އައްޝައިޚް ޢުމަރު ސުލައިމާނު އަލްއަޝްޤަރު

އަލްޢައްލާމާ އައްޝައިޚް ޑޮކްޓަރ ޢުމަރު ސުލައިމާން އަލްއަޝްޤަރު 10 އޯގަސްޓް 2012 ވީ ހުކުރު ދުވަހު ޢުރުދުންގެ ވެރިރަށް ޢައްމާނުގައި އަވަހާރަވެއްޖެއެވެ. އަލާސްކަންފުޅާ އުޅުއްވުމަށްފަހު ޢުމުރުފުޅުން 72 އަހަރުގައި މިދުނިޔެ ދޫކުރެއްވި، އެބޭފުޅާއަކީ އިސްލާމީ ޢުއްމަތަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ޢާލިމެކެވެ. އެބޭފުޅާ ގުނާލެވެނީ ފަލަސްޠީނުގެ އެންމެ އަރާހުންނެވި ޢިލްމުވެރިންގެ ތެރެއިންނެވެ. ފަލަސްޠީނުގެ ހަމާސްޖަމާޢަތުގެ އިސް މުއައްސިސުންގެ ތެރެއިންވެސް ހިމެނިވަޑައިގަންނަވައެވެ.

 ފަލަސްޠީނުގެ ނާބުލްސްގައި މީލާދީން ހާހާ ނުވަސަތޭކަ ސާޅީސްވަނަ އަހަރު އުފަންވެވަޑައިގެންނެވި ޢުމަރު ސުލައިމާނުލް އަޝްޤަރު ޘާނަވީ ތަޢުލީމު ޙާޞިލްކުރެއްވީ މަދީނަތުއް ނަބަވިއްޔާއިންނެވެ.  މަދީނާގެ ޖާމިޢާ އިސްލާމިއްޔާގެ ކުއްލިޔަތުއް ޝަރީޢާއިން ބެޗްލަރސް ޑިގްރީ ޙާޞިލްކުރެއްވުމަށްފަހު 1966 ވަނަ އަހަރު ވަޑައިގަތީ ކުވައިތަށެވެ. މާސްޓަރސް ޙާޞިލްކުރެއްވީ ޖާމިޢަތުލް އަޒްހަރުންނެވެ. 1980 ވަނަ އަހަރު ޖާމިޢަތުލް އަޒްހަރުގެ ކުއްލިއްޔަތުއް ޝަރީޢާއިން ޕީއެޗްޑީ ޙާޞިލްކުރެއްވިއެވެ. އޭގެފަހުގައި 1990 ވަނަ އަހަރާ ހަމައަށް ހުންނެވީ ޖާމިޢަތުލް ކުވައިތުގައި މުދައްރިސެއްގެ މަޤާމުގައެވެ.

 ޢުމަރު ސުލައިމާނު އަލްއަޝްޤަރު އަވަހާރަވިއިރު ހުންނެވީ ޖާމިޢަތުލް އުރްދުންގެ ކުއްލިއްޔަތުއް ޝަރީޢާގެ ފިޤުހާއި އުޞޫލުލްފިޤްހު ޤިސްމުގެ އުސްތާޛެއްގެ މަޤާމުގައެވެ.

 ޢުމަރު ސުލައިމާނުލް ޢަޝްޤަރުގެ ޝައިޚުންގެ ތެރޭގައި އެބޭފުޅާގެ އަޚް ޑޮކްޓަރު މުޙައްމަދު ބިން ސުލައިމާނުލް އަޝްޤަރު ރަޙިމަހުﷲ، ޝައިޚް ޢަބްދުލްޢަޒީޒް ބިން ޢަބްދުﷲ ބިން ބާޒް ރަޙިމަހުﷲ، ޝައިޚް މުޙައްމަދު ނާޞިރުއްދީން އަލްބާނީ ރަޙިމަހުﷲ ހިމެނިވަޑައިގަންނަވައެވެ.

 ޝައިޚް ޢުމަރު އަލްޤަޝްޤަރު ފާހަގަކޮށްލެވެނީ ދީނުގެ ޢަޤީދާއަށް ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދެއްވި ޢާލިމެއްގެ ގޮތުގައެވެ. ތައުލީފުކުރެއްވި ފޮތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އަހުލުއްސުންނަތި ވަލްޖަމާޢާތިގެ ޢަޤީދާ ބަޔާންކުރެއްވުމުގެ ގޮތުން ލިޔުއްވާފައިވާ ޢަޤީދާ ސިލްސިލާގެ ފޮތްތަކެވެ. ކިޔުންތެރިންނަށް ފަސޭހަކޮށް ދެނެގަނެވޭގޮތަށް ސާދާ ޢަރަބިބަހުން އެކުލަވާލައްވާފައިވާ މި ސިލްސިލާގައި 8 ފޮތް ހިމެނެއެވެ. ސިލްސިލާގެ ނަމަކަށް ދެއްވާފައިވަނީ “އަލްޢަޤީދަތު ފީ ޞައުއިލް ކިތާބި ވައްސުންނަތި” އެވެ. މި ސިލްސިލާގައި ހިމެނޭ ފޮތްތަކަކީ

1-    އަލްޢަޤީދަތު ފިﷲ (ﷲ އާމެދު ޢަޤީދާ)

2-     ޢާލަމުލް މަލާއިކަތިލް އަބްރާރު (މަލާއިކަތުންގެ ޢާލަމް)

3-     ޢާލަމުލް ޖިންނި ވައްޝަޔާޠީން (ޖިންނީންނާއި ޝައިޠާނުންގެ ޢާލަމް)

4-     އައްރުސުލް ވައްރިސާލާތި (ރަސޫލުންނާއި ރިސާލަތު)

5-     އަލްޤިޔާމަތުއް ޞުޣްރާ (ކުޑަ ޤިޔާމަތް)

6-     އަލްޤިޔާމަތުލް ކުބްރާ (ބޮޑު ޤިޔާމަތް)

7-     އަލްޖަންނަތު ވައްނާރު (ސުވަރުގެއާއި ނަރަކަ)

8-     އަލްޤަޟާއު ވަލްޤަދަރު (ޤަޟާއާއި ޤަދަރުގެ ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުން)

 ޢަޤީދާގެ މި ފޮތްތަކަކީ ވަރަށް ގިނަ ޢިލްމުވެރިންނާއި ޝައިޚުން، އެފޮތްތަކެއް ކިޔުމަށް ބާރުއަޅުއްވާ، ނަޞީޙަތްދެއްވާފައިވާ ފޮތްތަކެކެވެ. އަދި މިފޮތްތަކަކީ އިނގިރޭސި ބަހަށްވެސް ތަރުޖަމާކުރެވިފައިވާ ފޮތްތަކެކެވެ.

 މަތީގައި ބަޔާންވެދިޔަ ފޮތް ސިލްސިލާގެ އިތުރުން އިސްލާމްދީނުގެ އެކިއެކި މަޖާލާތުތަކުގައި ޝައިޚުގެ ހިނގާ ގަލަންކޮޅު ބޭނުންކުރައްވާފައިވެއެވެ. އެގޮތުން ލިޔުއްވި ބައެއް މަޝްހޫރު ފޮތްތަކަކީ

 1-    އަޙްކާމުއްޒަވާޖި ފީ ޟައުއިލް ކިތާބި ވައްސުންނަތި (ފޮތާއި ގޮތުގެ އަލީގައި ކައިވެނީގެ ޙުކުމްތައް)

2-     ތާރީޚުލް ފިޤްހިލް އިސްލާމީ (އިސްލާމީ ފިޤްހުގެ ތާރީޚު)

3-     ޚަޞާއިޞުއް ޝަރީޢަތުލް އިސްލާމިއްޔާ (އިސްލާމީ ޝަރީޢަތުގެ ޚަޞާއިޞުތައް)

4-     ޢާލަމުއް ސިޙްރި ވައްޝަޢްވަޛަތި (ސިޙުރާއި ޖާދޫގެ ޢާލަމް)

5-     ޙުކުމުލް މުޝާރަކަތި ފިލް ވުޒާރަތި ވަލްމަޖާލިސި ވައްނިޔާބިއްޔާ ( މިނިސްޓްރީތަކާއި މަޖިލިސްތަކާއި ޕާރލިމެންޓްތަކުގައި ބައިވެރިވުމުގެ ޙުކުމް)

6-     ނަޡަރާތު ފީ އުޞޫލުލް ފިޤްހި (އުސޫލުލް ފިޤްހަށް ނަޡަރުތަކެއް)

7-     އަލްމަދްޚަލް އިލާ ދިރާސަތުލް މަދާރިސި ވަލްމަޛާހިބިލް ފިޤްހިއްޔާ (ފިޤްހީ މަދަރުސާތަކާއި މަޛްހަބުތައް އުނގެނިގަތުމަށް ވަނުން)

8-     އައްޞައުމު ފީ ޟައުއިލް ކިތާބި ވައްސުންނަތި (ފޮތާއި ގޮތުގެ އަލީގައި ރޯދަ)

9-     އައްރިބާ ވަ އަޘަރުހޫ ފިލް މުޖްތަމަޢިލް އިންސާނީ (ރިބާ އަދި އިންސާނީ މުޖްތަމަޢުގައި އޭގެ އަޘަރު)

10- މަސާއިލް މިން ފިޤްހިލް ކިތާބި ވައްސުންނާ (ފޮތާއި ގޮތުގެ ފިޤްހުން މައްސަލަތައް)

އަދި މިނޫންވެސް އެތައް ފޮތްތަކެއް ޢުމަރުގެ ހިނގާ ގަލަންކޮޅުން ލިޔުއްވާފައިވެއެވެ. އިސްލާމީ އެކި އެކި މަޖައްލާތަކަށް ލިޔުންތަކާއި ބަހުޘްތައް ލިޔުއްވާފައިވެއެވެ.

 މުތަކައްލިމުންނާއި މުޢުތަޒިލާ ފިކުރުގެ އަހުލުވެރިންގެ ފިކުރުތަކާމެދު އަހުލުއްސުންނަތި ވަލްޖަމާޢަތް ސަހަރޯވެރިވެ ފާރަވެރިވުމަށް ޝެއިޚްގެ ފޮތްތަކުގައި އިންޛާރުކުރައްވާފައިވެއެވެ.

 ޝައިޚު ވިދާޅުވެފައިވެއެވެ. “އީމާންކަމުގެ، ޤުރުއާނުގެ އަދި ނަބިއްޔާގެ މަންހަޖާ ހަނގުރާމަކުރާ މީހާއަކީ މިދެބާވަތުގެ މީހުން ކުރެ އެކެކެވެ. އެއީ އެހެންނާ މި މަންހަޖުގެ ޙަޤީޤަތް ނޭނގޭ ޖާހިލެކެވެ. ނުވަތަ ކަނޑައެޅިގެން ހުރި ޢަދުއްވުކެވެ. މިއުންމަތަށް ހެވެއް ނޭދޭ މީހެކެވެ. މީގެ ބައެއް މީހުން އަޅުގަނޑުމެންގެ އަތުގައި މި އޮތް ހެޔޮ މަންހަޖު ބަދަލުކުރުމަށް މަސައްކަތްކުރެއެވެ. އެ ބަދަލުކޮށް އެފަސާދަކުރުމަށް ލިޔުންތައް ލިޔަން ފަށައެވެ. އެކަމަކު އެބައިމީހުން އެއީ ބާޠިލުގެ މަތީގައިވާ ބަޔެކެވެ. މި މަންހަޖުގެ ޙަޤީޤަތް ރަނގަޅަށް އޮޅުންފިލާފައިވާ މީހާ އެކަންކަމުން ރެކެން ނުހަނު ފަސޭހަވާނެއެވެ.”

 އަދިވެސް ވިދާޅުވެފައިވެއެވެ. “އިމާމު ދާރުލް ހިޖްރަތި، އަނަސް ބިން މާލިކު ވިދާޅުވިފަދައިން މެނުވީ ތިމަން ނުބުނާހުށީމެވެ. ވިދާޅުވިއެވެ. “މިއުންމަތުގެ ކުރީގެ މީހުން އިޞްލާޙުވިގޮތަށް ތަބަޢަވެގެން މެނުވީ މިއުންމަތުގެ ފަހުގެ މީހުން އިޞްލާޙްނުވާ ހުއްޓެވެ.”

 ޢިލްމުވެރިން ނެތިގެން ދިޔުމަކީ ޢިލްމު ހިއްޕެވުން

މި ބިންމަތީގައި ޢިލްމުވެރިންގެ މިސާލަކީ އުޑުގައި ތަރިތަކުގެ މިސާލެވެ. އެއީ މި ބިންމައްޗަށް އަލިކޮށް ދެނިވި ކަނދިލިތަކެކެވެ. އެ ކަނދިލިތަކުގެ ސަބަބުން އަނދިރިކަން ފިލުވާލައެވެ. ޟަލާލަތުގެ އަނދިރިކަމުގެ ތެރެއިން ހިދާޔަތުގެ އަލިކަމުގެ ތެރެއަށް މީސްތަކުން ނެރެއެވެ. ޝިރުކުގެ ބިރުވެރިކަމުގެ ތެރެއިން ތައުޙީދުގެ އަމާންކަމުގެ ތެރެއަށް މީސްތަކުން ނެރެއެވެ. ބިދުޢައިގެ ނުތަނަވަސްކަމުގެ ތެރެއިން ސުންނަތުގެ ފަސޭހަކަމުގެ ތެރެއަށް މީސްތަކުން ނެރެއެވެ. ޙައްޤާއި ބާޠިލު ފަރަޤުކުރެއެވެ. ޢިލްމުވެރިންނަކީ މި ބިންމަތީގައި ނަބީންނަށްފަހު އެބޭކަލުންގެ ވަޒީފާ އަދާކުރެއްވުމުގެ މަސްއޫލިއްޔަތު ﷲ ސުބްޙާނަހޫ ވަތަޢާލާ ޙަވާލުކުރައްވާފައިވާ ބައެކެވެ.

 މިފަނާވަނިވި ދުނިޔެ ދޫކޮށް ނަފާކުރަނިވި އާޚިރަތުގެ މަންޒިލްތަކާ ބައްދަލުކުރާ ކޮންމެ ރައްބާނިއްޔަ ޢިލްމުވެރިޔަކީ މިއުއްމަތަށް ގެއްލިގެންދާ އަގުހުރި ޢިލްމުތަކެކެވެ. އުންމަތުގެ ޢިލްމުގެ ބަގީޗާއިން މަދުވެގެންދާ މީރުވަސްދުވާ މާމެލާމެލި ތަކެކެވެ. ފޫނުބެއްދޭނެ ގެއްލުމެކެވެ.

 ޢަބްދުﷲ ބިން ޢަމްރޫ ބުނުލް ޢާޞް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ. إِنَّ اللَّهَ لاَ يَقْبِضُ الْعِلْمَ انْتِزَاعًا ، يَنْتَزِعُهُ مِنَ الْعِبَادِ ، وَلَكِنْ يَقْبِضُ الْعِلْمَ بِقَبْضِ الْعُلَمَاءِ ، حَتَّى إِذَا لَمْ يُبْقِ عَالِمًا ، اتَّخَذَ النَّاسُ رُءُوسًا جُهَّالاً فَسُئِلُوا ، فَأَفْتَوْا بِغَيْرِ عِلْمٍ ، فَضَلُّوا وَأَضَلُّوا » (1)

” ހަމަކަށަވަރުން ﷲ ޢިލްމު ނެތިކުރައްވާނީ މީސްތަކުންގެ ހިތްތަކުން އުފުއްލަވައިގެންނެއް ނޫނެވެ. އެކަމަކު ޢިލްމު ނެތިކުރައްވާނީ ޢިލްމުވެރިން ނެތިކުރައްވައިގެންނެވެ. ދެން އެއްވެސް ޢިލްމުވެރިޔަކު ނެތުމުން މީސްތަކުން އެބައިމީހުންގެ ބޮޑުންގެ ގޮތުގައި ޖާހިލުން ހަދާނެތެވެ. ދެން އެބައިމީހުންނާ ސުވާލުކުރުމުން އެއްވެސް ޢިލްމެއްނެތި ފަތުވާދޭނެތެވެ. އަދި އެބައިމީހުން މަގުފުރެދި އެހެންމީހުންވެސް މަގުފުރައްދާނެތެވެ.”

 ޢައްމާރު ބިން އަބީ ޢައްމާރުގެ ކިބައިން އައިސްފައިވެއެވެ. “ޒައިދު ބިން ޘާބިތު ރަޟިޔަﷲ ޢަންހުގެ ޖަނާޒާ އޮތްދުވަހު ތިމަންމެން ޢަބްދުﷲ ބިން ޢައްބާސްއާއެކު އިށިއިނދެގެން ތިބީމެވެ. ޢަބްދުﷲ ބިން ޢައްބާސް ވިދާޅުވިއެވެ. “މިއަދު ހަމަކަށަވަރުން އަހަރެމެން ވަރަށް ގިނަ ޢިލްމު ވަޅުލައިފީމެވެ.” (2)

 ﷲ ސުބްޙާނަހޫ ވަތަޢާލާ ޝައިޚަށް ރަޙްމަތް ލައްވާ، ސުވަރުގޭގެ ނިޢުމަތް ދެއްވާ، ނަބިއްޔުންނާއި ޞިއްދީޤުންނާ، ޝަހީދުންނާ ޞާލިޙުންނާއެކު އެބައިމީހުންގެ ރަފީޤެއްގެ ގޮތުގައި އެއިލާހުގެ ނިޢުމަތުގެ ގޯތީގައި ލައްވާށި! އާމީން

 ******************************************************************

މަރުޖިޢު

(1)  رواه البخاري، كتاب العلم، باب: كيف يقبض العلم؟.

(2)  رواه البخاري في “التاريخ الكبير” والحاكم في “المستدرك” و إسناده صحيح (انظر إعلام الموقعين لابن القيم, المجلد الأول, طبعة دار ابن الجوزي ص 31)