މަންމަ ދަރިފުޅު މަރާލައިފިނަމަ ނުވަތަ އެބޯރޓްކޮށްލައިފިނަމަ އެކަމުގެ މައްޗަށް ބިނާވާ ޙުކުމްތައް

މައިމީހާ އޭނާގެ ދަރިފުޅު މަރާލައިފިނަމަ ޤިޞާޞް ހިފޭނެތޯ ނުވަތަ ނޫންތޯ މިއީ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުއުފެދިފައިވާ މައްސަލައެކެވެ. މިކަމުގައި ދެ ޤައުލެއްވެއެވެ.

1- ފުރަތަމަ ޤައުލު: ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ މަންމައަކު ދަރިފުޅު މަރާލައިފިނަމަ، މަންމަގެ ކިބައިން ޤިޞާޞް ނުހިފޭނެކަމަށެވެ. އެބޭކަލުންގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ.

عَنْ ابْنِ عَبَّاسٍ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((لَا تُقَامُ الْحُدُودُ فِي الْمَسَاجِدِ وَلَا يُقْتَلُ الْوَالِدُ بِالْوَلَد)) [رواه الترمذي (1401)]

މާނައީ: އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “މިސްކިތްތަކުގައި ޙައްދު ޤާއިމު ނުކުރާށެވެ. އަދި ދަރިފުޅު މަރާލައިގެން އެކަމުގެ ސަބަބުން ބައްޕަ ޤަތުލުނުކުރާށެވެ.”
މި ޙަދީޘްގެ ޞައްޙަކަމާމެދު އިޚްތިލާފު އުފެދިފައިވެއެވެ. ޢިލްމުގެ އަހުލުވެރިންގެ ތެރެއިން ވަރަށް ގިނަ ބޭކަލުން މި ޙަދީޘް ޟަޢީފުކަމަށް ވިދާޅުވެއެވެ. އޭގެ ތެރޭގައި علي بن المديني އާއި الترمذي އާއި ابن القطان އާއި عبد الحق الأشبيلي އަދި أحمد شاكر ހިމެނެއެވެ. تحقيق المسند ގައި މި ޙަދީޘަކީ ޙަސަން ދަރަޖައިގެ ޙަދީޘެއްކަމަށް شعيب الأرنؤوط ވިދާޅުވެފައިވެއެވެ. އަދި ގައި މި ޙަދީޘް އައިސްފައިވާ ހުރިހާ ޠުރުޤަކަށް ބަލާއިރު ޞައްޙަ ކަމަށް ޝައިޚް އަލްބާނީ، “إرواء الغليل”ގައި ކަނޑައަޅުއްވާފައިވެއެވެ.

އަދި މިބޭކަލުން މިކަމަށް ތަޢުލީލެއް (ސަބަބެއް) ވެސް ބަޔާންކުރައްވައެވެ. މިބޭކަލުން ވިދާޅުވަނީ ދަރިފުޅު ދުނިޔެއަށް އައުމުގެ ސަބަބަކަށް (މެދުވެރިއަކަށް) ވަނީ މަންމަކަމަށެވެ. އެހެންކަމުން މަންމަ ނައްތާލުމުގެ (ޤިޞާޞްހިފުމުގެ) ސަބަބަކަށް ދަރިފުޅު ވެގެންނުވާނޭ ކަމަށެވެ. މާނައަކީ އަޞްލެއް ނައްތާލުމުގެ ސަބަބަކަށް ފަރުޢެއް ވެގެންނުވާނެ ކަމަށެވެ. މި ތަޢުލީލަކީވެސް ރަނގަޅު ތަޢުލީލެއް ނޫނެވެ. އެހެނީ މަންމަ ޤަތުލުކޮށްލެވެނީ ޙަޤީޤަތުގައި ދަރިފުޅުގެ ސަބަބަކުން ނޫނެވެ. މަންމަ އަމިއްލައަށް ކުރި ނުބައި ޢަމަލެއްގެ ސަބަބުންނެވެ. އެއީ ދަރިފުޅުގެ ސަބަބުން ވީކަމެއް ނޫނެވެ. މަންމަ އަމިއްލައަށް އަރައިގަތް ކަމެކެވެ. (ބައްލަވާ: ”فتاوى إسلامية” (3/355((

2- ދެވަނަ ޤައުލު: ދަރިފުޅު މަރާލުމުގެ ސަބަބުން މަންމަގެ ކިބައިން ޤިޞާޞް ހިފޭނެއެވެ. މިއީ އިމާމު މާލިކުގެ ޤައުލެވެ. އަދި ابن نافع އާއި ابن الحكم އާއި ابن المنذر ގެ ރައުޔަކީވެސް މިއެވެ. (ބައްލަވާ: ”المغني ” (8/ 277(( މިބޭކަލުންގެ ދަލީލަކީ ޤިޞާޞްހިފުމަށް ވާރިދުވެފައިވާ އާޔަތްތަކާއި ޙަދީޘްތަކެވެ.
އޭގެ ތެރޭގައި:

﴿يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى﴾ [سورة البقرة 178]
މާނައީ “އޭ އީމާންވެއްޖެ މީސްތަކުންނޭވެ މާރާލެވޭ މީހުންނާމެދު ޤިޞާޞްހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟުކުރައްވައިފިއެވެ.”
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

((لَا يَحِلُّ دَمُ امْرِئٍ مُسْلِمٍ يَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنِّي رَسُولُ اللَّهِ إِلَّا بِإِحْدَى ثَلَاثٍ الثَّيِّبُ الزَّانِي وَالنَّفْسُ بِالنَّفْسِ وَالتَّارِكُ لِدِينِهِ الْمُفَارِقُ لِلْجَمَاعَةِ)) [رواه البخاري (6878) ومسلم (1676)]

މާނައީ: “ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާ ކަމަށާއި ތިމަންކަލޭގެފާނީ ﷲ ގެ ރަސޫލާ ކަމަށް ހެކިވާ މީހެއްގެ ލޭ، ތިންކަމަކުން މެނުވީ ހުއްދައެއް ނުވެއެވެ. އެއީ ކައިވެނީގެ ރަހަ ލިބިހުރެ ޒިނޭކުރާ މީހާއާއި މަރަށް މަރުހިފޭ މީހާއާއި، ދީން ދޫކޮށް (މުރުތައްދުވެ) އިސްލާމީ ޞައްޙަ ޖަމާޢަތާ ވަކިވެގަންނަމީހާއެވެ.”

މިފަދަ ދަލީލުތަކެވެ.

މިމައްސަލާގައި ރާޖިޙު ގޮތަކީ ދަރިފުޅު މަރައިގެން މަންމަ ޤަތުލު ކުރެވޭނެކަމަށް ބުނާ ރައުޔެވެ. ދަރިފުޅު މަރައިލި މަންމަ ނުމެރޭނެކަމަށް ގެންނަ ދަލީލަކީ، ޟަޢީފް ދަލީލެކެވެ. ޤިޞާޞް ހިފުމުގެ ވާޖިބުކަމާއިމެދު ޢާއްމުކޮށް އައިސްފައި ހުރި ޞައްޙަ ނައްޞުތަކާއި ދެކޮޅަށް މިފަދަ ޟަޢީފް ޙަދީޘަކުން ދަލީލެއް ނުކުރެވޭނެއެވެ. ދެންފަހެ މިކަމުގައި (ޤިޞާޞް ހިފުމުގައި) ފަރުވާކުޑަކޮށް އަޅައިލުން ނުބަހައްޓައިފި ނަމަ އޭގެއިން ކޮންމެ މީހަކުވެސް އޭނާގެ ދަރިފުޅަށް ޙަމަލާދީ ދަރީން މަރައިފާނެއެވެ.

 

މީހަކު މެރުމުގައި ބައިވެރިވާ މީހަކަށް އަދަބު ކަނޑައެޅުމުގައި ތިން ގޮތަކަށް ޢަމަލު ކުރެވެއެވެ. އެއީ ޤަތުލުކުރެވޭ ގޮތަގެ މައްޗަށް ބިނާކޮށެވެ.

ހ- ޤަތުލު ޢަމްދު (ޤަޞްދުގައި މީހަކު މެރުން) Intentional Killing
ށ- ޤަތުލު ޝިބްހު ޢަމްދު (ޤަޞްދަކާ ނުލައި މީހަކު މެރުމާއި) Quasi-intentional Killing
ނ- ޤަތުލު ޚަޠައު (އޮޅިގެން މީހަކު މެރުމެވެ.) Accidental Killing
އެހެންވީމާ މަންމައަކު ދަރިފުޅު މެރުމުގައިވެސް މި ތިން ބާވަތުގެ ތެރެއިން ދަރިފުޅު މެރުން ވަންނަނީ ކޮން ބާވަތަކަށްތޯ ބަލާފައި މެނުވީ އަދަބު ކަނޑައެޅުމެއް ނުވެއެވެ.

އެގޮތުން:

1- ޤަތުލު ޢަމުދު : Intentional Killing ޤަސްދުގައި މަރާލުން، މިސާލަކަށް މަންމައަކު ދަރިފުޅު ޤަޞްދުގައި ކަރުގައި ހިފާފައި މަރާލުން. މިކަމުގައި ޢަމަލު ކުރެވޭނެ ގޮތަކީ ކުރީން ބަޔާންވެދިޔަ ފަދައިން މަންމަގެ ކިބައިން ޤިޞާޞް ހިފާނީއެވެ. ޤިޞާޞް ނުހިފައި މަރުގެ ދިޔަ ނެގުމަށް މަޤްތޫލުގެ ވާރިޘުން ނިންމައިފިނަމަ މަރުގެ ދިޔަ ދޭން ޖެހޭނެއެވެ. މީގައި ދިޔަ ތަޙައްމަލު ކުރާނީ ޤާތިލެވެ. ޤާތިލުގެ ޢާއިލާގެ ތެރެއިން ފިރިހެނުންނެއް ނޫނެވެ.

ޤަޞްދުގައި މީހަކު މަރާލުމަކީ ވަރަށް ބޮޑު ފާފައެކެވެ. ތިން ޙައްޤެއް އޭގައި އެކުލެވިގެންވެއެވެ. އެއީ ﷲ ގެ ޙައްޤާއި މަޤްތޫލު (މަރާލެވުނު މީހާ) ގެ ޙައްޤާއި މަޤްތޫލުގެ ޢާއިލާމީހުންގެ ޙައްޤެވެ. އެހެންކަމުން ޤަސްދުގައި މީހަކު މަރާމީހާ ތައުބާވުމުން ﷲ ތަޢާލާ އެއިލާހުގެ ޙައްޤު މަޢާފުކޮށް ދެއްވިޔަސް، މިއަދު ދުނިޔޭގައި މަޢާފުކޮށްދޭކަށް މަޤްތޫލެއް ނެތެވެ. ދުނިޔޭގައި ތިބި ބަޔަކީ މަޤްތޫލުގެ ޢާއިލާ މީހުންނެވެ. އެހެންކަމުން މިކަމުގައި ތިންގޮތެއް އެމީހުންނަށް އިޚްތިޔާރު ލިބިގެންވެއެވެ.

ޤަތުލު ޢަމުދު (ގަސްތުގައި މަރާލުމުގައި) ވާރިޘުންނަށް ތިން އިޚްތިޔާރެއް ލިބިގެންވެއެވެ.
ހ- ޤިޞާޞް ހިފުން ނުވަތަ

ށ- މަރުގެ ދިޔަ ދިނުން ނުވަތަ

ނ- މަޢާފުކުރުން

2- ޤަތުލު ޝިބްހު ޢަމްދު:Quasi-intentional Killing  މިއީ މަރާލުމުގެ ޤަސްދެއް ނެތި ކަމެއް ކުރަނިކޮށް މަރުވުމެވެ. މިސާލަކަށް ދަރިއަކު ގައިގައި ރުޅި އައިސްގެން ޖެހިތަނާ އެކުއްޖާ މަރުވުމެވެ. މަރަށް ވާޞިލުވާ މިބާވަތުގެ ކަމެއް ކުރެވިއްޖެނަމަ ދެކަމެއް ކުރުން ވާޖިބުވާނެއެވެ. އެއީ:

ހ- ކައްފާރާ ދިނުން- އެއީ މުއުމިނު އަޅަކު މިނިވަންކުރުމެވެ. އެކަމަށް ކުޅަދާނަވެގެން ނުވާނަމަ ޖެހިޖެހިގެން ދެމަސްދުވަހު ރޯދަ ހިފުމެވެ.

ށ- މަރުގެ ދިޔަ ދިނުން– މަރުގެ ދިޔައަށް ޒިންމާވާނީ ޤާތިލުގެ ބައްޕަ ފަރާތުގެ ފިރިހެނުންނެވެ. އެގޮތުން ބައްޕަ، ފިރިހެން ދަރީން، ބޭބެއިން، ބައްޕަ ފަރާތުން ބޮޑުބޭބެއިންނާއި އެބޮޑުބޭބެއިންގެ ފިރިހެން ދަރީންވެސް ހިމެނޭނެއެވެ. ވިހޭއިރު ދިރިހުރި އޭގެ ފަހުގައި އޮޅުމަކުން މަރުވި ފިރިހެން ކުއްޖާގެ މަރުގެ ދިޔައަކީ ހަމަ ބޮޑު ފިރިހެނެއްގެ މަރުގެ ދިޔައިގެ މިންވަރެވެ. އެއީ ސަތޭކަ ޖަމަލެވެ. ވިހޭއިރު ދިރިހުރި އޭގެ ފަހުގައި އޮޅުމަކުން މަރުވި އަންހެން ކުއްޖާގެ މަރުގެ ދިޔައަކީ ހަމަ ބޮޑު އަންހެނެއްގެ މަރުގެ ދިޔައިގެ މިންވަރެވެ. އެއީ ފަންސާސް ޖަމަލެވެ.

ޤަތުލު ޝިބްހު ޢަމުދު (ޤަޞްދަކާ ނުލާ މީހަކު މެރުމު) ގައި ޤިޞާޞް އެއް ނުހިފޭނެއެވެ.

3- ޤަތުލު ޚަޠައު:Accidental Killing  މަންމަ އަތުން ދަރިފުޅަކު އޮޅިގެން މަރުވުން: މި ޙާލަތުގައި މަންމަގެ މައްޗަށް ޤިޞާޞް ވާޖިބެއް ނުވާނެއެވެ. މީގެ މިސާލަކީ ދަރިފުޅު ގައިގެ ދަށުގައި އަޅާ ބެޑް ޝީޓެއް ފޮތިގަނޑެއް ފަދަ އެއްޗެއް ދަރިފުޅު ކަރުގައި އޮޅިގެން ނޭވާ ނުލެވިގެން ނުވަތަ މޫނުމަތީގައި އެފަދަ އެއްޗެއް އެޅިގެން ހާސްވެގެން ނޭވާ ނުލެވިގެން މަރުވުމެވެ. ނުވަތަ ދަރިފުޅަށް ކާންދޭން ނުޖެހޭ އެއްޗެއް ކާންދެވިގެން، ނުވަތަ ނުބައި ބޭހެއް ބޯން ދެވިގެން ދަރިފުޅު މަރުވުން ފަދަ ކަންކަމެވެ. މަރަށް ވާޞިލުވާ މިބާވަތުގެ ކަމެއް ކުރެވިއްޖެނަމަ ދެކަމެއް ކުރުން ވާޖިބުވާނެއެވެ. އެއީ އަންނަނިވި އާޔަތުގައި އަންގަވާފައިވާ ދެކަމެވެ.
(وَمَا كَانَ لِمُؤْمِنٍ أَنْ يَقْتُلَ مُؤْمِناً إِلا خَطَأً وَمَنْ قَتَلَ مُؤْمِناً خَطَأً فَتَحْرِيرُ رَقَبَةٍ مُؤْمِنَةٍ وَدِيَةٌ مُسَلَّمَةٌ إِلَى أَهْلِهِ) [النساء92]

“ކުށަކުން، އޮޅިގެންމެނުވީ މުއުމިނަކު މެރުމަކީ، މުއުމިނަކަށް އޮތްކަމެއްނޫނެވެ. އަދި، ކުށަކުން އޮޅިގެން މުއުމިނަކު މަރައިފިމީހާ (ދަންނާށެވެ) ފަހެ، އޭނާއަށްހުރީ، މުއުމިނު އަޅަކު މިނިވަންކުރުމާއި، އެ މަރުވިމީހާގެ އަހުލުވެރިންނާ ޙަވާލު ކުރެވޭގޮތުގައި، މަރުގެދިޔަ ދިނުމެވެ.”

ހ- ކައްފާރާ ދިނުން- އެއީ މުއުމިނު އަޅަކު މިނިވަންކުރުމެވެ. އެކަމަށް ކުޅަދާނަވެގެން ނުވާނަމަ ޖެހިޖެހިގެން ދެމަސްދުވަހު ރޯދަ ހިފުމެވެ.

ށ- މަރުގެ ދިޔަ ދިނުން – މަރުގެ ދިޔައަށް ޒިންމާވާނީ ޤާތިލުގެ ބައްޕަ ފަރާތުގެ ފިރިހެނުންނެވެ. އެގޮތުން ބައްޕަ، ފިރިހެން ދަރީން، ބޭބެއިން، ބައްޕަ ފަރާތުން ބޮޑުބޭބެއިން ނެވެ. ވިހޭއިރު ދިރިހުރި އޭގެ ފަހުގައި އޮޅުމަކުން މަރުވި ފިރިހެން ކުއްޖާގެ މަރުގެ ދިޔައަކީ ހަމަ ބޮޑު ފިރިހެނެއްގެ މަރުގެ ދިޔައިގެ މިންވަރެވެ. އެއީ ސަތޭކަ ޖަމަލެވެ. ވިހޭއިރު ދިރިހުރި އޭގެ ފަހުގައި އޮޅުމަކުން މަރުވި އަންހެން ކުއްޖާގެ މަރުގެ ދިޔައަކީ ހަމަ ބޮޑު އަންހެނެއްގެ މަރުގެ ދިޔައިގެ މިންވަރެވެ. އެއީ ފަންސާސް ޖަމަލެވެ.

ޤަތުލު ޚަޠައު (އޮޅިގެން މީހަކު މެރުމު) ގައި ޤިޞާޞް އެއް ނުހިފޭނެއެވެ.

 

އެބޯޓްކޮށްގެން މަރާލުން

މަންމައަކު އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ފުރާނަ އެޅުއްވުމުގެ ކުރިން (ބަނޑަށް ހަތަރުމަސް ފުރުމުގެ ކުރިން) އެބޯޓްކޮށްލައިފިނަމަ އެބޮޑު ފާފައަށް ތައުބާވެ އިސްތިޣްފާރު ކުރަންޖެހޭނެއެވެ. މި ޙާލަތުގައި މަރުގެ ދިޔައެއް ކައްފާރާއެއް ދޭކަށް ނުޖެހޭނެއެވެ.

މަންމައަކު އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ފުރާނަ އެޅުއްވުމަށްފަހު (ބަނޑަށް ހަތަރުމަސް ފުރުމަށްފަހު) އެބޯޓްކޮށްލައިފިނަމަ އެކަމުގެ މައްޗަށް އަންނަނިވި ޙުކުމްތައް ލާޒިމުވާނެއެވެ.

ހ- ތައުބާވެ އިސްތަޣްފާރުކުރުން.

ށ- މަރުގެ ދިޔަ ދިނުން: މި ޙާލަތުގައި ދިޔައިގެ މިންވަރަކީ އަޅެއްގެ އަގެވެ. (ފިރިހެން ނުވަތަ އަންހެން އަޅެކެވެ.) އަޅަކު ލިބެން ނެތް ނަމަ ފަސް ޖަމަލެވެ. އެއީ އުފަންނުވާ ކުއްޖާގެ ދިޔައަކީ މަންމަގެ ދިޔައިގެ ދިހަބައިކުޅަ އެއްބަޔެވެ. މަންމަގެ ދިޔައަކީ މިނިވަން މުސްލިމު އަންހެނެއްގެ ދިޔަ ކަމުގައިވާ ފަންސާސް ޖަމަލެވެ. އެހެންކަމުން އުފަންނުވާ ކުއްޖާގެ ދިޔައިގެ މިންވަރަކީ ފަސް ޖަމަލެވެ.

ދަރިފުޅު އެބޯރޓްކުރުމުގައި އެހީތެރިވާ އެންމެން މި ދިޔަދޭން ޖެހޭނެއެވެ. މިސާލަކަށް ޑޮކްޓަރަކު އެކަން ކޮށްދޭ ކަމަށްވާނަމަ ޑޮކްޓަރުވެސް މަރުގެ ދިޔަ ދޭންޖެހޭނެއެވެ. (މަރާލުމުގައި ބައިވެރިވާ އެންމެންގެ މެދުގައި މަރުގެ ދިޔަ ބަހައިގެންވެސް މަރުގެ ދިޔަ ދެވިދާނެއެވެ.) މަރުގެ ދިޔަ ދޭނީ މަޤްތޫލު (މަރާލެވުނު) ކުއްޖާގެ ވާރިޘުންނަށެވެ. ޤާތިލު (މަރާލި މީހާ، މި ޙާލަތުގައި ދަރިފުޅުގެ މަންމަ) އަކަށް މަރުގެ ދިޔައިން ދިނުން ހުއްދައެއް ނުވާނެއެވެ. އެއީ ދަރިފުޅު މަރާލީ އޭނާ ކަމުގައި ވާތީއެވެ.

ދަލީލަކީ:

عن أَبي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : (اقْتَتَلَتْ امْرَأَتَانِ مِنْ هُذَيْلٍ ، فَرَمَتْ إِحْدَاهُمَا الْأُخْرَى بِحَجَرٍ ، فَقَتَلَتْهَا وَمَا فِي بَطْنِهَا ، فَاخْتَصَمُوا إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَضَى أَنَّ دِيَةَ جَنِينِهَا غُرَّةٌ : عَبْدٌ أَوْ وَلِيدَةٌ).{رواه البخاري (6910) ومسلم (1681)}

އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “ހުޛައިލް ޤަބީލާގެ ދެ އަންހެނަކު ތަޅާފޮޅުމުގެ ތެރޭގައި އޭގެ ތެރެއިން އެކަކު އަނެކަކާ ދިމާލަށް ހިލަގަނޑެއް އެއްލުމުގެ ސަބަބުން އެކަކު މަރުވިއެވެ. އަދި އެމަރުވި އަންހެން މީހާގެ ބަނޑުގައި އޮތް ދަރިފުޅުވެސް މަރުވިއެވެ. ޞަޙާބީން އެ މައްސަލަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ހަމައަށް ގެންދިޔައެވެ. ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ބަނޑުގައިވާ ދަރިފުޅުގެ (އެބަހީ: މަރުވި ކުއްޖާގެ) މަރުގެ ދިޔައިގެ ގޮތުގައި (އަންހެން ނުވަތަ ފިރިހެން) އަޅެއްގެ އަގު ހަމަޖެއްސެވިއެވެ.”

ނ- ކައްފާރާ ދިނުން

މަންމަ އޭނާގެ ބަނޑުގައި އޮތް ދަރިފުޅު އެބޯރޓްކޮށްލައިފިނަމަ އެ ދަރިފުޅު އެބޯރޓްކުރީ ކުއްޖާ ބަނޑުގައި ޣަރުބަގަތް ދުވަހުން ފެށިގެން 4 މަހަށް ފަހުގައި ކަމަށްވާނަމަ، އެ ބޮޑު ފާފައަށް ތައުބާވެ، ކައްފާރާ ދިނުން ވާޖިބުވާނެއެވެ. އެއީ މުއުމިނު އަޅަކު މިނިވަންކުރުމެވެ. އެކަމަށް ކުޅަދާނަވެގެން ނުވާނަމަ ޖެހިޖެހިގެން ދެމަސްދުވަހު ރޯދަހިފުމެވެ. (ބައްލަވާ: ”المنتقى” (5 / 301 ، 302) އަދި މަރުގެ ދިޔަވެސް ދޭންޖެހޭނެއެވެ.

އައްޝައިޚުލް ފައުޒާން ޙަފިޒަހުﷲ ވިދާޅުވީއެވެ. “ދަރިފުޅު ބަނޑުގައި ޣަރުބަގަނެ ފުރާނަ އެޅުއްވުމުގެ ފަހުން (ހަތަރުމަސް ދުވަސްވުމަށްފަހު) ދަރިފުޅު އެބޯރޓްކޮށްފިނަމަ އެ ބެލެވެނީ ނަފުސެއް މަރާލުން ކަމުގައެވެ. އޭނާގެ މައްޗަށް ވަނީ ކައްފާރާ ދިނުމެވެ. އެއީ މުއުމިނު އަޅަކު މިނިވަންކުރުމެވެ. އެކަން ކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާނަމަ ޖެހިޖެހިގެން ދެމަސްދުވަހު ރޯދަހިފުމެވެ. އެއީ ހަތަރުމަސް ދުވަސް ވީނަމައެވެ. އޭރު ވާނީ ފުރާނަ އެޅުއްވިފައެވެ. މިއީ ވަރަށް ބޮޑު ކަމެކެވެ. މިކަމުގައި ކަން ފަސޭހަކޮށްލުމެއް ނުވެއެވެ.” (كتاب الفتاوى الجامعة للمرأة المسلمة 3/1052)

 

 

މަރްޖިޢުތައް:
أحكام الإجهاض في الفقه الإسلامي المؤلف: إبراهيم بن محمد قاسم بن محمد رحيم
أحكام الجنين والطفل في الفقه الإسلامي. المؤلف: عواطف تحسين عبد الله البوقري.
https://islamqa.info/ar/answers/71185
https://islamqa.info/ar/answers/52809
https://islamqa.info/ar/answers/110690
https://islamqa.info/ar/answers/187507