ސުވާލު: އަންހެނުންނަށް މަޙްރަމަކާ ނުލައި ޙައްޖަށްދެވޭނެ ވަކި ޢުމުރެއް އޮވޭތޯ؟

ޖަވާބު: އަންހެނުންނަށް މަޙްރަމަކާ ނުލައި ޙައްޖަށްދެވޭނެ ވަކި ޢުމުރެއް ނޯވެއެވެ. އަންހެނާ މަޙްރަމަކާ ނުލައި ދަތުރު ނުކުރުމަށް އައިސްފައިވާ އަމުރަކީ ބާލިޣުވެފައިވާ ހުރިހާ މުސްލިމު އަންހެނުންނަށް އައިސްފައިވާ އަމުރެކެވެ. ވަކި ޢުމުރެއް ވެފައި ހުރި މީހަކު ނުވަތަ ވަކި އަޅުކަމަކަށް ދާ މީހަކު އޭގެން އިސްތިސްނާވެފައެއް ނުވެއެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.  لَا تُسَافِرْ الْمَرْأَةُ إِلَّا مَعَ ذِي مَحْرَمٍ. -روى البخاري (1862) ومسلم (1341)- “މަޙްރަމަކާއެކު މެނުވީ އަންހެނަކު ދަތުރު ނުކުރާހުށިކަމެވެ.”

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ” لا تُسَافِرْ الْمَرْأَةُ إِلا مَعَ ذِي مَحْرَمٍ وَلا يَدْخُلُ عَلَيْهَا رَجُلٌ إِلا وَمَعَهَا مَحْرَمٌ فَقَالَ رَجُلٌ يَا رَسُولَ اللَّهِ إِنِّي أُرِيدُ أَنْ أَخْرُجَ فِي جَيْشِ كَذَا وَكَذَا وَامْرَأَتِي تُرِيدُ الْحَجَّ فَقَالَ اخْرُجْ مَعَهَا ” . رواه البخاري ( 1862 ) މާނައީ: “މަޙްރަމަކާއެކު މެނުވީ އަންހެނަކު ދަތުރު ނުކުރާހުށިކަމެވެ. އަދި އަންހެނަކާ އެކު މަޙްރަމަކު ނުވާ ޙާލަތުގައި ފިރިހެނަކު އޭނާއާ އެކަހެރިނުވާހުށިކަމެވެ. ފަހެ ބޭކަލަކު ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ! ހަމަކަށަވަރުން އަހަރެންގެ އެވެނި މިވެނި ހަނގުރާމައަކަށް ނުކުތުމަށް ބޭނުންވެއެވެ. އަހަރެންގެ އަންހެނުން ބޭނުންވަނީ ޙައްޖުކުރުމަށެވެ.”  ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އޭނާއާ އެކުގައި ޙައްޖުކުރުމަށް ތިބާ ދާށެވެ!”

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. لا يَحِلُّ لامْرَأَةٍ تُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ تُسَافِرُ مَسِيرَةَ يَوْمٍ إِلا مَعَ ذِي مَحْرَمٍ “- رواه  مسلم ( 1339 )މާނައީ: “ﷲ އަށާއި އާޚިރަތްދުވަހަށް އީމާން ވެގެންހުންނަ އަންހެނަކަށް މަޙްރަމަކާ ނުލައި ރެއަކާއި ދުވާލެއްގެ ދިގުމިނުގެ ދަތުރެއް ކުރުން ހުއްދަވެގެން ނުވެއެވެ.”

މި މޭރުމުން އައިސްފައިވާ ޙަދީޘްތައް ގިނަގުނައެވެ.

ބައެއް ޢިލްމުވެރިން، ޝާފިޢީންނާއި މާލިކީން، އަދި ސަލަފުންގެ ބައެއް ބޭކަލުން، އަންހެނަކަށް، އޭނާގެ މައްޗަށް ރައްކާތެރިކަން އޮތް ދަތުރުވެރީންނާއެކު، މަޙްރަމަކާ ނުލައި ދަތުރު ކުރެވިދާނެކަމަށް ވިދާޅުވެފައިވެއެވެ. މިބޭކަލުން ދަލީލަކަށް ގެންނަވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވެވަޑައިގެންނެވި ފަހުން އެކަލޭގެފާނުގެ އަނބި އަނބި ކަނބަލުން ޙައްޖުކުރެއްވި ކަމަށް ވާރިދުވެފައިވާ ޙަދީޘްތަކެވެ. މި ޙަދީޘްތަކަށް ޢިލްމުވެރިން ރައްދު ދެއްވާފައިވެއެވެ.

1- ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވެވަޑައިގެންނެވި ފަހުން، އެކަލޭގެފާނުގެ އަނބި އަނބިކަނބަލުން ޙައްޖު ކުރެއްވުމަކީ އެބޭކަނބަލުން އެބޭކަނބަލުންނާއެކު ދަތުރުގައި މަޙްރަމުން ނުގެންދަވާ ޙައްޖުކުރެއްވިކަން އެނގޭ ކަމެއް ނޫނެވެ. އަދި ޙަދީޘްގައި މަޙްރަމުން ގެންދެވި ވާހަކަ ބަޔާންވެފައިނެތުމަކީ އެބޭކަނބަލުން މަޙްރަމުން ނުގެންދަވާ ކަމުގެ ދަލީލެއް ނޫނެވެ.

2- އެބޭކަނބަލުން މަޙްރަމުން ނުގެންދެވި ނަމަ، އެއީ އެބޭކަނބަލުންގެ އިޖްތިހާދެކެވެ. ޞަޙާބީންގެ ޢަމަލާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅާ ތަޢާރުޟެއް ވާނަމަ އަބަދުވެސް އިސްކަންދެވޭނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅަށެވެ.

މަޙްރަމަކު ނެތި ޙައްޖަށް ދިޔުމާމެދު ވިސްނާލާއިރު:

ބައެއް މީހުން ބުނާގޮތުގައި މިޒަމާނުގައި މަތިންދާ ބޯޓުން ދަތުރު ފަތުރު ކުރާތީ ދަތުރު ފަތުރުގެ ފަސޭހަކަން އޮތުމާއެކު، އަދި ފޯނު ފަދަ މުވާސަލާތީ ވަޞީލަތްތައް އަތުޖެހޭ ހިސާބުގައި ހުންނާތީ ޚަބަރު ދަބަރު އެނގުމާއި، ޖަމާޢަތަކާއެކު ދާތީ ޖަމާޢަތުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެތީ، އަންހެނަކު މަޙްރަމަކާ ނުލައި ޙައްޖަށް ދިޔުމަކީ މައްސަލައެއް ނޫނެވެ. އަނެއްބަޔަކު ބުނާގޮތުގައި އެކުގައި އަންހެނުންތަކެއް ދާތީ، ހިލޭ ފިރިހެނަކާ އެކަހެރިވުމުގެ ފިތުނައިން ސަލާމަތްވާނެއެވެ. މި ބަސްތަކަށް ބަލާއިރު މީގެން އެއްވެސް ކަމަކީ އަންހެނަކު މަޙްރަމަކާ ނުލައި ދަތުރު ކުރުން ހުއްދަ ކުރެވޭނެ ޝަރުޢީ ސަބަބެއް ނޫނެވެ. އަދި ދަތުރުތަކުގައި ތަޙައްމަލުކުރަން ޖެހޭ ދަތި އުނދަގޫތައް ތަޙައްމަލު ކުރަން ޖެހެނީ މިދެންނެވި ފަސޭހަ ދަތުރު ފަތުރާއި މުވާސަލާތާއި އެހީތެރީންވެސް ތިއްބައެވެ.

އަދި އަންހެން މީހާގެ ޢުމުރުން ވަކި ވަރަކަށްވުރެ މަތިވުމަކީ، އެއްވެސް ޙާލެއްގައި އޭނާ ފިތުނައިން މިންޖުވާނޭ ކަމެއް ނޫނެވެ. މިޒަމާނަކީ ފިތުނަ ބޮޑުކަމުން އޭގައި ޅަކުދީންނާއި ޒުވާނުންނާއި މުސްކުޅީންވެސް ފިތުނައިގައި ޖެހޭ ޒަމާނެކެވެ. އަދި ކިޔެއް ޒުވާން ޢުމުރު ފަހަނައަޅައި ދިޔުމަކީ ޖިސްމާނީގޮތުން ހަށިގަނޑަށް ބަލިކަށިކަން އަންނަކަމަކަށްވާތީ، ބަލަހައްޓާނޭ އަދި އެހީތެރިވާނޭ އިތުރު މަދަދުގާރަކަށް ބޭނުންވާ ކަމެކެވެ. އެހެންކަމުން، ވަކި ޢުމުރަކަށްވުރެ މަތިވުމުން މަޙްރަމަކާ ނުލައި ޙައްޖަށް ދެވޭނެކަމަށް މީހުން ބުނާ، އަދި މަތިކުރާ ޢުޛުރުތަކަކީ އެއީ ސަލާމަތްވެގެންވާ ޢުޛުރުތަކެއް ނޫނެވެ.

އިސްލާމީ ޝަރީޢަތުގެ ކޮންމެ ޙުކުމަކީވެސް ޙިކުމަތުން ފުރިގެންވާ ޙުކުމެވެ. އެއީ މުއުމިނުތަކުންނަށް ވާ އިމްތިޙާނެކެވެ. ﷲ އަށް ކިޔަމަންތެރިވާ އަޅުންނާއި އުރެދޭއަޅުން، ދެނެގަތުމަށްވާ ފާރިޤެކެވެ. އަދި އެ ޙުކުމްތަކުގައި އަޅުތަކުންގެ ފުރިހަމަ މަޞްލަހަތާއި ފަސާދައިން އަޅުތަކުން ސަލާމަތްވުން ހިމެނެއެވެ. މަޙްރަމަކާ އެކު ޙައްޖުވުން ޝަރުޠުވުމުގައި މިދެންނެވިފަދަ ގިނަގުނަ ޙިކުމަތްތަކެއް ވާނޭކަން ކަށަވަރެވެ.

1- އަންހެނާ ރައްކާތެރިކުރުން- ގެއްލުންތަކާއި ނުބައިކަންކަމާއި ފަސާދައިން އަންހެން މީހާ ޙިމާޔަތްކޮށް ފާޖިރުންނާއި ފާސިޤުންގެ ޝިކާރަވެރި ވަކިތަކުން އަންހެނާ ސަލާމަތްކޮށްދެނީ އޭނާގެ މަޙްރަމެވެ. ޝާޢިރު ވިދާޅުވެފައިވެއެވެ.

تَعْدُو الذئابُ على مَنْ لا كِلاَبَ له … وتَتّقي صَوْلَةَ المُسْتأسِدِ الحامي

މިނިކާވަގު ޝިކާރަކުރާނީ ކުއްތާ ފާރަވެރިކުރުވާފައިނުވާ ޖަނަވާރުތަކެވެ. އަދި އެތަކެތި ޙިމާޔަތްކުރާ ޖަނަވާރުތައް ތިބިނަމަ އެސޮރު އޭގެން އެއްޗަކާ ކައިރިވެސް ނުވެއެވެ.

2- އަންހެނުންނަކީ ފިރިހެނުންނާ އަޅާ ބަލާއިރު ބުރަކަން ތަޙައްމަލު ކުރުމުގައި ފިރިހެނުންނަށްވުރެ ބަލިކަށި ބައެކެވެ. ދަތުރު ކުރުމަކީ އޭގައި ވަރުބަލިކަމާއި ދަތި އުނދަގޫކަން އެކުލެވިފައިވާ ކަމެކެވެ. އެ ދަތި އުނދަގޫތަކަށް ލުޔެއް ހޯދައިދީ، އޭނާއަށް ފަސޭހަކޮށްދީ، އެހީތެރިވެދިނުމަށްޓަކައި ފިރިހެނަކު ހުރުމަކީ ނުހަނު ބޮޑު ހިތްހަމަޖެހުމެވެ.

3- ދަތުރު މަތީގައި އަންހެނަކު ބަލިވެ، އޭނާ އުފުލަން ޖެހިއްޖެނަމަ އެކަން ކުރާނީ ކާކު ހެއްޔެވެ؟ އޭނާއަށް އަޅާލައި އޯގާތެރިވެ، ބޭސްދީ ކާންދީ، ފެންވަރުވަން ޖެހިއްޖެނަމަ ފެންވަރުވާ، ތާހިރުކުރަން ޖެހިއްޖެނަމަ ތާހިރުކޮށް ހަދާނީ ކާކު ހެއްޔެވެ؟

އެމީހަކާ އެކުގައި ޙައްޖަށްދާނޭ މަޙްރަމެއް ނެތް އަންހެނެއްގެ މައްޗަށް ޙައްޖު ވާޖިބެއްވެސް ނުވާނެއެވެ. މަޙްރަމަކު ހުރުމަކީ އަންހެނާއަށް ޙައްޖު ވާޖިބުވުމުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ އިސްލާމްދީން އަންހެނާގެ މަޞްލަޙަތަށް ވިސްނާ އެކަމަށް ރިޢާޔަތްކޮށް އޭނާއަށް ޤަދަރުކޮށް އިޙްތިރާމް ކުރުމުގެ ގޮތުން ﷲ ތަޢާލާ އެ ޝަރީޢަތުގައި އޭނާއަށް ޓަކައި ލައްވާފައިވާ ވަރަށް ބޮޑު ރަޙްމަތެކެވެ.

މަޙްރަމަކު ނެތުމުގެ ސަބަބުން ޙައްޖަށް ނުދެވި ހުރި އަންހެނާއަށް އިން ޝާ ﷲ ، ޙައްޖުގެ ފުރިހަމަ ދަރުމައާއި ޘަވާބު އޭނާގެ އެ ނިޔަތުގެ ސަބަބުން ﷲ ތަޢާލާ ދެއްވާނެއެވެ.

عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجَعَ مِنْ غَزْوَةِ تَبُوكَ فَدَنَا مِنْ الْمَدِينَةِ فَقَالَ : ( إِنَّ بِالْمَدِينَةِ أَقْوَامًا مَا سِرْتُمْ مَسِيرًا وَلا قَطَعْتُمْ وَادِيًا إِلا كَانُوا مَعَكُمْ قَالُوا يَا رَسُولَ اللَّهِ وَهُمْ بِالْمَدِينَةِ قَالَ وَهُمْ بِالْمَدِينَةِ حَبَسَهُمْ الْعُذْرُ ) – رواه البخاري (4423)  އަނަސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތަބޫކު ހަނގުރާމައިން އެނބުރިވަޑައިގަތް ދަތުރުމަތީގައި މަދީނާއާ ކައިރިވެވަޑައިގަތުމުން ޙަދީޘްކުރެއްވިއެވެ. ” މާނައީ: “ހަމަކަށަވަރުން މަދީނާގައި ބަޔަކުވެއެވެ. ތިޔަބައިމީހުން ކުރާ ކޮންމެ ދަތުރެއްގައި އަދި ހުރަސްކޮށްފައިވާ ކޮންމެ ވާދީއެއްގައި އެބައިމީހުން ތިޔަބައިމީހުންނާއެކުގައި (އަޖުރުގައި) ވެއެވެ.” އެބައިމީހުން ބުނޫއެވެ. “އޭ ﷲ ގެ ރަސޫލާއެވެ! (އެބައިމީހުންނަށް އެ އަޖުރު ލިބެނީ) އެބައިމީހުން މަދީނާގައި ވާ ޙާލުހެއްޔެވެ؟” ޙަދީޘްކުރެއްވިއެވެ. “އެބައިމީހުން ވީ މަދީނާގައެވެ. އެބައިމީހުންނަށް ނާދެވި ބަންދުވީ ޢުޛުރުގެ ސަބަބުންނެވެ.”

 

ބައްލަވާ:

فتاوى اللجنة الدائمة ( 11/93 )

” فتاوى الشيخ ابن باز” ( 25 / 361 ، 362 ) .

مجموع الفتاوى والرسائل” (24/258) .

دليل الأخطاء التي يقع فيها الحاج والمعتمر

https://islamqa.info/ar/answers/52703/

https://islamqa.info/ar/answers/34380

https://islamqa.info/ar/answers/81941

https://islamqa.info/ar/answers/25841