ﷲ ތަޢާލާ އަމުރުކުރައްވާފައިވާ އަޅުކަމުގެ ބާވަތްތަކަކީ، މިސާލަކަށް އިސްލާމްކަން، އީމާންކަން، އިޙްސާންކަން އޭގެތެރޭގައި ދުޢާކުރުމާއި، ބިރުވެތިވުމާއި، އުއްމީދުކުރުމާއި، ވަކީލުކުރުމާއި، ހެވަށް އެދުމާއި، ބިރުވެތިވުމާއި، އަދި މަޑުމޮޅިވެ މަޑުމައިތިރިވުމާއި ބިރުގަތުމާއި (ޚަޝިޔަތާއި)، ތައުބާވުމާއި، ވާތްގަށްއެދުމާއި، ރައްކާތެރިކަމަށްއެދުމާއި މަދަދަށްއެދުމާއި، ކަތިލުމާއި، ނަދުރުބުނުމާއި އަޅުކަމުގެ ބާވަތްތަކުގެ ތެރެއިން މިނޫންވެސް، މާތް ﷲއަމުރު ކުރައްވައިފައިވާ އެންމެހާ ކަންތައްތަކެވެ. އެހުރިހާ ކަމަކީވެސް ހަމައެކަނި ﷲ އަށް ވާ ކަންކަމެވެ.  މީގެ ދަލީލަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ. وَأَنَّ الْمَسَاجِدَ لِلهِ فَلَا تَدْعُوا مَعَ اللهِ أَحَدًا -الجن 18 މާނައީ: ހަމަކަށަވަރުން މިސްކިތްތައްވަނީ ﷲ އަށެވެ. ފަހެ، ތިޔަބައިމީހުން ﷲއާއެކު އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާހުށިކަމެވެ!

މީގެތެރެއިން އެއްވެސް ކަމެއް ﷲ ފިޔަވައި އެހެންފަރާތަކަށް އަނބުރާލައިފި މީހަކީ މުޝްރިކެކެވެ. ކާފިރެކެވެ. މީގެ ދަލީލަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ.  وَمَنْ يَدْعُ مَعَ اللهِ إِلَهًا آخَرَ لا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِنْدَ رَبِّهِ إِنَّهُ لا يُفْلِحُ الْكَافِرُونَ -المؤمنون 117 – މާނައީ: “ﷲ އާއެކު އެހެން އިލާހަކަށް ދަންނަވާ މީހާއަށް، އެކަމުގެ މައްޗަށް އެއްވެސް ހެއްކެއް ނެތެވެ. ފަހެ، އެމީހާގެ ހިސާބު ބެއްލެވުން ހުރީ އޭނާގެ ރައްބުގެ ހަޟުރަތުގައެވެ. ހަމަކަށަވަރުން ކާފިރުން ކާމިޔާބު ނުވާހުއްޓެވެ.” އަދި ޙަދީޘްގައި ވެއެވެ. “الدُّعَاءُ مُخُّ الْعِبَادَةِ” “ދުޢާއަކީ އަޅުކަމުގެ ސިކުނޑިއެވެ.” އަނެއް ދަލީލަކީ ﷲގެ މި ބަސްފުޅެވެ. وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ (غافر: ٦٠) “އަދި ތިޔަބައިމީހުންގެ ވެރިއިލާހު ވަޙީކުރެއްވިއެވެ ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާ ކުރާށެވެ! ތިމަންއިލާހު ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ ހަމަކަށަވަރުން ތިމަންއިލާހަށް އަޅުކަންކުރުމަށް ކިބުރުވެރިވެގަންނަމީހުން ނިކަމެތިވެގެންވާ ޙާލު އެބައިމީހުން ނަރަކައަށް ވަންނާނެއެވެ.”

ބިރުވެތިވުމުގެ ދަލީލަކީ ﷲގެ ބަސްފުޅު: فَلا تَخَافُوهُمْ وَخَافُونِ إِنْ كُنْتُمْ مُؤْمِنِينَ – آل عمران:175 މާނައީ: “ތިޔަބައިމީހުން އެމީހުންދެކެ ބިރުނުގަންނާށެވެ. އަދި ތިޔަބައިމީހުންނީ މުއުމިނުންކަމުގައި ވަންޏާ ތިމަން އިލާހަށް ބިރުގަންނާށެވެ.”

އުއްމީދުކުރުމުގެ ދަލީލަކީ ﷲގެ ބަސްފުޅު: فَمَنْ كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا – الكهف: ١١٠  މާނަ: “ފަހެ އެމީހާގެ ރައްބާ ބައްދަލުވުމަށް އެދޭމީހާ އެމީހާ ޞާލިޙު ޢަމަލު ކުރާހުށިކަމެވެ. އަދި އޭނާގެ ރައްބުގެ އަޅުކަމުގައި ހަމައެކައްޗެއްވެސް ބައިވެރިނުކުރާހުށިކަމެވެ.

 ވަކީލުކުރުމުގެ ދަލީލަކީ ﷲގެ ބަސްފުޅު:  وَعَلَى اللهِ فَتَوَكَّلُوا إِنْ كُنتُمْ مُؤْمِنِينَ -المائدة  23  މާނައީ: “ތިޔަބައި މީހުންނީ މުއުމިނުންކަމުގައި ވާނަމަ ﷲ އަށް ވަކީލުކުރާށެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ.  وَمَنْ يَتَوَكَّلْ عَلَى اللهِ فَهُوَ حَسْبُهُ -الطلاق: 3 މާނައީ: “ﷲ އަށް ވަކީލުކޮށްފިމީހަކަށް ފަހެ އެއިލާހު ފުދެއެވެ.”

ހެވަށްއެދުމާއި، ބިރުގަތުމާއި އަދި މަޑުމޮޅިވެ މަޑުމައިތިރިވުމުގެ ދަލީލަކީ ﷲގެ ބަސްފުޅު: إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا وَكَانُوا لَنَا خَاشِعِينَ – الأنبياء 90 މާނައީ: “ހަމަކަށަވަރުން އެބޭކަލުން ހެޔޮކަންކަމުގައި އަވަސްވެގަންނަބައެއްކަމުގައި ވިއެވެ. އަދި ތިމަންއިލާހަށް އެދުމާއި ބިރުވެތިކަމާއެކު ތިމަންއިލާހަށް ދުޢާކުރައްވާކަމުގައި ވިއެވެ. އަދި އެބޭކަލުންނީ ތިމަންއިލާހަށް މަޑުމައިތިރިވާ ބަޔަކު ކަމުގައިވިއެވެ.”

ބިރުގަތުމުގެ ދަލީލަކީ ﷲގެ ބަސްފުޅު:  فَلاَ تَخْشَوْهُمْ وَاخْشَوْنِي -البقرة 150 މާނައީ: “ފަހެ ތިޔަބައިމީހުން އެމީހުންދެކެ ބިރުނުގަންނާށެވެ. އަދި ތިމަންއިލާހަށް ތިޔަބައިމީހުން ބިރުގަންނާށެވެ.

ތައުބާގެ ދަލީލަކީ ﷲގެ ބަސްފުޅު: وَأَنِيبُوا إِلَى رَبِّكُمْ وَأَسْلِمُوا لَهُ -الزمر54 މާނައީ: “އަދި ތިޔަބައިމީހުން، ތިޔަބައިމީހުންގެ ރައްބަށް ތައުބާވާށެވެ. އަދި އެއިލާހަށް ކިޔަމަންތެރިވާށެވެ.”

ވާތްގަށްއެދުމުގެ ދަލީލަކީ ﷲގެ ބަސްފުޅު: إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ-الفاتحة 5  މާނައީ: “އަޅަމެން އަޅުކަންކުރަނީ ހަމައެކަނި އިބައިލާހަށެވެ. އަދި ވާތްގަށްއެދެނީ ހަމައެކަނި އިބައިލާހުގެ ކިބައިންނެވެ.” އަދިވެސް ހަދީޘްގައިވެއެވެ. إِذَا اسْتَعَنْتَ فَاسْتَعِنْ بِاللهِ މާނައީ: “ތިބާ ވާތްގަށް އެދޭނަމަ ﷲގެ ކިބައިން ވާތްގަށް އެދޭށެވެ.”

 ރައްކާތެރިކަމަށް އެދުމުގެ ދަލީލަކީ ﷲގެ ބަސްފުޅު: قُلْ أَعُوذُ بِرَبِّ الْفَلَقِ -الفلق 1  މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. ފަތިހުގެވެރި އިލާހުގެ ޙަޟްރަތުން ރައްކާތެރިކަމަށް ތިމަންކަލޭގެފާނު އެދެމެވެ.” އަދި قُلْ أَعُوذُ بِرَبِّ النَّاسِ -الناس 1 މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. މީސްތަކުންގެ ވެރިއިލާހުގެ ހަޟްރަތުން ރައްކާތެރިކަމަށް ތިމަންކަލޭގެފާނު އެދެމެވެ.”

 މަދަދަށްއެދުމުގެ ދަލީލަކީ ﷲގެ ބަސްފުޅު: إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ- الأنفال 9 މާނައީ: “ތިޔަބައިމީހުން، ތިޔަބައިމީހުންގެ ރައްބުގެ ކިބައިން މަދަދަށް އެދުނު ހިނދު، އެއިލާހު ތިޔަބައިމީހުންނަށް އިޖާބަ ދެއްވިއެވެ.”

ކަތިލުމުގެ ދަލީލަކީ ﷲ ގެ ބަސްފުޅު: قُلْ إِنَّ صَلاتِي وَنُسُكِي وَمَحْيَاي وَمَمَاتِي للهِ رَبِّ الْعَالَمِينَ * لا شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ- الأنعام: ١٦٢ – ١٦٣  މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފަނުގެ ނަމާދާއި، ތިމަންކަލޭގެފާނުގެ ޛަބަޙަކުރުމާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. އެކަލާނގެއަށް އެއްވެސް ޝަރީކަކު ނުވެއެވެ. އަދި ތިމަންކަލޭގޭފާނަށް އަމުރު ކުރައްވާފައިވަނީ އެގޮތަށެވެ. އަދި ތިމަންކަލޭގެފާނީ (މި އުއްމަތުގެ) މުސްލިމުންކުރެ، އެންމެ ފުރަތަމަ މީހާއެވެ.”

ސުންނަތުގައި ވާރިދުވެފައިވެއެވެ. (لَعَنَ اللهُ مَنْ ذَبَحَ لِغَيْرِ اللهِ) މާނައީ: “ﷲ ފިޔަވައި އެހެން ފަރާތަކަށް ޛަބަޙަކޮށްފިމީހަކަށް ﷲ ލަޢުނަތްލައްވާށިއެވެ.”

ނަދުރުގެ ދަލީލަކީ ﷲގެ ބަސްފުޅު يُوفُونَ بِالنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُ مُسْتَطِيرًا -الإنسان 7 މާނައީ: “އެބައިމީހުން ނަދުރުފުއްދައެވެ. އަދި އެދުވަހެއްގެ ނުބައިކަން(ނުރައްކާތެރިކަން) ފެތުރިގެންވާ ދުވަހަށް ބިރުވެތިވެއެވެ.”

(ނުނިމޭ)