މުސްލިމުންގެ ސަލާމާއި ކާފިރުންގެ ސަލާމުގެ ތަފާތު

ސަލާމަކީ އިސްލާމްދީނުގެ ޝިޢާރުތަކުގެ ތެރެއިން ޝިޢާރެކެވެ. ދުނިޔޭގެ އެހެންދީންތަކާއި ފިލޯސަފީތަކުގައިވާ “ބާއްޖަވެރިކަމުގެ ހެޔޮއެދުންތަކާ” އިސްލާމުންގެ ސަލާމާ ވަރަށް ތަފާތެވެ.

އޭގެ އެންމެ ބޮޑު ތަފާތަކީ އިސްލާމުންގެ ސަލާމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އީމާނުގެ އަހުލުވެރިންނަށްޓަކައި އިޚްތިޔާރުކުރައްވާފައިވާ ސަލާމެއްކަމެވެ. އިލާހީ ސަލާމެކެވެ. އިންސާނުން އަމިއްލައަށް ބަސްކޮށްފައިވާ ސަލާމެއް ނޫނެވެ. މިއާ ޚިލާފަށް ދުނިޔޭގައިވާ އެހެން ސަލާމްތަކަކީ އެބައިމީހުންގެ އަމިއްލަ އުފެއްދުންތަކެވެ.

ދެވަނަ ތަފާތަކީ މުސްލިމުންގެ ސަލާމަކީ ހަމައެކަނި ދުނިޔެއަށް ޚާއްޞަވެގެންވާ ސަލާމެއް ނޫންކަމެވެ. ދުނިޔެއަށްފަހުގައި ވާ އާޚިރަތުގައިވެސް އީމާންވީމީހުންގެ ސަލާމެއްކަމުގައި ވާހުށީ އެސަލާމެވެ.

عَنْ أَبِي هُرَيْرَةَ رضي الله عنه عَنْ النَّبِيِّ صلى الله عليه وسلم قَالَ :«خَلَقَ اللَّهُ آدَمَ وَطُولُهُ سِتُّونَ ذِرَاعًا، ثُمَّ قَالَ: اذْهَبْ فَسَلِّمْ عَلَى أُولَئِكَ مِنْ الْمَلَائِكَةِ، فَاسْتَمِعْ مَا يُحَيُّونَكَ، تَحِيَّتُكَ وَتَحِيَّةُ ذُرِّيَّتِكَ. فَقَالَ: السَّلَامُ عَلَيْكُمْ. فَقَالُوا: السَّلَامُ عَلَيْكَ وَرَحْمَةُ اللَّهِ  فَزَادُوهُ وَرَحْمَةُ اللَّهِ» [متفق عليه]. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ﷲ ސުބްޙާނަހޫ ވަތަޢާލާ އާދަމް ޢަލައިހިއްސަލާމް ޚަލްޤުކުރެއްވެވީ އެކަލޭގެފާނުގެ ދިގުމިނުގައި ފަސްދޮޅަސް މުށް ހުންނަވަރަށެވެ. އޭގެފަހުގައި ވަޙީކުރެއްވިއެވެ. “ތިބާ ދާށެވެ! އަދި މަލާއިކަތުންގެ ތެރެއިން އެތިއްބެވި ބޭކަލުންނަށް ސަލާމްދަންނަވާށެވެ. އެބޭކަލުން ތިބާއާ ކުރައްވާ ތަޙިއްޔާ އަޑުއައްސަވާށެވެ. އެއީ ތިބާގެ ތަޙިއްޔާއެވެ. (ސަލާމެވެ) އަދި ތިބާގެ ދަރިފަސްކޮޅުގެ ތަޙިއްޔާވެސްމެއެވެ. އާދަމް ޢަލައިހިއްސަލާމް ދެންނެވިއެވެ. އައްސަލާމް ޢަލައިކުމް (ތިޔަބޭކަލުންނަށް ސަލާމްހުއްޓެވެ) އެބޭކަލުން ދެންނެވިއެވެ. “އައްސަލާމް ޢަލައިކަ ވަރަޙްމަތުﷲ” (ކަލޭގެފާނަށް ސަލާމަތްކަމާއި ﷲގެ ރަޙްމަތް ހުއްޓެވެ) އެބޭކަލުން އިތުރުކުރެއްވީ ވަރަޙްމަތުﷲ (ﷲގެ ރަޙްމަތް ހުއްޓެވެ) މި ޢިބާރާތެވެ.”

މިބަޔާންވެދިޔަ ޙަދީޘުން، އިސްލާމްދީނުގެ ސަލާމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ މަލާއިކަތުން މެދުވެރިކުރައްވައި، އާދަމް ޢަލައިހިއްސަލާމަށް އުނގަންނަވައިދެއްވި ސަލާމެއްކަން ދޭހަވެއެވެ. އަދި އެސަލާމަކީ އާދަމް ޢަލައިހިއްސަލާމްގެ ދަރިފަސްކޮޅަށް ސަލާމެއްކަމުގައި އެއިލާހު ހަމަޖެއްސެވި ސަލާމްކަންވެސް ދޭހަވެއެވެ.

 އާޚިރަތުގައި މުއުމިނުންގެ ސަލާމަކީ މިއީކަން އަންނަނިވި އާޔަތްތަކުން އެނގެއެވެ. وَالْمَلائِكَةُ يَدْخُلُونَ عَلَيْهِمْ مِنْ كُلِّ بَابٍ* سَلامٌ عَلَيْكُمْ بِمَا صَبَرْتُمْ فَنِعْمَ عُقْبَى الدَّارِ  (الرعد/23، 24) އަދި އެތާނގެ ހުރިހާ ދޮރަކުން، މަލާއިކަތުން އެބައިމީހުންގެ ގާތަށް ވަދެވަޑައިގަންނަވާނެއެވެ. * (އެބޭކަލުން ވިދާޅުވާނެތެވެ.) ތިޔަބައިމީހުން ކެތްތެރިވިކަމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް ސަލާމްހުއްޓެވެ. ފަހެ، އާޚިރަތުގެ އުފާވެރި ގޮވަތީގެ މޮޅުކަމާއެވެ!

 وَسِيقَ الَّذِينَ اتَّقَوْا رَبَّهُمْ إِلَى الْجَنَّةِ زُمَرًا حَتَّى إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا سَلامٌ عَلَيْكُمْ طِبْتُمْ فَادْخُلُوهَا خَالِدِينَ  (الزمر: 73) އަދި އެބައިމީހުންގެ ރައްބަށް ތަޤުވާވެރިވިމީހުން، ބައިބަޔަށް ސުވަރުގެޔާދިމާއަށް (މާތްކޮށް ހިތުމާއެކު) ލަވައި ގެންދަވާނެތެވެ. އަދި އެ ސުވަރުގޭގެ ކައިރިޔަށް، އެބައިމީހުންނަށް އާދެވޭހިނދު، އެތާނގެ ދޮރުތައް ހުޅުއްވާފައި ހުންނާނެތެވެ. އަދި އެތާނގެ ބަނޑޭރިން އެއުރެންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް ސަލާމްހުއްޓެވެ. ތިޔަބައިމީހުން ރަނގަޅަށް އުޅެފީމުއެވެ. ފަހެ، އެ ސުވަރުގޭގައި ދެމިތިބެނިވިގޮތުގައި ތިޔަބައިމީހުން އެތަނަށް ވަންނާށެވެ!

 ސުވަރުގޭގައި އެތާނގެ އަހުލުވެރިންގެ ސަލާމަކީވެސް ހަމަ މިސަލާމެވެ. ސުވަރުގޭގެ އަހުލުވެރިންގެ ތަޙިއްޔާއާ ބެހޭގޮތުން ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. تَحِيَّتُهُمْ يَوْمَ يَلْقَوْنَهُ سَلامٌ  (الأحزاب:44) ” އެއިލާހާ އެބައިމީހުން ބައްދަލުވާ ދުވަހު އެބައިމީހުންގެ ތަޙިއްޔާއެއްކަމުގައި ވާހުށީ ސަލާމެވެ.”

 لاَيَسْمَعُونَ فِيهَا لَغْوًا وَلا تَأْثِيمًا * إِلاَّ قِيلاً سَلاماً سَلاما (الواقعة:26)

ބޭކާރު ބަސްތަކެއްވެސް، އަދި ކުށްވެރިކުރަނިވި ބަސްތަކެއްވެސް، އެތާކު އެބައިމީހުންނަކަށް ނީވޭނެތެވެ. * އެހެނެއްކަމަކު (އެބައިމީހުންނަށް އިވޭނީ) ސަލާމްހުއްޓޭ، ސަލާމްހުއްޓޭ، ބުނެވޭ އަޑެވެ.

 وَأُدْخِلَ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جَنَّاتٍ تَجْرِي مِنْ تَحْتِهَا الأَنْهَارُ خَالِدِينَ فِيهَا بِإِذْنِ رَبِّهِمْ تَحِيَّتُهُمْ فِيهَا سَلامٌ  (إبراهيم:23)

އީމާންވެ ޞާލިޙް ޢަމަލުތައް ކުރިމީހުން، އެތާނގެ ދަށުން ފެން ކޯރުތައް ހިނގަހިނގާ ހުންނަ ބަގީޗާތަކަށް ވެއްދެވޭނެއެވެ. އެބައިމީހުންގެ ރައްބުގެ އިޛުނަފުޅާއެކު، އެތާނގައި އެބައިމީހުން ދެމިތިބެނިވި ގޮތުގައެވެ. އެތާނގައި، އެބައިމީހުންގެ ތަޙިއްޔާއަކީ ސަލާމެވެ.

 ކާފިރުންގެ ސަލާމާއި މުސްލިމުންގެ ސަލާމުގެ އަނެއްތަފާތަކީ އިސްލާމުން އެއްބަޔަކު އަނެއްބަޔަކަށް ސަލާމްކުރުމުގެ އަމުރަކީ ކީރިތި ޤުރުއާނުގައި ރައްބު ކުރައްވާފައިވާ އަމުރެއްކަމެވެ.

وَإِذَا حُيِّيْتُم بِتَحِيَّةٍ فَحَيُّواْ بِأَحْسَنَ مِنْهَا أَوْ رُدُّوهَا- سورة النساء الآية 86. މާނަ : ”ތިޔަބައިމީހުންނަށް ސަލާމް އަކުން ސަލާމް ކުރެވިއްޖެނަމަ، އެއަށްވުރެ ރިވެތި ސަލާމް އަކުން ތިޔަބައިމީހުން ސަލާމް ކުރާށެވެ! ނުވަތަ އެ ސަލާމް ރައްދުކުރާށެވެ!“

فَإِذَا دَخَلْتُمْ بُيُوتًا فَسَلِّمُوا عَلَى أَنْفُسِكُمْ تَحِيَّةً مِنْ عِنْدِ اللَّهِ مُبَارَكَةً طَيِّبَةً كَذَلِكَ يُبَيِّنُ اللَّهُ لَكُمُ الآيَاتِ لَعَلَّكُمْ تَعْقِلُونَ-النور: 61-

ފަހެ، ތިޔަބައިމީހުން ގޭގެއަށް ވަންނައިރު، ﷲގެ ޙަޟްރަތުންވާ ބަރަކާތްތެރި ރަނގަޅު ސަލާމަކުން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން ސަލާމްކުރާށެވެ! އެފަދައިން ﷲ ތިޔަބައިމީހުންނަށް އާޔަތްތައް ބަޔާންކޮށްދެއްވައެވެ. (އެއީ) ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ.

އައްސަލާމްއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތަކުގެ ތެރެއިން އިސްމުފުޅެކެވެ. އެއިލާހު ވަޙީކުރެއްވިއެވެ. هُوَ اللَّهُ الَّذِي لاَ إِلَهَ إِلاَّ هُوَ الْمَلِكُ الْقُدُّوسُ السَّلاَمُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ (الحشر: ٢٣) – (23) އެކަލާނގެއީ، ﷲއެވެ. އެކަލާނގެއީ، އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާ ރަސްކަލާނގެއެވެ. ރަސްވަންތަ ރަސްކަލާނގެއެވެ. ޠާހިރުވަންތަ ރަސްކަލާނގެއެވެ. ހުރިހާ އުނިކަމަކުން ހުސްދުރުވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަމާންކަން ދެއްވާ ރަސްކަލާނގެއެވެ. ހުރިހާ އެއްޗެއް ރައްކާތެރިކުރައްވައި ބަލަހައްޓަވާ ރަސްކަލާނގެއެވެ. ޢަޒީޒްވަންތަ ރަސްކަލާނގެއެވެ. ޖައްބާރުވަންތަ ރަސްކަލާނގެއެވެ. މަތިވެރިވަންތަ ރަސްކަލާނގެއެވެ. އެއުރެން ޝަރީކުކުރާ ތަކެތިން ﷲ ހުސްޠާހިރުވަންތަވެވޮޑިގެންވެއެވެ.

ﷲ އަށް ސަލާމްދަންނަވައިގެން ނުވާނޭކަމުގައި ބަޔާންކުރައްވާ ޝައިޚުލްއިސްލާމް މުޙައްމަދު އިބްނު ޢަބްދިލްވައްހާބު އެކަލޭގެފާނު ލިޔުއްވި މަޝްހޫރު ފޮތް ކިތާބުއްތައުޙީދިގައި ބާބެއް ބަންނަވާފައިވެއެވެ. ވިދާޅުވިއެވެ. “”السَّلاَمُ عَلَى اللهِ” (ﷲއަށް ސަލާމްހުއްޓެވެ) މިފަދައިން ނުބުނެވޭނެ ވާހަކަ ނަންގަތް ބާބު”

ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެމެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ އެކު ނަމާދުކުރާއިރު، “السَّلاَمُ عَلَى اللهِ مِنْ عِبَادِهِ، السَّلاَمُ عَلَى فُلاَنٍ وَفُلاَنٍ” (ﷲ ގެ މައްޗަށް އެކަލާނގެ އަޅުތަކުންގެ ފަރާތުން ސަލާމަތްކަން ހުއްޓެވެ. މިވެނި އެވެނި މީހެއްގެ މައްޗަށްވެސް ސަލާމަތްކަން ހުއްޓެވެ.) މިފަދައިން ކިޔާކަމުގައިވީމުއެވެ. ފަހެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. “لاَ تَقُولوُا: السَّلاَمُ عَلى اللهِ، فَإِنَّ اللهَ هُوَ السَّلاَمُ” މާނައީ: “ތިޔަބައިމީހުން “السَّلاَمُ عَلَى اللهِ” މިފަދައިން ނުކިޔާށެވެ. އެހެނީ ﷲ އީ އައްސަލާމެވެ. (ސަލާމަތްކަން ލިބިގެންވާ ފަރާތެވެ.)” (صحيح البخاري وصحيح مسلم)