19– ﷲ ގެ މާނައަކީ ކޮބާ؟
ޖަވާބު: ﷲ ގެ މާނައަކީ އިލާހުވަންތަކެވެ. އެއީ ޢަރަބިބަހުގެ “އަލިހަ” “ޔަހްލައު” އިން ނެގިފައިވާ ކަލިމައެކެވެ. މާނައަކީ ހުރިހާ އެންމެންވެސް އެފަރާތަކަށް ބޭނުންވެގެންވާ ފަރާތް، އަދި ހުރިހާ ޚަލްޤުތަކުންގެ ހުރިހާ އަޅުކަމެއްވެސް ޚާއްޞަކުރެވޭ ފަރާތެވެ.
20- ﷲ ސުބްޙާނަހޫ ވަތަޢާލާ، ތިބާ ހައްދަވާފައިވަނީ ކީއްކުރަން؟
ޖަވާބު: ހަމައެކަނި އެއިލާހަށް އަޅުކަންކުރުމަށްޓަކައެވެ.
21- ﷲ އަށް ކުރެވޭ އަޅުކަމަކީ ކޮބާ؟
ޖަވާބު: އެއީ އެއިލާހު އެއްކައުވަންތަކުރުމާއި އެއިލާހަށް ކިޔަމަންގަތުމެވެ.
22- އެކަމުގެ ދަލީލަކީ ކޮބާ؟
ޖަވާބު: ﷲ ސުބްޙާނަހޫ ވަތަޢާލާގެ މި ބަސްފުޅެވެ. “وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ” الذاريات: ٥٦ މާނަ: “އަދި ތިމަންއިލާހު ޖިންނީންނާއި އިންސީން ހަމައެކަނި ތިމަން އިލާހަށް އަޅުކަންކުރުމަށް މެނުވީ ނުހައްދަވަމެވެ.”
= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =