ވުޟޫގެ ތަޢުރީފާއި އޭގެ ޙުކުމް:
ޥުޟޫގެ ލުޣަވީ މާނަ: ޥުޟޫ ނެގިފައިވަނީ “الوَضَاءَةُ” މިބަހުންނެވެ. އެއީ ރީތިކަމާއި ސާފުކަމެވެ.
ޥުޟޫގެ ޝަރުޢީ މާނަ: ﷲ ތަޢާލާއަށް އަޅުކަން ކުރުމުގެ ގޮތުން، ޝަރުޢުގައި ޚާއްޞަ ކުރެވިފައިވާ ޞިފައެއްގައި، ހަތަރު ގުނަވަނެއްގައި އެބަހީ މޫނާއި ދެއަތާއި ބޮލާއި ދެފައިގައި ފެން އިސްތިޢުމާލު ކުރުމެވެ.
ޥުޟޫގެ ޙުކުމް: އެއީ ޙަދަޘްވެރިޔާ ނަމާދު ކުރަން ބޭނުންވެއްޖެނަމަ، ނުވަތަ އޭގެ ޙުކުމުގައިވާ ކަންތައްތައް މިސާލަކަށް ޠަވާފުކުރުމާއި މުޞްޙަފުގައި ބީހުން ފަދަ ކަންކަން ކުރަން ބޭނުންނަމަ އޭނާގެ މައްޗަށް ވާޖިބެކެވެ.
ޥުޟޫކުރުން ވާޖިބުވުމާއި ވާޖިބު ވަނީ ކާކަށްކަމާއި އަދި ކޮންއިރަކު ކަމުގެ ދަލީލު:
ވާޖިބުވިކަމުގެ ދަލީލާކީ: ﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ وَإِن كُنتُمْ جُنُبًا فَاطَّهَّرُوا وَإِن كُنتُم مَّرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ مَا يُرِيدُ اللَّـهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ وَلَـٰكِن يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ﴾ [المائدة٦] މާނައީ : “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، )އެބަހީ: ނަމާދުކުރަން ޤަޞްދުކޮށްފިނަމަ) ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، ތިޔަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމަޔަށް ދޮންނާށެވެ! އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާހަމަޔަށް ދޮންނާށެވެ! އަދި ޖުނުބުވެރިން ކަމުގައި ތިޔަބައިމީހުން ވެއްޖެނަމަ، ފަހެ، ތިޔަބައިމީހުން ޠާހިރުވެގަންނާށެވެ. (ހިނައިގަންނާށެވެ!) އަދި ތިޔަބައިމީހުންނީ ބަލިމީހުން ކަމުގައި ވެއްޖެނަމަ، ނުވަތަ ދަތުރެއްގެ މަތީގައި ވެއްޖެނަމަ، ނުވަތަ ތިޔަބައިމީހުންކުރެ މީހަކު ހަނޑަހުން އަތުވެއްޖެނަމަ، ނުވަތަ އަންހެނުންގައި ބީހިއްޖެނަމަ (ޖިމާޢުވެއްޖެނަމަ)، ދެން، ފެން ނުލިބިއްޖިއްޔާ ޠާހިރުވެލީން ތިޔަބައިމީހުން ތަޔައްމުމުކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި އެ ވެލީން ފުހޭށެވެ! ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް الله އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިޔަބައިމީހުން ޠާޙިރުކުރެއްވުމަށާއި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ނިޢުމަތް ފުރިހަމަ ކުރެއްވުމަށެވެ. (އެއީ) ތިޔަބައިމީހުން ޝުކުރުކުޅައުމަށްޓަކައެވެ”.
އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘް ބަސްފުޅަކީވެސް އެކަމުގެ ދަލީލެކެވެ. (( لاَيَقْبَلُ اللهُ صَلاَةً بِغَيْرِ طُهُورٍ وَلاَ صَدَقَةً مِنْ غُلُولٍ)) [رواه مسلم برقم224] މާނައީ: “ވުޟޫ ނެތި ކުރާނަމާދެއް ﷲ ޤަބޫލުނުކުރައްވައެވެ. އަދި ޚިޔާނަތުން ހޯދާފައިވާ މުދަލުން ކުރާ ޞަދަޤާތެއްވެސް މެއެވެ.”
އަދި މި ޙަދީޘުވެސް އެއީ އެކަމުގެ ދަލީލެކެވެ. (( لاَيَقْبَلُ اللهُ صَلاَةَ أَحَدِكُمْ إِذَا أَحْدَثَ حَتَّى يَتَوَضَّأَ)) [رواه مسلم برقم223] މާނައީ: “ތިޔަބައިމީހުން ކުރެ އެކަކުވެސް ޙަދަޘްވެރި ވެއްޖެއްޔާ އޭނާ ވުޟޫކޮށްފުމަށް ދަންދެން އޭނާގެ ނަމާދު ﷲ ޤަބޫލުނުކުރައްވައެވެ.”
ވުޟޫ އަކީ ޝަރުޢުކުރެވިފައިވާ ކަމެއްކަމާމެދު އެއްވެސް ޚިލާފެއް ވާރިދުވެގެން އައިސްފައި ނުވެއެވެ. އަދި ވުޟޫކުރުމަކީ ޝަރުޢު ކުރެވިފައިވާ
ކަމެއްކަން ކީރިތި ޤުރުއާނުންނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި ދަންނަބޭކަލުންގެ އިޖްމާޢުން ޘާބިތުވެފައިވެއެވެ.
ވުޟޫކުރުން އެމީހެއްގެ މައްޗަށް ވާޖިބުވާ މީހާ ދަންނައެވެ. އެއީ ބާލިޢުވެ ބުއްދިސަލާމަތުން ހުރި ކޮންމެ މުސްލިމަކުވެސް ނަމާދުކުރުމަށް އަދި އޭގެ ޙުކުމް ހިމެނޭ ކަންތައްތައް ކުރުމަށް ބޭނުންވެއްޖެނަމަ އެމީހެއްގެ މައްޗަށް ކުރުން ވާޖިބު ކަމެކެވެ.
ވުޟޫ ކުރުން ވާޖިބުވާ ވަޤުތު ދަންނައެވެ. ނަމާދު ވަގުތު ވަދެއްޖެނަމަ ނުވަތަ އޭނާ ކުރަން އުޅޭ އަޅުކަމަކީ އެކަމެއްގެ ޝަރުޠަކަށް ވުޟޫކުރުން ވާ އަޅުކަމެއް ނަމަ މިސާލަކަށް ޠަވާފު ކުރުން އަދި މުޞްޙަފުގައި ބީހުން ފަދަ ކަމެއްނަމަ އެއީ ވަޤުތު ކަނޑައެޅިފައިވާ ކަމެއްކަމުގައި ނުވިނަމަވެސް އެކަމެއް ކުރަންޖެހޭނީ ޥުޟޫ ކޮށްގެންނެވެ.
الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد