޖާ އޭނާ ކައިވެނިކުރަން ބޭނުންވާ އަންހެންކުއްޖާގެ ވަލީވެރިންނަށް ނުވަތަ އެ އަންހެންކުއްޖާއަށް ކައިވެނިކުރަން ހުށަހެޅުމެވެ. ހަމަ މިބީދައިން އަންހެންކުއްޖަކަށްވެސް އޭނާ ކައިވެނިކުރަން ބޭނުންވާ ފިރިހެންކުއްޖާގެ މައިންބަފައިންނަށް ނުވަތަ އެ ފިރިހެންކުއްޖާއަށް ކައިވެނިކުރަން ހުށަހެޅޭނެއެވެ. މިގޮތަށް ހުށަހަޅާ ހުށަހެޅުމަށް ކިޔަނީ ޚިޠުބާކުރުމެވެ. މިގޮތަށް ހުށަހަޅާ ހުށަހެޅުން ޤަބޫލުކޮށްފިނަމަ، ޤަބޫލުކުރުމަށްފަހު އަންހެންކުއްޖާއާއި ފިރިހެންކުއްޖާ ކައިވެނި ކުރެވެންދެން އެއްވެސް ގުޅުމެއް ނުބާއްވާ ތިބޭނީއެވެ. ކައިވެނީގެ މަޞްލަޙަތު ހިމެނޭ ކަމެއްގައި ވާހަކަ ދައްކަން ޖެހިއްޖެނަމަ އެކަހެރިނުވެ، މަޙްރަމުންނާއެކު ނުވަތަ އެމީހުންނަށް ފެންނަ ތަނެއްގައި ބައްދަލުކުރެވިދާނެއެވެ.
އަދި ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ކައިވެނީގެ ރަން ކިޔުމަށްފަހު ރޭކުރުންވެސް ހުއްދަވާނެއެވެ. މިއީ ކަނޑައެޅިގެން ދޮގު ވާހަކައެކެވެ. ކައިވެނީގެ ޢަޤްދުގެ ފަހުން ޙަލާލުވާ އެއްވެސް ކަމަކީ، ކައިވެނިކުރުމުގެ ކުރިން ކުރާ އެއްވެސް ކަމަކުން މިސާލަކަށް ޚިޠުބާކުރުމަކުން ރަންކިޔުމަކުން ޙަލާލުވާނޭ ކަމެއް ނޫނެވެ.
ރައްޓިހެވެގެން އުޅުމެއް ނެތެވެ. އޮތީ ކައިވެނިކުރުމެވެ. ލޯބިވާ ދެމީހަކަށް އެއަށްވުރެ ވަކީން މޮޅު ކަމެއް ނެތެވެ.
ވީމާ ތިމާއަށް ކައިވެނިކުރުމަށްޓަކައި ކަމުދާ ކުއްޖަކު ފެނިއްޖެނަމަ، ނުވަތަ ކުއްޖަކު ދެކެ ލޯބިވެވިއްޖެނަމަ އެކަމުގައި ހަދަން އެންމެ ރަނގަޅުގޮތަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިރުޝާދަށް ތަބާވުމެވެ. ޙަދީޘްކުރައްވާފައިވެއެވެ.

(لَمْ نَرَ لِلْمُتَحَابَّيْنِ مِثْلَ النِّكَاحِ) – { رواه ابن ماجه ( 1847 ) وصححه البوصيري والشيخ الألباني في ” السلسلة الصحيحة ” ( 624 ) . “}

“އެކަކު އަނެކަކު ދެކެ ލޯބިވާ ދެމީހަކަށް ކައިވެންޏާ އެއްފަދަ ކަމެއް ނުވެއެވެ.”

ކުއްޖަކާ ކައިވެނިކުރަން އެއްބަސްވެފައިވާނަމަ، ނުވަތަ ކައިވެނިކުރަން ޤަޞްދުކުރާނަމަ ނުވަތަ ޚިޠުބާކޮށްފައިވާނަމަ އަންނަނިވި ކަންތައްތަކާ ދުރުހެލިވާށެވެ.

ހ- ޗެޓުކޮށް މެސެޖުކޮށް ފޯނުކޮށް ވާހަކަ ދައްކާ ނުހެދުން – މިއީވެސް ޚަލްވަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެހެނީ އެފަދަ ކަންކަމަކީ ޒިނޭގެ ފިޔަވަޅުތަކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

( لا يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلَّا وَمَعَهَا ذُو مَحْرَمٍ ) {رواه البخاري ( 5233 ) ومسلم ( 1341 } .

“މަޙްރަމަކާ އެކު މެނުވީ ފިރިހެނަކު އަންހެނަކާ އެކަހެރިނުވާހުށިކަމެވެ.”
ށ- އެކި އެކި ވަސީލަތްތައް ބޭނުންކޮށްގެން ފޮޓޯ ފޮނުވާ ވީޑިޔޯ ފޮނުވާ ނުހެދުން
ނ- އެކުގައި ސައިކަލު ބުރުޖަހަން ނުދިޔުން
ރ- އެކުގައި ދަތުރު ނުދިޔުން
ބ- ޚިޠުބާކޮށްފައިވާ ކުއްޖާއާ އެކުގައި ދަތުރުފަތުރު ނުކުރުން (ދަތުރު ފަތުރު ކުރާނީ މަޙްރަމަކާ އެކުގައެވެ.) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

( لا تُسَافِرْ الْمَرْأَةُ إِلا مَعَ ذِي مَحْرَمٍ). {روى البخاري (1862) ومسلم (1341)}

“މަޙްރަމަކާއެކު މެނުވީ އަންހެނަކު ދަތުރު ނުކުރާހުށިކަމެވެ.”
ޅ- އެކަހެރި ބައްދަލުވުންތަކަށް ނުދިޔުން، ޚާއްޞަކޮށް މީހުން ނޫޅޭ ސަރަޙައްދުތަކާއި، ގޮނޑުދޮށްތަކާއި، ފަޅުގެތަކާއި މިފަދަ ތަންތަނާއި، ޚިޠުބާކޮށްފައިވާ ކުއްޖާ ދިރިއުޅޭ ކޮޓަރި، ދަޢުވަތު ދިނަސް ގެސްޓުހައުސް ފަދަ ތަންތަނަށް ނުދިޔުން –ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(لا يَخْلُوَنَّ رَجُلٌ بِامْرَأَةٍ ، فَإِنَّ ثَالِثَهُمَا الشَّيْطَانُ) {رواه أحمد (178) وصححه الألباني في “إرواء الغليل” (1813) .}

“ހަމަކަށަވަރުން ފިރިހެނަކު އަންހެނަކާ އެކަހެރިނުވާށެވެ. އެދެމީހުންގެ ތިންވަނަ ފަރާތަކީ ޝައިޠާނާއެވެ.”
ކ- އަތާ އަތްޖޯޑުކޮށް ސަލާންނުކުރުން- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(لأَنْ يُطْعَنَ فِي رَأْسِ أَحَدِكُمْ بِمِخْيَطٍ مِنْ حَدِيدٍ خَيْرٌ لَهُ مِنْ أَنْ يَمَسَّ امْرَأَةً لا تَحِلُّ لَهُ ” ) {رواه الطبراني من حديث معقل بن يسار ، وصححه الألباني في ” صحيح الجامع ” برقم (5045 .}

“ހުއްދަނުވާ ހިލޭ އަންހެނެއްގެ ގައިގައި ބީހުމަށްވުރެ ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ބޮލަށް ދަގަނޑު ތިނޯހެއް ހެރުންވެސް މާހެޔޮކަންބޮޑެވެ.”
އ- ޚިޠުބާ ކޮށްފައިވާ ކުއްޖާ ގައިގައި އަތްލައި، ބައްދައި، ކިސްކޮށް، ޖިންސީ އެދުން ފުއްދާ ނުހެދުން – މިއީ ޒިނޭއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(فَالْعَيْنَانِ زِنَاهُمَا النَّظَرُ، وَالأُذُنَانِ زِنَاهُمَا الاسْتِمَاعُ، وَاللِّسَانُ زِنَاهُ الْكَلامُ، وَالْيَدُ زِنَاهَا الْبَطْشُ، وَالرِّجْلُ زِنَاهَا الْخُطَا، وَالْقَلْبُ يَهْوَى وَيَتَمَنَّى، وَيُصَدِّقُ ذَلِكَ الْفَرْجُ وَيُكَذِّبُهُ) [في رواية لمسلم]

މާނައީ: “ފަހެ ދެލޮލުގެ ޒިނޭއަކީ ބެލުމެވެ. އަދި ދެކަންފަތުގެ ޒިނޭ އަކީ އަޑުއެހުމެވެ. އަދު ދުލުގެ ޒިނޭއަކީ ވާހަކަދެއްކުމެވެ. އަދި އަތުގެ ޒިނޭއަކީ ހިފުމެވެ. އަދި ހިތް އެކަމަށް އެދުންވެރިވެ ގޮވައެވެ. އަދި ލަދުވެތި ގުނަވަން އެކަން ތެދުކޮށް އަދި ނުވަތަ ދޮގުކުރެއެވެ.”

މުޖުތަމަޢު ޒިނޭގެ ވަބާއިން ސަލާމްކުރަން ބޭނުންނަމަ ރައްޓެހިވުމުގެ މި ނުބައި ޘަޤާފަތް އާދި ނީނދެ އިނދެގެން އުޅުމުގެ މި ނުބައި އާދަ ނައްތާލަން ޖެހެއެވެ.

(ނުނިމޭ)