ހުކުރު ނަމާދަށްފަހު ކުރުން ސުންނަތްވެގެންވަނީ ކިތައް ރަކުޢަތްތޯ؟

މިކަމާ މެދު ޢިލްމުވެރިގެ މެދުގައި އިޚްތިލާފު ހުއްޓެވެ.

1- ފުރަތަމަ ބަސްފުޅު: ކުރުން ސުންނަތް ވެގެންވަނީ ދެ ރަކްޢަތެވެ. އިބްނު ޢުމަރު ކަންތައްކުރެއްވީ މިފަދައިންނެވެ. މި ބޭކަލުންގެ ދަލީލަކީ، عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي الله عنهما أَنَّ رَسُولَ اللَّهِ صلى الله عليه وسلم (كَانَ لاَ يُصَلِّى بَعْدَ الْجُمُعَةِ حَتَّى يَنْصَرِفَ ، فَيُصَلِّى رَكْعَتَيْنِ) . رواه البخاري (937) ، ومسلم (882) . ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުކުރު ނަމާދުން ސަލާން ދެއްވުމުގެ ކުރިން އެއްވެސް ނަމާދެއް ނުކުރައްވައެވެ. ހުކުރު ނަމާދުން ސަލާމް ދެއްވުމަށް ފަހުގައި ދެ ރަކުއަތް ކުރައްވައެވެ.”

2- ދެވަނަ ބަސްފުޅު: ކުރުން ސުންނަތްވެގެންވަނީ ހަތަރު ރަކްޢަތެވެ. ސަޙާބީންގެ ތެރެއިން ޢަބްދުﷲ ބިން މަސްޢޫދު ކަންތައްކުރެއްވީ މިގޮތަށެވެ. އަދި ޙަނަފީ މަޛްހަބާއި ޝާފިޢީ މަޛްހަބުގެ ބަސްފުޅަކީވެސް މިއީ އެވެ. އަދި ގިނަ ފިޤްހު ޢިލްމުވެރިންގެ ބަސްފުޅަކީވެސް މިއީ އެވެ. (مصنف ابن أبي شيبة” (2/40-41) ، “رد المحتار” (2/12-13) ، “الأم” (7/176)) އެބޭކަލުންގެ ދަލީލު: عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال : ( إِذَا صَلَّى أَحَدُكُمْ الْجُمُعَةَ فَلْيُصَلِّ بَعْدَهَا أَرْبَعًا ) . رواه مسلم (881) . އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު ހުކުރު ނަމާދުކޮށްފިނަމަ އޭގެ ފަހުގައި ހަތަރު ރަކުއަތް ކުރާށެވެ!”
3- ތިންވަނަ ބަސްފުޅު: ނަމާދު ކުރާ މީހާއަށް ވަނީ 4 ރަކުޢަތް ކުރުމާއި ނުވަތަ 2 ރަކުޢަތް ކުރުމާއި މެދު އިޚްތިޔާރު ދެވިފައެވެ. މިއީ އިމާމު އަޙްމަދުގެ ރައުޔެވެ. (“المغني” (2/109) .)
4- ހަތަރު ވަނަ ބަސްފުޅު: ހުކުރު ނަމާދުގެ ފަހު ސުންނަތް މިސްކިތުގައި ކުރާނަމަ ކުރާނީ 4 ރަކުޢަތެވެ. އަދި ގޭގައި ކުރާނަމަ ކުރާނީ 2 ރަކުޢަތެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވަނީ މިގޮތަށެވެ. އަދި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާގެ ދަރިވަރު އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވެސް ވިދާޅުވަނީ މި ގޮތަށެވެ. އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވަނީ، އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން އަބޫދާއޫދު ރަޙިމަހުﷲ ރިވާކުރައްވާފައިވާ ޙަދީޘެއްގައި، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުކުރު ނަމާދުގެ ފަހު ސުންނަތް މިސްކިތުގައި ކުރައްވާ ކަމަށްވަންޏާ 4 ރަކުޢަތް ކުރައްވާ ކަމަށާއި، ގޭގައި ކުރައްވާ ކަމަށްވަންޏާ 2 ރަކުޢަތް ކުރައްވާ ކަމަށް ވާރިދުވެފައިވާ ކަމަށެވެ. “زاد المعاد” (1/417) .ސަޢޫދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން ފަތުވާ ދީފައިވަނީ މިގޮތަށެވެ.

5- ފަސްވަނަ ބަސްފުޅު: ހަ ރަކުޢަތް ކުރުން: މިއީ ޢަލީ ބިން އަބީ ޠާލިބު ރަޟިޔަﷲ ޢަންހު އަދި ސަލަފުންގެ ބައެއް ބޭކަލުންގެ ކިބައިން ރިވާވެގެންވާ ގޮތެވެ. ޙަނަފީ މަޛްހަބުގެ ޢިލްމުވެރިންގެ ތެރެއިން އަބޫ ޔޫސުފް ރަޙިމަހުﷲ އަދި އައްޠަޙާވީ ރަޙިމަހުﷲ ގެ ރައުޔަކީ މިއީއެވެ. އަދި އިމާމު އަޙްމަދުގެ ކިބައިންވެސް މިގޮތަށް އައިސްފައިވެއެވެ. މި ރައުޔުގައި މިބޭކަލުން ޖަމާކުރައްވާފައިވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަމަލު ފުޅު ކުރެއްވި ގޮތާ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވި ބަސްފުޅާއެވެ. ޢަމަލުފުޅު ކުރެއްވި ގޮތަކީ 2 ރަކުޢަތެވެ. އަމުރު ކުރެއްވި (ބަސްފުޅު ވިދާޅުވި) ގޮތަކީ 4 ރަކުޢަތެވެ. އެހެންވީމާ މުޅި ޖުމްލަ 6 ރަކުޢަތެވެ.

ރާޖިޙު: މައްސަލާގައި އައިސްފައިވާ ދަލީލުތަކަށް ބަލާއިރު ޝައިޚު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވަނީ ނަމާދުކުރާ މީހާ 2 ނުވަތަ 4 އިޚްތިޔާރު ކުރިޔަސް މައްސަލައެއް ނެތް ކަމުގައެވެ. އަދި 4 ވަނަ ބަސްފުޅު ކަމަށްވާ ހުކުރު ނަމާދުގެ ފަހު ސުންނަތް މިސްކިތުގައި ކުރާނަމަ ކުރާނީ 4 ރަކުޢަތެވެ. އަދި ގޭގައި ކުރާނަމަ ކުރާނީ 2 ރަކުޢަތެވެ. މި ރައުޔު އިޚްތިޔާރު ކުރިޔަސް ހަމަ އެންމެ ރަނގަޅުކަމުގައެވެ. މިކަން ތަނަވަސް ވެގެންވެއެވެ. “لقاءات الباب المفتوح” (لقاء رقم/214، سؤال رقم/8) .

މަރުޖިޢު
https://islamqa.info/ar/112031