ތައުޙީދުގެ ވައްތަރުތައް

40– ތައުޙީދުގެ ވައްތަރުތަކަކީ ކޮބާ؟

ޖަވާބު:

1- ތައުޙީދުއް ރުބޫބިއްޔާ: އެއީ ރައްބުވަންތަކަމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އެއްކައުވަންތަކުރުމެވެ. މިވައްތަރުގެ ތައުޙީދަށް މައްކާގެ ކާފިރުންވެސް އިޤްރާރުވިއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. “قُلْ مَنْ يَرْزُقُكُمْ مِنَ السَّمَاءِ وَالْأَرْضِ أَمَّنْ يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَنْ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَنْ يُدَبِّرُ الْأَمْرَ فَسَيَقُولُونَ اللَّهُ فَقُلْ أَفَلَا تَتَّقُونَ”  يونس: ٣١  މާނަ: “ކަލޭގެފާނު ވިދާޅުވާށެވެ! އުޑާއިބިމުން ތިޔަބައިމީހުންނަށް ރިޒްޤުދެއްވަނީ ކާކުތޯއެވެ؟ ނުވަތަ އިވުމާއި ފެނުންތައް މިލްކުވެ ޚާއްޞަވެގެންވަނީ ކާކަށްތޯއެވެ؟ އަދި މަރުވެފައިވާ ތަކެތީން ދިރޭތަކެތި، އަދި ދިރޭތަކެތީގެ ތެރެއިން މަރުވެފައިވާ ތަކެތި ނެރުއްވައި އަދި ކަންތައްތައް ތަދުބީރުކުރައްވަނީ ކާކުތޯއެވެ؟ (އޭގެ ޖަވާބުގައި) އެމީހުން ބުނާނެއެވެ. އެއީ ﷲ އެވެ. ފަހެ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ފަހެ ބިރުވެތިނުވާނޭ ހެއްޔެވެ؟”

 2- ތައުޙީދުލް އުލޫހިއްޔާ: އެއީ ހުރިހާ ޚަލްޤުތަކުންވެސް އެޚަލްޤުތަކުން ކުރާ ހުރިހާ އަޅުކަންތައް ހަމައެކަނި ﷲ އަށް ޚާލިޞްކުރުމެވެ. ޢަރަބިބަހުގައި އިލާހަކީ އަޅުކަންކުރުން ޙައްޤުފަރާތެވެ. ޖާހިލިއްޔަ ޒަމާނުގައި ބުނެއުޅެއެވެ. އިލާހުންތަކުގެ އިލާހަކީ ﷲ އެވެ. އެކަމަކު އެމީހުންދިޔައީ ﷲ އީ އިލާހުކަން ޤަބޫލުކުރާ ޙާލުވެސް އެހެނިހެން އިލާހުންތައް އެއިލާހަށް އަޅުކަންކުރުމުގައި ބައިވެރިކުރަމުންނެވެ. މިސާލަކަށް ޞާލިޙު މީހުންނަށް އަދި މަލާއިކަތުންނަށްވެސް ބައެއް މީހުން އަޅުކަންކޮށްއުޅުނެވެ. އަދި އަނެއްބަޔަކު ބުނެއުޅުނުގޮތުގައި އެފަދަ ގޮތަކަށް އަޅުކަންކުރުމުގައި ބަޔަކު މެދުވެރިކޮށް ބައިވެރިކުރުމުގެ ސަބަބުން އެމީހުންނަށް ﷲ ރުއްސަވާވޮޑިގަތުން ލިބުން އަވަސްވެ އަދި އެކަމުގެ ސަބަބުން އެބައިވެރިކުރާ ފަރާތްތަކުގެ ޝަފާޢަތް އެމީހުންނަށް ﷲ ގެ ޙަޟްރަތުގައި ލިބޭނެއެވެ. ނަމަވެސް މިއީ ތެދު ވާހަކަތަކެއް ނޫނެވެ.

 3- ތައުޙީދުލް އަސްމާއި ވައްޞިފާތި: މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ނަންފުޅުތަކުގައި އަދި ސިފަފުޅުތަކުގައި އެއިލާހު އެއްކައުވަންތަކުރުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތަކަށާއި ސިފަފުޅުތަކުގައި އެއްކައުވަންތަކުރުމާ ނުލާ، ތައުޙިދުއް ރުބޫބިއްޔާއާއި އަދި ތައުޙިދުއްރުބޫބިއްޔާވެސް ސީދާނުކުރެވޭނެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ސިފަތަކަށް އެންމެ ފާޅުކަންބޮޑު ގޮތެއްގައި އިންކާރު ކުރީ ކާފިރުންނެވެ. އެމީހުންނަށް އެކަން އެނގިހުރެވެސް މެއެވެ.

= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =