ޢުލޫމުލް ޤުރްއާން މިއީ “ޢުލޫމް” އަދި “ޤުރްއާން” މި ދެލަފުޒުން އެމުނިއެކުލެވިފައިވާ ދެނަމެވެ.
ޢުލޫމު އެއީ ޢިލްމު މި ލަފުޒުގެ ގިނަގޮތެވެ. ޢިލްމުގެ މާނައަކީ މަޢުރިފާކޮށް ދެނެގަތުމެވެ. އެނގުމެވެ. ނުވަތަ ދަސްކުރުމެވެ.
ޤުރްއާން މި ލަފުޒުގެ ލަފުޒީ މާނައަކީ ކިޔެވުމެވެ. އިޞްޠިލާޙީ މާނައަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޖިބުރީލުގެފާނު މެދުވެރި ކުރައްވައި މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ﷲ ބާވައިލެއްވި، ކިޔެވުން އަޅުކަމެއްކަމުގައި ލައްވާފައިވާ އެއިލާހުގެ ކަލާމްފުޅެވެ.
ޢުލޫމުލް ޤުރްއާންގެ މުރާދު
ޢުލޫމުލް ޤުރްއާނުގެ މުރާދަކީ ކީރިތި ޤުރްއާނުގެ ޢިލްމެވެ. އޭގައި ކީރިތި ޤުރްއާނާ ބެހޭ ހުރިހާ ބާވަތެއްގެ ހުރިހާ ޢިލްމެއް ހިމެނެއެވެ.
ޢުލޫމުލް ޤުރްއާންގެ މައުޟޫއާއި އޭގެ ފައިދާ
ޢުލޫމުލް ޤުރްއާނުގެ ތެރޭގައި ޤުރްއާނާ ގުޅޭ ހުރިހާ ދާއިރާއެއް ހިމެނެއެވެ. މިގޮތުން
1- ތަންޒީލް (ބާވައިލެއްވުން) އާ ބެހޭ ޢިލްމު، އޭގެ ތެރޭގައި ކީރިތި ޤުރްއާން ބާވައިލެއްވި ގޮތާއި، ބާވައިލެއްވި ތަންތަނާއި (މައްކީ މަދަނީ)، ބާވައިލެއްވި ސަބަބު (ސަބަބުއް ނުޒޫލު) ބާވައިލެއްވި ތަރުތީބާއި، އުޑުން އުޑަށް ބާވައިލެއްވުމާއި، އުޑުން ބިމަށް ބާވައިލެއްވުން ފަދަ ޤުރްއާން ބާވައިލެއްވުމާ ގުޅޭ އެންމެހާ ކަންކަން
2- ތަރްތީލް (ކިޔެވުން) އާ ބެހޭ ޢިލްމު، އޭގެ ތެރޭގައި ތަޖުވީދު ޢިލްމާއި، ޤިރާޢަތްތަކާއި، ތިލާވަތުގެ ކުރުމުގެ އަދަބުތަކާއި، ހިފްޡުކުރުމާ ބެހޭ ޢިލްމުތައް ހިމެނެއެވެ.
3- ތަދްވީނު (ލިޔުއްވުން) އާ ބެހޭ ޢިލްމު، އޭގެ ތެރޭގައި، ކީރިތި ޤުރްއާން ޖަމްޢުކުރެއްވުމާއި، ލިޔުއްވުމާއި، ސޫރަތްތައް ތަރުތީބުކުރެއްވުމާއި، ސޫރަތްތަކުގެ ޢަދަދު ޖެއްސެވުމާއި، އާޔަތްތަކުގެ ޢަދަދު ޖެއްސެވުމާއި، ފިލި ޖެއްސެވުމާއި، ރަސްމު (ޤުރްއާން ލިޔުމުގައި ބޭނުންކުރާ ޢަރަބި އަކުރުތައް) އާ ބެހޭ ޢިލްމުތައް ހިމެނެއެވެ.
4- ތައުވީލު: (ތަފްސީރު) އޭގެ ތެރޭގައި ޢަރަބި ބަހުގެ ޢިލްމާއި، ބަލާޣާ، އަދި ތަފްސީރު ޢިލްމު ހިމެނެއެވެ. މުފައްސިރުންނާއި، ތަފްސީރުގެ މަދަރުސާތަކާއި، ތަފްސީރުގެ ވައްތަރުތަކާއި، އަދިވެސް ތަފްސީރު ޢިލްމާބެހޭ އެންމެހާ ކަންކަން ހިމެނެއެވެ.
5- ތަދްލީލު (ދަލީލު ނެގުން) އޭގެ ތެރޭގައި ވަޖުހުއް ދަލާލާ، ޚާއްޞަ ދަލީލުތަކާއި ޢާންމު ދަލީލުތަކާއި، އަމުރާއި ނަހީއާއި، ޙުކުމްތައް ނެގުމާއި، ނާސިޚް މަންސޫޚް ފަދަ ދަލީލު ނެގުމާ ގުޅޭ ޢިލްމުތައް ހިމެނެއެވެ.
ޢުލޫމުލް ޤުރްއާނުގެ ފައިދާ
1- ކީރިތި ޤުރްއާނު އުނގެނުމަށާއި، ފަހުމްވުމަށް، އަދި ޞައްޙަގޮތުގައި ޙުކުމްތައް އިސްތިންބާޠުކުރުމަށް ފަސޭހަވުން
2- ކީރިތި ޤުރްއާނުގެ އާޔަތްތަކާމެދު ވިސްނާ ފިކުރުކޮށް ތަދައްބުރު ކުރުން
3- ކީރިތި ޤުރްއާނާ ދެކޮޅަށް ކާފިރުން އުފަދައްދާ ޝައްކުތަކަށާއި ގެންނަ ޝުބުހަތަކަށް ރައްދު ދިނުން.
4- ކީރިތި ޤުރްއާނާބެހޭ ޢާއްމު ވަރަށް ގިނަ މަޢޫލޫމާތު ލިބުން
5- ކީރިތި ޤުރްއާނަށް ޚިދުމަތްކުރުމުގެ ގޮތުން ޢިލްމުވެރިން ކުރައްވާފައިވާ ބުރަ މަސައްކަތް އެނގުން.
މަރްޖިޢު
المحرر في علوم القرآن الكريم. تأليف: د. مساعد بن سليمان بن ناصر الطيار
المقدمات الأساسية في علوم القرآن عبد الله بن يوسف الجديع