އަދި ﷲ ތަޢާލާ އެންމެހާ ރަސޫލުބޭކަލުން ފޮނުއްވެވީ އުފާވެރި ޚަބަރު ދެއްވާ، އިންޛާރުކުރައްވާ ބޭކަލުންތަކެއް ގޮތުގައެވެ. އެކަމުގެ ދަލީލަކީ ﷲ ތަޢާލާގެ މި ބަސްފުޅެވެ.

رُسُلًا مُبَشِّرِينَ وَمُنْذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى اللَّهِ حُجَّةٌ بَعْدَ الرُّسُلِ ۚ وَكَانَ اللَّهُ عَزِيزًا حَكِيمًا -النساء: ١٦٥ 

މާނަ: “ތިމަންއިލާހު އެރަސޫލުބޭކަލުން ފޮނުއްވީ އުފާވެރިކަމުގެ ޚަބަރުދެއްވާ އަދި އިންޛާރުދެއްވާ ބޭކަލުން ތަކެއްގެ ގޮތުންނެވެ. އެއީ ރަސޫލުން ފޮނުއްވުމަށްފަހު ﷲތަޢާލާގެ މައްޗަށް މީސްތަކުން ދައްކާނޭ އެއްވެސް ޙުއްޖަތެއް ނުއޮތުމަށްޓަކައެވެ. އަދި ޢިއްޒަތްވަންތަ ޙިކްމަތްވަންތަ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.”

އަދި އެބޭކަލުންގެ ތެރެއިން އެންމެ ފުރަތަމަ ބޭކަލަކީ ނޫޙު ޢަލައިހިއްސަލާމެވެ. އަދި އެންމެ ފަހު ބޭކަލަކީ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައެވެ. އަދި އެއީ ނަބީކަން ޚަތިމު ކުރެއްވި ކަލޭގެފާނެވެ. ރަސޫލުން ކުރެ އެންމެ ފުރަތަމަ ރަސޫލަކީ ނޫޙުގެފާނުކަމުގެ ދަލީލަކީ ﷲގެ ބަސްފުޅެވެ

.إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَىٰ نُوحٍ وَالنَّبِيِّينَ مِنْ بَعْدِهِ  -النساء: ١٦٣  

މާނަ: “ހަމަކަށަވަރުން ތިމަންއިލާހު ކަލޭގެފާނަށް ވަޙީ ބާވައިލެއްވީ ނޫޙު ޢަލައިހިއްސަލާމަށާއި އެކަލޭގެފާނުގެ ފަހު ނަބީބޭކަލުންނަށްވެސް ވަޙީ ބާވާލެއްވިފަދައިންނެވެ.”

(ނުނިމޭ)