30- ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ އަލީގައި، ﷲ ނޫން ފަރާތަކަށް އެއްޗެއް ކަތިލުމުގެ ޙުކުމަކީ ކޮބައިކަން ބަޔާންކުރޭ؟
ޖަވާބު: ﷲ ނޫން ފަރާތަކަށް އެއްޗެއް ކަތިލައިފި މީހެއްގެ ޙުކުމަކީ އޭނާ އަކީ މުރުތައްދުވެ ކާފިރުވެފައިވާ މީހެކެވެ. އޭނާ އެކަތިލި އެއްޗެއް ކެއުން ހުއްދަނުވާނެއެވެ. އެއީ އޭގައި އެކެއުން މަނާކުރާ ދެސަބަބެއް ޖަމާވެފައިވާތީއެވެ. ފުރަތަމައީ އެއީ މުރުތައްދުވެފައިވާ މީހަކު ކަތިލި އެއްޗަކަށް ވީކަމެވެ. މުރުތައްދުވެފައިވާ މީހަކު ކަތިލާއެއްޗެއްގެ މަސްކެއުން ހުއްދަ ނުވާނޭކަމަށް ޢިލްމުވެރިން އިޖްމާޢުވެފައިވެއެވެ. ދެވަނައީ އެއީ ﷲ ނޫން ފަރާތަކަށް ކަތިލެވުނު އެއްޗަކަށް ވީކަމެވެ. މިކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ މި އާޔަތުގައި ޙަރާމްކުރައްވާފައިވާ ކަމެކެވެ. “قُلْ لاَ أَجِدُ فِي مَا أُوحِيَ إِلَيَّ مُحَرَّمًا عَلَى طَاعِمٍ يَطْعَمُهُ إِلاَّ أَنْ يَكُونَ مَيْتَةً أَوْ دَمًا مَسْفُوحًا أَوْ لَحْمَ خِنْزِيرٍ فَإِنَّهُ رِجْسٌ أَوْ فِسْقًا أُهِلَّ لِغَيْرِ اللَّهِ بِهِ” الأنعام: ١٤٥ މާނަ: “ކާމީހެއްގެ މައްޗަށް ކެއުން ޙަރާމްކުރައްވާފައިވާ އެއްޗެއް، ތިމަންކަލޭގެފާނަށް ބާވައިލެއްވޭ ވަޙީގެ ތެރޭގައިވާތީ ތިމަންކަލޭގެފާނު ނުދެކެމެވެ. މުޅަތަކެއްޗާއި އޮހޮރޭ ލެޔާއި އޫރުމަހާ މެނުވީއެވެ. ފަހެ ހަމަކަށަވަރުން އެތަކެއްޗަކީ ނަޖިހެވެ. (ހަޑިމުޑުދާރު އެއްޗިއްސެވެ.) އަދި ﷲ ނޫން ފަރާތަކަށް ކަތިލާފައިވާ ފާސިޤުއެއްޗެއް މެނުވީއެވެ. (އެވެސް ޙަރާމެވެ)”
= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =