ކަންވާރު: އެއީ ފެނާއި އަދިވެސް އެފަދަ ތަކެތި އެޅުމަށްޓަކައި ބޭނުންކުރާ އެއްޗެކެވެ. ދަގަނޑުން ނުވަތަ އެނޫންވެސް މާއްދާއަކުން އޭތި ހަދާފައިވީނަމަވެސް މެއެވެ. ކަންވާރާމެދު (އަޞްލު) އޮންނަ ގޮތަކީ އެއީ ހުއްދައެއްޗެކެވެ. އޭގެ ދަލީލަކީ ﷲ ތަޢާލާގެ މި ބަސްފުޅެވެ.
(هُوَ الَّذِي خَلَقَ لَكُمْ مَا فِي الْأَرْضِ جَمِيعًا…) [البقرة: 29].
“އެއިލާހީ ތިޔަބައިމީހުންނަށްޓަކައި ދުނިޔޭގައި ވާހާ ތަކެއްޗެއް ހެއްދެވި އިލާހެވެ…”
ފުރަތަމަ ކަންތައް: ރަނުގެ އަދި ރިހީގެ ކަންވާރު އަދި އެނޫންވެސް ކަންވާރު ޠަހާރަތުގައި ބޭނުން ކުރުން:
ރަނާއި ރިހީގެ ކަންވާރު ފިޔަވައި ހުރިހާ ކަންވާރެއްވެސް ކެއުމުގައި އަދި ބުއިމުގައި އަދި އެހެނިހެން ބޭނުންތަކުގައިވެސް އިސްތިޢުމާލު ކުރުމަކީ، އެ ކަންވާރަކީ ޠާހިރު އެއްޗެއްކަމުގައި ވާނަމަ، އަދި ކިތަންމެ އަގުބޮޑު ކަމުގައިވިޔަސް، ހުއްދަކަމެކެވެ. އެއީ އެ ތަކެތީގެ އަޞްލު އޮންނަ ގޮތަކީ އެއީ ހުއްދަތަކެއްޗަށް ވުން ކަމުގައިވާތީއެވެ.
ރަނާއި ރިހީގެ ކަންވާރުގައި ކެއުމާއި ބުއިމަކީ ޙަރާމް ކަމެކެވެ. އެއީ ޚާއްޞަ ޙުކުމެކެވެ. މީގެ ތެރޭގައި އެހެނިހެން އިސްތިޢުމާލުކުރުންތަކެއް ނުހިމެނެއެވެ. އެ ޙަރާމް ވެގެންވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘްގެ ސަބަބުންނެވެ.
«لاَ تَشْرَبُوا فِي آنِيَةِ الذَّهَبِ وَالفِضَّةِ وَلاَ تَأْكُلُوا فِي صِحَافِهَا فَإِنَّهَا لَهُمْ فِي الدُّنْيَا وَلَكُمْ فِي الآخِرَةِ»، [روى البخاري (5426) ومسلم (2067)]عن حُذَيْفَةَ رضي الله عنه
“ރަނާއި ރިހީގެ ކަންވާރުގައި ތިޔަބައިމީހުން ނުބޯށެވެ. އަދި އޭގެ ތަށީގައި ތިޔަބައިމީހުން ނުކާށެވެ. ހަމަކަށަވަރުން މި ދުނިޔެމަތީގައި އެތަކެތިވަނީ އެބައިމީހުންނަށެވެ. (ކާފިރުންނަށެވެ.) އަދި އާޚިރަތުގައި އެތަކެތި ވަނީ ތިޔަބައިމީހުންނަށެވެ.”
މި ޙަދީޘް ރިވާކުރެއްވީ ޙުޛައިފާ رضي الله عنه އެވެ.
އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ބަސްފުޅެވެ.
«الذّي يَشْرَبُ فِي آنِيَةِ الفِضَّةِ إِنَّمَا يُجَرْجِرُ فِي بَطْنِهِ نَارَ جَهَنَّمَ»[روى البخاري (5634) ومسلم (2065) ] عَنْ أُمِّ سَلَمَةَ زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
“ފަހެ ރިހީގެ ކަންވާރުގައި ބޯމީހާ އޭނާ އޭނާގެ ބަނޑަށް އެ އަޅަނީ ނަރަކައިގެ އަލިފާނެވެ.”
ނަބިއްޔާ صلى الله عليه وسلمގެ އަރިހުން މިޙަދީޘް ރިވާކުރައްވާފައިވަނީ އެކަލޭގެފާނުގެ އަނބިކަނބަލެއްކަމުގައިވާ އުންމު ސަލަމާ رضي الله عنها އެވެ.
މިއީ، ރަނާއި ރިހީގެ ކަންވާރުގައި ކެއުމާއި ބުއިން ޙަރާމްކަމަށް ދަލީލު ލިބޭ ނައްޞެކެވެ. މީގެ ތެރޭގައި އެހެން ކަންތައްތަކެއް ނުހިމެނެއެވެ. އެހެންކަމުން ދަލީލު ލިބޭގޮތުގައި ޠަހާރަތުގެ ކަންތައްތަކުގައި ރަނާއި ރިހީގެ ކަންވާރު ބޭނުންކުރެވިދާނެއެވެ.
މި ޙަދީޘްގައި އައިސްފައިމިވާ ނަހީއަކީ ޢާއްމު ނަހީއެކެވެ. އޭގެ ތެރޭގައި ހުސް ރަނުން ނުވަތަ ހުސް ރިހިން ހަދާފައިވާ ކަންވާރާއި، ރަނާއި ރިހި ޕްލޭޓުކުރެވިފައިވާ ކަންވާރާއި ރަނާއި ރިހީގެ ކޮންމެވެސް މިންވަރެއް އޭގައި ހިމެނޭ ކަންވާރުވެސް ހިމެނެއެވެ. (ނުނިމޭ)
___________________________
الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد
أسهم في إعداد هذا الكتاب مجموعة من الأساتذة المتخصصين في الفقه، وهم:
1- الأستاذ الدكتور عبد العزيز مبروك الأحمدي.
2- الأستاذ الدكتور عبد الكريم بن صنيتان العمري.
3- الأستاذ الدكتور عبد الله بن فهد الشريف.
4- الأستاذ الدكتور فيحان بن شالي المطيري.
– قام بمراجعته: الأستاذ الدكتور علي بن محمد ناصر الفقيهي، والدكتور جمال بن محمد السيد.
– قدم له: معالي الشيخ صالح بن عبد العزيز آل الشيخ – حفظه الله