ޝިރުކު މަޢުރިފާކުރުމުގެ އަހައްމިއްޔަތު

ހަމަކަށަވަރުން މުކައްލަފުގެ މައްޗަށްވާ ފުރަތަމަ ވާޖިބަކީ ތައުޙީދެވެ. އޭނާގެ މައްޗަށް އެ ކަމަކުން ދުރުހެލިވުން ވާޖިބުވެގެންވާ ފުރަތަމަ ކަމަކީ ޝިރުކެވެ. ޞަޙީޙައިންގައި މުޢާޛު ބިން ޖަބަލް ރަޟިޔަﷲ ޢަންހުގެ ކިބައިން އައިސްފައިވާ ފަދައިންނެވެ.

އަހަރެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަހަތްޕުޅުގައި އެކަލޭގެފާނުގެ ޙިމާރުގެ މަތީގައި ސަވާރުވެގެން ވަނިކޮށް އަހަރެންނަށް ޙަދީޘްފުޅުކުރެއްވިއެވެ.

” يَا مُعَاذُ ! أَتَدْرِيْ مَا حَقُّ اللهِ عَلى العِبَادِ، وَمَا حَقُّ العِبَادِ عَلى اللهِ؟”. قُلْتُ: اللهُ وَرَسُولُهُ أَعْلَمُ، قَالَ: “حَقُّ اللهِ عَلى العِبَادِ أَنْ يَعْبُدُوهُ وَلا يُشْرِكُوا بِهِ شَيْئاً، وَحَقُّ العِبَادِ عَلى اللهِ  أَلاَّ يُعَذِّبَ  مَنْ  لاَ  يُشْرِكُ بِهِ شَيْئاً”. قُلْتُ : يَارَسُولَ اللهِ ! أَفَلا أُبَشِّرُ النَاسَ؟ قَالَ:  “لاَ تُبَشِّرْهُمْ فَيَتَّكِلُوا”[1]

މާނައީ: “އޭ މުޢާޛެވެ! އަޅުތަކުންގެ މައްޗަށްވާ ﷲގެ ޙައްޤާއި، ﷲ ގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤު ކަލޭގެފާނަށް އެނގިލައްވާތޯއެވެ؟ އަހަރެން ދެންނެވީމެވެ. އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި ދެނެވަޑައިގަންނަވަނީ އެއިލާހުގެ ރަސޫލާއެވެ. ޙަދީޘްކުރެއްވިއެވެ. އަޅުތަކުންގެ މައްޗަށްވާ ﷲ ގެ ޙައްޤަކީ އެއިލާހަށް އަޅުކަން ކުރުމާއި، އެއިލާހާ އެއްވެސް އެއްޗެއް ޝަރީކުނުކުރުމެވެ. އަދި ﷲ ގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤަކީ އެއިލާހާ އެއްވެސް އެއްޗެއް ޝަރީކުނުކުރާ މީހާއަށް ޢަޛާބު ނުދެއްވުމެވެ.” އަހަރެން ދެންނެވީމެވެ. އޭﷲ ގެ ރަސޫލާއެވެ! އެހެންވިއްޔާ އަހަރެން މީސްތަކުންނަށް އެކަމުގެ އުފާވެރި ޚަބަރު ނުދެއްވަންވީ ހެއްޔެވެ؟ (އެބަހީ ދެއްވަންތޯއެވެ.) ޙަދީޘްކުރެއްވިއެވެ. އެބައިމީހުންނަށް އެކަމުގެ އުފާވެރިކަމުގެ ޚަބަރުނުދެއްވާށެވެ. (ދެއްވައިފިނަމަ) އޭރުން އެބައިމީހުން އެކަމުގެ މައްޗަށް ބަރޯސާކޮށްފައި ޢަމަލުކުރުން ދޫކޮށްލައިފާނެތެވެ.”

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މުޢާޛު ރަޟިޔަﷲ ޢަންހު ޔަމަނަށް ފޮނުއްވަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

“إِنَّكَ تَأْتِي قَومًا مِنْ أَهْلِ الكِتَابِ، فَلْيَكُنْ أَوَّلَ مَا تَدْعُوهُم إِلَيْهِ شَهَادَةُ أَنْ لاَ إِلَهَ إِلاَّ اللهُ فَإِنْ هُمْ أَطَاعُوكَ لِذَلِكَ، فَأَعْلِمْهُم أَنَّ اللهَ افْتَرَضَ عَلَيْهِم خَمْسَ صَلَواتٍ فِي كُلِّ يَومٍ وَلَيْلَةٍ، فَإِنْ هُمْ أَطَاعُوكَ لِذَلِكَ، فَأَعْلِمْهُم أَنَّ اللهَ افْتَرَضَ عَلَيْهِمْ صَدَقَةً تُؤْخَذُ مِنْ أَغْنِيَائِهِم فَتُرَدُّ عَلَى فُقَرَائِهِم، فَإِنْ هُمْ أَطَاعُوكَ لِذَلِكَ، فَإِيَّاكَ وَكَرَائِـمَ أَمْوَالِهِمْ، وَاتَّقِ دَعْوَةَ المَظْـلُومِ فَإِنَهُ لَيْسَ بَيْـنَهَا وَبَيْنَ اللهِ حِجَابٌ”[2]

މާނައީ: “ހަމަކަށަވަރުން ކަލޭގެފާނު ތިޔަވަޑައިގަންނަވަނީ ފޮތުގެ އަހުލުވެރިންގެ ބައެއްގެ ގާތަށެވެ. އެންމެ ފުރަތަމަ އެބައިމީހުންނަށް “لاَ إِلَهَ إِلاَّ اللهُ” ގެ (އެބަހީ ﷲ މެނުވީ އަޅުކަން ވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވާކަމަށް) ހެކި ދިނުމަށް ދަޢުވަތު ދެއްވާށެވެ. ފަހެ އެކަމުގައި އެބައިމީހުން ކަލޭގެފާނަށް ކިޔަމަންތެރި ވެއްޖެނަމަ، ކޮންމެރެއަކާއި، ދުވާލު ފަސްނަމާދު އެބައިމީހުންގެ މައްޗަށް ﷲ ފަރުޟު ކުރެއްވިކަން އަންގަވާށެވެ. ފަހެ އެކަމުގައި އެބައިމީހުން ކަލޭގެފާނަށް ކިޔަމަންތެރި ވެއްޖެނަމަ، އެބައިމީހުންގެ މައްޗަށް ﷲ ޒަކާތް ފަރުޟު ކުރެއްވިކަން އަންގަވާށެވެ. އެޒަކާތް ނެގޭނީ އެބައިމީހުންގެ ތެރެއިން މުއްސަނދިންގެ އަތުންނެވެ. އަދި އެޒަކާތް ދެވޭނީ އެބައިމީހުންގެ ތެރެއިން ފަޤީރުންނަށެވެ. ފަހެ، އެކަމުގައި އެބައިމީހުން ކަލޭގެފާނަށް ކިޔަމަންތެރި ވެއްޖެނަމަ، އެބައިމީހުންގެ އަގުބޮޑު، މޮޅެތި މުދަލުން ޒަކާތް ނެގުމުން ރައްކައުތެރިވެލައްވާށެވެ. އަދި އަނިޔާ ލިބިފައިވާ މީހާގެ ބަދު ދުޢާއިން ސަލާމަތްވެލައްވާށެވެ. އެހެނީ ހަމަކަށަވަރުން އޭނާގެ އެ ބަދު ދުޢާ އާއި ﷲ އާ ދެމެދު އެއްވެސް ފަރުދާއެއް ނުވެއެވެ.”

އެހެންކަމުން އެންމެ ފުރަތަމަ ކަމަކީ ތައުޙީދެވެ. ހަމައެއާއެކު ޝިރުކު ދެނެގަންނަން އެބަޖެހެއެވެ. އެއީ ޝިރުކުގެ ތެރެއަށް ނުވެއްޓުމަށްޓަކައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَكَذَلِكَ نُفَصِّلُ الآيَاتِ وَلِتَسْتَبِينَ سَبِيلُ المُجْرِمِينَ[3] މާނަ: ‘ތިމަންއިލާހު އާޔަތްތައް ބަޔާންކުރައްވަނީ އެފަދައިންނެވެ. އެއީ ކުށްވެރިންގެ މަގު ބަޔާންވެ އޮތުމަށްޓަކައެވެ.’

ޝާޢިރު ވިދާޅުވެފައިވެއެވެ.

عَرَفْتُ الشّرَّ لا لِلشّ        رِّ لَكِنْ لِتَوَقِّيهِ

وَمَنْ لَمْ يَعْرِفِ الخَيْرَ        مِنَ الشَّرِّ يَقَعْ فِيْهِ

‘އަހަރެން ނުބައިކަންތައް ދެނެގަތީމެވެ. އެކަންތައްތައް ކުރުމަކަށް ނޫނެވެ. އެކަމަކު އެ ކަންތައްތަކުން ރައްކާތެރިވުމަށްޓަކައެވެ.

ނުބައިކަންތައްތަކާއި ހެޔޮކަންތައްތައް ވަކިކުރާން ނޭނގޭ  މީހާ ނުބައިކަންތައްތަކުގެ ތެރެއަށް ވެއްޓެއެވެ.’

ޙުޛައިފާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. كَانَ النَّاسُ يَسْأَلُونَ رَسُوْلَ اللهِ صَلَى اللهُ عَلَيْهِ وَسَلَّمَ عَنِ الْخَيْرِ، وَكُنْتُ أَسْأَلُهُ عَنِ الشَّرِّ مَخَافَةَ أَنْ أَقَعَ فِيْهِ[4]. މާނަ: ‘ހެޔޮކަންތައްތަކާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ މީސްތަކުން ސުވާލުކުރާކަމުގައި ވިއެވެ. އަހުރެން ނުބައިކަންތައްތަކާ ބެހޭގޮތުން އެކަލޭގެފާނާ ސުވާލުކުރާކަމުގައިވީމެވެ. އެއީ އޭގެން ކަމަކަށް ވެއްޓިދާނެކަމުގެ ބިރަށްޓަކައެވެ.’

އިޖްމާލީގޮތެއްގައި ނުބައިކަންތައްތައް ދެނެގަތުމަކީ މުކައްލަފުގެ މައްޗަށް ލާޒިމު ކަމެކެވެ. އަދި ހެޔޮކަންތައްތައް ތަފްޞީލްގޮތެއްގައި ދެނެގަތުންވެސް މެއެވެ. އެއްވެސް ޝައްކެތް ނެތްގޮތުގައި ހެޔޮކަންތައްތައް ދެނެގަންނަންޖެހޭނީ ތަފްޞީލްކޮށެވެ. މިސާލަކަށް ނަމާދަށް ބަލާއިރު، ނަމާދުގެ ޝަރުޠުތަކާއި، ރުކުންތަކާއި، ވާޖިބުތަކާއި، ސުންނަތްތަކާއި، ވަޤުތުތަކެވެ. އަދި ހަމައެފަދައިން ރޯދައާއި ޙައްޖާއި ދީނުގެ އެހެނިހެން ޙުކުމްތައްވެސް މެއެވެ.

ނުބައިކަންތައްތައް އޭގެ ތަފްޞީލް ނޭނގި، އިޖްމާލީގޮތެއްގައި އެނގުމުން ފުދުނީއެވެ. އެއީ އޭގެން ރައްކާތެރިވުމަށާއި، އިންޛާރު ލިބިގަތުމަށާއި ސަހަރޯވެރިވުމަށްޓަކައެވެ.

އެކަމަކު ޝިރުކު އޭގެ އެންމެ ތަފްޞީލްކޮށް އެނގެން އެބަޖެހެއެވެ. ބޮޑާއި ކުޑައެވެ. ފާޅުވެގެންވާ ޝިރުކާއި ފޮރުވިފައިވާ ޝިރުކެވެ. ރަސޫލު ޞައްލަﷲ ޢަލައި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.  إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمْ الشِّرْكُ الْأَصْغَرُ ” قَالُوا: وَمَا الشِّرْكُ الْأَصْغَرُ يَا رَسُولَ اللهِ؟ قَالَ: “الرِّيَاءُ، “.[5] “ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް ބިރުފުޅުވަޑައިގަންނަވާ ކަންތައްތަކުގެ ތެރެއިން އެންމެ ބިރުފުޅުވަޑައިގަންނަވަނީ ކުޑަ ޝިރްކާ މެދުގައެވެ.” ޞަހާބީން ދެންނެވިއެވެ” ކުޑަ ޝިރްކަކީ ކޮބައިތޯއެވެ؟ އޭ ﷲ ގެ ރަސޫލާއެވެ!”، ޙަދީޘް ކުރެއްވިއެވެ. “ދެއްކުންތެރިކަމެވެ.”

ޝިރުކަކީ މި އުންމަތުގެ މާތް ޞަޙާބީންގެ މައްޗަށް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ބޮޑަށް ބިރުފުޅުވަޑައިގަތް ކަންތައް ކަމުގައި ވީ ހިނދު އަހަރެމެން އޭގެ މައްޗަށް ބިރުނުގަތުން ހުރީ ކިހިނަކުންތޯއެވެ؟ އަދި ކިއެއްތަ ﷲ ގެ ޚަލީލް އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ނަފްސުގެ މައްޗަށާއި އަދި އެކަލޭގެފާނުގެ ދަރީންގެ މައްޗަށްވެސް ބިރުފުޅުގެންވަޑައިގަތެވެ. އެކަލޭގެފާނުގެ ބަސްފުޅުން ޙިކާޔަތެއްގެ ގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. وَاجْنُبْنِي وَبَنِيَّ أَن نَّعْبُدَ الأَصْنَامَ[6]  ‘އަދި އަހަރެންނާ އަހަރެންގެ ދަރީން ބުދަށް އަޅުކަން ކުރުމުން ދުރުކުރައްވާފާދޭވެ!’

ޚަޠީބުންނާއި އިމާމުންނާއި ދީނަށް ގޮވާލާމީހުންނާއި ތަރުބިއްޔަތު ކުރާ މީހުން ތައުޙީދަށް މުހިއްމުކަން ދޭން އެބަޖެހެއެވެ. އަދި ތައުޙީދުގެ މާތްކަމާއި ތައުޙީދު ބެހޭ ބައިތައް ބަޔާންކުރުމަށް ސަމާލުކަން ދޭން އެބަޖެހެއެވެ. އެއީ ތައުޙީދާއި ތައުޙީދު ގެއްލޭ ކަންތައްތައް މަޢުރިފާވެފައި ނެތުމުގެ ސަބަބުން ނާއި ތައުޙީދަށް ޖާހިލުވުމުގެ ސަބަބުން މުސްލިމުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ކުޑަ ޝިކުރުގެ އިތުރުން ބޮޑު ޝިރުކުގެ ތެރެއަށް ގެނބިފައިވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. وَمَا يُؤْمِنُ أَكْثَرْهُمْ بِاللهِ إِلاَّ وَهُمْ مُشْرِكُونَ [7] އަދި އެބައިމީހުންކުރެ ގިނަމީހުން، ޝަރީކުކުރާ ބަޔަކުކަމުގައިވާ ޙާލުގައި މެނުވީ، ﷲ އަށް އީމާނެއް ނުވެއެވެ.

ތައުޙީދު ބަލިކަށިވީ ވަރަކަށް ޝިރުކުކުރުމާއި ބިދުޢަ ހެދުން ވަރުގަދަވާނެއެވެ. އެހެންކަމުން ޝިރުކާއި ބިދުޢަ މަރާލެވޭނީ ތައުޙީދު އާލާކޮށްގެންނެވެ.

އޭ ﷲ ޝިރުކުން ސަލާމަތްވެގެންވާ ބަޔަކު ކަމުގައި އަޅަމެން ލައްވާނދޭވެ! އަދި އަޅަމެންނީ ޙައްޤުގޮތުގައި އިބަ އިލާހު އެއްކައުވުންތަކުރުމަތީ ދެމިތިބެ އިބަ އިލާހާ ބައްދަލުވާ ބައެއްކަމުގައި ލައްވާނދޭވެ! އާމީން

 = أنواع الشرك والتحذير منها -عبد الله بن سعد بن إبراهيم الفالح=


[1] رواه البخاري ومسلم

[2] رواه البخاري ومسلم

[3] الأنعام 55

[4] رواه البخاري ومسلم

[5] أخرجه أحمد (5/428 ، رقم 23680). وصححه الألباني (صحيح الجامع، رقم 1555

[6] إبراهيم 35

[7] يوسف 103