ޝަރުޢީ ރުޤްޔާއާ ޚިލާފަށް ރުޤްޔާކުރާމީހުން ދެނެގަތުން.

ޝަރުޢީ ރުޤްޔާއަކީ، އުނދަގޫކަމެއް ނޫނެވެ. ރުޤްޔާކުރާ މީހުންނޭ ބުނުމުން މީހުންނަށް ވިސްނިފައި އޮންނަނީ އެއީ މާތް، މާބާރުގަދަ ބައެއްގެ ގޮތުގައެވެ. ނުވަތަ އެއީ ވަކި ފާހެއް ނޫނީ ސަނަދެއް އޮންނަ ބައެއްގެ ގޮތުގައެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. މިއީ ހަމަ ކޮންމެ މީހަކަށްވެސް ކުރަން އެނގޭ އަދި ކުރެވޭވަރުގެ ކަމެކެވެ. މިކަމުގައި އެންމެ ރަނގަޅު ގޮތަކީވެސް އެމީހަކު އަމިއްލައަށް ރުޤްޔާ ކުރުމެވެ. ޒަމާނުއްސުރެ މިދިވެހި މުޖުތަމަޢުގައިވެސް ރުޤްޔާ ނުވަތަ ފަންޑިތަވެރިކަން އޮވެއެވެ. ނަމަވެސް އޭރުގައި ގިނައިން އޮތީ ސިޙުރާއި ޝިރުކާއި ޚުރާފީ ކަންތައްތަކެކެވެ. ނަމަވެސް ދިވެހިންގެ ތެރޭގައި ދީނީ ހޭލުންތެރިކަން އިތުރުވެގެން ދިއުމާއެކު، ޝަރީޢަތާ އެއްގޮތަށް ކުރެވޭ ރުޤްޔާ ޢާންމުވެ، ޝަރުޢާ ޚިލާފަށް ރުޤްޔާކުރުމާ ދެކޮޅަށް ފާޅުގައި ނުކުމެ ޝަރުޢީ ގޮތުން ކުރެވޭ ރުޤްޔާ ބަޔާންކޮށްދޭން ފެށުމުން ޝަރުޢީ ރުޤްޔާއާ ޚިލާފަށް ރުޤްޔާކުރާމީހުންވެސް ވަނީ އެމީހުންގެ އެޝިރުކާއި ޚުރާފީ ޢަމަލުތައް ޝަރުޢީ ރުޤްޔާގެ ނަމަށް ބަދަލުކޮށްފައެވެ.

ރުޤްޔާކުރުން މުޖްތަމަޢުގައި ޢާއްމުވެފައިވާއިރު މިއަދު އަނެއްކާވެސް ޝަރީޢަތާއި އެއްގޮތަށް ނުވަތަ އިޚްލާސްތެރިކަމާއެކު ރުޤްޔާކުރާ މީހުން މިވަނީ ނޭނގިފައެވެ. މީސްތަކުންގެ ތެރޭގައި އެއްވެސް ޢިލްމެއް ޙިބުރެއްނެތި މިކަން ކުރާމީހުން ގިނަވެއްޖެއެވެ. ރުޤްޔާގެ އަގު މީސްތަކުންގެ ޖީބުތަކަށް ނުކަތާވަރުގެ ޢަދަދުތަކަށް ވަނީ އަރާފައެވެ. ރުޤްޔާގެ ނަމުގައި މީސްތަކުންގެ މުދާ ބާޠިލުގޮތުގައި ކެއުން ޢާންމު ވެއްޖެއެވެ. ރުޤްޔާގެ ނަމުގައި ސިޙްރު ހެދުންވެސް ޢާންމު ވެއްޖެއެވެ. ރުޤްޔާގެ ނަމުގައި އަންހެން ކުދީންގެ ޢިއްފަތްތެރިކަން ފޭރުންވެސް ފެންނަން ފަށައިފިއެވެ.

ޝަރީޢަތާ ޚިލާފަށް ރުޤްޔާގެ ނަމުގައި ފަރުވާކުރާ މީހުން ދެނެގަންނާނެ ބައެއް ކަންކަން އަޅުގަނޑުމެންނަށް ލިބިފައިވާ ޢިލްމުގެ މިންވަރުން މިތަނުގައި ހިއްސާ ކޮށްލާނަމެވެ. މަޤްޞަދަކީ މި މައުޟޫގައި ރައްޔިތުން ހޭލުންތެރިކުރުވުމެވެ.

ތިރީގައި މިބަޔާން ކޮށްލަނީ ޝަރުޢީ ރުޤްޔާއާ ޚިލާފަށް ރުޤްޔާކުރާ ‏މީހުންގެ ފަރާތުން ފެންނަ ‏ބައެއް ކަންކަމެވެ.

 1. ދީނުގެ ފަރުޟުތަކާއި ސުންނަތްތަކަށް ރައްކާތެރިވާ މީހެއްކަމުގައި ނުވުން.

ފުރިހަމަ މުސްލިމެއްގެ ގައިގައި ހުންނަން ޖެހޭ އެންމެ މުހިއްމު ސިފައަކީ ޚާލިޤުވަންތަ ﷲ އަށް ކިޔަމަންވެ އެއިލާހުގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންގަތުމެވެ. ޚާއްސަކޮށް ފަރުޟުތަކަށް ރައްކާތެރިވެ ފާފަތަކުން ދުރުހެލިވާން ޖެހެއެވެ. ރުޤްޔާކުރާ މީހާގެ ގައިގަ މިސިފަ ހުންނަން ޖެހެއެވެ.

 1. ޢަޤީދާ ޞައްޙަ ކުރުމަށް އިސްކަން ނުދިނުން

ތައުޙީދު ނުވަތަ ޢަޤީދާއަކީ އިސްލާމްދީނުގެ އަޞްލެވެ. އެންމެ މުހިއްމުކަން އެންމެ ބޮޑު ޢިލްމެވެ. ރުޤްޔާކުރާ މީހާގެ ޢަޤީދާ ހުންނަން ވާނީ ތައުޙީދުގެ މަތީގައި ސާބިތުކޮށެވެ. ރުޤްޔާގެ ފައިދާ ބަލިމީހާއަށް ކުރާނީ ބަލިމީހާގެ ޢަޤީދާ ޞައްޙަވީ މިންވަރަކުންނެވެ. ޚާއްސަކޮށް ސިޙްރުގެ ބަލިމީހުން ވަރަށް ގިނަ ފަހަރު، ސިޙްރު ބާޠިލުކުރުމަށްޓަކައި ސިޙްރު ހަދާ މީހުންގެ ކައިރިއަށް ދެއެވެ. އަދި ގައިގައި އަޅާ ތަފާތު ތަވީދުފަދަ ތަކެތި އަޅައެވެ. ރުޤްޔާ ކުރާ މީހާ، ބަލިމީހާއަށް  އޭނާގެ ޢަޤީދާ ޞައްޙަކުރުމަށް ބާރުއަޅަން ވާނެއެވެ. ﷲ އެއްކައުވަންތަ ކުރުމާއި ޝިރުކުން ބަރީއަވުމާއި ޚުރާފީ އެންމެހާ ކަންކަމުން ރައްކާތެރިވުމަށް ބަލި މީހާއަށް ބުނެދޭން ވާނެއެވެ. އެއަށް ފަހު ޝަރުޢީ ރުޤްޔާއަކީ ކޮބައިކަން ބަލިމީހާއަށް ބުނެދިނުން އެއީ ރުޤްޔާކުރުމަށްޓަކައި ފަސޭހަވެގެންދާނޭ ކަމެކެވެ. ޝަރްޢާ ޚިލާފަށް ރުޤްޔާކުރާ މީހުންނަކީ ގިނަފަހަރަށް ދީނުގެ ޢިލްމުގެ ކަންފުޅެއް ނުވެސް އެނގި، ނުވަތަ ކުޑަކުޑަ މިންވަރެއް އެނގިފައި ތިބޭ ބައެކެވެ. އަދި ބަލިމީހާއާ މުޢާމަލާތު ކުރުމުގައި އެފަދަ މީހުން، ދީނުގެ ޢިލްމު އުނގެނުމާއި ޢަޤީދާ ހަރުދަނާ ކުރުމުގެ މައްޗަކަށް އެއްވެސް ބާރެއް ނާޅާނެއެވެ. ޙަޤީޤަތުގައި ރުޤްޔާ ކުރުމުގައި ބަލިމީހާއަށް މަންފާކުރުން ބޮޑުވާނީ އޭނާގެ ޢަޤީދާ ހަރުދަނާވެ، ތައުޙީދު ރަނގަޅުވި މިންވަރަކުންނެވެ. އެހެނީ ރުޤްޔާއަކީ ﷲ އަށް ވަކީލުކުރުމުގެ ގޮތުން ކުރެވޭ ކަމެކެވެ. ޢަޤީދާ ހަރުދަނާވީ ވަރަކަށް ރުޤްޔާގެ ހެޔޮ އަސަރު ބަލިމީހާއަށް ކުރާލެއް ބޮޑުވާނެއެވެ.

 1. ޤުރުއާން ކިޔަވަން ނޭނގުން. ކިޔާވާ ތަކެތި ސާފު ނުވުން ނުވަތަ އަޑު ހަރުކޮށްނުކިޔެވުން.

ރުޤްޔާކޮށްދޭ މީހަކީ ތަޖުވީދުގެ ޤަވާޢިދު ތަކާއި ހަމަތަކުގެ މަތީން ޤުރުއާން ކިޔަވަން އެނގޭ މީހަކަށް ވާންޖެހޭނެއެވެ. ބަލިމީހާ ކައިރީގައި ކިޔަވާނަމަ އެކިޔަވާ އެއްޗެއް ސާފުކޮށް އެގެން ޖެހޭނެއެވެ. ޤުރުއާން ކިޔަވާ ނަމަ ކިޔާ ނުކިޔާއެއް ނޭނގޭ ގޮތަށް ނޫނީ ސިއްރުން މީހުންނަށް ނުވިސްނޭގޮތަށް ކިޔަވައިގެން ނުވާނެއެވެ. ދިވެހި ރާއްޖޭގައި ރުޤްޔާކުރާ މީހެއްގެ ވީޑިޔޯއެއް އޭނާ އަމިއްލައަށް ފޭސްބުކްގައި ޢާއްމުކޮށްފައިވެއެވެ. އެ ވީޑިޔޯ އަޑުއަހާލުމުން ކީރިތި ޤުރްއާނުގެ ދެލިގަނޑު ބަލައިގެން އޭނާއަށް ރަނގަޅަށް ކިޔަވަން ނޭނގޭކަން ހާމަވެއެވެ.

 1. ބަލިމީހާގެ ވަނަވަރު ހޯދުން. (ނަމާއި މަންމަގެ ނަން އެހުން.)

ރުޤްޔާކޮށްދިނުމަށް މަންމަގެ ނަން ނުވަތަ މައިންބަފައިންގެ ނަންތަކާއި މަޢުލޫމާތު ހޯދަން ޖެހޭ ސަބަބެއް ނޯންނާނެއެވެ. މިއީވެސް ސިޙުރުވެރިންގެ ޢަމަލެކެވެ.

 1. ޣައިބުގެ ޚަބަރުތައް ބުނެދިނުން.

މުސްތަޤްބަލުގައި ވާނޭކަންކަމަކީ ޣައިބުގެ ޢިލްމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ޣައިބުގެ ޢިލްމަކީ ﷲ ފިޔަވާ އެހެން ފަރާތަކަށް އެނގޭނޭ ކަމެއްނޫނެވެ. އަދި ކިޔެއްހެއްޔެވެ؟ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށްވެސް ޣައިބުގެ ޢިލްމު އެނގިވަޑައިގެންނުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿ قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا الله  ﴾ (سورة النمل 65) މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އަށް މެނުވީ، އުޑުތަކާއި، ބިމުގައިވާ އެކަކަށްވެސް ޣައިބުގައިވާކަމެއް ނޭނގޭނެތެވެ”.

ބައެއްފަހަރު އެފަދަ މީހުން، ބަލިމީހާގެ މަޢުލޫމާތު ބަލިމީހާގެ ގާތު ނާހާ، އަމިއްލައަށް ކިޔައިދީ ހަދާނެއެވެ. ބަލިމީހާގެ މަޢުލޫމަތު ރުޤްޔާކޮށްދޭ މީހާއަށް އާދަޔާ ޚިލާފު ގޮތަކަށް އެނގި ބުނެދޭނަމަ އެއީ ޝައިޠާނާގެ އެހީ ހޯދައިގެން ކުރާ ކަމެކެވެ.

 1. ‏ބަލިމީހާގެ މާއްދީ އަޘަރެއް ހޯދުން.

ފަރުވާކުރުމުގެ ނަމުގައި ބަލިމީހާގެ އެއްވެސް އެއްޗެއް ގެނެސްދޭން ބުނެގެން ނުވާނެއެވެ. އެއީ ބޮލުގަ އަޅާ ފުނާ، އިސްތަށި، އަންނައުނު ފަދަ ކޮންމެ އެއްޗެއްކަމުގައި ވިޔަސްމެއެވެ. މިއީވެސް ސިޙުރުވެރިންގެ ޢަމަލެކެވެ.

 1. އެކަހެރިވުމާއި ގައިގައި އަތްލުން.

ރުޤްޔާކުރުމުގައިވެސް އަޞްލަކީ ފިރިހެނުން ފިރިހެނުންނަށް ރުޤްޔާކުރުމާއި އަންހެނުން އަންހެނުންނަށް ރުޤްޔާކުރުމެވެ. ފިރިހެނަކު އަންހެނަކަށް ރުޤްޔާކުރުން ހުއްދަވަނީ ޟަރޫރީ ޙާލަތެއްގައެވެ. އެފަދަ ހާލަތެއްގައި،ފަރުވާކުރަނީ ފިރިހެނަކު އަންހެނަކަށް ނަމަ އެދެމީހުން އެކަހެރިވެގެން ނުވާނެއެވެ. ހިލޭފިރިހެނަކާ ހިލޭ އަންހެނެއް ތަނެއްގައި އެކަހެރިވެތިބުމަކީ އިސްލާމްދީނުގައި ނަހީކުރެވިފައވާކަމެކެވެ. އަދި ޝަރުޢީ ރުޤްޔާގައި ހިލޭފިރިހެނަކާ ހިލޭ އަންހެނެއް އެކަކު އަނެކަކުގެ ގައިގައި އަތްލާގެން ކުރާ ފަރުވާއެއް ނޯވެއެވެ. ހިލޭ ފިރިހެނަކު ހިލޭ އަންހެނެއްގެ ގައިގެ އެއްވެސް ތަނެއްގައި ބީހުމަކީ ހުއްދަ ވެގެންވާނެ ކަމެއް ނޫނެވެ. އެއީ އަތަށް އަންގި ލައްވާގެން ހެދުމެއްގެ މަތިން ކަމުގައި ވިޔަސް މެއެވެ. ރުޤުޔާ ކުރާ މީހާގެ ޢަމަލަކީ (އެކަމަށް ވާރިދުވެފައިވާ ތަކެތި) ކިޔެވުމާއި އަނގައިން ފުމެލުން ފަދަ ކަންކަމެވެ. އެއީ ނުބީހި ކުރެވޭނޭ ކަންކަމެވެ.

 1. ﷲގެ އިސްމުފުޅަކަށް ނުވަތަ ޤުރުއާނުގެ އާޔަތަކަށް އިހާނެތިކޮށް ނުވަތަ ‏‏ގަދަރު ކުޑަވާގޮތަކަށް ޢަމަލު ކުރުން‏.

ޤުރުއާނުގެ އާޔަތެއް ނުވަތަ ﷲގެ އިސްމުފުޅެއް ވިޔަސް އަކުރުތައް ވަކިވަކި ކޮށްގެން އެއްވެސް އެއްޗެއްގައި ލިޔެގެން ނުވާނެއެވެ. މީހުންގެ ގައިގައި ނުވަތަ ގުނަވަނެއްގައިވެސް ޤުރުއާން ލިޔެގެން ނުވާނެއެވެ. އަދި ޖުނުބުވެރި ނުވަތަ ޙަދަޘްވެރިހާލުގައި އަދި ފާޚާނާ ފަދަ ނަޖިސްތަންތަނުގައި ޤުރުއާން ކިޔަވައިގެންވެސް ނުވާނެއެވެ. މިނޫންވެސް މިފަދަ ގޮތްގޮތަށް އެފަދަ މީހުންގެ ޢަމަލުތައް ހުންނާނެއެވެ.

 1. ފާލުބެލުމާއި އިރުވަރު ބެލުން.

އަތްބެލުން ފާލުބެލުން އަދި އިރުވަރު ބަލާހެދުމަކީ ސިޙުރުވެރިންގެ ޢަމަލުތަކެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.  مَنْ أَتَى عَرَّافًا فَسَأَلَهُ عَنْ شَىْءٍ لَمْ تُقْبَلْ لَهُ صَلاَةٌ أَرْبَعِينَ لَيْلَةً – رواه مسلم  ” ފާލުބަލާމީހެއްގެ ގާތަށްގޮސް، އެމީހެއްގެ ގާތުން ކަމެއް އަހައިފި މީހެއްގެ ނަމާދު ސާޅީސް ރޭ ވަންދެން ޤަބޫލުނުކުރެވޭނެއެވެ.”

އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (( مَنْ أَتَى كَاهِنَا أَوْ عَرَّافَا فَصَدَقَه بِمَا يَقُوْلُ فَقَدْ كَفَرَ بِمَا أنْزَلَ عَلَى مُحَمَّد )) رواه الإمام أحمد 2\429 މާނައީ: “ކާހިނެއްގެ ގާތަށް ނުވަތަ އަތްބަލާމީހެއްގެ ގާތަށްގޮސް އެމީހުން ދައްކާވާހަކަ ތެދުކޮށްފިމީހާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމްގެ މައްޗަށް ބާވައިލެއްވި އެއްޗައްސަށް ކާފަރުވެއްޖެއެވެ.

 1. ޖަނަވާރެއް ނުވަތަ ދޫންޏެއް ކަތިލަން ބުނުން.

މާތްﷲ ނޫން ފަރާތަކަށް ކުރެވޭ ގުރުބާނީއަކީ ޝިރުކުގެ ތެރޭގައި ހިމެނޭކަމެކެވެ. އެފަދަ މީހުން ޖަނަވާރެއް ނުވަތަ ދޫންޏެއް ޛަބަޙަ(ކަތިލުމަށް) ކުރުމަށް ބުނެއެވެ.

 1. ތަވީދު އެޅުވުން.

ރައްކާތެރިކުރުމުގެ ޤަޞްދުގައި ރޮދިފަށާއި ބޮޅުފަދަ ތަކެއްޗާއި، ބަޑި އާއި ތަވީދާއި ފަންވަތްފަދަ ތަކެތި ޖިސްމުގައި އަޅައި ގެދޮރާއި މުދަލުގައި އެލުވާ ﷲ ނޫން ފަރާތަކުން އެހީއަށް ނުވަތަ މަދަދަށް އެދުމަކީ ޝިރުކުގެ ތެރެއިންވާ ކަންތައްތަކެވެ. ފަރުވާގެ ނަމުގައި އެއްވެސް އެއްޗެއް ތަނެއްގައި ބާއްވަން ނުވަތަ ފޮރުވާން ނުވަތަ ވަޅުލާން ބުނެގެން ނުވާނެއެވެ.

 1. އަކަ ކުރެހުން، ބޮޅު އެޅުން، އަދި ކާށި ޖެހުން.

ރުޤްޔާގެ ފަރުވާގެ ތެރޭގައި މިފަދަ އެއްވެސް ކަމެއް ކުރާނަމަ އެއީ ސިޙުރުވެރިންގެ ޢަމަލެކެވެ.

 1. ބަލިމީހާއަށް ފެންނަ ހުވަފެން އެކަން ކުރަން ނޭނގޭ ޙާލު ތަޢުބީރުކުރުން.

‏ހުވަފެން ތަޢުބީރު ކުރުމުގެ ޢިލްމަކީ އެކަމުގެ ޢިލްމު ލިބިފައިވާ މީހުންނަށް ނޫނީ އެނގޭނެ ކަމެއް ނޫނެވެ. އިމާމް މާލިކް ރަޙިމަހުﷲ އާއި ‏‏ސުވާލު ދެންނެވުނެވެ‏‎.‎‏ ކޮންމެ މީހަކަށްވެސް ހުވަފެން ތަޢުބީރުކުރެވިދާނެތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. “ނަބީކަންވަނީ މީސްތަކުން ކުޅޭ ‏‏ކުޅިވަރަކަށް ހެއްޔެވެ؟” އަދި އެކަލޭގެފާނު ވިދާޅުވިއެވެ. “ހުވަފެން ތަޢުބީރު ކުރެވޭނީ އެކަމުގެ ޢިލްމުލިބިފައިވާ މީހަކަށެވެ. އެ ‏‏ހުވަފެނަކުން ރަނގަޅުކަމެއް ފެނިއްޖެނަމަ އެކަމުގެ ޚަބަރުދޭށެވެ. އަދި ނުރުހޭކަމެއް ފެނިއްޖެނަމަ ހެޔޮ އެއްޗެއް މެނުވީ ނުބުނާށެވެ. ނޫނީ ‏‏ހަނު ހުންނާށެވެ‏‎.”

 1. ބަލިމީހާގެ ހަށިގަނޑަށް ޖިންނި ޝައިޠާނުން ވައްދާ، އެޝައިޠާނުންގެ ކިބައިން ކަންކަން އޮޅުން ފިލުވުން.

އެބައިމީހުން އެކިއެކި ގޮތްގޮތަށް ޖިންނީންގެ އެހީތެރިކަން ހޯދައެވެ. ސިޙުރު ހޯދުމުގެ ނަމުގައި ބަލިމީހާގެ ހަށިގަނޑަށް ޖިންނި ޝައިޠާނުން ވައްދާ އެތަކެއްޗާ ސުވާލުކުރެއެވެ. އިންސާނެއްގެ ހަށިގަނޑަށް ވަނުމުގެ އިޛުނަ ޖިންނިއަކަށް ދިނުމަކީ ހުއްދަވެގެންވާކަމެއްނޫނެވެ. އިންސާނުން ޖިންނީންގެ ކިބައިން ހޯދަން ޖެހޭ އެއްވެސް އެހީއެއް މަދަދެއް ނޯންނާނެއެވެ. އެއީ މުސްލިމު ޖިންނިއެއް ކަމުގައިވިއަސް މެއެވެ. މިއީ ޝިރުކުގެ ޢަމަލެކެވެ. ސޫރަތުލް ޖިންނިގެ 6 ވަނަ އާޔަތުގައި ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقًا – الجن 6

“އަދި އިންސީންގެ ތެރެއިން ފިރިހެންބަޔަކު، ޖިންނީންގެ ތެރެއިން ފިރިހެންބަޔެއްގެ ކިބައިން ރައްކާތެރިކަމަށް އެދޭކަމުގައިވޫއެވެ. ފަހެ (އެކަމުގެ ސަބަބުން) އެއުރެންނަށް (އެބަހީ: ޖިންނީންނަށް) އެއުރެން (އެބަހީ: އިންސީން) ކާފަރުކަމާއި ބޮޑާކަން އިތުރުކުރޫއެވެ.”

 1. ސިޙުރުވެރިޔާއަކީ ކޮބައިކަން ޝައިޠާނުންގެ އެހީތެރިކަމާއެކު ހޯދުން.

ސިޙުރުވެރިޔާއަކީ ކާކުކަން އެނގޭނީ ސިޙުރުވެރިޔާގެ އަމިއްލަ އިޢުތިރާފުން ނުވަތަ ސިޙުރު ހަދަނިކޮށް މީހަކަށް ފެނިގެންނެވެ. މި ނޫން ގޮތަކަށް ސިޙުރުވެރިޔާއެއް ޝަރުޢީ ގޮތަކުން ނުހޯދޭނެއެވެ. އަދި ހަދާފައިވާ ސިޙުރު ހޯދުމަށްވެސް ޝައިޠާނާގެ އެއްވެސް އެހީއެއް ހޯދައިގެން ނުވާނެއެވެ. އެއީ ހުވަފެން ފެނުނު ކަމުގައިވިޔަސް މެއެވެ.

 1. ޖިންނި ޝައިޠާނުން އިސްލާމު ކުރުވުމުގެ ނަމުގައި ދަޢުވަތުގެ އުޞޫލުތަކާ ޚިލާފުވެ އެތަކެތީގެ ވާހަކަތައް ޤަބޫލުކުރުން

ﷲ ގެ ދީނަށް ގޮވާލާ އެންމެހާ އިންސީންނާއި ޖިންނީން ނަރަކައިން ސަލާމަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ. ނަމަވެސް ޖިންނި ޝައިޠާނުންނާއި މުޢާމަލާތް ކުރުމުގައި ދަންނަން ޖެހޭ ‏ހަޤީޤަތަކީ ޖިންނި ޝައިޠާނުންނަކީ އިންސާނުންނަށް މުޅިންވެސް އޮޅުވާލުމާއި ދޮގު ހެދުމާއި ފިތުނު ފަސާދަ އުފައްދާ މަޚްލޫޤެއްކަމެވެ. ‏‏އެސޮރުމެންގެ އެއްވެސް ކަމެއް ޤަބޫލުކުރުމެއް ނެތެވެ. ‏

 1. ބޭނުންކުރާ ތަކެތި ނުވަތަ އަންނައުނު އުކާލުމަށް ނުވަތަ ހަލާކުކޮށްލުމަށް ބުނުން.

ބަލި މީހާގެ ގޭގައި ނުވަތަ ދިރިއުޅޭ ތަނުގައި ސިޙުރު ނުވަތަ ސިޙުރުގެ އަޘަރު ހުރުމަކީ ބޭނުންކުރާ އަންނައުނާއި ފަރުނީޗަރު އަދި ދެންވެސް ހިފާގެންގުޅޭ އެއްވެސް އެއްޗެއް އުކާލާ ހަލާކު ކޮށްލަން ޖެހޭ ސަބަބެއް ނޫނެވެ. އަދި ގޯތި ތެރޭގައި އިންދާފަ ހުންނަ ގަސްތައް ކަނޑާ އުކާލާކަށްވެސް ނުޖެހޭނެ އެވެ. ސިޙުރު ބާޠިލު ކުރުމަށް ސޫރަތުލް ފަލަޤް އަދި ނާސި ސޫރަތުގައިވާ 11 އާޔަތް ސިޙުރު ހަދާފައިވާ އެއްޗަކަށް ކިޔެވުމާއި އެކު ފުމެލުމުން އެ ސިޙްރެއް ބާޠިލް ވާނެއެވެ. އިން ޝާ ﷲ (ބައްލަވާ: އަލް ހާކިމް، އައްނަސާއި، އަހްމަދު، އައް ޠަބަރާނީ)

 1. ފަރުވާގެ ހުރިހާ ކަމެއް ރުޤްޔާކޮށްދޭ މީހާ ކުރުން.

ރޫޙާނީ ބަލިތަކުގައިވެސް އެކިކަހަލަ އެކި ދަރަޖައިގެ ބަލިތައް ހުރެއެވެ. ވަރަށް އާދައިގެ ކަމެއްވެސް ހުރެދާނެ އެވެ. އެންމެ ރަނގަޅު ގޮތަކީވެސް އެމީހަކު އަމިއްލަ ރުޤްޔާ ކުރުމެވެ. އަދި އަމިއްލައަށް ނުކުރެވޭ ފަދަ ހާލަތުގައި އެހެން މީހެއްގެ އެހީތެރިކަމަށް އެދުމެވެ. ނަމަވެސް ވަރަށް ކުޑަކުޑަ ފަރުވާއަކުންވެސް ރަނގަޅު ވެދާފަދަ ކަންކަން ބަލިމީހާ ލައްވާ ނުކުރުވާ ރުޤްޔާކޮށްދޭ މީހާ ހުރިހާ ކަމެއް ކުރެއެވެ. މިސާލަކަށް ރުޤްޔާކޮށްދޭ މީހާ އަބަދުވެސް ފެނަށް ނުވަތަ ތެލަށް ކިޔަވާފައި ދިނުން. ފަރުވާގެ ގޮތުގައި އެއްވެސް އެއްޗެއް ދޭނަމަ އެއީ ފެން އަދި ތެޔޮކަމުގައި ވިޔަސް އެތަކެއްޗަށް ކިވަން ވާނީ ބަލިމީހާގެ ހާޒިރުގައެވެ.

 1. ޝިފާ ލިބޭނެ މުއްދަތެއް ކަނޑައެޅުން.

މާތް ﷲ އީ ޝިފާ ދެއްވާ ހަމައެކަނި އިލާހެވެ. އެއިލާހުގެ ޝިފާ ފިޔަވާ އިތުރު ޝިފާއެއް ނުވެއެވެ. އަދި ޝިފާ ދެއްވާނެ ވަގުތެއް އެއްވެސް މީހަކަށް އެނގިގެން ނުވެއެވެ.

 1. ދެއްކުންތެރިކަން.

ރުޤްޔާ ކުރާމީހާ އަކީ މާމޮޅު މީހެއްކަން މިބައިމީހުންގެ ވާހަކަ ތަކުންނާއި ޢަމަލުތަކުން ފެނިގެންދެއެވެ. އެހެނީ ޝިފާ ދެއްވާ ފަރާތަކީ ރުޤްޔާ ކުރާމީހާކަމަށް އިޙްސާސް ކޮށްދެއެވެ. އަދި ތިމާ ނޫން ސައްޙަ ގޮތުގައި ރުޤްޔާ ކޮށްދޭން އެނގޭ މީހުން ނޫޅޭ ކަމަށް މި މީހުން ވަކާލާތު ކުރެއެވެ. އަދި އެބައިމީހުން ޢިލްމުވެރިންނަށް ފާޑުކިޔާ އެހެނީ ޝައިޚުންނަކީ ނުވަތަ ޢިލްމުވެރިންނަނީ ރުޤްޔާ އެނގޭނެ ބައެއް ނޫންކަމަށް ބުނެ ޢިލްމުވެރިން ރުޤްޔާގެ މަޢުލޫއިން ބޭރުކޮށް، ޢިލްމުވެރިންގެ ގަދަރު ކުޑަ ކުރެއެވެ.

 1. ބޮޑެތި ޢަދަދު ތަކުން ފައިސާ ނެގުން.

ކުރާ މަސައްކަތަށް އުޖޫރައެއް ނެގުން ޢިލްވެރިން ހުއްދަ ކުރައްވައެވެ. ނަމަވެސް މިފަދަ މީހުން އުޖޫރަ ނެގުމުގައި ކޮށްދޭ މަސައްކަތާއި ނަގާ ފައިސާގެ އުޖޫރަ ނުބައްދަލެވެ. އަދި ބައެއްފަހަރު އެޑްވާންސްކޮށް ފައިސާ ނަގައެވެ. އަދި ވަކި ޢަދަދެއް ކިޔައިގެންވެސް ފައިސާ ނަގައެވެ. ރުޤްޔާކުރުމަށް އުޖޫރު ނަގާނަމަ އެންމެ ރަނގަޅުގޮތަކީ ރުޤްޔާކުރާ މީހާ ރުޤްޔާކޮށް ނިމުމުން ބަލިމީހާގެ ފަރާތުން ދިން އެއްޗެއްގައި ހިފުމެވެ. ކުރީން ވަކި ޢަދަދެއް ކަނޑައަޅައިގެން ރުޤްޔާ ކުރުމެއް ނޫނެވެ.

 1. ރުޤްޔާކުރުމަށް ވަކިތާކަށް ގެންދިއުން އަދި ޚާއްސަ ވަގުތު ތަކެއް ކަނޑައެޅުން.

މިއީ ވަކިތާކަށް ގެންގޮސްގެން ކުރަން އޮންނަ ކަމެއް ނޫނެވެ. ބަލި މީހާ ގޮވައިގެން މޫދު ކައިރިއަށް ނުވަތަ ޤަބުރުސްތާނަށް ނުވަތަ އެހެންވެސް ތާކަށް ގެންދިއުމަކީ މިފަދަ މީހުންގެ ފަރާތުން ފެންނަ ކަމެކެވެ.

 1. ޖިންނި ޝައިޠާނުން ގެންގުޅުމާއި ޖިންނި ޝައިޠާނުންގެ ކިބައިން އެއްވެސް އެހީތެރިކަމެއް ހޯދުން.

އެއްވެސް އަސްލެއް ނުވާ ތަކެތި ގެނެސްދޭން ބުނުން ނުވަތަ ބޭނުން ކުރުން މިސާލަކަށް އަލިފާން، ދޮންވެލި، ކުކުޅު ބިސް، ގަސްގަހުގެ މާ، މިސްކިތު ވަޅުގެ ފެން، މިނޫންނަސް މިފަދަ އެންމެހާ ތަކެތި.

 1. ނުބައިވަސް ދުވާ އެއްޗެހި ބޭނުން ކުރުމާއި ދުން އެޅުން.

ނުބައިވަސް ދުވާ ޒާތުގެ އެއްޗެހި ގައިގައި ނުވަތަ ދިރިއުޅޭ ގޭގެ ތެރެއަށް އެޅުވުން. އެހެނީ އިންސާނުންނަށް ނުބައިވަސް ދުވާ ތަކެއްޗަށް ޝައިޠާނުން ލޯބި ކުރެއެވެ. ހަމަ އެހެންމެ ނުބައި ވަސްވަހަކީ މަލާއިކަތް ބޭކަލުންނަށް އޭގެސަބަބުން އުނދަގޫ ވާ އެއްޗެއްސެވެ. (ސަޙީހް މުސްލިމް 564)

 1. ޖިންނި މެރުމާއި އެއަށް އަދަބު ދިނުމުގެ ކުޅިވަރު ދެއްކުން.

ޖިންނީންގެ ކިބައިން ސަލާމަތްކުރުމަށޭ ބުނެ ޖީންނީން އަންދާ، ތަންތަނުގައި ބަނދެ ނުވަތަ ހައްޔަރުކޮށް، ފުޅި ‏‏ފުޅިއަށްލާ ‏‏އެކިކަހަލަ އަދަބުދީ ހަދާކަމަށް ބުނެއުޅެއެވެ. ނަމަވެސް މިއީ ދީނުގައި ސައްޙަ މަގުން ޘާބިތުވާން ހުރި ކަންކަމެއް ‏‏ނޫނެވެ. ގިނަ ފަހަރަށް މިފަދަ ‏‏ކަންކަމަކީވެސް ޝައިޠާނާ އިންސާނުންނަށް އޮޅުވާލަން ކުޅޭ މަކަރުވެރި ކުޅިވަރެކެވެ. ‏އިންސާނަކަށް ޝައިތޯނެއްގެ އުދަނގޫ ފޯރާފި ނަމަ އެކަމުން ސަލާމާތްވާ އޮތް މަގަކީ ކީރިތި ޤުރުއާނެވެ. ނުވަތަ ޝަރުޢީ ރުޤުޔާއެވެ. ‏‏ޖިންނިއެއް އަދި އިންސިއެއް ވިޔަސް ޙައްޤަކާއި ނުލައި އަނިޔާ ދީ މަރު ހިފުމުގެ ހައްގެއް ލިބިގެނެއް ނުވެއެވެ. ޝައިޚުލް އިސްލާމް އިބްނު ‏‏ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވަނީ ޖިންނީން ޤަތުލު ކުރުމާއި އިންސާނުން ޤަތުލުކުރުމުގެ ޙުކުމަކީ އެއް ޙުކުމެއްކަމުގައެވެ. ޖިންނިއެއް ‏‏އިންސާނަކަށް އުދަނގޫކޮށް އަނިޔާވެރިވުމަކީ ޙަރާމް ކަމެކެވެ. އެކަމުގައި އޮންނަ ﷲ ތަޢާލާގެ ޙުކުމްފުޅުތައް އޭނާއަށް ބަޔާންކޮށްދޭށެވެ. ‏‏އަދި އޭގެ މައްޗަށް ޙުއްޖަތް ޤާއިމު ކުރާށެވެ. ޖިންނިއެއް ކަމުގައިވިޔަސް ޙައްގަކާ ނުލާ މެރުމަކީ ހުއްދަކަމެއް ނޫނެވެ.‏

 

ސިޙުރުވެރިންގެ ފަރާތުން ފެންނަ ބޮޑެތި ބައެއް ޢަލާމާތްތައް:

 1. ޤިބްލައާއި ދެކޮޅަށް ހުރެ ނަމާދުކުރުން.
 2. އިރުއަރާ ވަގުތުގައި އިރުއޮއްސޭ ވަގުތު، އިރާއި ދިމާލުން މޫދަށް އެރި ހުރުން. އަދި ބައެއް ފަހަރު ބަރަހަނާ ހާލުގައިވެސް މޫދަށް އެރި ހުންނަތަން ފެނުން.
 3. ގޭގެ ދޮރުކަނީގައި އަތްޖައްސައިގެން ހުރެ ކިޔަވާތަން(ތުން ތަޅުވާތަން) ފެނުން.
 4. މީހުން ނޫޅޭ ވަގުތު ތަކުގައި ގޭގެއަށް ވަދެނިކުމެވާތަން ފެނުން.
 5. ހުއްދައެއް ނެތި ގޭގެއަށް ވަދެ މީހުންނާއި ވާހަކަ ނުދައްކާ އަދި ބައެއް ފަހަރު ހުއްޓިހުރެފަ ނިކުމެގެން ދިއުން.
 6. ގޭގެއާއި ދިމާލުން ހުއްޓި ހުރެ ދުޢާ ކުރާ ގޮތަށް އަތް އުފުލާއިގެން ހުރުން އަދި އެކިބައްޓަމަށް(މިސާލަކަށް ތިނެސްކަން ވާގޮތަށް) ހިނގުން.
 7. މިފަދަ ޢަލާމާތްތައް ގޯތި ގެދޮރުގެ އިތުރުން އޮޑިދޯނިފަހަރާއި ފިހާރަ ފަދަ ތަންތަނުންވެސް ފެނުން.
 8. ދަންވަރުގެ ވަގުތުގައި ބޭރުތެރޭގައި މީހުނަށް ނުފެންނަހެން ފިލަ ފިލައިގެން އުޅޭތަން ފެނުން.
 9. ކުޑަކުދިންގެ (ހަމައެކަނި) ބޮލުގައި ފިރުމުން ނުވަތަ ބޮލުގައި އަތް ބާއްވައިގެން ހުރުން.

 

ޝަރްޢީ ރުޤްޔާއިން ބޭރަށް ގިނަ މީހުން ކައްސާލައިގެން ދަނީ މައިގަނޑު 4 ކަމެއްގެ ސަބަބަބުންނެވެ. އެއީ:

ތަޤްވާވެރިކަން ނެތުން

ޠަލްޤު އިބްނު ޙަބީބު –ރަޟިޔަﷲ ޢަންހު- ވިދާޅުވެފައިވެއެވެ. “ފިތުނައެއް އުފެދިއްޖެނަމަ ތަޤުވާއިން އެފިތުނައެއް ނިއްވާލާށެވެ.” ވިދާޅުވިއެވެ. “އަދި ތަޤުވާއަކީ ކޮބައިތޯއެވެ” ވިދާޅުވިއެވެ. “އެއީ ﷲ ތަޢާލާ ގެ ފާރާތްޕުޅުން ލިބޭ ނޫރެއްގެމަތީގައި އެއިލާހުގެ ފަރާތްޕުޅުން ސަވާބަށް އެދޭޙާލު އެއިލާހަށް ކިޔަމަންތެރިވުމުގެ ޢަމަލުތައް ކުރުމެވެ. އަދި ﷲ ތަޢާލާގެ ފާރާތްޕުޅުން ލިބޭ ނޫރެއްގެ މަތީގައި ﷲ ތަޢާލާއަށް އުރެދޭކަންތައްތަށް، އެއިލާހުގެ ޢުޤޫބާތަށް ބިރުވެތިވާޙާލު ދޫކޮށްލުމެވެ.”

އިޚްލާސްތެރިކަން ނެތުން ނުވަތަ ދެއްކުންތެރިކަން

ބައެއް މީހުންގެ ކިބައިން ފެށުމުގައިވެސް އިޚްލާސްތެރިކަމެއް ނުހުރެއެވެ. އަނެއްބައި މީހުން މި ފަންނުގައި ކުރިއަށް ޖެހިލުމާއެކު އިޚްލާސްތެރިކަން ގެއްލި ދެއްކުންތެރިން ވަދެ މީހާ ހަލާކުވެގެން ދެއެވެ.

ފައިސާއަށް ދަހިވެތިވުން

މުދަލަކީ އިންސާނާ ހަލާކުވެގެން ހިނގައިދާނެ އެއް ސަބަބެވެ. ރުޤްޔާކޮށްދޭ މީހާ މިކަން ކުރަނީ ފައިސާ ހޯދުމުގެ ބޭނުމުގައި ކަމުގައިވާ ނަމަ އެމީހަކުވެސް ހަލާކުވެގެން ދާނެއެވެ.

 

ޢިއްފަތްތެރިކަން ނެތުން

ޝަޙުވަތަކީ އިންސާނާ ހަލާކުވެގެން ދާ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. އެހެނީ ޝަޙުވަތަށް ނުވަތަ ޒިނޭއަށް މަގުފަހިވާ އެއްވެސް ޢަމަލެއްގައި އެމީހަކު ޖެހިއްޖެ ނަމަ އެމީހަކުވެސް ހަލާކުވެ ދިއުމަށް މާ ގިނަ ވަގުތެއް ނުނަގާނެއެވެ.

މުޖްތަމަޢަށް މެސެޖެއް

ރުޤްޔާކުރުމުގެ ނަމުގައި އަޅުގަނޑުމެންގެ މުޖްތަމަޢުގައި ރުޤްޔާކުރުމުގެ ޢިލްމު ނެތް، އިޚްލާޞްތެރިކަން ނެތް، ފައިސާހޯދުމުގެ ނިޔަތުގައި އުޅޭ ބަޔަކު ދަނީ ރުޤްޔާގެ ނަމުގައި މީސްތަކުންނަށް އޮޅުވާލައި، ބޮޑެތި ޢަދަދު ތަކުން ފައިސާ ނަގައި، ޖިންނި ޝައިޠާނުން ގެންގުޅެ އެތަކެތީގެ އެހީތެރިކަން ހޯދައި، ސިޙްރު ހަދައި، އެމީހުންގެ ޣަރީޒާތައް ޙާޞިލްކޮށް، ރަށްރަށުގައި ފިތުނަ ފަސާދަ އުފައްދާ ރަށްރަށް ހަލާކުކުރަމުންނެވެ. މިފަދަ މީސްމީހުންގެ ކެހިވެރި މަޅީގައި އަހަރެމެން ނުޖެހި ސަލާމާތްވާން އޮތީ މިކަމުގެ ޞައްޙަ މަޢުލޫމާތު އުނގެނި ދަސްކޮށްގެންނެވެ. އަދި މި ފަދަ މަޢުލޫމާތުތައް މުޖްތަމަޢުގައި ފަތުރައިގެންނެވެ.

އަހަރެމެން ވަކީލުކުރަނީ ހަމައެކަނި ﷲ އަށެވެ. އެފަރާތަށް މެނުވީ އަހަރެމެން ބިރުވެތި ނުވަމެވެ.