3-قَصُّ الشَّارِبِ وَإِحْفَاؤُهُ : މަތިމަސްކޮށުމާއި މަތިމަސްތުނިކުރުން
އެއީ މަތިމަސް ކުރުކޮށް ކޮށުމެވެ. އެއީ އެކަމުގައިވާ ރީތިކަމާއި ސާފުޠާހިރުކަމަށްޓަކައެވެ. އަދި ކާފިރުންނާ ޚިލާފުވުމަށްޓަކައެވެ. މަތިމަސް ކުރުކޮށް ކޮށުމަށާއި ތުނބުޅި ދިގުކުރުމަށާއި ތުނބުޅީގައި ފުނާއަޅާ ތުނބުޅިއަށް ކަމޭހިތުމަށް ބާރުއަޅުއްވާފައިވާ ވަރަށް ގިނަ ޞައްޙަ ޙަދީޘްތައް ވާރިދުވެފައިވެއެވެ. އެއީ ތުނބުޅި ބެހެއްޓުމުގައި ރީތިކަމާއި ފިރިހެން ވަންތަކަން އެކުލެވިގެންވާކަމަށްޓަކައެވެ. މިކަންތައް މިއަދު ގިނަ މީސްތަކުން ވަނީ އެކޮޅުކޮޅުން ޖަހާފައެވެ. މީސްތަކުން މަތިމަސް ދިގުކޮށްފައި ތުނބުޅި ބާލައެވެ. ނުވަތަ ކޮށައެވެ.
މިގޮތަށްކުރާ ކޮންމެ ކަމަކީ ސުންނަތާ ޚިލާފުކަމެކެވެ. އަދި ތުނބުޅި ބެހެއްޓުމަށް ކުރައްވާފައިވާ އަމުރުތަކާވެސް ޚިލާފުކަމެކެވެ. އޭގެތެރެއިން އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((جُزُّوا الشَّوَارِبَ وَأَرْخُوا اللِّحَى وَخَالِفُوا المَجُوسَ)) [رواه مسلم برقم 261] މާނައަކީ: “މަތިމަސް ކޮށާށެވެ! އަދި ތުނބުޅި ދޫކޮށްލާށެވެ! (އިރްޚާ އަކީ: އެއްޗެއް އެލުވައިލުމެވެ. އެ ނުކޮށައި އޭގެ ދިގުމިނުގައި ދޫކޮށްލުމެވެ.) އަދި މަޖޫސީންނާ ޚިލާފުވާށެވެ.”
އަދި އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((خَالِفُوْا الْمُشْرِكِيْنَ: وَفِّرُوْا اللِّحَى وَأَحْفُوْا الشَّوَارِبَ)) [متّفق عليه رواه البخاري برقم (5892)، ومسلم برقم (258). واللفظ للبخاري.] މާނައީ:” ތިޔަބައިމީހުން މުޝްރިކުންނާ ޚިލާފުވާށެވެ. ތިޔަބައިމީހުންގެ ތުނބުޅިތައް ދިގުކުރާށެވެ. އަދި މަތިމަސްތައް ތުނިކުރާށެވެ.”
4 – تَقْلِيْمُ الأَظَافِرِ- ނިޔަފަތި ކެނޑުން
އެއީ ދިގުވަންދެން ނުބަހައްޓާ ނިޔަފަތިތައް ކޮށުމެވެ. ނިޔަފަތި ކެނޑުމުގެ ނިޔަފަތިތަކަށް ރީތިކަން ލިބެއެވެ. އަދި ނިޔަފަތީގެ ދަށުގައި ހަރުލާފައި ހުންނަ ހަޑިމިލަތައް ފިލައިގެން ދެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފިޠުރީ މި ސުންނަތާވެސް ބައެއް މުސްލިމުން ޚިލާފުވެފައިވެއެވެ. އެބައިމީހުން ނިޔަފަތި ދިގުކުރެއެވެ. ނުވަތަ އަތުގެ އިނގިލިތަކުގެ ތެރެއިން ބައެއް އިނގިލީގެ ނިޔަފަތިތައް ދިގުކުރެއެވެ. އެ ހުރިހާ ކަމަކީވެސް ޝައިޠާނާ ޒީނަތްތެރިކޮށްދޭ ކަންތައްތަކެވެ. އަދި ﷲ ގެ ޢަދުއްވުން ކޮޕީކުރުމުގެ ކަންތައްތަކެވެ.
5 – نَتْفُ الإِبْطِ : ކިހިލިފަތްދަށުގައި ހުންނަ އިސްތަށި އުފުރުން
އެއީ ކިހިލިފަތްދަށުގައި ފަޅާ އިސްތަށިތައް އުފުރުމެވެ. އެ އިސްތަށިތައް އުފުރައިގެން ނުވަތަ ބާލައިގެން ނުވަތަ އެނޫންގޮތަކުންވެސް އެއިސްތަށިތައް ނައްތާލުމަކީ ސުންނަތްކަމެކެވެ.
އެއީ އެ އިސްތަށިތައް ނައްތާލުމުގެ ސަބަބުން ސާފުޠާހިރުކަން ލިބޭ ކަމަށްޓަކައެވެ. އަދި އެތަނުގައި އިސްތަށިތައް ހުރުމުގެ ސަބަބުން އެތަނުގައި ޖަމާވާ ނުބައިވަސް ފިލުވާލުމަށްޓަކައެވެ.
މިއީ އިސްލާމް ދީނެވެ. އަހަރެމެންނަށް މިކަންތައްތައް ކުރުމަށް އަމުރުކުރެއްވިއެވެ. އެއީ އެކަމުގައި ހިމެނިފައިވާ ރީތިކަމާއި، ސާފުޠާހިރުކަމަށްޓަކައެވެ. އަދި މުސްލިމް އަޅާ އަބަދުވެސް ރީތިގޮތުގައި ހުރުމަށްޓަކައެވެ. ކާފިރުންނާއި ޖާހިލުން ކޮޕީކުރުމުން ދުރުހެލިވެ، އިސްލާމްދީނާމެދު ފަޚުރުވެރިވެ، ﷲ އަށް ކިޔަމަންގަނެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ތަބާވުމަށްޓަކައެވެ.
މި ދެންނެވި ފިޠުރަތުގެ ފަސް ސުންނަތުގެ ތެރެއަށް އިތުރުވާ ކަންކަމަކީ ދަތް އުނގުޅުމާއި، ނޭފަތްދޮވުމާއި، އަނގަދޮވުމާއި، އިނގިލީގެ ހުޅުތައް ދޮވުމާއި، އިސްތިންޖާކުރުމެވެ. އެއީ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ޙަދީޘުގެ ސަބަބުންނެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((عَشْرٌ مِنَ الفِطْرَةِ : قَصُّ الشَّارِبِ ، وَإِعْفَاءُ اللِّحْيةِ ، وَالسِّوَاكُ ، وَاسْتِنْشَاقُ الماءِ ، وَقَصُّ الأَظَفِارِ ، وَغَسْلُ الَبَراجِمِ ، وَنَتْفُ الإِبْطِ ، وَحَلْقُ العَانَةِ ، وانْتِقَاصُ الماءِ . قال زكريَّاءُ : قال مُصْعَبٌ : َونَسِيْتُ العَاشِرَةَ . إلَّا أَنْ تَكُونَ المَضْمَضَةَ . زَادَ قُتَيْبَةُ : قاَلَ وَكِيْعٌ : انْتِقَاصُ الماءِ يَعْنِي الِاسْتِنْجَاءَ .)) [رواه مسلم برقم 261]
މާނައީ: “ފިޠުރަތުގެ ތެރެއިން ދިހަކަމެއްވެއެވެ. މަތިމަސް ކޮށުމާއި ތުނބުޅި ދޫކޮށްލުމާއި، ދަތް އުނގުޅުމާއި، ނޭފަތްދޮވުމާއި، ނިޔަފަތިކޮށުމާއި، އަތުގެ ހުޅުތައް ދޮވުމާއި، ކިހިލިފަތްދަށުގައި ހުންނަ އިސްތަށިތައް އުފުރުމާއި، ލަދުވެތި ގުނަވަނުގެ ވަށައިގެން ހުންނަ އިސްތަށިތައް ބޭލުމާއި، انْتِقَاصُ الماءِ ފެންމަދުކުރުމެވެ. (އެބަހީ އިސްތިންޖާކުރުމެވެ) ޒަކަރިއްޔާ ވިދާޅުވިއެވެ. މުސްޢަބު ވިދާޅުވިއެވެ. ދިހަވަނަ ކަންތައް ތިމަންނާ ހަނދާންނެތުނީއެވެ. ތިމަންނާއަށް ހީވާގޮތުގައި އެއީ އަނގަދޮވުމެވެ. ޤުތައިބާ ވިދާޅުވިއެވެ. ވަކީޢު ވިދާޅުވިއެވެ. انْتِقَاصُ الماءِ ފެންމަދުކުރުމޭ ބުނެވޭ ބަހުގެ މާނައަކީ އިސްތިންޖާކުރުމެވެ.”
(މިބާބު ނިމުނީ)
الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد