حَسْبِيَ اللَّهُ لَا إِلَهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ – التوبة 129
ތިމަންކަލޭގެފާނަށް ﷲ ފުދެއެވެ. އެއިލާހު މެނުވީ (ޙައްޤުވެގެން އަޅުކަމެއް ވެވޭ) އިލާހަކު ނުވެއެވެ. ހަމައެކަނި އެއިލާހަށް ތިމަންކަލޭގެފާނު ވަކީލުކޮށްފީމެވެ. އެއިލާހީ މަތިވެރިވެގެންވާ ޢަރުޝީގެ ވެރި އިލާހެވެ.
رَبَّنَا لَا تَجْعَلْنَا فِتْنَةً لِلْقَوْمِ الظَّالِمِينَ- يونس 85
އަޅަމެންގެ ރައްބު! އަނިޔާވެރިވީ މީހުންނަށް ފިތުނައެއްކަމުގައި (އެބަހީ: އެއުރެންގެ އަނިޔާވެރިކަމުގެ ދަށުގައި) އަޅަމެން ނުލައްވާނދޭވެ!
وَنَجِّنَا بِرَحْمَتِكَ مِنَ الْقَوْمِ الْكَافِرِينَ- يونس 86
އަދި ކާފިރުވި މީހުންގެ ކިބައިން، އިބައިލާހުގެ ރަޙުމަތްފުޅާލައިގެން އަޅަމެން ސަލާމަތް ކުރައްވާނދޭވެ!
رَبِّ إِنِّي أَعُوذُ بِكَ أَنْ أَسْأَلَكَ مَا لَيْسَ لِي بِهِ عِلْمٌ وَإِلَّا تَغْفِرْ لِي وَتَرْحَمْنِي أَكُنْ مِنَ الْخَاسِرِينَ – هود 47
އަޅުގެ ރައްބު! ހަމަކަށަވަރުން، ތިމަން އަޅާއަށް، އެކަމަކާމެދު އެނގުމެއްނުވާކަމަކަށް، އިބައިލާހުގެ ޙަޟްރަތަށް އެދި ދެންނެވުމުން، ތިމަންއަޅާ ސަލާމަތްކުރެއްވުންއެދި، އިބައިލާހުގެ ޙަޟްރަތުން ވާގިއެދި، ރައްކާތެރިކަން ލިބިގަންނަމެވެ. އިބައިލާހު ތިމަން އަޅާޔަށް ފާފަ ނުފުއްސަވާނަމަ، އަދި ރަޙްމަތް ނުލައްވާނަމަ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ތިމަންއަޅާ ވެދާހުށްޓެވެ.
إِنِّي تَوَكَّلْتُ عَلَى اللَّهِ رَبِّي وَرَبِّكُمْ مَا مِنْ دَابَّةٍ إِلَّا هُوَ آَخِذٌ بِنَاصِيَتِهَا إِنَّ رَبِّي عَلَى صِرَاطٍ مُسْتَقِيمٍ – هود 56
ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ވެރި އަދި ތިޔަބައިމީހުންގެ ވެރި ﷲ އަށް ތިމަންކަލޭގެފާނު ވަކީލުކޮށްފީމެވެ. ހިނގާބިނގާ އުޅޭ އެއްވެސް ދިރޭ އެއްޗެއް، އެ އެއްޗެއްގެ ނިތްކުރިމަތީގައިވާ އިސްތަށިގަނޑުގައި އެއިލާހު ހިއްޕަވާގެންވާ މެނުވީ ނުވެއެވެ. (އެބަހީ އެހުރިހާ އެއްޗެއްވަނީ އެއިލާހުގެ ބާރުގެ ދަށުގައެވެ.) ތިމަންކަލޭގެފާނުގެ ރައްބު ވަނީ ސީދާވެގެންވާ މަގުގައެވެ.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ – هود 88
އަދި ﷲ ގެ ކިބައިން މެނުވީ އަހަރެންނަށް ތައުފީޤު ލިބުމެއް ނުވެއެވެ. ހަމައެކަނި އެއިލާހަށް އަހަރެން ވަކީލުކޮށްފީމެވެ. އަދި ހަމައެކަނި އެއިލާހަށް އަހަރެން ތައުބާވަމެވެ.
(ނުނިމޭ)