الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޝާމްއަކީ މިހާރުގެ ސީރިޔާވެސް ހިމެނޭ ސަރަޙައްދެވެ. އެއީ އެބިމެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާ މިދުނިޔެއަށް ފޮނުއްވި އެތައް ނަބީންނަކާއި ރަސޫލުންނެއް އެބޭކަލުންގެ ދަޢުވަތު މިބިންމަތީ ފެތުރުއްވެވި ބިމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެބިމެއްގައި ބަރަކާތްލައްވާފައިވާ ބިމެކެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ.
وَأَوْرَثْنَا الْقَوْمَ الَّذِينَ كَانُواْ يُسْتَضْعَفُونَ مَشَارِقَ الأَرْضِ وَمَغَارِبَهَا الَّتِي بَارَكْنَا فِيهَا وَتَمَّتْ كَلِمَتُ رَبِّكَ الْحُسْنَى عَلَى بَنِي إِسْرَائِيلَ بِمَا صَبَرُواْ وَدَمَّرْنَا مَا كَانَ يَصْنَعُ فِرْعَوْنُ وَقَوْمُهُ وَمَا كَانُواْ يَعْرِشُونَ (الأعراف : 137 )
މާނަ: “ނިކަމެތިކޮށް ހިތެމުންދިޔަ ޤައުމުގެމީހުންނަށް، ބިމުގެ އިރުމައްޗާއި، އެ ބިމުގެ ހުޅަނގު، ތިމަންރަސްކަލާނގެ ވާރުތަކޮށްދެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ އެތަންތާނގައި ބަރަކާތްލައްވާފައިވާ ތަންތަނެވެ. އަދި ކަލޭގެފާނުގެ ރައްބު އިސްރާއީލްގެ ދަރިންނަށް ދެއްވާފައިވާ (ވަޢުދުގެ) ހެޔޮބަސްފުޅު، އެއުރެން ކެތްތެރިވުމުގެ ސަބަބުން ފުރިހަމަވެގެންދިޔައެވެ. އަދި ތިމަންރަސްކަލާނގެ، ފިރްޢައުނާއި، އޭނާގެ ޤައުމުގެމީހުން ހަދަމުންގެންދިޔަ ތަކެއްޗާއި، އެއުރެން ބިނާކުރަމުންގެންދިޔަ ޢިމާރާތްތައް ހަލާކުކުރައްވައި، ނެތިކުރެއްވީމެވެ.”
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ މި އާޔަތާބެހޭގޮތުން ވިދާޅުވެފައިވެއެވެ. “ފިރްޢައުނު ޣަރަޤުކުރެއްވުމަށްފަހުގައި، ވާރުތަކޮށްދެއްވި ބިމަކީ ޝާމްގެ އިރުމައްޗާއި ޝާމްގެ ހުޅަނގުކަން އެއީ ފާޅުވެ އެނގޭ ކަމެކެވެ.” (مناقب الشام وأهله (75))
އިބްނު ޖަރީރުއް ޠަބަރީ ރަޙިމަހުﷲ ވެސް މިއާޔަތުގެ ތަފްސީރާބެހޭގޮތުން، މިއާޔަތުގައި ވާރިދުވެފައިވާ މަޝާރިޤުލް އަރްޟިގެ މުރާދަކީ ޝާމުކަމުގައި ވިދާޅުވެފައިވެއެވެ. جامع البيان (5/3617)
އަދިވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلاً مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا إِنَّهُ هُوَ السَّمِيعُ البَصِيرُ (الإسراء : 1 )
މާނަ: “އެއިލާހު ހުސްޠާހިރުވަންތަކަމާއެވެ! އެއިލާހީ، އަލްމަސްޖިދުލް ޙަރާމް އިން އަލްމަސްޖިދުލް އަޤްޞާއަށް އެއިލާހުގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި އިލާހެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންއިލާހު ބަރަކާތްލެއްވި ތަނެވެ. (އެއީ) ތިމަންއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެއިލާހީ، އައްސަވާވޮޑިގެންވާ، ބައްލަވާވޮޑިގެންވާ އިލާހެވެ.”
އަލްއިމާމު ޠަބަރީ ރަޙިމަހުﷲ މިއާޔަތުގައިވާ الَّذِي بَارَكْنَا حَوْلَهُ (އެތާނގެ ވަށައިގެން ތިމަންއިލާހު ބަރަކާތްލެއްވި ތަން) ތަފްސީރުގައި ވިދާޅުވެފައިވެއެވެ. “ބަރަކާތްލެއްވިފައިވުމޭ ބަހުގެ މުރާދަކީ އެބައިމީހުންގެ މަސްކަނުގަޔާއި (ދިރިއުޅޭ ތަނުގަޔާއި) ކާބޯތަކެތީގަޔާއި އަދި ދަނޑުފަނގުގައެވެ.” جامع البيان (6/5093)
ޝާމްގެ ބިމަށް ބަލާލުމުންވެސް އެބިމަކީ ބަރަކާތްލެއްވިގެންވާ ބިމެއް ކަން ދޭހަވެއެވެ. އެހެނީ އެބިމަކީ ފެނާއި ކޯރުތައް ލެއްވުމުންނާއި، ގަސްގަހާގެއްސާއި ފަތްޕިލާވެލީގެ ތަނަވަސްކަމާއި މޭވާ ތަރުކާރީ އަދި ފަލަމަޑީގެ ތަނަވަސްކަން ވަރަށް ބޮޑަށް ލިބިފައިވާ ބިންގަނޑު ރަނގަޅު ސަރަޙައްދެކެވެ.
އަދިވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
وَنَجَّيْنَاهُ وَلُوطاً إِلَى الْأَرْضِ الَّتِي بَارَكْنَا فِيهَا لِلْعَالَمِينَ (الأنبياء : 71 )
މާނަ:”އަދި ތިމަންއިލާހު އެކަލޭގެފާނާއި(އެބަހީ: އިބްރާހީމްގެފާނާއި) ލޫޠުގެފާނު ސަލާމަތްކުރައްވައި، ޢާލަމްތަކަށްޓަކައި، ތިމަންއިލާހު ބަރަކާތްލެއްވި ބިމަށް ފޮނުއްވީމެވެ.”
އިމާމުއް ޠަބަރީ ރަޙިމަހުﷲ އާއި ޖުމްހޫރު ތަފްސީރު ޢިލްމުވެރިން މިއާޔަތުގައި މިވާ ބަރަކާތްލެއްވިގެންވާ ބިމަކީ ޝާމްކަމުގައި ވިދާޅުވެއެވެ.
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.
وَلِسُلَيْمَانَ الرِّيحَ عَاصِفَةً تَجْرِي بِأَمْرِهِ إِلَى الْأَرْضِ الَّتِي بَارَكْنَا فِيهَا وَكُنَّا بِكُلِّ شَيْءٍ عَالِمِينَ (الأنبياء : 81 )
މާނަ: “އަދި ތިމަންއިލާހު، ސުލައިމާނުގެފާނަށް ވައިރޯޅި ގަދަޔަށްޖެހޭ ގޮތުގައި
(އެ) ޚިދުމަތްތެރި ކުރެއްވީމެވެ. ތިމަންއިލާހު އެ ބިމުގައި، ބަރަކާތްލެއްވި ބިމަށް، އެކަލޭގެފާނުގެ އަމުރުފުޅަށް، އެ ވައިރޯޅި ހިނގައިދާގޮތުގައެވެ. އަދި ތިމަންއިލާހު ކޮންމެކަމެއް ދެނެވޮޑިގެންވަމެވެ.”
މިއާޔަތުގައި ވާ ބަރަކާތްލެއްވިގެންވާ ބިމުގެ މުރާދަކީ ޝާމްގެ ބިންކަމަށް ތަފްސީރު ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވެއެވެ.
އަދި ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ.
وَجَعَلْنَا بَيْنَهُمْ وَبَيْنَ الْقُرَى الَّتِي بَارَكْنَا فِيهَا قُرًى ظَاهِرَةً وَقَدَّرْنَا فِيهَا السَّيْرَ سِيرُوا فِيهَا لَيَالِيَ وَأَيَّاماً آمِنِينَ (سبأ : 18 )
މާނަ: “އަދި ތިމަންއިލާހު އެ ރަށްތަކުގައި ބަރަކާތްލެއްވި ރަށްތަކާއި، އެއުރެންނާ ދެމެދުގައި (ލޮލަށް ފެންނަހާ ކައިރީގައި) ފާޅުވެގެންވާ ރަށްތަކެއް ލެއްވީމެވެ. އަދި އެ ރަށްތަކުގުދެމެދުގައި ހިނގާބިނގާއުޅުން ތިމަންއިލާހު މިންވަރު ކަނޑައެޅުއްވީމެވެ. (ތިމަންއިލާހު އެއުރެންނަށް ވަޙީކުރެއްވީމެވެ.) ރޭތަކަކާއި، ދުވަސްތަކެއް ވަންދެން އަމާންކަން ލިބިގެންވާ ޙާލު، ތިޔަބައިމީހުން އެ ރަށްތަކުގައި ހިނގާބިނގާ ދަތުރުފަތުރުކޮށް އުޅޭށެވެ!”
މިއާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މުޖާހިދާއި އަލްޙަސަނު އަދި މާލިކު އަދި ޤަތާދާ އަދި ޟައްޙާކު އަދި މިނޫންވެސް ބޭކަލުން (ރަޙިމަހުމުﷲ ޖަމީޢަން) މިއާޔަތުގައިވާ ބަރަކާތްލެއްވި ރަށްތަކުގެ މުރާދަކީ ޝާމްގެ ރަށްތައްކަމަށް ވިދާޅުވެފައިވެއެވެ.” تفسير القرآن العظيم (11/ 176).
ބަޔާންވެދިޔަ ފަސް އާޔަތް ޛިކުރުކުރެއްވުމަށްފަހުގައި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މިއީ ޝާމުގެ ބިމުގެ ވާހަކަ ﷲ ސުބްޙާނަހޫ ވަތަޢާލާ ޛިކްކުރައްވާފައިވާ ފަސް އާޔަތެވެ. އިބްރާހީމް ޢަލައިހިއްސަލާމް ހިޖުރަކުރެއްވީވެސް އެބިމަށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްރާކުރެއްވުނީ އެބިމަށެވެ. އަދި ބަނީއިސްރާއީލުގެ މީހުން ގެންދެވުނީވެސް އެބިމަށެވެ. ސުލައިމާނުގެފާނުގެ ވެރިކަން ވީ އެބިމުގައެވެ. އަދި ސަބާގެ އަހުލުވެރިން ދިޔައީވެސް އެބިމަށެވެ.”
އަލްފަޚްރުއް ރާޒީ ވިދާޅުވިއެވެ. “ޝާމްގައި ބަރަކާތްލެއްވިގެންވަނީ ދެގޮތަކުންނެވެ. އެއީ ދީނީގޮތުންނާއި ދުނިޔަވީގޮތުންނެވެ. ދީނީގޮތުން އެމިބުގައި ބަރަކާތްލެއްވިގެންވަނީ އެބިމަކީ އެންމެ ގިނަ ނަބީން އެބިމަކަށް ފޮނުއްވުނު ބިމެވެ. އެނަބިއްޔުންގެ ޝިޢާރުތައް ފާޅުކުރެއްވީ އެބިމުގައެވެ. އެބިމުގައި އެބޭކަލުންގެ ނުބުއްވަތުގެ އަޘަރުތައްވެއެވެ. ދުނިޔަވީގޮތުން ބަރަކާތްލެއްވިގެންވަނީ އެބިމަކީ ފެންފަހި ބިމެއްކަމުގައި ލެއްވިގެންވުމުންނާއި ގަސްގަހާގެއްސާއި މޭވާ ތަރުކާރީ ތަނަވަސްވެގެން ވުމުގެ ސަބަބުންނެވެ.” مفاتيح الغيب (11/ 190)
އެބިން ﷲ ސުބްޙާނަހޫ ވަތަޢާލާ ޞިފަކުރައްވާފައިއެވަނީ ބަރަކާތްލެއްވިގެންވާ ބިމެއްގެ ގޮތުގައެވެ. އަދި އެތަނެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާ މޫސާ ޢަލައިހިއްސަލާމަށް މެދުވެރިއެއްނެތި ބަސްފުޅު ވަޙީކުރެއްވި ޠޫރު ފަރުބަދަވެސް ހުރީ އެބިމުގައެވެ. މަސްޖިދުލް ޢަޤްޞާވެސް ހުރީ އެބިމުގައެވެ. އެއީ އެތަނަކުން މާތް ﷲ ގެ ނަބިއްޔާ މިޢުރާޖުކުރެއްވުނު ތަނެވެ. މިއުންމަތުގެ މަޖުދުވަނީ އެބިމުގައެވެ. ފަހުޒަމާނަށް އައިސް ގިނަ ކަންތައްތަކެއް ހިނގަމުންދާނޭކަމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރުކުރައްވާފައިވެއެވެ. އަދި މިއުންމަތުގެ ފިރްޤަތުލްމަންޞޫރާ (ނަޞްރުލިބިގެންވާ ފިރުޤާ) ވެސް އެމިބުގައި ވާނެއެވެ. އަދި މީސްތަކުން މަޙްޝަރުކުރެއްވުންވެސް ވަނީ އެބިމުގައެވެ. (مناقب الشام وأهله) (77-78)
އިސްލާމްދީން ފާޅުވެގެންދިޔައީ އަދި ނަޞްރު ލިބިގެންދިޔައީ ޙިޖާޒުން ކަމުގައިވިޔަސް ބައެއްޒަމާންތަކުގައި އިސްލާދީނަށް ނަޞްރު ލިބިގެންދާނީ ޝާމްކަރައިންނެވެ.
ޝާމްކަރައިގެ ބިމުގައި ބަރަކާތް ލެއްވުމަށްއެދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާކުރެއްވިއެވެ.
عن ابن عمر عن النبي – صلى الله عليه وسلم – قال: “اللهم بارك لنا في شأْمنا، اللهم بارك لنا في يمننا” قالوا: يا رسول الله وفي نجدنا؟ قال: “اللهم بارك لنا في شأْمنا، اللهم بارك لنا في يمننا” قالوا: يا رسول الله وفي نجدنا؟ فأظنه قال في الثالثة: “هناك الزلازل والفتن وبها يطلع قَرْنُ الشيطان”. أخرجه البخاري (7094)
އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އޭ ﷲ އަހަރެމެންނަށްޓަކައި އަހަރެމެންގެ ޝާމްގައި ބަރަކާތް ލައްވާނދޭވެ! އޭ ﷲ އަހަރެމެންނަށްޓަކައި އަހަރެމެންގެ ޔަމަނުގައި ބަރަކާތް ލައްވާނދޭވެ! (ޞަޙާބީން) ދެންނެވިއެވެ! “އޭ ﷲގެ ރަސޫލާއެވެ! އަހަރެމެންގެ ނަޖްދުގައިވެސް ތޯއެވެ!” ޙަދީޘްކުރެއްވިއެވެ. އޭ ﷲ އަހަރެމެންނަށްޓަކައި އަހަރެމެންގެ ޝާމްގައި ބަރަކާތް ލައްވާނދޭވެ! އޭ ﷲ އަހަރެމެންނަށްޓަކައި އަހަރެމެންގެ ޔަމަނުގައި ބަރަކާތް ލައްވާނދޭވެ! (ޞަޙާބީން) ދެންނެވިއެވެ! “އޭ ﷲގެ ރަސޫލާއެވެ! އަހަރެމެންގެ ނަޖްދުގައިވެސް ތޯއެވެ!” އަހަރެންނަށް ހީވާގޮތުން ތިންވަނަ ފަހަރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.” ބިންހެލުންތަކާއި ފިތުނަވަނީ އެތަނުގައި(އެބަހީ:ނަޖްދުގައި) ވެއެވެ. އަދި ޝައިޠާނާގެ ދަޅު ފާޅުވަނީ އެތަނުންނެވެ.” (ބުޚާރީ)
عن خالد بن معدان عن أصحاب رسول الله – صلى الله عليه وسلم – أنهم قالوا: يا رسول الله، أخبرنا عن نفسك؟ فقال: “دعوةُ أبي إبراهيم، وبُشرى عيسى، ورأت أُمِّي حين حملت بي أنه خرج منها نورٌ أضاءت له بُصرى، وبصرى أرض الشام”. (أخرجه الحاكم وهو صحيح بشواهده كما قال الألباني.)
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޞްޙާބުންގެ ކިބައިން ޚާލިދު ބިން މަޢްދާން ރިވާކުރެއްވިއެވެ. އެބައިމީހުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނާބެހޭގޮތުން ތިމަންމެންނަށް ޚަބަރުކޮށްބަލާށެވެ. ޙަދީޘްކުރެއްވިއެވެ. (ތިމަންކަލޭގެފާނީ) އިބްރާހީމްގެފާނުގެ ދުޢާއެވެ. އަދި ޢީސާގެފާނު ދެއްވި އުފާވެރި ޚަބަރެވެ. ތިމަންކަލޭގެފާނުގެ މަންމާފުޅު ތިމަންކަލޭގެފާނައިގެން ބަލިވެއިންނެވި ހިނދު އެކަމާނާގެ ކިބައިން ނުކުތް ނޫރެއް ބުޞްރާ އަލިކުރިއެވެ. އެއީ ޝާމްކަރައިގެ ބުޞްރާއެވެ.”
عن زيد بن ثابت قال: كنا عند رسول الله – صلى الله عليه وسلم – فقال: “طوبي للشام”، فقلنا: لأي ذلك يا رسول الله؟ قال: “لأن ملائكة الرحمن باسطة أجنحتها عليها”. أخرجه أبو داود وصححه الألباني
ޒައިދު ބިން ޘާބިތު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުގައި އަހަރެމެންވީމެވެ. ޙަދީޘްކުރެއްވިއެވެ. “ޝާމްއަށް ހެޔޮރަނގަޅުކަން ހުއްޓެވެ.” އަހަރެމެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. އެއީ ކޮންކަމެއްގެ ސަބަބުންހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން الرحمن ގެ މަލާއިކަތުން އެބޭކަލުންގެ ފިޔަފުޅުތައް ޝާމްގެ މައްޗަށް ފަތުރާފައިވެއެވެ.”
عن معاوية بن أبي سفيان قال: سمعت النبي – صلى الله عليه وسلم – يقول: “لا يزال من أُمتي أُمةٌ قائمةٌ بأمر الله، لا يضرهم من خذلهم ولا من خالفهم، حتى يأتيهم أمر الله وهم على ذلك”. رواه البخاري ومسلم. 3641/ 1037
قال معاذ بن جبل: وهم بالشام. رواه البخاري
މުޢާވިޔަތު ބިން އަބީ ސުފްޔާން ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ. “ތިމަންކަލޭގެފާނުގެ އުއްމަތުގައި ﷲގެ އަމުރުފުޅުތައްމަތީ ތިބޭބައެއް ފިލާނުދާހުއްޓެވެ. އެބައިމީހުންނާ ދެކޮޅުވެރިވުމަކުން އަދި އެބައިމީހުންނާ ޚިލާފުވުމަކުން އެބައިމީހުންނަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. އެބައިމީހުން އެގޮތުގައިތިބިޙާލު އެބައިމީހުންގެގެގާތަށް ﷲގެ އަމުރު އަތުވަންދެނެވެ.”
މުޢާޛް ބިން ޖަބަލް ވިދާޅުވިއެވެ. އެބައިމީހުން ތިބޭހުށީ ޝާމްގައެވެ.
عن عبد الله بن حوالة قال: قال رسول الله – صلى الله عليه وسلم -:”سيصير الأمرُ إلى أن تكونوا جنوداً مجندةً: جندٌ بالشام وجندٌ باليمن وجندٌ بالعراق”، قال ابن حوالة: خِرْ لي يا رسول الله إن أدركت ذلك. فقال: “عليك بالشامِ فإنها خيرةُ الله من أرضه، يجتبي إليها خيرته من عباده، فأمّا إذا أبيتم، فعليكم بيمنكم، واسقوا من غُدُركم، فإن الله توكل لي بالشام وأهله”. ( رواه أبو داود وصححه الألباني)
عبد الله بن حوالة ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “މިހެން ކަންތައްތައް ވެގެންދާނެއެވެ. އެކިއެކި ލަޝްކަރުތަކެއް ވާނެއެވެ. ޝާމުން ލަޝްކަރަކާއި ޔަމަނުން ލަޝްކަރަކާއި ޢިރާޤުން ލަޝްކަރެކެވެ.” ابن حوالة ވިދާޅުވިއެވެ. އަހުރެން އެކަން ދެކެފިއްޔާ ދެން އަހަރެން ދާންވީ ތަނެއް ޚިޔާރުކޮށްދެއްވާށެވެ! ޙަދީޘްކުރެއްވިއެވެ. “ތިބާ ޝާމަށް ލާޒިމުވާށެވެ. އެއީ މިބިންމަތީގައި ﷲ ހޮއްވަވާފައިވާ ތަނެވެ. އެއިލާހުގެ އަޅުތަކުންގެ ތެރެއިން އެންމެ ހެޔޮމީހުން އެތަނަށް ޖަމާކުރައްވާނެއެވެ. ދެންފަހެ ތިޔަބައިމީހުންނަށް އެކަން ކުރުމުން މަނާވެގަންފިނަމަ ދެން ތިޔަބައިމީހުންނަށްޓަކައި ވަނީ ޔަމަނެވެ. ތިޔަބައިމީހުންގެ ފެންގަނޑުން ފެންބޯށެވެ. ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ތިމަންކަލޭގެފާނަށްޓަކައި ޝާމާއި އެތާގެ އަހުލުވެރިންގެ ޔަޤީންކަންދެއްވާފައިވެއެވެ. (އެބަހީ: އެތަންފިތުނަކައަކުން ހަލާކުނުރައްވާނެކަމުގެ ޔަޤީންކަމެވެ.)”
عن عبد الله بن عمر بن الخطاب ـ رضي الله عنه ـ قال: قال رسول الله – صلى الله عليه وسلم -: “ستخرج نار في آخر الزمان من (حَضْرمَوت) تحشر الناس”، قلنا: فماذا تأمرنا يا رسول الله؟ قال: “عليكم بالشام”. فضائل الشام ودمشق وصححه الألباني.
ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ފަހު ޒަމާނުގައި ޙަޟްރަމައުތުން މީސްތަކުން ޙަޝްރުކުރާނޭ(އެއްކުރާނޭ) އަލިފާންގަނޑެއް ފާޅުވާނެއެވެ.” ތިމަންމެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނު ތިމަންމެންނަށް އަމުރުކުރައްވަނީ ކޮންކަމަކަށްތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ޝާމްއަށް ލާޒިމުވާށެވެ”
عن أبي ذر قال: قال رسول الله – صلى الله عليه وسلم -: “الشام أرض المحشر والمنشر”
صححه الألباني
އަބޫ ޛައްރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ޝާމްއަކީ މަޙްޝަރުގެ(އެބަހީ: އެއްކުރެވޭ) އަދި ނަޝްރުގެ(އެބަހީ: މީސްތަކުން ޤަބުރުތަކުންނުކުމެ އަލުންދިރުއްވޭ) ބިމެވެ.”
عن معاوية بن قُرة عن أبيه قال: قال رسول الله – صلى الله عليه وسلم -: “إذا فسد أهل الشامِ فلا خير فيكم، لا تزال طائفة من أُمتي منصورين لا يضرهم من خذلهم حتى تقوم الساعة”. رواه الترمذي وقال: هذا حديث حسن صحيح.
معاوية بن قُرة އެކަލޭގެފާނުގެ ބައްޕަގެ ކިބައިން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ޝާމްގެ އަހުލުވެރިން ފަސާދަވެއްޖެނަމަ ތިޔަބައިމީހުންގެކިބައިގައި ހެޔޮކަމެއް ނުވެއެވެ. (އެބަހީ: އެތާގަ ތިބުމާއި އެދަނަށް ދިޔުމުގައި ހެޔޮކަމެއްނުވެއެވެ.) ތިމަންކަލޭގެފާނުގެ އުންމަތުގައި ނަޞްރުލިބިގެންވާ ބަޔަކު ފިލައިނުދެއެވެ. އެބައިމީހުންނަށް ނަޞްރުދިނުމުން އެއްކިބާވިމީހުންގެ ސަބަބުން އެބައިމީހުންނަށް އެއްވެސް ގެއްލުމެއް ނުވެއެވެ. (ޤިޔާމަތުގެ)ވަގުތު ޤާއިމުވުމާ ޖެހެންދެނެވެ.”
عن النواس بن سمعان قال: ذكر رسول الله – صلى الله عليه وسلم – الدَّجال ذات غداة…. (وفيه)، فبينما هو كذلك إذ بعث الله المسيح ابن مريم، فينزل عند المنارة البيضاء شرقي دمشق، واضعاً كفيه على أجنحة ملكين إذا طأطأ رأسه قَطَرَ، وإذا رفعه تحدَّر منه جمان كاللؤلؤ، فلا يحل لكافر يجد ريح نَفَسِهِ إلا مات، ونَفَسُهُ ينتهي حيث ينتهي طرفه، فيطلبه حتى يدركه بباب لُدٍّ فيقتلُهُ…”. أخرجه مسلم.
النواس بن سمعان ވިދާޅުވިއެވެ. އެއްދުވަހެއްގެ ހެނދުނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންމެންގާތު ދައްޖާލުގެވާހަކަ ޛިކުރުކުރެއްވިއެވެ. (އެޙަދީޘްގައި އެކަލޭގެފާނު ކިޔައިދެއްވިއެވެ.) އެހާރުން ﷲ ސުބްޙާނަހޫ ވަތަޢާލާ އަލްމަސީހް ބިން މަރްޔަމް ދުނިޔެއަށް ފޮނުއްވަފާނެއެވެ. އެކަލޭގެފާނު ފައިބާވަޑައިގަންނަވާނީ އިރުމަތީ ދިމިޝްޤުގެ މިނާރަތުލް ބައިޟާއަށެވެ. (ހުދުކުލައިގެ މުންނާރަށެވެ) ދެމަލާއިކަތުންގެ ދެފިޔަފުޅުގައި އެކަލޭގެފާނުގެ ދެއަތްޕުޅުވާ ޙާލުގައެވެ. އެކަލޭގެފާނުގެ ބޯ ތިރިކުރައްވާހިނދު ތިކިތަކެއް ފައިބާނެއެވެ. އަދި އެކަލޭގެފާނުގެ ބޯ މައްޗަށް އުފުލާހިނދު އިތާމުތްފަދަ ތިކިތަކެއް ފައިބާނެއެވެ. އެކަލޭގެފާނު ނޭވާފުޅު ފޯރައިފި އެއްވެސް ކާފިރަކު މަރުނުވެ ނުދާހުއްޓެވެ. އެކަލޭގެފާނުގެ ނޭވާފުޅު އެކަލޭގެފާނުގެ ލޯފުޅަށް ފެންނަ ހިސާބަށް ދެމިގެންވެއެވެ. އަދި ދައްޖާލުގެ ފަހަތުން އޭތި އަތުލެވެންދެން ވަޑައިގަންނަވާނެއެވެ. އެއީ “ބާބުލުއްދި”(ބައިތުލް މަޤްދިސްގެކައިރި ރަށެއް) އާހަމައަށެވެ. އެތާނގައި ދައްޖާލު ޤަތުލުކުރައްވާނެއެވެ.
عن عبد الله بن عمرو قال: قال رسول الله – صلى الله عليه وسلم -: ” إنّ الإيمان إذا وقعت الفتن بالشام”. فضائل الشام ودمشق وصححه الألباني
ޢަބްދުﷲ ބިން އަމްރޫ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ފިތުނަ ފާޅުވެއްޖެއްޔާ ހަމަކަށަވަރުން އީމާންކަން ވާހުށީ ޝާމްގައެވެ.”
عن أبي الدرداء أن رسول الله – صلى الله عليه وسلم – قال: ((إِنَّ فُسْطَاطَ الْمُسْلِمِينَ يَوْمَ الْمَلْحَمَةِ بِالْغُوطَةِ، إِلَى جَانِبِ مَدِينَةٍ يُقَالُ لَهَا: دِمَشْقُ، مِنْ خَيْرِ مَدَائِنِ الشَّامِ))
[رواه أبو داود وصححه الألباني]
އަބުއްދަރުދާއު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ހަނގުރާމައިގެ ދުވަހު މުސްލިމުންގެ ކިއްލާ ވާހުށީ އަލްޣޫޠާގައެވެ. އެއީ ދިމިޝްޤޭ ކިޔޭ ރަށުގެ ކައިރީގައިވާ ތަނެކެވެ. އެއީ ޝާމްގައިވާ އެންމެ ހެޔޮ އެއް ރަށެވެ.”
إتحاف الأنام بذكر فضائل الشام
أبو بكر خالد بن موسى بن رجا نواصره