1- ޞައްޙަ ޢަޤީދާއަކީ ކޮން އެއްޗެއްކަމާއި، ޞައްޙަ ޢަޤީދާގެ މުހިންމުކަމާއި، ޞައްޙަ ޢަޤީދާގެ ޢިލްމު ނުއުނގެނުމާއި އެ ޢިލްމު އުނގެނެން މަސައްކަތްނުކުރުމާއި އެ ޢިލްމު އުނގަންނައިދޭއިރުވެސް އެއަށް ފުރަގަސްދިނުމާއި، އެކަމުގައި އިންތިހާއަށް ފަރުވާކުޑަކުރުން.

2- މީސްތަކުންނަށް ޞައްޙަ ޢަޤީދާ އުނގަންނައިދެއްވުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ފޮނުއްވި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވި ނަމޫނާގައި ނުހިފުން.

3- މީސްތަކުންނަށް ޞައްޙަ ޢަޤީދާ އުނގަންނައިދެއްވުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ބާވައިލެއްވި ފޮތާ، އާދެ ކީރިތި ޤުރްއާނާ ދުރުހެލިވުން، ކައުނުގައިވާ ﷲ ގެ ހެކިތަކާމެދު ވިސްނާފިކުރު ނުކޮށް، ޣާފިލުކަންމަތީ ޢުމުރު ހޭދަކުރުމާއި މާއްދިއްޔަތަށް ގޮސް ހުސްވުން.

4- ސްކޫލް މަދަރުސާތަކުގައި އެކަށީގެންވާ މިންވަރަށް ޞައްޙަ ޢަޤީދާ ކިޔަވައިނުދިނުން.

5- ދީނުގެ ނައްޞުތައް ފަހުމްކުރުމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންނާއި ތާބިޢީންނާއި ސަލަފުއް ޞާލިޙުންގެ ބަސްތަކަށް ރުޖޫޢަނުވެ، މިޒަމާނުގެ ފަހުމުތަކަށް ތަބަޢަވުން. އެހެނީ ނައްޞުތައް އެންމެ ރަނގަޅަށް ފަހުމުވާނީ އެބޭކަލުންނަށެވެ. ނައްޞުތަކުގެ މުރާދު އެންމެ ބޮޑަށް އެނގޭނީ އެބޭކަލުންނަށެވެ.

6- ޤުރްއާނާއި ސުންނަތަށް (ދަލީލަށް) ނުބަލައި، ޢިލްމުވެރިންނަށް ކަނު ތަޤްލީދުކުރުން. އަދި އެފައިން ތަޤްލީދުކުރެވޭ މީހެއްގެ ކިބައިގައި ޢަޤީދާގެ މައްސަލައެއް ހުރިނަމަ އެ ތަޤްލީދުކުރާ މީހާވެސް ހަމަ އެ މައްސަލަ ލިބިގަންނާނެއެވެ.

7- އެއީ ނުބައިގޮތްކަމުގައި ވާއިރުވެސް ކާބަފައިންގެ ގޮތް އެއީ ރަނގަޅުގޮތްކަމުގައި ދެކި އެބައިމީހުންގެ ޢަމަލުތަކަށާއި ބުނެފައިވާ ބަސްތަކަށާއި ކާބަފައިން ލިޔެފައިވާ ފޮތްތަކަށް ތަޢައްޞުބުވުން.

8- ޢަޤީދާ ފާސިދުކުރާ ތަކެތި ފަތުރާ ސޯޝަލް މީޑިޔާ، އިންޓަރނެޓުފަދަ ވަސީލަތްތަކުގައި ތަތްވުން. އަދި އެފަދަ ވަސީލަތްތަކުގައި، ޞައްޙަ ނުޞައްޙައެއް ނުބަލައި، އެކި އެކި މީސްމީހުންނަށް ފޮލޯކުރުން. އެފަދަ މީހުން ފަތުރާ ޕޮސްޓްތައް ބަލައި އެފަދަ ޕޮސްޓްތައް ޝެއަރކޮށް ހެދުން.