ބަހުގެ ގޮތުން ބަލާއިރު ނަފްސު މިލަފްޒުގައި އެތައް ބައިވަރު މާނަތަކެއް އެކުލެވިގެންވެއެވެ.
1- ފުރާނަ، (ރޫޙު) – يُقَالُ خَرَجَتْ نَفْسُهُ ބުނެވެއެވެ. އޭނާގެ ނަފްސު ނުކުމެއްޖެއެވެ. މިތާނގައި ނަފްސުގެ މާނައަކީ ރޫޙެވެ. (ފުރާނަ އެވެ)
2- އަލްޢައިން – (އެސްފީނާ) – يُقَالُ أَصَابَهُ نَفْس ބުނެވެއެވެ. އޭނާއަށް އެސްފީނާ ޖެހިއްޖެއެވެ.
3- ނިޔަތް – يُقَالُ فِي نَفْسِ فُلاَنٍ كَذَا وَكَذَا ބުނެވެއެވެ. އެވެނި މީހެއްގެ ނިޔަތުގައި އެވެނި މިވެނި ކަމެއްވެއެވެ.
4- އިންސާނީ ޛާތު – މިއީ އިންސާނާގެ ނަފްސަށް ނިސްބަތްކުރުމެވެ. ތަރުބަވީ ނަފްސާނީ ޢިލްމުގައި ނަފްސު މާނަކުރަނީ މިމާނައިގައެވެ.
ކީރިތި ޤުރުއާނުގައި ނަފްސުގެ މާނަ
1- ރޫޙު (ފުރާނަ) – يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ “އޭ ހިތްހަމަޖެހިގެންވާ ނަފްސާއެވެ” މިތަނުގައި ނަފްސުގެ މާނައަކީ ރޫޙެވެ. ނުވަތަ ފުރާނައެވެ.
2- އެއްޗެއްގެ ޛާތު ނުވަތަ ޙަޤީޤަތް – މި މާނާގައި އިންސާނާގެ ނަފްސޭ ބުނުމުން އޭގެ މާނައަކީ ޖިސްމަކާއި ރޫޙަކުން އެކުލެވިގެންވާ ޙަޤީޤަތެވެ. ނުވަތަ އިންސާނާގެ ޛާތެވެ. عَلِمَتْ نَفْسٌ مَا قَدَّمَتْ وَأَخَّرَتْ – الانفطار ٥ (އެހިނދު) ކޮންމެ ނަފްސަކަށް އެ ނަފްސެއް އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއް އެނގޭނެތެވެ.
3- އިންސާނީ ޛާތު – މިއީ އިންސާނާގެ ޛާތަށް ނިސްބަތްކޮށް ބުނެވޭ ބުނެވުމެވެ. وَمَا أَصَابَكَ مِنْ سَيِّئَةٍ فَمِنْ نَفْسِكَ- النساء: ٧٩ “އަދި، ތިބާޔަށް ލިބިއްޖެ ދެރަކަމަކީ، ފަހެ، ތިބާގެ އަމިއްލަ ނަފްސުގެ ފަރާތުން އައިކަމެކެވެ.”
4- އިންސާނާ ހޭވެރިކަމުގެ ހާލަތުގައި ހުންނައިރު އޭނާއަށް ކުރެވޭ އިޙްސާސް އަދި ލިބިގަނެވޭ ލިބިގަނެވުންތައް – وَنَعْلَمُ مَا تُوَسْوِسُ بِهِ نَفْسُهُ – ق: ١٦ “އަދި އޭނާގެ ނަފްސު އޭނާޔަށް ވަސްވާސްދޭ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.”
5- އިންސާނުންގެ އަޞްލު- އިންސާނިއްޔަތުގެ ބައްޕަ އާދަމް ޢަލައިހިއްސަލާމް – يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الِّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ – النساء: ١ އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިއިލާހަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! އެއިލާހީ އެންމެ ނަފްސަކުން(އާދަމް ޢަލައިހިއްސަލާމްއިން) ތިޔަބައިމީހުން ހެއްދެވި އިލާހެވެ.
6- ފަރުދުންނަށް ނިސްބަތްކޮށް- هِيَ رَاوَدَتْنِي عَنْ نَفْسِي- يوسف: ٢٦ ނުބައިކަންތަކަށް ތިމަންކަލޭގެފާނުގެ ކިބައިން އެދުނީ، އެކަނބުލޭގެއެވެ. (މިތާނގައި ނަފްސު ނިސްބަތް އެކުރަނީ ޔޫސުފް ޢަލައިހިއްސަލާމަށެވެ.)
ކީރިތި ޤުރުއާނުގެ އިތުރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ވެސް ނަފްސު މީގެ ތެރެއިން ބައެއް މާނަތަކުގައި އައިސްފައިވެއެވެ.