ރަނާއި ރިހީގެ ވިޔަފާރި އިންޓަނެޓު މެދުވެރިކޮށް ކުރުން

އިސްލާމްދީނުގައި ރަނާއި ރިހި ފައިސާއަށް ވިއްކޭނީ މުޢާމަލާތް ޢަޤްދުކުރުން އެއްމަޖިލީހުން ނިމޭނަމައެވެ. އޭގެ މާނައަކީ، ފައިސާ ދިނުމުން، އެ ވަޤުތު އަތުން އަތަށް ރަން ނުވަތަ ރިހި ޙަވާލުކުރުމެވެ.
عَنْ عُبَادَةَ بْنِ الصَّامِتِ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صلى الله عليه وسلم ( الذَّهَبُ بِالذَّهَبِ وَالْفِضَّةُ بِالْفِضَّةِ مِثْلاً بِمِثْلٍ ، سَوَاءً بِسَوَاءٍ ، يَدًا بِيَدٍ ، فَإِذَا اخْتَلَفَتْ هَذِهِ الأَصْنَافُ فَبِيعُوا كَيْفَ شِئْتُمْ إِذَا كَانَ يَدًا بِيَدٍ ) رواه مسلم ( 2970 ).
ޢުބާދަތު ބިން އައްޞާމިތު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
“ރަނަށް ރަން ވިއްކާއިރު، އަދި ރިއްސަށް ރިހި ވިއްކާއިރު، ވިއްކަންވާނީ އެއާއި އެއްފަދަ އެއްޗިއްސަށް އެއްފަދަ އެއްޗިއްސެވެ. އެކައްޗާ އަނެކަތި ހަމަހަމަކޮށެވެ. އަތުން އަތަށެވެ. މީގެ ބާވަތްތައް ތަފާތު ނަމަ އަތުން އަތަށް ދެންޏާ ތިޔަބައިމީހުން ބޭނުން ގޮތަކަށް ވިއްކާށެވެ.”
އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
(الْوَرِقُ بِالذَّهَبِ رِبًا، إِلَّا هَاءَ وَهَاءَ، وَالْبُرُّ بِالْبُرِّ رِبًا، إِلَّا هَاءَ وَهَاءَ، وَالشَّعِيرُ بِالشَّعِيرِ رِبًا، إِلَّا هَاءَ وَهَاءَ، وَالتَّمْرُ بِالتَّمْرِ رِبًا، إِلَّا هَاءَ وَهَاءَ).
މާނައީ: “ރިހި ރަނަށް ވިއްކުމަކީ ރިބާ އޭގައި ހިމެނޭ ކަމެކެވެ. އަތުން އަތަށް ވިއްކުމުން މެނުވީއެވެ. ގޮދަނަށް ގޮދަން ވިއްކުމަކީ އޭގައި ރިބާ ހިމެނޭ ކަމެކެވެ. އަތުން އަތަށް ވިއްކުމުން މެނުވީއެވެ. ހިމަގޮދަނަށް ހިމަގޮދަން ވިއްކުމަކީވެސް އޭގައި ރިބާ ހިމެނޭ ކަމެކެވެ. އަތުން އަތަށް ވިއްކުމުން މެނުވީއެވެ. ކަދުރަށް ކަދުރު ވިއްކުމަކީވެސް އޭގައި ރިބާ ހިމެނޭ ކަމެކެވެ. އަތުން އަތަށް ވިއްކުމުން މެނުވީއެވެ.”
ރިބާ ހިމެނޭ ބާވަތްތައް ވިއްކާއިރު އެއްބާވަތެއްގެ އެއްޗެހި ގަނެވިއްކުމުގައި ވިއްކަންވާނީ ހަމަހަމައަށް އަތުން އަތަށެވެ.
ފައިސާއަށް ރަން ވިއްކުން ވަންނަނީ ރަނަށް ރަންވިއްކުމުގެ ނުވަތަ ރިއްސަށް ރިހި ވިއްކުމުގެ ތެރެއަށެވެ. އެއީ ނުޤޫދު ނުވަތަ ފައިސާއަކީ ރަނުގެ ނުވަތަ ރިހީގެ ބަދަލުގައި ބޭނުންކުރެވޭ އެއްޗެކެވެ. އަދި ޒަކާތާއި ރިބާފަދަ ހުރިހާ މާލީ ކަންކަމުގައި ފައިސާއަށް އަންނާނީ ރަނުގެ އަދި ރިހީގެ ޙުކުމެވެ.
ރިބާ ހިނގާ އެއްޗެހިތަކުގެ ތެރެއިން އެއްބާވަތެއްގެ ދޭތި ބަދަލުކުރުމުގައި އަތުލުން ފަސްކުރުމަކީ، ރިބާ އައްނަސީއާގެ ތެރެއަށް ވަންނަކަމެކެވެ.
އެހެންކަމުން، އިންޓަރނެޓް މެދުވެރިކޮށް ރަންވިއްކާއިރު، ޤަބޫލުކުރެވޭ ގޮތުގައި، ފައިސާ ދައްކާފައި ވަޤުތުން ރަން ޙަވާލުކުރުމަކީ ކުރެވޭނެކަމެއް ނޫނެވެ. ރަން ގަންނަ މީހާއަށް ފޯރުކޮށް ދިނުމަށްޓަކައި ވަޤުތު ނަގާނެއެވެ. އަދި އެއްޤައުމުން އަނެއްޤައުމަށް ވިޔަފާރިކުރާނަމަ މި ނަގާ މުއްދަތު ދިގުވުމަކީވެސް އެކަށީގެންވާކަމެކެވެ. އެހެންކަމުން މިގޮތަށް ރަނުގެ ވިޔަފާރިކުރުމުގައި ހުއްދަކަމެއް ނޫނެވެ. އަގުދައްކާ ވަޤުތުގައި އަތުން އަތަށް ބަދަލުކުރެވޭނަމަ އިންޓަރނެޓް މެދުވެރިކޮށް ރަނުގެ ވިޔަފާރި ކުރުމުގައިވެސް މައްސަލައެއް ނެތެވެ.
އަތުން އަތަށް ދިނުމުގެ ޙިކުމަތަކީ ކޮބާ؟
ރިބަވީ ބާވަތްތައް ބަދަލުކުރުމުގައި އަތުން އަތަށް ދިނުމުގެ ހިކުމަތުގެ ތެރޭގައި ފަހުން ދޭނަމަ އަގު ބަދަލުވެފައި ހުރުން ހިމެނެއެވެ. މިސާލަކަށް މީހަކު ރަންގަނެފައި ފައިސާދައްކާފައި، އެ ރަން އަނބުރާ އޭނާގެ އަތަށް ލިބުން ލަސްވާނަމަ އެ މުއްދަތުގެ ތެރޭގައި ރަނުގެ އަގު ބަދަލުވެފައި ހުރެދާނެއެވެ. މިފަދަ ޙާލަތެއްގައި ބޮޑު ގެއްލުމެއް، ވިއްކާމީހާއަށް، އަދި ގަންނަ މީހާއަށްވެސް ލިބިދާނެއެވެ.

މަރްޖިޢު
https://islamqa.info/ar/answers/34325
https://islamqa.info/ar/answers/260161