رسول الله صلّى الله عليه وسلّم حديث ފުޅުކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ މައްޗަށް އެއްފަހަރު ޞަލަވާތްކިޔަވައިފިމީހާ ދަންނައެވެ. މާތްﷲ އޭނާގެ މައްޗަށް ދިހަފަހަރު ރަޙުމަތްލައްވާނެއެވެ.” – أخرجه مسلم.
އަދިވެސް އެކަލޭގެފާނު حديث ފުޅުކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ ޤަބުރުފުޅު ވަކިވަގުތެއް ކަނޑައަޅައިގެން ޒިޔާރަތްކުރާ ތަނެއްކަމުގައި ތިޔަބައިމީހުން ނުހަދާށެވެ. އަދި ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔަވާށެވެ. އެހެނީ ހަމަކަށަވަރުން ތިޔަބައިމީހުން ކިޔަވާޞަލަވާތް ތިމަންކަލޭގެފާނުގެ އަރިހަށް ފޯރާނެއެވެ. އެއީ ތިޔަބައިމީހުން ކޮންމެތަނެއްގައި ވީނަމަވެސްމެއެވެ.” رواه أبو داود وأحمد وصحّحه الألباني.
އަދިވެސް އެކަލޭގެފާނު حديث ފުޅުކުރެއްވިއެވެ. “ބަޚީލުމީހާއަކީ އެމީހާގެ ގާތުގައި ތިމަންކަލޭގެފާނުގެ ނަންފުޅުގަނެވޭ ހިނދު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ނުކިޔަވާމީހާއެވެ.”رواه الترمذي وصحّحه الألباني.
އަދިވެސް އެކަލޭގެފާނު حديث ފުޅުކުރެއްވިއެވެ. “ބިންމަތީގައި ދަތުރުފަތުރުކޮށް އުޅުއްވާ ﷲގެ މަލާއިކަތްބޭކަލުންތަކެއްވެއެވެ. ތިމަންކަލޭގެފާނުގެ އުއްމަތުގެ މީސްތަކުން ތިމަންކަލޭގެފާނަށް ކުރާސަލާމް އެބޭކަލުން ތިމަންކަލޭގެފާނަށް ފޯރުކޮށްދެއްވައެވެ.”رواه النسائي والحاكم وصحّحه الألباني.
އަދިވެސް އެކަލޭގެފާނު حديث ފުޅުކުރެއްވިއެވެ. “އެމީހެއްގެ ސަލާމަށް ޖަވާބުދެއްވުމަށްޓަކައި الله تعالى ތިމަންކަލޭގެފާނުގެ ފުރާނަފުޅު ތިމަންކަލޭގެފާނަށް ރައްދުނުކުރައްވާ ގޮތަކަށް ހަމައެކަކުވެސް ތިމަންކަލޭގެފާނަށް ސަލާމެއްނުކުރެއެވެ.”رواه أبوداود وحسّنه الألباني.
رسول الله صلّى الله عليه وسلّمحديث ފުޅުކުރެއްވިއެވެ.“ހެނދުންވާހިނދު ދިހަފަހަރު އަދި ހަވީރުވާހިނދު ދިހަފަހަރު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔަވައިފިމީހާ ދަންނައެވެ. ޤިޔާމަތްދުވަހުގައި ތިމަންކަލޭގެފާނުގެ ޝަފާޢަތް އޭނާއަށް ލިބޭނެއެވެ.” أخرجه الطّبراني بإسنادين أحدهما جيّد وانظر صحيح الترغيب والترهيب.
ޞަލަވާތް ކިޔަވާނޭ ބައެއް ގޮތް
“اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ. اللَّهُمَّ بَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ”މާނައީ: “އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބްރާހީމްގެފާނާއި އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް އިބަﷲ ޞަލަވާތް ލެއްވި ފަދައިން މުޙައްމަދުގެފާނާއި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް ޞަލަވާތް ލައްވާނދޭވެ! ހަމަކަށަވަރުން އިބަﷲއީ ހުރިހާ ޙަމްދުތަޢުރީފަކާއި، ހުރިހާ މާތްކަމެއް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބްރާހީމްގެފާނާއި، އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް ބަރަކާތްލެއްވިފަދައިން މުޙައްމަދުގެފާނާއި، މުޙާއްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް ބަރަކާތްލައްވާނދޭވެ! ހަމަކަށަވަރުން އިބަﷲއީ ހުރިހާ ޙަމްދަކާއި، ހުރިހާ މާތްކަމެއް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ.” – رواه البخاري.
“اَللَّهُمَّ صَلِّ وَسَلِّمْ عَلَىٰ نَبِيِّناَ مُحَمَّدٍ”
“އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ނަބިއްޔާ މުޙައްމަދުގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމްލައްވާނދޭވެ!” (أخرجه الطّبراني بإسنادين أحدهما جيّد وانظر صحيح الترغيب والترهيب.)