32- ނިފާޤުގެ ވައްތަރުތަކަކީ ކޮބާ؟ އަދި އޭގެ މާނައަކީ ކޮބާ؟
ޖަވާބު: ނިފާޤު ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ އިޢުތިޤާދުގެ ނިފާޤާއި ޢަމަލުގެ ނިފާޤެވެ.
އިޢުތިޤާދުގެ ނިފާޤަކީ ހިތުން އިސްލާމްނުވެ ދުލުން ތިމަންނަމެންނަކީ މުސްލިމުންނޭ ބުނެއުޅުމެވެ. އިޢުތިޤާދުގެ ނިފާޤުގެ ވާހަކަ ކީރިތި ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަރަށް ގިނަ އާޔަތްތަކުގައި ބަޔާންކުރައްވާފައިވެއެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ މިބައިމީހުން ތިބޭނެ ތަނަކީ ނަރަކައިގެ އެންމެ އަޑީ ވަތްގަނޑުކަމުގައި ހަމަޖައްސަވާފައެވެ.
ޢަމަލުގެ ނިފާޤުގެ ވާހަކަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ދެ ޙަދީޘްގައި އައިސްފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. أَرْبَعٌ مَنْ كُنَّ فِيهِ كَانَ مُنَافِقًا خَالِصًا ، وَمَنْ كَانَتْ فِيهِ خَصْلَةٌ مِنْهُنَّ كَانَتْ فِيهِ خَصْلَةٌ مِنَ النِّفَاقِ حَتَّى يَدَعَهَا إِذَا اؤْتُمِنَ خَانَ وَإِذَا حَدَّثَ كَذَبَ وَإِذَا عَاهَدَ غَدَرَ ، وَإِذَا خَاصَمَ فَجَرَ (رواه البخاري) “ހަތަރުކަމެއް އެމީހެއްގެ ކިބައިގައި ހުރެއްޖެ މީހަކީ ޚާލިޞް މުނާފިޤެކެވެ. މިހަތަރު ކަންތަކުގެ ތެރެއިން ކަމެއް ހުރެއްޖެމީހާ، މުނާފިޤުކަމުގެ މިންވަރެއް އެމީހެއްގެ ކިބައިގައި ހުރެއްޖެއެވެ. އެއީ އޭނާ އެކަން ދޫކޮށްފުމަށް ދާނދެނެވެ. އެކަންތައްތަކަކީ؛ އޭނާއާ އަމާނާތެއް ޙަވާލުކުރެވިއްޖެއްޔާ އޭނާ އެ އާމާނާތަށް ޚިޔާނާތްތެރިވެއެވެ. އަދި އޭނާ ވާހަކަދައްކައިފިއްޔާ ދޮގުހަދައެވެ. އަދި އޭނާ ޢަހުދެއްވެއްޖެއްޔާ އެ ޢަހުދާ ޚިލާފުވެއެވެ. ކަމަކާމެދު ވާހަކަދައްކައި ބަހުސްކޮށްފިނަމަ ޙައްޤުން އެއްކިބާވެއެވެ.” އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. آيَةُ الْمُنَافِقِ ثَلَاثٌ إِذَا حَدَّثَ كَذَبَ وَإِذَا وَعَدَ أَخْلَفَ وَإِذَا اؤْتُمِنَ خَانَ (رواه البخاري) މާނައަކީ: “މުނާފިޤުންގެ ޢަލާމާތްތައް ތިނެކެވެ. އޭނާ ވާހަކަ ދައްކައިފި ނަމަ ދޮގު ހަދާނެއެވެ. އަދި ވަޢްދެއްވެއްޖެނަމަ އެއާ ޚިލާފުވާނެއެވެ. އަދި އަމާނާތެއް ޙަވާލު ކުރެވިއްޖެނަމަ އެއަށް ޚިޔާނާތްތެރި ވާނެއެވެ.”
ބައެއް މާތްމީހުން ބުނުއްވާފައިވެއެވެ. މި ނިފާޤުކަން ފަހަރެއްގައި އިސްލާމްކަމާވެސް އެއްވެދާނެއެވެ. އެކަމަކު މި މުނާފިޤުކަން ބޮޑުވަމުން ފުޅާވަމުންގޮސް މުނާފިޤުކަން އަށަގެންފައިވާ މީހާ އިސްލާމްދީނުން މުޅިން ކަސިޔާރުކޮށްލަފާނެއެވެ. އެމީހާ ނަމާދުކޮށް، ރޯދަހިފައި، މުސްލިމެއްކަމުގައި ބުންޏަސްމެއެވެ. މުނާފިޤުކަމުގެ މިކަންކަމަކީ އީމާންކަން ނަހީކުރާ ކަންތައްތަކެވެ. މުނާފިޤުކަމުގެ ޢަލާމާތްތައް ހަށިގަނޑުގައި ޖަމާވެއްޖެނަމަ، އަދި އެކަންތައްތައް މަނާކުރާނެ ހިތްވަރެއް އެހަށިގަނޑުގައިވާ އީމާންކަމަށް ލިބިގެންނުވާނަމަ، ފަހެ އެމީހާ ޚާލިޞްމުނާފިޤެއްކަމުގައި މެނުވީ ނުވެއެވެ.
= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =